ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮކް ޕާރފޮމަންސެއް ދިންތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ “ރޮކް 50” (ރޮކް ފިފްޓީ) އިވެންޓްގެ ޓިކެޓް ވިއްކަން ފަށައިފި އެވެ. މާރިޗް މަހުގެ 13 އިން 14 އަށް އޮލިމްޕަހުގައި ބާއްވާ މި ޚާއްޞަ އިވެންޓްގެ ޓިކެޓް މިހާރު އޮލިމްޕަހުން ގަންނަން ލިބޭނެއެވެ.

އަޙްމަދު (އެކްސްރޭ) އާތިފް އާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް ގުޅިގެން ބާއްވާ “ރޮކް 50″ގެ ޓިކެޓް ލިބެން ހުންނާނީ އޮލިމްޕަހުންނެވެ. ހެނދުނު 10:00ން 12:00 އަށް އަދި 14:00ން 17:00 އަށާއި 2030ން 22:30 އަށް އޮލިމްޕަހުގެ ޓިކެޓް ކައުންޓަރު ހުޅުވިފައި ހުންނަ ވަގުތުތަކުގައި އެތަނަށް ގޮސްގެން ނުވަތަ 7603815 ނަންބަރަށް ގުޅައިގެން ޓިކެޓް ބުކްކުރެވޭނެއެވެ.

ޓިކެޓްގެ އަގުތައް އުޅެނީ 100 ރުފިޔާ އަދި 200 ރުފިޔާއަށެވެ.

ޝޯވ އިންތިޒާމުކުރާ ފަރާތުން ބުނީ ޝޯއަށް ވަންނައިރު، 70ގެ އާއި 80ގެ އަހަރުތަކުގެ ހެދުން ލައިގެން ދާން ބޭނުންވާ ފަރާތްތަކުން އެކަން ކުރުމަށް އެދޭކަމަށެވެ.

“ރޮކް 50″ގައި ކުރީގެ މިއުޒީޝަނުންނާއި ރެޕެޓުއަރޒްގެ ހުށައެޅުންތަކާއި އިވެންޓްގައި ބައިވެރިނުވެވޭ ފަރާތްތަކަށް ދޭ ޓްރިބިއުޓްގެ އިތުރުން ރޮކް މިއުޒިކް ފެށި ދުވަސްވަރު އެހީތެރިވެދިން ފަރާތްތަކަށްވެސް މި ޝޯ ޚާއްޞަކުރުމަށް ހަމަޖެހިފައިވެއެވެ.

“ރޮކް 50” ކޮންސެޓްގައި ރޮކް މިއުޒިކް ކުޅެންފެށި ފުރަތަމަ ޖީލުގެ މެންބަރުންގެ ހުށައެޅުންތައް ފެނިގެންދާނެއެވެ. މިގޮތުން އޭރުގެ ބޭންޑްތައް ކަމަށްވާ ‘ޝޫޓިންގ ސްޓަރޒް، ވެމްޕަޔަރަސް، ސިލޫޓްސް، ކްއިކްސޭންޑް، ޓްވެންޓިއަތު ސެންޗަރީ ބީސީ އަދި އެމޭޒަން ޖޭޑް’ މެންބަރުން ފެނިގެންދާނެ އެވެ. މީގެ އިތުރުން މި ޖީލުގެ ފާހަގަކޮށްލެވޭ ތަރިންކަމަށްވާ ޝިހާމް، އިބްރާހީމް ޚާލިދު، ޒާާހިދު، ރީނދޫ، ރަޝާދު، ނާޝިދު ފަދަ ފަންނާނުން މަތިން ހަނދުމަކޮށްލުމަށް ހުށައެޅުންތަކެއް ދައްކައިލާނެއެވެ.

މި އިވެންޓްގައި ފެނިގެންދާނެކަމަށް އުއްމީދުކުރެވޭ ފަންނާނުންގެ ތެރޭގައި އާތިފް (އެކްސްރޭ އާތިފް)، އަލިބެ، ޝަފީޤް، އަބްސީ، ނާހިދު، އަތީޒާ، މައީޝާ އަދި ޒާރާގެ އިތުރުންވެސް ބައެއް ފަންނާނުން ހިމެނޭނެ ކަމަށް މި އިވެންޓް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. މީގެ އިތުރުން ބެކިން ލައިންއަޕްގައި މުތުރިބް، ޝާމްބެ، އިންތި، ޔައުގޫބް، ޒިޔާ، ވިންފާޒް، ޝަންމޫން އަދި މަނާލް ހިމެނޭނެ އެވެ.

“ރޮކް 50″ގެ ތެރެއިން އެ ދުވަސްވަރު މިއުޒިކު ކުޅެން ބޭނުންކުރި އިންސްޓްރޫމެންޓްތައް، އޭރުގެ ފޮޓޯތައް އަދި ބައެއް ޑޮކިއުމެންޓްތައް ދައްކައިލުމަށް މައުރަޒެއްވެސް ކުރިއަށްދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.