އެންމެ ބޮޑަށް ދެކެން ބޭނުންވާ ދުވަހަކީ ދިވެހި ފިލްމަކަށް ލަވައެއް ކިޔައިލަން ލިބޭ ދުވަހެވެ. އެއީ އޭނާ ކުޑައިރުންސުރެން ވެސް ދެކެމުން އަންނަ ހުވަފެނެކެވެ. އެ ހުވަފެނުގައި އަދި މިހައިތަނަށް ކުލަޖެހިފައި ނުވިޔަސް ހަމަ ގައިމުވެސް މި ފަންނާނަކީ ފިލްމާއި ލަވަތަކުން ފެނިފައިވާ ފަންނާނެކެވެ. ނުވަދިހައިގެ އަހަރުތަކުގެ އުފެއްދުންތަކުން އާއްމުކޮށް ފެންނަމުން ދިޔަ މި ފަންނާނު ފިލްމާއި ލަވަތަކުން ނުފެނި ގިނަ ދުވަސްތަކެއް ވުމަށްފަހު ދެން ފެންނަން ފެށީ ލަވަކިޔުމުގެ ތެރެއިންނެވެ. އޭނާގެ ހިތްގައިމު ލަވަތައް ޔޫޓިއުބް، ފޭސްބްކް އަދި ޓިކްޓޮކްގައި އާއްމުކުރަމުން އަންނައިރު، ފާހަގަކޮށްލެވޭ ކަމަކީ ރާއްޖޭގެ ފުންނާބު އުސް އަންހެން ލަވަކިޔުންތެރިންނާއެކު ހިތްގައިމު ލަވަތަކެއް ގެނެސްދެމުން އަންނަ ކަމެކެވެ.

ފަލީން މުޙައްމަދު (ފިލްމުތަކުން ފަޒީން މުޙައްމަދު)ގެ އިތުރު ތަޢާރަފަކަށް ނުގޮސް ލަވައެއް ގެނެސްދޭނަމެވެ. ހިތްގައިމު ހުށައެޅުމެކެވެ. ފަލީން އަދި އިތުރު ތަޢާރަފަކަށް ބޭނުންނުވާނެ ރާފިޔަތު ރަމީޒާގެ ހިތްގައިމު ލަވައެކެވެ.

ލަވައިން އިވިގެން އެ ދަނީ ފަލީންގެ އަޑެވެ. މިފަދަ އެތަކެއް ލަވަތަކެއް ފަލީންގެ ޔޫޓިއުބް ޗެނަލް އަދި ފޭސްބްކް ޕޭޖް “ވޯކަލްސް ބައި ފަލީން މުޙައްމަދު”ގައި އެބަ ހުއްޓެވެ. ކުރިން އެކްޓިން އިން ފެނު ފަލީންގެ މި ހުނަރަކީ ހަމަ ގައިމުވެސް ފާހަގަކޮށްލަން ޖެހޭ ފަދަ ހުނަރެކެވެ.

ދިވެހި ފިލްމު “ވަރި”، “ދޮން މަންމަ”، “ޤުދުރަތުގެ ނިޔާ”، “ހިތި އަސަރު” އަދި “ވީރާނާ” ފަދަ ފިލްމުތަކުން ފެނިގެންދިޔަ ނުވަދިހައިގެ އަހަރުތަކުގެ އެކްޓަރު ފަލީން އަކީ ކަރޯކޭ ލަވަމުބާރާތަކުން ބެލުންތެރިންގެ އެސްއެމްއެސް އިން ރިޖެކްޓްވެގެން ދިޔަޔަސް، ޖަޖުންނަށް އެ ނިންމުން ޤަބޫލުނުކުރެވުނު ފަންނާނެކެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މަޝްހޫރު މިއުޒީޝަން ޙުސައިން ސޮބާހްގެ އެހީތެރިކަމާއެކު ފަލީން ލަވަކިޔުމައިގެން ކުރިއެރުމަށް މަސައްކަތް ފެށިއެވެ.

ލަވަކިޔަން ފެށީ ކޮން އިރަކު؟

ކ. މާލެއަށް އުފަން ފަލީން މުޙައްމަދު ލަވަކިޔަން ފެށީ ސުކޫލު ދައުރުގައެވެ.

