އެމެރިކާގެ ރެކޯޑް ލޭބަލެއް ކަމަށްވާ “ވޯރނާރ މިއުޒިކް” އިން މަންޓާ އެއާގެ ތީމް ލަވަ “ވިންޑް ވޯކަރ”ގެ ޑިސްޓްރިބިއުޝަން ރައިޓްސް ހޯދާފައިވާކަން އިއުލާންކޮށްފިއެވެ.

ބޭރުގެ ރެކޯޑް ލޭބަލްއަކުން ރާއްޖޭގެ ލަވައެއްގެ ޓިސްޓްރިބިއުޝަން ރައިޓްސް ގަތް ފުރަތަމަ ލަވައަކަށް ވެފައި މިވަނީ “ވިންޑް ވޯކަރ” އެވެ. އެހެންކަމުން މިއީ ދިވެހި މިއުޒިކްގެ ތަރީޚުގައި ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއްކަން ފާހަގަކޮށްލެވެއެވެ.

މަގްބޫލު ދިވެހި ބޭންޑު “ދަ ކަބާންސް”ގެ “ވިންޑް ވޯކަރ” ލަވަ ޕްރޮޑިއުސްކޮށްފައި ވަނީ އަހުމަދު ފައިޒާން (ފައިޒަން)، އަދި ލިޔެފައި ވަނީ ނައުފަލް ނައީމް (ނާނު) އެވެ. މި ލަވަ ކިޔާާފައިވަނީ “ދަ ކަބާންސް” ބޭންޑު މެންބަރުންގެ އިތުރުން، މޯލްޑިވިއަން އައިޑަލްގެ ތަރި މަރިޔަމް މައިޝާ އެވެ.

“ދަ ކަބާންސް” އިން މިހާރު ދަނީ މިއަހަރުގެ ފަހުކޮޅު ނެރޭ ފުރަތަމަ ސްޓޫޑިއޯ އަލްބަމްގެ މަސައްކަތް ކުރަމުން ކަމަށާއި އެ އަލްބަމް ވެސް ޑިސްޓްރިބިއުޓް ކުރާނީ “ވޯރނާރ މިއުޒިކް” އިން ކަމަށް މަޢުލޫމާތު ލިބެއެވެ.

 

“ވިންޑް ވޯކަރ” ލަވަ ސްޕޮޓިފައި އިން މިހާރު އަޑުއަހައިލެވޭނެ އެވެ.

“ދަ ކަބާންސް” ބޭންޑުގެ މެންބަރު އަހްމަދު އަރްޝަދު (ކޮއްކޮ) ބުނީ މިއީ އެ ބޭންޑުން ކުރި ދިގު ދަތުރުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށާއި މިއީ ބޭންޑަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

“…. އެކަމަކު މިއީ ހަމައެކަނި ފެށުމެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންގެ މިއުޒިކް ދެން އޮތް ލެވެލްއަށް ގެންދިއުމަށް، އަދި ދުނިޔެ އަޅުގަނޑުމެންގެ އޯޑިއަންސަށް ހެދުމަށް ކެތްމަދުވެފައި މިތިބީ. އަޅުގަނޑުމެންނަށް އިތުބާރުކޮށް، އަޅުގަނޑުމެންނަށް މި އަގުހުރި ފުރުސަތު ދެއްވި މަންޓާ އެއާރ އަދި ޕަލްސް ހޮޓެލްސްއަށް ޚާއްޞަ ޝުކުރެއް ދަންނަވަން.” އަރްޝަދު އިތުރަށް ބުންޏެވެ.

މި މަޝްރޫއު ބަލަހައްޓަވަމުން ގެންދަވާ ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ޑިރެކްޓަރު އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް މާކެޓިން މުހައްމަދު ޝަފްރާޒް ހާފިޒް ވިދާޅުވަނީ މިއީ ދިވެހި މިއުޒީޝަނުންގެ މަސައްކަތް އެހެން ލެވެލްއަކަށް ގެންދިއުމަށް ފަހިވެގެން ދިޔަ ފުރުޞަތެއް ކަމަށެވެ.

ދަ ކަބާންސް ބޭންޑާއި މައީޝާ، މަންޓާއެއާގެ ތީމް ލަވަ “ވިންޑް ވޯކާ”، ހުށަހަޅައިދެނީ -ފޮޓޯ: މަންޓާ އެއާ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.