ފްރެންޗައިސް އުސޫލުން ރާއްޖޭގައި ކުރިއަށްގެންދާ ހަމައެކަނި ރިއަލިޓީ ޝޯ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ރޭ ޕްރިމިއަރކޮށްފި އެވެ. ރޭ ޕީއެސްއެމް ގެ ޓީވީ މޯލްޑިވްސް އިން ދައްކާފައިވަނީ މާލޭ ސިޓީގެ އޮޑިޝަންތަކުގެ ޝޯ ތަކެވެ.

މިފަހަރުގެ ސީޒަނުން ކުރީފަހަރުތަކާއި ޚިލާފަސް ބޮޑެތި ތަފާތުތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އެގޮތުން މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލުގައި 4 ފަންނާނުން ތިބިއެވެ. އަދި ކުރީގެ ސީޒަންތަކުގައި ނުފެންނަ “ގޯލްޑަން މައިކް” މިފަހަރުގެ ސީޒަންގައި ފެނިގެންދާއިރު، އައިޑަލްގެ މިފަހަރުގެ ޝޯ ތަކުންވެސް ބައިވެރިންނަށާއި، ބެލުންތެރިންނަށްވެސް ބޮޑެތި ސަޕްރައިޒްތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޓީމުން ބުނެއެވެ.

އައިޑަލް ސީޒަން ތިނެއްގައި ފެނިގެންދާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ޝޯ ގެ ފިރިހެން ހޯސްޓެއްގެ ގޮތުގައި މިދިޔަ ދެ ސީޒަންގައިވެސް ފެނިގެންދިޔަ މޫސާ ވަސީމާއެކު މިފަހަރުގެ ސީޒަންގައި އަންހެން ޕްރެޒެންޓަރެއްގެ ގޮތުގައި ބެލުންތެރިންނާއި ބައްދަލުކުރީ ޝާއިނާ ޝަރީފެވެ. މީގެ އިތުރުން ޖަޖުންގެ ޕެނަލުން މިދިޔަ ދެ ސީޒަންގައިވެސް ފެނިގެންދިޔަ ބައެއް މޫނުތަކުގެ އިތުރުން މުޅިން އަލަށް ޒާރާ މުޖުތަބާ ވަނީ ޖަޖުންގެ ޕެނަލާއި ގުޅިފައެވެ.

އައިޑަލް ސީޒަން ތިނެއްގެ ޝޯ ތައް ރޭ ދައްކާފައި ވާއިރު، މިރޭ ވެސް ދެއްކުމަށް ހަމަޖެހިފައިވަނީ މާލޭ އޮޑިޝަންގެ ޝޯ ތަކެވެ. އަދި މިމަހުގެ 17 ވާ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ އޮޑިޝަން ދެއްކުމަށް ހަމަޖެހިފައިވާއިރު، ރ. އުނގޫރާފުގެ އޮޑިޝަންތައް ދައްކާނީ 18 ވާ އާދިއްދަ ދުވަހުގެ ރެއެވެ.

އައިޑަލްގެ ޝޯ ތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން މަސައްކަތް ކުރަމުންދާއިރު، ސީޒަން ތިނެއްގެ ތިއޭޓަރ ރައުންޑްގެ ޝޯ ތައްވެސް މިހާރުވަނީ ޝޫޓްކޮށް ނިންމާލާފައެވެ.

އޯޕަން އޮޑިޝަންގެ ޝޯ ތައް ނިމުމާއެކު ގޯލްޑަން ޓިކެޓް ހޯދި ބައިވެރިންނާއެކު ތިއޭޓަރ ރައުންޑްގެ ޝޯ ތައް އާއްމުންނާއި ހަމައަށް ގެނެސްދޭނެއެވެ. އެއަށްފަހު ޕިއާނޯ ރައުންޑް ނިންމާ، ގަދަ 12 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ޝޯ ތައް ކުރިއަށްދާނެއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގްރޭންޑް ފިނާލޭ އޮންނާނީ ފައިނަލްގައި ވާދަކުރާ ގަދަ 3 ބައިވެރިންނާއެކުއެވެ.

 

މަޢުލޫމާތު މަސްދަރު: ޕީއެސްއެމް ނިއުސް

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.