މިއީ ލ. އަތޮޅު ދެ މީހުންނާ، އައްޑޫ މީހަކާ، ހުވަދޫ މީހެއްގެ އިތުރުން ފުވައްމުލަކު މީހަކާ ދިމާވެގެން ދައްކާފައިހުރި ވާހަކަތަކެއް ހިމެނޭ ޚިޔާލީ ކުރު ޑައިލޮގެކެވެ. އެ އަތޮޅެއްގެ މީހާ ވާހަކަދައްކާފައި ވަނީ އެމީހާގެ އަތޮޅު ބަހުރުވައިންނެވެ.

މިއީ ސްކޫލު މަދަރުސާތަކުގައި ދިވެހިބަހުގެ ދުވަސް ނުވަތަ މާދަރީބަހުގެ ދުވަސް ފަދަ ދުވަސްތައް ފާހަކަކުރާއިރު އިސްޓޭޖެއްގެ މަތީގައި ކުޅެލެވިދާނެ ކުރު ތަމްސީލެކެވެ. މި ތަމްސީލުން ކޮންމެވެސް ވަރަކަށް އެކިއެކި ބަހުރުވަތައް އެނގިގެންދާނެ އެވެ. ދޭހަކުރާން ފަސޭހައަކަށް، ރަސްމީ ބަހުރުވައިން ވެސް ޑައިލޮގުތައް ހިމަނާފައިވާނެ އެވެ. ރަސްމީ ބަހުރުވައިގެ ޑައިލޮގުތައް ކަޅުކުލައިންނެވެ.

ތަނަކީ ރަށުގެ އަތިރިއަށް ދިއުމަށް އޮންނަ ބޮޑުމަގެވެ. ވަގުތަކީ ދުވާލުގެ ކޮންމެވެސް ވަގުތެކެވެ. ލާމު އަތޮޅު ޚަދީޖާ (ކަދީދޭ)ގެ ކަނޑިކީގެ އެއްކަނުގައި ހިފަހައްޓާލައިގެން ކިހިލީގައި މުޅޯއްޓެއް ޖަހައިގެން ހަރުކޮށް ހިނގާފައި އަތިރިއަށް ދަނިކޮށް ދިމާވަނީ ލާމު ހައްވަ (ހައްވޭ) އާއެވެ. ހައްވަގެ އަތުގައި ކީލިޖަހާފައި އޮތް ހަތަރު ކާށި އޮތެވެ. ލާމު ހައްވަ އަޑުގެ ކޮޅަށް ޚަދީޖާއަށް ގޮވާލަމުން ވާހަކަދައްކަން ފަށައެވެ.

ލާމު ހައްވޭ: ހޭތް…. ކަދީދޭ…… މުޅޯއްޓަށް އަޅައިގެން ކޯއްޗެއްދޯ އަތިރިޔަށް ތެއް ގެންގެރެނޫ؟

ލާމު ހައްވޭ: އޭއް…. ޚަދީޖާ…… މުޅޯއްޓަށް އަޅައިގެން ކޯއްޗެއްތަ އަތިރިޔަށް ތިޔަ ގެންދަނީ؟

 

ލާމު ކަދީދޭ: ކިޔެކޭ ހައްވޭ…. މިޔޯ ރަންކޮޅޭ ކަމަކޫ. ކޮންމަ ދޮހާކު ހެނދުނު ހޭލަން އިރޭ އަފެއްގޭ މައިފިތު ވަޅުން މި ކޯތެކެއް ނަގާން އެބަ ޖެހޭ. އަދުވެސް އަފެގެ އަމޭ މައިފިތަށް ވަތް އިރޭ ކަމަކު ދާކަށް ނެތް. އެއްމަ ކޮއްވެއް ދެ ކޮއްވެއް ނޯން އޮތޫވެއް.

ލާމު ކަދީދޭ: ކީކޭ ހައްވާ…. މިއީ ރަންކޮޅާ ކަމަކީ. ކޮންމެ ދުވަހަކު ހެނދުނު ހޭލާ އިރު އަހަރުންގޭ ގިފިލީ ވަޅުން މި މީދާކޭއުނބުތަކެއް ނަގަން އެބަ ޖެހޭ. މިއަދުވެސް މަގޭ މަންމަ ގިފިއްޔަށް ވަންއިރު ކަމަކު ދާކަށް ނެތް. އެއްމެ މީދާކޭއުނބެއް ދެއުނބެއް ނޫން އޮތީކީ

 

ލާމު ހައްވޭ: އެހެން ވަނޫ. އަހަރިންވެސް އަފެއްގޭ ފޮޅަށްދަށުން ވަދެގެން އަތިރިއަށް އެރީފާ މި އަރަނޫ. އަރަމުން އުމަނިކޮށް ހަތަަރަ ކާށި ފެނީގެން ކީލިޖަހައިގެން މި ނުކުތޫ

ލާމު ހައްވޭ: އެހެންތަވީ. މަވެސް އަހަރުންގޭ ވަލުތެރެފަރާތުން ވަދެގެން އަތިރިއަށް ގޮސްފަ މި އަންނަނީ. އެއްގަމަށް އަންނަނިކޮށް ހަތަރު ކާށި ފެނިގެން ކީލިޖަހައިގެން މި ނިކުތީ.

 

ލާމު ކަދީދޭ: އެހެންދޯ. ހޭއް އަފޫބިލާ މައި އެއްކޮށް އަތިރިޔަށް ގޮހޮލާން. އަހަރިން އެބަޖެހޭ އަތިރީ ހޭޅިޔުން ފޮނަފޮށި ކޮޅެއްވެސް ގެންގެރާން.

ލާމު ކަދީދޭ: އެހެންތަ. އޭއް އާދެބަލަ މަށާ އެކީ އަތިރިޔަށް ގޮސްލަން. މަ އެބަޖެހޭ އަތިރީ ހޭޅިފަށުން ފުޅަލި ކޮޅެއްވެސް ގެއަށް ގެންދަން.

 

ހައްވަ އަދި ޚަދީޖާ ވާާހަކައިގައި ތިއްބާ އައްޑޫ އީސަގެ ދެއަތަށް ހެޔޮވަރަށް ކަޅުބިލަ މަސް ހިފައިން އެއްގަމަށް އަރަމުން ޚަދީޖާ ފެނިގެން މަޑުކޮށްލއެވެ. ޚަދީޖާގެ ފިރިސޮރު ހަސަންކޮއެގެ ޚަބަރެއްނުވާތީ ކަންބޮޑުވެފައި ހުރެ:

އައްޑޫ އީސަ: އޯތް ޚަދީޖާ. ކޮބާ ތެގޭ ހަސަންކަލޯ؟ އެއަ މަހަށް ނިއަނީ އަނެއްކޯ އިޔަ ބަލިއްޔާ؟

އައްޑޫ އީސަ: އޭތް ޚަދީޖާ. ކޮބާ ތިގޭ ހަސަންކޮއެ؟ އޭނަ މަހަށް ނުދަނީ އަނެއްކާ އޭނަ ބަލީތަ؟

 

ލާމު ކަދީދޭ: އެސޮރަ އޮޅެން ގޮތެއް މަކަށް ނޭނގޭ. އަފެގެ މަނިކަށް ހީވަނޫ ކޮންމެވެސް ކަންތެއްގަނޑެއް ލައިގަނެގެން އޮޅެންހެން. އިނބަ އަޅެ އަފެގެ މަހުތާ ވާހަކަދައްކަބިލާ

ލާމު ކަދީދޭ: އެސޮރު އުޅޭ ގޮތެއް މަށަކަށް ނޭނގޭ. އަހަރެންގެ ފިރިހެންދަރިޔަށް ހީވަނީ ކޮންމެވެސް ކަންތައްގަނޑެއް ލައިގަނެގެން އުޅޭހެން. ކަލޭ އަޅެ އަހަރެންގެ ފިރިހެންސޮރާ ވާހަކަދައްކާލަބަލަ.

 

ރަށުގެ އިރުމަތީ ފަރާތުން ދުވެފައި ކަހަލަ ގޮތަކަށް ދެލޯ މުދުނަށް ނަގައިގެން ހުވަދޫ މޫސަ އަންނަ ގޮތުން ކޮންމެވެސް ކަމެއްދަމެއް ބޮޑުވެއްޖެކަން އެނގެއެވެ. ހައްވަ، ޚަދީޖާ އަދި އީސަގެ ގާތުގައި މަޑުކޮށްލަމުން މުންޑުގައި ޖަހާފައި ހުރި ލޮނި ރަނގަޅުކޮށްލަމުން:

ހުވަދޫ މޫސަ: އޭއި (ޖޯއި) މަނިކާ ރޯއްދާ. މިރަޓު އިރަމައްތޭ ފަރާތު ފަރަން ހޯކޯމާރު ބޯޓެކެ އަރައިގޮހޯ ބަހުއްޓީ!

ހުވަދޫ މޫސަ: އޭއް މަނިކާ ރޯއްޖާ. މިރަށު އިރުމަތީ ފަރާތު ފަރަށް ހޯކޯމާރު ބޯޓެއް އަރައިގެން އެބަ އުޅޭނު!

 

ރާ ބާލައިގެން ދެއަތުން ރާ ބަދި ހިފައިގެން މަގަށް ނުކުތް ފުވައްމުލަކު ތައްޚާނަށް މޫސަ ދެއްކި ވާހަކަ އަޑުއިވިގެން މާބޮޑަށްވެސް ކަންބޮޑުވެފައި ހުރެ:

ފުވައްމުލަކު ތައްޚާނު: ތީ ހަމަ ހެއުކޮހޮ އޭ؟ އޭ އެނެއްކޮޅެ ފަރަންޖީން ތިބި ބޯޓެކެ؟ އެމީހުން އެނެއްކޮޅެ މިރަށަހަ ނިއަރަންނެ؟

ފުވައްމުލަކު ތައްޚާނު: ނާ ހަމަ ތެދެއް؟ އެއީ އަނެއްކާ ފަރަންޖީން ތިބޭ ބޯޓެއްތަ؟ އެމީހުން މި ރަށަށް އަނެއްކާ ނާރާނެތަ؟

*******

ނޯޓް: މި ލިޔުން ފުރިހަމަ ކުރުމަށް އައްޑޫން ފަތުޙުﷲ، އެމްޖޭގެ ދެވެރިން، ގއ. އަތޮޅުގެ ޝިމްނާ ވެދެއްވި އެހީތެރިކަމަށް ޝުކުރުވެރިވަމެވެ. މީގެ އިތުރުން މިފަދަ މަސައްކަތެއް ކުރުމަށް ޚިޔާލުއައުމަށް މެދުވެރިވި މުނިއަވަސްގެ މެންބަރު ޢާއިޝަތު ރިފްޒާގެ ނަންވެސް މި ލިސްޓުގައި ހިމަނާލަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.