“ލަވަކިޔަން ފެށުނީ އަސްލު އަޅުގަނޑު ސްކޫލްގަ އުޅުނު އިރު ފުރަތަމަ މަދަހަ މުބާރާތްތަކުގަ ބައިވެރިވާން ފެށީ. ދެން އެގޮތުން ސްކޫލުގެ ކްލާސް މުބާރާތްތަކުން ތިންވަނަ އަދި އިންޓަސްކޫލް މުބާރާތުން އެއްވަނަވެސް ލިބިފަވޭ.” ސްކޫލް މުބާރާތްތަކުން މިފަދަ ވަނަތަކެއް ލިބުނަސް ފަލީންގެ ފޯކަސް ބޮޑަށް އަމާޒުކުރީ ކިޔެވުމަށް ކަމަށްވެސް އޭނާ ބުންޏެވެ.

ލަވަ މުބާރާތަކުން ކެޓުމުން އާ ހިއްވަރަކާއެކު މަސައްކަތް ފެށުން.

ނަމަވެސް 2021 ވަނަ އަހަރު ޕީއެސްއެމްގެ ދިވެހިއެފްއެމް އިން ބޭއްވި “ކަރޯކޭ ޗެލެންޖް” މުބާރާތުގަ ފަލީން ބައިވެރި އެވެ. ފުދޭ ވަރެއްގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެ މުބާރާތުގެ ދެވަނަ ބުރަށް ހޮވުނު 14 ބައިވެރީންގެ ތެރޭގައި ވެސް ފަލީން ހިމެނުނެވެ. އެކި ހަފުތާގައި އެކި ތީމްތަކަށް ލަވަކިޔަމުން ގޮސް ގަދަ ފަހަކާއި ހަމައަށްވެސް ފަލީންއަށް ވާާޞިލްވެވުނެވެ.

“ގަދަ ފަހަކުން މި ޖެހުނީ ވަކިވާން.” ފަލީން ބުނީ ޕަބްލިކް ވޯޓް ލިބުމުގައި ރަށްރަށުން ބައިވެރިވި ކުދިންނާ ފައިހަމަކޮށްނުލެވުނީ ރަށްރަށާ އާއިލާތަކުން އެހެން ބައިވެރިންނަށް ވޯޓު ލިބުނު ގޮތަށް ފަލީންއަށް ވޯޓު ނުލިބުމުން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

“އެ ހިސާބުން މި ކެޓީ. ކޭޓީމަ މި ވީ ގޮތަކީ އޭރުގަ ޖަޖަކަށް އިންނެވި މިއުޒިޝަން ސޮބާ ވިދާޅުވީ އަޅުގަނޑަކީ ކަޓަން ޖެހޭ ބައިވެރިއެއް ކަމަކަށް ޤަބޫލެއް ނުކުރަމޭ. މިހާ ހިސާބުން ކެޓުމަކީ ތިމަންނައަށް އެއްގޮތަކަށްވެސް ޤަބޫލުކުރެވޭ ކަމެއް ނޫނޭ. ދެން އެއަށް އެގްރީވީ ދެން ތިއްބެވި ދެ ޖަޖުން، އެއީ މުބާރިކާ ރާފިޔަތާ. ދެން އެހިސާބުން ސޮބާ ވިދާޅުވީ ދެރަވާނެ ކަމެއް ނެތޭ ތިމަންނަ އެންމެ އަވަހަށް ހަދާ އަލްބަމަކުން ފަލީންއަށް ޗާންސެއް ދެއްވާނަމޭ.” ސޮބާ ވަޢުދުވީ ގޮތަށް ވަޢުދު ފުއްދިކަންވެސް ފަލީން ފާހަގަކުރިއެވެ.

ފަލީންގެ ފުރަތަމަ ރެކޯޑިންއަށް ފަހު، ފުރުޞަތުތައް ލިބެން ފެށި

“ސޮބާ އަޅުގަނޑަށް ދެއްވީ އަމިއްލަ ވަރަށް ރީތި ރާގެއް. އެއީ ‘އަންނާނަންހޭ ފިރުމާނަންހޭ'” ފަލީން އަދި ޔަމްނާ ކިޔި އެ ލަވަ ސޮބާ ހަދިޔާކުރީ ދިވެހިރާއްޖޭގެ އަޑަށެވެ.

