ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު ފޮށްޓަށް އެއްޗެހި އަޅަންފެށީ ދެން ދުވަހަކުވެސް އެނބުރި އައުމެއް ނެތޭ ބުނާފަދައިންނެވެ. ހިތް ކިތަންމެ ނޭދުނަސް، ޒަމީރު ކިތަންމެ އާދޭހެއް ކުރި ނަމަވެސް، އެމާ އަށް މަޖުބޫރުވީ މުޅިން އެހެން މަންޒިލަކަށް ދަތުރުކުރުމަށެވެ. މިއީ އެތައް ދުވަހަކު ތަކުރާރުވެފައިވާ ކަމެކެވެ. އެކަން މިއަދު މިވަނީ އެމާ އަށް ނުހަނު ސާފުކޮށް ފެނިފައެވެ. އެންމެފަހުން އެމާ ނިންމީ އޭނާގެ ލޯބިވާ ފިރިމީހާ އަޔާޒް ދޫކޮށްލުމަށްފަހު ދާށެވެ. އަޔާޒުގެ މުޑުދާރު ފާޙިޝް ޢަމަލުތަކުން ސަލާމަތް ވާށެވެ. މިހާރު މާޒީގެ ހަނދާންތައް އާކުރުމުގެ ބޭނުމެއްނެތެވެ. އެހަނދާންތައް އާކުރުމަށް ފަހު ކަރުނައެޅުމުގެ ބޭނުމެއްވެސް ނެތެވެ.

މީގެ އަހަރުތަކެއް ކުރިއެވެ. އޭރު އެންމެ އުފާވެރި ދިރިއުޅުމެއް އުޅެމުން އައިމީހަކީ އެމާ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެމާ އެންމެ ފުރަތަމަވެސް ލޯބިވީ އޭނާގެ ފިރިމީހާދެކެއެވެ. ކައިވެނި ކުރިއިރުގައި ހީކުރީ ދެން ދުވަހަކުވެސް ހިތާމަކުރަން ނުޖެހޭނެ ކަމަށެވެ. އަޔާޒާ ކައިވެނި ކުރެވުމުން ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނީ ކަމަށެވެ. އެމާ އުފަލުގައި އުޅެން ފެށުމުން މައިންބަފައިން ވެސް ތިބީ ވަރަށް ވެސް އުފަލުގައެވެ. ކައިވެނި ކުރުމަށްފަހު އެމާ އުޅެމުން އައީ ފިރިމީހާގެ ގޭގައެވެ.

ކައިވެނި ކުރިތާ 2 އަހަރު ފުރުނުއިރު އެމާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. އެމާގެ ބަނޑަށް ދެ މަސް ފުރުނުތަނާހެން، ވަރަށް ކުއްލި ގޮތަކަށް ބައްޕަ ބަލިވެގެން، މަންމަ ރާއްޖެއިން ބޭރަށް ދާންޖެހުނެވެ. އެހެންވެ ގޭގައި އެކަނި ހުންނަށް ޖެހޭތީ އެމާ މެން އުޅޭ ގެއަށް، އެމާގެ ކޮއްކޮ މީރާ ބަދަލުވިއެވެ. މަންމަގެ އެދުމުގެ މަތިން އެމާ އަށް އެހީވުމަށެވެ.

މިހާރު އެމާގެ ބަނޑަށް 8 މަސް ފުރެނީއެވެ. އަޔާޒު ވަރަށް ބޮޑަށް ބަދަލު ވެއްޖެއެވެ. ކުރިން އެމާ އާއި ނުހަނު އަޅައިލާ، އޯގާތެރި އަޔާޒު މިހާރު ކަމަކު އެދުނަސް އޭނާގެ އަނގައިން ބޭރުވާ ލަފުޒަކީ އެންމެ ދެ އަކުރުގެ ލަފުކެވެ. އެއީ ‘ބިޒީ’ މިލަފުޒެވެ. އެމާ މިކަމާ އަޅައެއް ނުލައެވެ.

މީރާގެ އުޅުމަށްވެސް ބަދަލުތަކެއް އަންނަމުންދާކަން އެމާއަށް ދިޔައީ ފާހަގަ ކުރެވެމުންނެވެ. ރޭގަނޑު ގެއަށް އައުން ވެސް ލަސްވާން ފެށިއެވެ. ގޭތެރޭގައި އުޅޭ އުޅުމާއި ވާހަކަދެއްކުމުގައިވެސް ކުރިއާ ތަފާތު ގޮތްތަކެއް ހުންނަކަން އެމާއަށް ފާހަގަ ކުރެވެމުން ދިޔައެވެ.

