މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންގެ ފިލްމު “ސޯލް” ޔޫޓިއުބް މެދުވެރިކޮށް ގެނެސްދޭން ފަށައިފިއެވެ. މި ފިލްމު އެންމެ ފުރަތަމަ ޕްރިމިއާކުރީ 2019 ވަނަ އަހަރު ޖުލައި މަހު ސްރީ ލަންކާގައި ބޭއްވި ސާކް ފިލްމު މަހާސަމާ (ސާކް ފިލްމު ފެސްޓިވަލް)ގައެވެ. އެސް ޕްރޮޑަކްޝަން އާާއި ބައިސްކޯފް ގުޅިގެން އުފައްދާފައިވާ ކުރު ފިލްމު “ސޯލް” ބައިސްކޯފުގައިވެސް ރިލީޒްކުރި އެވެ.

ފިލްމު “ސޯލް” ޔޫޓިއުބްގައި ނެރެން ފަށާފައިވަނީ އެޕިސޯޑްތަކަކަށް ބަހާލައިގެންނެވެ. މި ފިލްމު ޔޫޓިއުބްގައި އާއްމުކުރަން ނިންމީ ގިނަ ބަޔަކަށް ފިލްމު ބަލައިލުމުގެ ފުރުޞަތު ދިނުމަށް ކަމަށް ސީޒަން ބުނެއެވެ.

ފިލްމު “ސޯލް” ގައި ފިލްމީ ތަރި ޖުމައިހް (ޖުމާ)ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ހަރަކާތްތެރިވެ އެވެ. މީގެ އިތުރުން ސްރީލަންކާގެ ފެޝަން ޑިޒައިނަރ، ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް، އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) ހަރަކާތްތެރިވެ އެވެ. ނިޕްނީ ވިލްސަން އަކީ ‘ދެރަނަ ސިޓީ އޮފް ޑާންސް ސީސަން ދޭއް‘ ގައި މޮޅު ނެށުންތަކެއް ހުށައަޅައިދީފައިވާ ހުނަރުވެރި ނެށުންތެރިއެކެވެ.

ސްރީ ލަންކާގެ ދެމަފިރިއަކު ހަނީ މޫނަށް ރާއްޖެ އައިސް އުޅޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި މައިގަނޑުގޮތެއްގައި ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. އެހެން ނަމަވެސް ދިވެހި ޑައިލޮގްތަކާއި ސިންގަޅަ ޑައިލޮގްތައްވެސް ފިލްމުގައި ހިމެނެއެވެ.

ސީޒަންގެ “ސޯލް” އަށް، ޓީވީއެމްގެ ”މެންދުރުފަސް“ ޕްރޮގްރާމުން ފާހަގަވެގެންދިޔަ ކުރީގެ މަޝްހޫރު ޕްރެޒެންޓަރ ޢާއިޝަތު ރިފްޒާ (ރިފޫ)ގެ އިތުރުން ލަންކާގެ ރެޕް އާޓިސް އީސްވަރަން ކޮކިލަންގެ އަޑުން ކިޔާފައިވާ ޚާއްޞަ ލަވައެއްވެސް ހިމެނެއެވެ. މިއީ އެ ފިލްމުގެ ޓައިޓްލް ލަވައެވެ.

ފިލްމު “ސޯލް“ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ކޮށްފައިވަނީ މުނިއަވަސް އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.