މި ލަވައިގެ ފަހުން ދެން ފަލީންއަށް ކިޔައިލަން ލިބުނީ ފަލީން އެ ރާގަކަށް ލަވައެއް ކިޔައިލަން ނުހަނު ބޭނުންވެފައި ހުރި ރާގެއްގެ ލަވައެކެވެ. އެ ފުރުޞަތުވެސް ދިނީ ސޮބާ އެވެ. ޒަހިއްޔާ ތަޢުފީޤް ކިޔުއްވާފައި އޮތް “އާދެ ތިޔަ އިނާޔަތޭ” ލަވައެވެ. ފަލީން މި ލަވަ ކިޔާލާފައި އޮތްލެއް ވެސް ވަރަށް ހިތްގައިމެވެ. ފަލީންވެސް ބުނީ އެ ލަވަ ވަރަށް ބޮޑަށް ވައިގައި ހިފި ކަމަށާ އެ ހިސާބުން ރާއްޖޭގެ މަޝްހޫރު ލިޖެންޑަރީ ލަވަކިޔުންތެރިޔާ މަހްމޫދާ ޝަކީބު ފުރުޞަތެއް ދެއްވި އެވެ.

މަހްމޫދާ ޝަކީބު އާއެކު ފަލީން ކިޔީ “ޚިޔާލީ ރޭރޭ ވީ ހިނގާލަން” މި ލަވައެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ލިޖެންޑަރީ ލަވަކިޔުންތެރިޔާ ޢަބްދުލް ހަންނާން މޫސާދީދީއަށް ޓްރިބިއުޓެއްގެ ގޮތުގައި ކިޔާލި މި ލަވައަކީވެސް ހިތްގައިމު ލަވައެކެވެ. އެ ލަވައަކީ ފަލީން އުފަންވުމުގެވެސް މާކުރީން ޢަބްދުލް ހަންނާން އާއެކު މަހްމޫދާ ކިޔުއްވާފައިވާ ލަވައެކެވެ.

ލަވަ ލިރިކްސް ލިޔަން ފެށުން

އޭގެ ފަހުން ރާއްޖޭގެ ލިޖެންޑަރީ ލަވަކިޔުންތެރިޔާ ޝަފީޤާ އާއެކު ލަވައެއް ކިޔައިލުމުގެ ފުރުޞަތު ލިބިގެންދިޔަ އެވެ. އީދަށް ޚާއްޞަކޮށްގެން ގެނެސްދިން އެ ލަވައިގެ ލިރިކްސް ވެސް ލިޔުނީ ފަލީން އެވެ.

“އެ ލަވަ ހަދައިދޭނެ މީހެއްވެސް ނުވި. އަސްލު ވަރަށް ވަގުތު ކުޑަތަންވެފަ އޮތީ. ދެން އަޅުގަނޑު ހިތަށްއެރީ ޓްރައިކުރާނީއޭ. އަޅުގަނޑު ޓްރައިކޮށްލީ އެ ލަވަ ހެދޭތޯ. ދެން އެނގިއްޖެ އަސްލު އުޅެފިއްޔާ މިކަން (ލަވަ ހެދުން) ވެސް ވެދާނޭ.”ފަލީން ބުނީ ލަވަ ކިޔި އިރު ޝަފީޤާގެ އިތުރުން ރެކޯޑިން އޮޕަރޭޓަރުވެސް އެ ލަވަ ހަދާފައި އޮތްގޮތް ވަރަށް ރަނގަޅުކަމަށް ބުނިކަމަށާ ލަވަ ލިޔުމައިގެން ކުރިއަށް ދިއުމަށްވެސް ހިތްވަރު ދިން ކަމަށެވެ.

ރާއްޖޭގެ މަޝްހޫރު ލިޖެންޑުންގެ ތެރެއިން ގިނަ ބޭފުޅުންނާއެކު ފަލީން ލަވަކިޔައިފި

ލަވަކިޔުމުގެ މަސައްކަތް ފެށި ފަހުން ރާއްޖޭގެ މަޝްހޫރު ލިޖެންޑުން ކަމަށްވާ މަޙްމޫދާ ޝަކީބް، ޝަފީޤާ، ރާފިޔަތު، ފާޠުމަތު ރަޢޫފާއެކު މިދިޔަ ދޮޅުއަހަރެއްހައި ދުވަހު 18 ލަވަ ރެކޯޑްކޮށްފިއެވެ. ފާހަގަކޮށްލި ލަވަކިޔުންތެރިންނާއެކު ދެ ލަވަ ރެކޯޑިންހަދައި އާއްމުވެސް ކޮށްފިއެވެ. އޭގެ ތެރެއިން ގިނަ ލަވަތަކުގެ ލިރިކްސް ހެދީވެސް ފަލީން އެވެ.