އެއްދުވަހަކު އެމާ ފިހާރަ އަކަށް ގޮސްފައި ގެއަށް ދިޔަ މަގުމަތީ ގައި އެމާގެ ރައްޓެއްސެއްގެ ދައްތައެއް ބުންޏެވެ.
“ވިސްނައިނުލައި ކުރެވޭ ކަމެއްގެ ސަބަބުން ފަހުން ރޯންޖެހޭނެކަން ހަނދާންކުރާތި” ނަމަވެސް އޭނާ އެބުނި އެއްޗެއްގެ މާނަ އެމާއަކަށް އޭރަކު ނުވިސްނުނެވެ.

އެއް ރެއެއްގެ މެންދަމެވެ. އޭރު ގަޑިން ވާނީ ގާތްގަނޑަށް 1:30 އެހާކަންހާ އިރެވެ. އެމާއަށް ހޭލެވުނީ ކުއްލިއަކަށް ވަރަށް ބޮޑަށް ފެން ބޮވައިގަނެގެންނެވެ. އޭރުވެސް އަޔާޒު ގެއަކަށް ނާދެއެވެ. އެމާ ނުކުތީ ސިޓިންރޫމަށެވެ. އެވަގުތު ދެމީހަކު ވާހަކަ ދައްކާފައި ހޭއަޑު މީރާގެ ކޮޓަރިން އިވެމުންދާތީ އެމާ ގޮސް އެކޮޓަރީގެ ދޮރުގައި ހިފައިލުމުން ވަރަށް ފަސޭހައިން ދޮރު ހުޅުވުނެވެ.

އެވަގުތު ފެނުނު މަންޒަރުން އެމާގެ ހިތުގެ ވިންދު ނުހުއްޓުނީ ހަމަ ކިރިޔާއެވެ. އެމާ ފެނުމުން އަޔާޒު ލަދުން އިސްޖެހިއެވެ. މީރާ ދުވެފައި ވަނީ ފާޚާނާއަށެވެ.

މި ދުނިޔެއިންވެސް އެމާ އެންމެ ލޯބިވި ފިރިމީހާގެ ފަރާތުން މިފެނުނު ހަޑި މުޑުދާރު ޢަމަލުގެ ސަބަބުން އެމާހުރީ ރޯންވެސް ނޭނގިފައެވެ. ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެމާގެ ދުލުގައި ތަޅުލެވުނު ކަހަލައެވެ. އެމާއަށް ކުރެވުނު ކަމަކީ މަޑުމަޑުން ފަހަތަށް ފިޔަވަޅުއަޅަމުން ގޮސް އޭނާގެ ކޮޓަރިއަށްވަދެވުނީއެވެ. އަޔާޒު، އެމާގެ ފަހަތުން އައެވެ. އެމާގެ ކިބައިން މަޢާފަށް އެދުނެވެ. އެހެންނަމަވެސް އެމާ އަޅައެއްނުލައެވެ.
އެންމެފަހު އެމާބުންޏެވެ.

“އަޔާޒު ބުނަށް ރަނގަޅު ވާހަކައެއް! ދެން ތިވާހަކަ ދައްކަން އެހެން މީހަކު ހޯދާ. މަށަކަށް ދެން ދުވަހަކުވެސް އަޔާޒު ރަނގަޅެއް ނުވާނެ. މީގެ ކުރިން އެހެން ފިރިހެނަކާ ދިމާއަށް ބަލައިނުލެވޭތީ ހެވާ ނުބައި ވަކިކުރަން ނޭނގުނީ. މިހާރު އަހަންނަށް އަޔާޒު ދަސްވެއްޖެ. ދެން ދުވަހަކުވެސް އަޔާޒު ރަނގަޅެއް ނުވާނެ. ގުޑް ބާއި އަޔާޒު” މިހެން ބުނުމަށް ފަހު އެމާގެ ފޮށިހިފައިގެން ދައްތަމެން ގެއަށް ދާން ނުކުތެވެ.

އެމާ އިތުބާރު ކުރާނީ ކާކަށް ހެއްޔެވެ؟ ލޯބިވާ ފިރިމީހާ އާއި ލޯބިވާ ކޮއްކޮވެސް ދިނީ ލަނޑެވެ. ފިރިމީހާއަށް ކުރިއިތުބާރު ވަނީ ވެއްޔާ މޮޑެވިފައެވެ. މީހުން ބުނަނީ ތެދެއް ކަން މިހާރު އެމާއަށް އެނގިއްޖެއެވެ. ތިމާ ގައިގައި އެންމެ ބާރަށް ކަށި ޖަހާނީ ތިމާއާ އެންމެ ގާތުގައި އުޅޭމީހުންނެވެ.

ނިމުނީީ

ލިޔުންތެރިޔާގެ ފުރަމަލަ

ހައްވާ ޒީނިޔާ
ޒީނިޔާ އަކީ ވާހަކަ ކިޔުމަށް ވަރަށް ޝައުގު ހުންނަ، ވާހަކަ ލިޔުމުގެ ފަންނުގައި ކުރިޔަށް ދާން ބޭނުންވާ ޒުވާނެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް