މާރިޗު 19، 2023، މާލެ

ނޫރާއްޖެއިން ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭގެ ރިޕޯޓް އާންމުކޮށްފިއެވެ. މުޅި ރާއްޖެ އެކުލެވޭ ގޮތަށް ހަދާފައިވާ ސާރވޭއާއެކު 25,000 ދިވެހިން ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކޮށް އަގުކުރާ ގޮތް އެނގިގެންދާނެއެވެ. މި ރިޕޯޓް www.nooraajje.org/oceanusesurvey ވެބްސައިޓްއިން އޮންލައިންކޮށް ފެންނާނެއެވެ.

ނޫރާއްޖޭގެ ޓީމުން ވަނީ ސާރވޭގެ ހޯދުންތައް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ބޭއްވުނު ސެޝަންއެއްގައި ހިއްސާކޮށްފައެވެ. މީގެ އިތުރުން ނޫރާއްޖެއިން ވަނީ ރަސްދޫގައި ކޮމިއުނިޓީ އިވެންޓެއް ބާއްވާ ސާރވޭގެ ރިޕޯޓް ނިމުން ފާހަގަކޮށްފައެވެ. މިއަދު މި ނެރެވޭ ރިޕޯޓުން ފާހަގަވެފައިވާ ގޮތުގައި މި ސާވޭއަށް މުޖުތަމައުގެ ބައިވެރިވުން ވަރަށް ރަނގަޅަށް ލިބުނެވެ. އަދި ކަނޑުފަޅުތަކުގެ ކުރިމަގު ބައްޓަން ކުރުމުގައި ދިވެހިން ބައިވެރިވުމަށް ޝައުޤު ހުރި ކަމަށް ވަނީ ފާހަގަވެފައެވެ.

މި ސާރވޭއަށް ނޫރާއްޖޭގެ ޓީމުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 189 ރަށަށް ގޮސް 4900 މީހުންނާ ސުވާލުކޮށްފައެވެ. މި އަދަދުތަކާއެކު މި ސާރވޭއަކީ ދުނިޔޭގައި މިހާތަނަށް ހެދިފައިވާ މިފަދަ އެންމެ ބޮޑު ސާރވޭއެވެ. އަދި ނޫރާއްޖެއިން ވަނީ އާބާދީއަށް ބަލައި ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ސާރވޭކުރަން ޓާގެޓް ކުރި މަސްވެރިންގެ އަދަދު ދެ ގުނައަށް ވުރެން އިތުރަށް ހާސިލްކޮށްފައެވެ.

ނޫރާއްޖެއިން ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީގެ 50 ދަރިވަރުންނާއި، ފެކަލްޓީ މެންބަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި ތިމާވެށި ރައްކާކުރުމާގުޅޭ ޖަމިއްޔާތަކުގެ މެންބަރުންނަށް އަމާޒުކޮށްގެން ނެޝަނަލް ޔުނިވާރސިޓީގައި އިންޓަރެކްޓިވް ސެޝަންއެއް ބާއްވާފައެވެ. މި ސެޝަންގައި ސާރވޭގެ މުހިންމު ހޯދުންތަކާއި އުސްއަލިތައް ހިއްސާކޮށް، ބައިވެރިންނަށް ނޫރާއްޖެ ޓީމާ ސުވާލުކުރުމުގެ ފުރުޞަތު ދީފައިވެ އެވެ.

މީގެ އިތުރުން ނޫރާއްޖެއިން ވަނީ ސާރވޭ ނިންމުން ފާހަގަކުރުމުގެ ގޮތުން ރަސްދޫގައި ހާއްސަ ކޮމިއުނިޓީ އިވެންޓެއް ބާއްވާފައެވެ. ރަސްދޫއަކީ މަސްވެރިކަމާ ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ރަށެއްގެ އިތުރުން މެރިން ޕްރޮޓެކްޓެޑް އޭރިއާއެއް ޤާއިމުކުރެވިފައިވާ ރަށެކެވެ. މި ރަށަކީ ކަނޑުފަޅުތައް ރަށުގެ އިޤްތިޞާދާއި، ވެއްޓާއި، މުޖުތަމައަށް ފައިދާ ކުރާ ގޮތަށް ބޭނުންކުރުމުގެ ލާމަސީލު މިސާލެކެވެ. މި ކަނޑުވެރިންގެ ފެސްޓިވަލްގައި މަސްބޭނުމުގެ މުބާރާތެއްގެ އިތުރުން ފެތުމުގެ މުބާރާތަކާއި އެކި މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތްތައް ވަނީ ހިންގާފައެވެ.

އޯޝަން ޔޫސް ސާރވޭއަކީ ކަނޑުތައް ބޭނުންކުރާ ހުރިހާ ފަރާތްތައް، އަދި ވަކިން ހާއްސަކޮށް މަސްވެރިންގެ އަޑު، ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމުގެ ތެރޭގައި ހިމެނުމުގެ މުހިންމު ފުރުތަމަ ފިޔަވަޅެކެވެ. މި ޕްލޭން އެކުލަވާލެވިގެންދާނީ ސައިންސްގެ މައްޗަށް ބިނާކޮށް މުޖުތަމައުގެ ބައިވެރިވުމާ އެކުގައެވެ. މި ސާރވޭ ޑިޒައިންކޮށް ހިންގުމުގައި ނޫރާއްޖެއިން ވަނީ ސަރުކާރުގެ އެކި ވުޒާރާތަކާއި ރައީސް އޮފީހާއެކު ގާތުން މަސައްކަތްކޮށްފައެވެ.

ދިވެހިންނަށް އަދިވެސް ވަނީ ކަނޑުފަޅުތަކުގެ ކުރިމަގު ބައްޓަންކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައެވެ. އެ ގޮތުން ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނެރުމަށް ހަމަޖެހިފައިވާ އޮފްޝޯ މެރިން ސްޕޭޝަލް ޕްލޭންއަށް ޚިޔާލު ހުށެއެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

“ކަނޑުތަކާ ގުޅިގެން ނިންމާ ނިންމުތަކުގެ އަސަރު ހުރިހާ ދިވެހިންނަށް ކޮންމެވެސް ސިފައެއްގައި ކުރާނެ. އެހެންކަމުން، ދިވެހިން ކަނޑުފަޅުތައް ބޭނުންކޮށް އަގުކުރާގޮތް ރަނގަޅަށް އެނގުމަކީ ވަރަށް މުހިންމު ކަމެއް. މި ސާވޭއަށް ކަނޑުފަޅުތައް ބޭނުންކުރާ މަސްވެރިންނާއި، ޓޫރިޒަމް އިންޑަސްޓްރީއާއި، ޝިޕިން އިންޑަސްޓްރީއާއި، ސަޤާފީ އަދި މުނިފޫހިފިލުވުމަށް ކަނޑުތައް ބޭނުންކުރާ ފަރާތްތަކުން ދެއްވި އެއްބާރުލުން ފެނި އަޅުގަނޑުމެންނަށް އިތުރު ހިތްވަރެއް ލިބިއްޖެ. ކުރިއަށް އޮތް ތަނުގައިވެސް މި ފަދަ އެއްބާރުލުން ލިބޭނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،” މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހުސައިން ވިދާޅުވިއެވެ.

“ދުނިޔޭގެ އެންމެ ބޮޑޫ އޯޝަން ޔޫސް ސާރވޭ އަޅުގަނޑުމެންނަށް ހެދިފައި މި ވަނީ ރާއްޖޭގެ މުއައްސަސާތަކާއި، ތިމާވެށި ރައްކާކުރުމުގެ ޖަމިއްޔާތަކާއި އާންމު މުޖުތަމައުގެ ބައިވެރިވުމާއި އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބިގެން. މި ސާވޭގައި ދެއްވި ސަޕޯޓަށް ނޫރާއްޖޭގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރުވެރިވަން އަދި ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށްވެސް އުންމީދު ކުރަން،” ނޫރާއްޖޭ ސައިޓް މެނޭޖަރ ފާތިމަތު ނިސްތަރާން ވިދާޅުވިއެވެ.

ފޮޓޯ: ނޫރާއްޖެ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.