މީގެ އިތުރުން ޔޫސުފް މުޙައްމަދު ފުޅު، ސައިކުރާ ނަޢީމް ފަދަ ބޭފުޅުން ހައްދާވަފައި ހުރި ލަވަތައްވެސް ފަލީން ކިޔައިފި އެވެ.

ލަވަ ކިޔުންތެރިންނަށް ފަލީންގެ ތަޢުރީފު

ރާއްޖޭގެ ހުރިހައި ލަވަކިޔުންތެރިންގެ ލަވަކިޔުމުގެ ފެންވަރު ވަރަށް ރަނގަޅުކަން ފާހަގަކޮށް އެ ބޭފުޅުންނަށް ފަލީން ތަޢުރީފުކުރަމުން ބުނީ ހުރިހައި ލަވަކިޔުންތެރިންނަކީވެސް ފަލީންގެ ފެވަރިޓްސް ކަމަށެވެ.

ފަލީންގެ މި ހުނަރުގައި ކުރިއަށްދިއުމަށް ޢާއިލާގެ ތަރުހީބު

ފަލީންގެ ލަވަކިޔުމަށް އާއިލާ އެންމެންގެ ސަޕޯޓްވެސް ވަަރަށް ބޮޑަށް ލިބެމުން އަންނަކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރި އެވެ.

“ދަރިންވެސް، އަންހެނުންވެސް ބުނޭ، ކުޑައިރުއްސުރެން ކުރާހިތުން އުޅުނުކަމެއް ނޫންހޭ، އެހެންވީމަ ކުރިއަށްދާށޭ.”

ފަލީންގެ ލަވަތަކުން ފާހަގަކޮށްލެވޭ ލަވަތައް

ފަލީން މިހާތަނަށް ކިޔި ހުރިހައި ލަވައެއްވެސް އޭނާއަށް ވަރަށް ޚާއްޞައެވެ. ނަމަވެސް އެހުންތެރިންގެ ތަރުހީބަށް ބަލާފަ އޭނާ ބައެއް ލަވަތަކުގެ ނަންތައް ހޮވާލިއެވެ. އެގޮތުން ރާފިޔަތު އާއެކު ކިޔާފައިވާ “ފެނުނޭ ހޫރެއް އެރޭ.” އަދި ޝަފީޤާ އާއެކު ކިޔާފައިވާ “މަރުވެދާންދެން ތިބޭނީ މިގޮތުގާ.”، މަހްމޫދާ ޝަކީބާއެކު ކިޔާފައިވާ “ޚިޔާލޭ ރޭރޭ ވީ”، އަދި ފާތިމަތު ރަޢޫފާއެކު ކިޔާފައިވާ “ފެންނަން ފެށީމާ ހީލާ ހެދީމާ” ފާހަގަކޮށްލި އެވެ.

ފަލީން ލިޔުނު ލިރިކްސްތަކުން އޭނާ އެންމެ ހިތްހަމަ ޖެހެނީ “ފެނުނޭ ހޫރެއް އެރޭ.” އަދި “އިރުއަރާ އިރުއޮއްސޭނީ ތިނަމާ އެކީ” ކަން ފާހަގަކުރިއެވެ.

މި ދާއިރާގައި ފަލީން އެންމެ ބޮޑަށް ދެކެން ބޭނުންވާ ދުވަހަކީ ފިލްމަކަށް ލަވައެއް ކިޔައިލުމެވެ.

ރާއްޖެއިން ބޭރުގެ ލަވަކިޔުންތެރިންގެ ތެރެއިން ފަލީން އަށް އެންމެ ކަމުދަނީ އުދިތު ނާރަޔަން އަދި އާޝާ ބޯސްލޭ އެވެ.

