“ކެޔޮގަނޑު އެލުވައިލުން” ނުވަތަ ދަންޖެހި މަރުވުން އެއީ ހައްލެއްކަމަށް ވިސްނާ ހިސާބަށް އިންސާނާ ދަނީ ކީއްވެގެން ހެއްޔެވެ؟
ދިރިއުޅުމުގައި ދަތިއުނދަގޫތައް ތަހައްމަލުކުރަން ޖެހުމާއި ނަފްސާނީ ސިއްޙަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން އިންސާނުން ބިރުގަނެއެވެ. ހާސްވެ ކަންބޮޑުވެއެވެ. ނަތީޖާއެއްގެ ގޮތުން އިންސާނާގެ ވިސްނުން ވާވެ އެވެ. ހެވާއި ނުބައި އޮޅޭގޮޮތްވެ އެވެ. ރަނގަޅަށް، ފަހިކޮށް ވިސްނަން ދަތިވެއެވެ.
މަތީގައި މި ބަޔާންކުރި ފަދަ ހާލަތަކަށް ދިއުން ނުވަތަ އަމިއްލައަށް މަރުވުމަކީ ހައްލެއްކަމަށް ޤަބޫލުކުރެވޭ ހިސާބަށް ވިސްނުމުގެ ވާފަށް ދަތުރުކޮށްފި ނަމަ އެއީ ދެރަވަރު ކަމެކެވެ. އެހެނީ އަމިއްލައަށް މަރުވުމުން ލިބިގެންދާނެ އެއްވެސް ހައްލެއް ނެތްކަން ހަމަވިސްނުމުން ވިސްނައިލުމުން އެނގޭނެ އެވެ. މިސާލަކަށް، ތިމާ އޮޅުކޮށްގެން ނިކަން ލޯބިން ގެންގުޅޭ ޖަނަވާރަކަށް ބައްޔެއް ޖެހިއްޖެ އެވެ. އެ ބަލިން އެސޮރު ރަނގަޅުކުރުމަށް އެތަކެއް ފަރުވާތަކެއްވެސް ކުރެވިއްޖެ އެވެ. ނަމަވެސް ބަލިން ރަނގަޅެއް ނުވިއެވެ. އެހެނަސް، ތިބާގެ އެ ލޯބިލޯބި ޖަނަވާރު މަރާލަން ތިބާއަށް ކެރޭނެ ހެއްޔެވެ؟ ނުވަތަ އެ ޖަނަވާރު މަރައިލުމުން ޖަނަވާރަށް ޖެހުނު ބަލީގެ ހައްލެއް ލިބުނީކަމަށް ޤަބޫލުކުރާނަން ހެއްޔެވެ؟ ޖަވާބު ވަރަށްވެސް ސާދާވެފައި ކުރެވެ. ‘އެގޮތަށް ޤަބޫލެއް ނުކުރެވޭނެ’ އެވެ. މި ނޫން ޖަވާބެއް ނާންނާނެކަން ޔަޤީނެވެ. ވީއިރު، ތިމާއަށް މެދުވެރިވާ ހާލަތެއްގެ ސަބަބުން އަމިއްލައަށް މަރުވުން އެއީ ހައްލަކަށް ވާނެ ގޮތެއް ނޯންނާނެކަން ވަރަށްވެސް ސާފު، އެހެންނޫންތޯއެވެ.
ހާލަތެއް ދިމާވެދާނެއެވެ. މާޔޫސްވެދާނެ އެވެ. ދިމާވި ހާލަތު އިތުރަށް ބަރުދާސްތު ނުކުރެވޭނޭ ހިތަށްއަރާ ހިސާބަށްވެސް ހިނގައިދާނެ އެވެ. ތިމާގެ ކުރިމަގުގައި އެއްވެސް ކަހަލަ އުއްމީދެއް ނެތްކަމަށްވެސް ހީކުރެވިދާނެ އެވެ. ނަމަވެސް، އެއްވެސް އިންސާނަކަށް އެ އިންސާނެއްގެ ނުވަތަ އެހެންވެސް އިންސާނެއްގެ ކުރިމަގު އަންދާޒާކުރަން އެނގޭ ހެއްޔެވެ؟ ނޭނގޭނެދޯ އެވެ.
އަމިއްލަ ފުރާނަ ދުއްވައިލުމަކީ ޖަވާބެއް ނޫނެވެ. ހައްލެއް ނޫނެވެ. އަމިއްލައަށް މަރުވުންފަދަ ބޮޑުވެގެންވާ ކުފުރު ޚިޔާލެއް އަތުވެއްޖެ ނަމަ ކަންކަން ކުރާން ޖެހޭ ގޮތްތަކެއްގެ މައްޗަށް ބަލައިލާނަމެވެ.
މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިން ހަނދާންކޮށްލާށެވެ.
ފުރަތަމަ ކަމަކަށް، މާތްﷲ މަތިން ހަނދުމަކޮށްލާށެވެ. ތިބާގެ ފުރާނަައާއި ތިބާގެ ހަށިގަނޑަކީ އެކަލާންގެ އަހުރުމެންނާ ހަވާލުކުރައްވާފައިވާ އަމާނާތެއް ކަން ހިތަށް ގެންނާށެވެ. ފުރާނައަކީ އަމިއްލަ މިލްކެއް ނޫނެވެ. އެއީ މާތްﷲގެ އެއްޗެކެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ އެހީ ހޯދުން
އަމިއްލަ ފުރާނަ ދުއްވާލުން ފަދަ ގޯސް ވިސްނުމެއް އަތުވެއްޖެނަމަ، ރާއްޖޭގައި ޤާއިމުކޮށްފައިވާ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމެންޓްގެ އެހީތެރިކަން ހޯދާށެވެ. ނުވަތަ ތިމާދެކެ ލޯބިވާ ގާތް މީހަކާ ނުވަތަ ބަޔަކާ ހިއްސާކުރާށެވެ. ދިމާވެގެން އުޅޭ ކަމެއް ނުވަތަ ކަންތައްގަނޑުގެ ވާހަކަތައް ހެޔޮއެދޭ ފަރާތަކާ ހިއްސާކުރާށެވެ. ނުވަތަ ނަފުސާނީ ޑޮކްޓަރަކާ ވާހަކަދައްކާލާށެވެ. ހައްލު ލިބޭނެ އެވެ.
އެހީތެރިކަން ހޯދާށެވެ.
އަމިއްލައަށް މަރުވާ ޚިޔާލު އައުމަކީ ސީރިއަސްކަމެކެވެ. އެއީ އެއްވެސް ހާލަތެއްގައި އަޅައިނުލާ ދޫކޮށްލައިގެން ހުރުން ބުއްދިވެރިކަމެއް ނޫނެވެ. އެކަމަށް އެކަށީގެންވާ އެހީތެރިކަން ބޭނުންވާނެ އެވެ. އެހީ ހޯދުމަށް ލޯބިވާ މީހެއް، ގާތް މީހެއް، ތިމާގެ މީހެއް ނުވަތަ ދީނީ ޢިލްމުވެރިއެއް ފަދަ މީހެއްގެ އެހީތެރިކަން ހޯދުމަށް އަވަސްވެގަންނާށެވެ. ނަމަވެސް އެއީކީ ޕްރޮފެޝަނަލް ހައްލެއް ދެވޭނެ ބައެއް ނޫންކަންވެސް ހަނދާނުގައި ބެހެއްޓުން މުހިންމެވެ.
ކޫސަނި ކަންކަމަށް ނުވިސްނާ މައްސަލައިގެ އަސްލާއި މެދު ވިސްނާށެވެ.
އިންސާނުން ހާސްވެ ކަންބޮޑުވުމުން ނުވަތަ ޑިޕްރެޝަނަށް ދިއުމުން އެމީހުންނަށް އިވެނީ ބިރުވެރި، އިދިކީލި ޚިޔާލުތަކެއްގެ އަޑުތަކެކެވެ. ނަމަވެސް ތިމާގެ ނަފުސުގެ ހުންގާނުގައި ހިފާ ފަހިމަގަށް ދުއްވޭތޯ މަސައްކަތްކުރަން ޖެހެއެވެ. ކަމެއްދަމެއް ބޮޑުވުމުން، ކޫސަނި ކަންކަމަށް ފިކުރުނުކޮށް، ކަމުގެ އަސްލާއި މެދުގައި ވިސްނުން ބެހެއްޓޭތޯ މަސައްކަތްކުރާށެވެ. ކެޔޮގަނޑު އެލުވައިލުން ފަދަ ކޫސަނި ވިސްނުމަށް ދިޔަ ނުދޭށެވެ. ތެދެކެވެ. ހާސްވެ ކަންބޮޑުވުމުން އިދިކީލި ވިސްނުމަށް މީހާ ހުށައެޅުމީ އެކަން ހިނގާ ގޮތެވެ. އެހެނަސް، އިދިކީލި ވިސްނުންތަކުން ދުރުހެލިވުމަށްޓަކައިވެސް ކައުންސެލަރެއްގެ އެހީތެރިކަން ހޯދިދާނެއެވެ.
އެއްވެސް ހާލަތަކީ ނާއުއްމީދީ ހާލަތެއް ނޫންކަން ހަނދާނުގައި ބަހައްޓާށެވެ.
ދިމާވެގެން އުޅޭ މައްސަލައަކަށް ހައްލެއް އައިސް ތިބާގެ ހިތުގެ ދޮރުފަތުގައި ޓަކިދޭނީ ކޮން އިރަކު ކަމެއް ތިބާއަކަށް ނޭނގޭނެއެވެ. ގޯސް ހާލަތެއް މެދުވެރިވިއަސް އެއީކީ ހުރިހައި މަގުތަކެއް ބަންދުވުމެއް ނޫނެވެ. އަހަރުމެންނަށް ނުފެންނަ ނުވަތަ ނޭނގޭ ހިސާބެއްގައި އެކަމުގެ ހައްލު ވާނެއެވެ. އެހެންކަމުން ހިތްވަރު އެލުވައިނުލާށެވެ. ހާލަތުން އަރައިގަތުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ކާމިޔާބީއަކީ މަސައްކަތްކުރާ މީހާގެ މިލްކެއްކަން މިއީ އަބަދުވެސް ހަނދާނުގައި ބަަހައްޓަންޖެހޭ ރަނގަޅު ޝިޢާރެކެވެ.
އެހެންކަމުން، ތިމާ މާޔޫސްވެ، ކަންބޮޑުވެ، ގޮތް ހުސްވިޔަސް ކެޔޮގަނޑު އެލުވައިލާ ހިސާބަށް ދާން ހިތަށްވެސް ނާރުވައްޗެވެ. މާތްﷲ ވަނީ ކެތްތެރީންނާ އެކުގައެވެ.
ކެޔޮގަނޑު އެލުވައިލުމުން އެކަމުގެ ހިތާމަ އެތަކެއް ބަޔަކަަށް ލިބެއެވެ.
ކެޔޮގަނޑު އެލުވައިލުމުން ހައްލެއް ނުލިބުމުގެ އިތުރުން، އެކަމުގެ ސަބަބުން އެތަކެއް ބަޔަކަށް ހިތާއާއި ހިތްދަތިކަން ލިބެއެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު އަހަންނާ ދިމާވި މައެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. އެ މަންމަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު، މީގެ އަހަރުތަކެއް ކުރީން އަންހެން ކުއްޖެއްގެ މައްސަލައެއްގައި ދަންޖެހި މަރުވިއެވެ. އޭގެ ފަހުން އަދިއަދަށްދާންދެން ްވެސް އެ މަންމަގެ ލޮލަށް ހަމަނިދި ނުލިބެއެވެ. ނިދި ތެރޭގައި ދަރިފުޅު ފެންނަނީ އެވެ. ހޭލާ ހުއްޓާވެސް އެ ހަނދާންތައް އައުވެ އެ މަންމައަށް އެތަކެއް މަައްސަލަތަކެއް މިހާރުވެސް އެބަ ކުރިމަތިވެއެވެ. މިއީ އެ މަންމަގެ ހާލަތެވެ. އެ މަންމަގެ އިތުރުން ކިތަންމެ ބަޔަކު އެކަމާ މިއަދުވެސް ހިތާމަކޮށް ކަރުނަ އޮހޮރާނެއެވެ.
ކެޔޮގަނޑު އެލުވައިލި ކުއްޖާއަކީ މެދުރާއްޖެތެރޭ ކުއްޖަކަށްވެސް ވެދާނެއެވެ. ނަމަވެސް ރާއްޖޭގެ އެންމެ އުތުރުގެ ރަށެއްގައި ނުތަވަ އެންމެ ދެކުނުގެ ރަށެއްގައި ހުރި އޭނާގެ ރަހުމަތްތެރިއެއް މިއަދުވެސް އެކުއްޖާ ނެތިވެދިއުމުގެ ހިތާމަކުރަމުން ދާނެކަމީވެސް ނުވެނުދާނެ ކަމެކެވެ. އެހެންކަމުން އެފަދަ ކަމެއް ކުރުމަކީ އެތަކެއް ބަޔަކަށް ތިމާ ހީވެސްނުކުރާފަދަ ދެރައާއި ހިތާމަ ލިބޭނެ ކަމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!