ފަލީންގެ ޝުކުރު

ފަލީންއަށް ލަވަކިޔުމުގައި އެހީތެރިވެދައްވާ ހުރިހައި ފަރާތްތަކަށް ޖުމްލަގޮތެއްގައި ޝުކުރުއަދާކުރަން ބޭނުންވާކަމަށް ބުންޏެވެ. މީގެ އިތުރުން ވީޓީވީން މި ދިޔަ ޖުމްހޫރީ ދުވަހަށް ޚާއްޞަކޮށް ކިޔި ލަވައިގެ ވީޑިއޯ ހަދައި ދައްކައިދިނީ އެކަންވެސް ވަރަށް ޝުކުރުވެރިކަމާއެކު ފަލީން ފާހަގަކުރެއެވެ.

ފަލީންގެ ލަވަކިޔުމުގެ ހުނަރުވެރިކަމަށް މުނިއަވަސް ޓީމާއި ފޭނުންގެ ތެރެއިން ބައެއް ކޮމެންޓްތައް

އާއިޝަތު ޝިރާނީ

ކުރީގެ މަޝްހޫރު އެކްޓްރެސް އަދި މިހާރު މުނިއަވަސްގެ ވީވީއައިޕީ މެންބަރ/ ކްލަބްހައުސް ޕްރްގްރާމް ޕްރެޒެންޓަރ ޝިރާނީއަށް އިއްވީ ލަވައިގެ އޯޑިއޯއެވެ. ކިޔާފައިވަނީ ކޮން ބައެއްކަމެއް ނުބުނަމެވެ. ރާފިޔަތުގެ އަޑު ފާހަގަކުރެވުނަސް ފިރިހެން އަޑުގެވެރިއަކީ ކާކުކަމެއް ނޭނގޭނެއެވެ. ނުއެނގި ހުރެ ޝިރާނީ ކުރި ކޮމެންޓް ހިއްސާކޮށްލާނަމެވެ.

“ވަރަށް ރީތި. ރާފިޔަތު ވަރަށް ޕްރޯވާނެ ދޯ. އެކަމަކު ފިހެން އަޑު ހަމަ ވަރަށް ސަޅި. އަދިވެސް އެއަށްވުރެން ސަޅިކުރެވޭނެ.”

ރިޒްނީ (ރިޓްޒް ލިރިކްސް)

ހިތްގައިމު ލިރިކްސްތަކެއް ހަދަމުން އަންނަ ރިޓްޒް ލިރިކްސްގެ ރިޒްނީއަށް ވެސް ކޮމެންޓްކޮށްލުމަށް ފުރުޞަތުދިނީ ޝިރާނީއަށްވެސް ދިން ގޮތަށެވެ.

“އަންހެން އަޑާ ބެހޭގޮތުން ބުނަންޏާ ބުނެވޭނީ ރާފީގެ ލަވަކިޔުން ހަމަ ވަރަށް ފުރިހަމައޭ، ސަބަބަކީ އެއީ ޕްރޮފެޝަނަލް ލަވަކިޔުންތެރިއެއް. ފިރިހެން ލަވަކިޔުންތެރިއަކީ ކާކުކަމެއް ނޭނގޭ. އެކަމަކު ރިޒް ބުނެލާނީ ވަރަށް ކޮންފިޑެންޓާއެކު ކިޔާފަ އޭނީ ހަމަ ވަަރަށް ރަނގަޅޭ ކިޔުން. ލިރިކްސްއަށް ރިޒް ފާޑުކިޔާކަށް ނެތިން ހަމަ ވަރަށް ރީތި ލިރިކްސް. ފާޑެއް ކިޔާނަމަ ބުނެލާނީ ހިންދީ ރާގަކަަށް ހަދާފަ އިން ލިރިކްސް އެއް ވީމަ ބައެއް ލަފުޒު ހިންދީ ލަވައަށް ބޮޑަށް ރައިމްކުރެވޭ ކަހަލަ ބަސްތަކެއް ލެވުނުނަމަ ލަވަ މިއަށްވުރެން ވެސް ފުރިހަމަ ވީސް.”

މުނިއަވަސް ޓީމާއި މުނިއަވަސް ކްލަބްހައުސް ބައެެއް އެހުންތެރީންގެ އިތުރު ކޮމެންޓްތަކުގައިވެސް ލަވަައަށް ތަޢުރީފުކޮށްފައިވާކަން ފާާހަގަކޮށްލަމެވެ.

ފަލީންގެ ފިލްމީ މަސައްކަތުން ކުޑަ މިންވަރެއްވެސް މި ފުރުޞަތުގައި ހިއްސާކޮށްލާނަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.