އެޑިޓަރުގެ ބަސް:

މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.

╌──═❁═──╌

ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓި ޒުވާނަކު މަރުވެއްޖެ . . . .
ރޭދަންވަރު އިމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެ. . .
މަރުވެފައި އޮތް މީހަކު މަގުމަތިން ފެނިއްޖެ. ” ނޫސްތައް ހުޅުވާލުމާއިއެކު ކޮންމެ ނޫހެއްގެ ފަލަސުރުހީން ވެސް ފެނުނީ އެޚަބަރެވެ. ރޭގެވަގުތެއްގައި އިމާރާތަކުން ވެއްޓިގެން މަރުވެފައިކަމަށް ބެލެވޭ ޒުވާނަކު މަގުމަތީގައި އޮއްވައި ފެނުނު ވާހަކައެވެ. އެ މައްސަލަ ބަލަމުންދާ ވާހަކައެވެ. ތަފާތު ނޫސްތަކުގައި ތަފާތު ގޮތްގޮތަށް ތަފާތު ސުރުހީތަކުން ލިޔެފައި ހުރިނަމަވެސް ޚަބަރަކީ އެއްޚަބަރެކެވެ. ބައެއް މީޑިޔާ ތަކުން އެޒުވާނާގެ ފޮޓޯތައް އާންމުކުރަމުން ދިޔައިރު މުޅި ފޭސްބުކްގައި ވެސް ދައުރުވަމުން ދިޔައީ އެފޮޓޯތަކެވެ.

ތިންފަންގިފިލާއަށް ވާގޮތަށް ހަދާފައިވާ އެއިމާރާތުން ވެއްޓިގެން ނުވަތަ ވައްޓާލައިގެން މަރާލާފައިވާކަމަށް ބެލެވޭ ސަލްމާންގެ މަރުގެ ތަޙުޤީޤު ކަމާއިބެހޭ ފަރާތްތަކުން ކުރަމުން ދިޔައެވެ. އެ ސަރަހައްދާއި ގުޅިފައިވާ މަގުތަކުގައި ބަހައްޓާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި އެ އިމާރާތުގައި ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާތަކުގެ ވީޑިއޯ ރެކޯޑިން ވެސް ބަލަމުން ދިޔައެވެ. އެއިމާރާތުގައި ދިރިއުޅެމުންދާ މީހުންނާއި ބައްދަލުކޮށް މަޢުލޫމާތު ނެގުމުގެ މަސައްކަތް ވެސް ދާދި އެކުގައި ކުރިޔަށް ދިޔައެވެ.

ފަސް ފަންގިފިލާއަށް ވާގޮތަށް ބިނާކޮށްފައިވާ އެއިމާރާތުގެ އެކި ފަންގިފިލާގައި އެތައް ބަޔަކު ދިރިއުޅެއެވެ. އެއްބަޔަކަށް އަނެއް ބަޔަކު އެނގޭ ބަޔަކު ވަރަށް މަދެވެ. އެތަނުގައި މުޅިންހެން އުޅެނީ ކުއްޔަށް އެޕާރޓްމަންޓްތައް ނަގައިގެން ދިރިއުޅޭ ފަރާތްތަކެވެ. ތިންވަނަ ފަންގިފިލާގައި ހުރި ދެކޮޓަރީގެ އެޕާރޓްމެންޓްތަކުގެ ތެރެއިން އެއް އެޕާރޓްމެންޓްގައި ދިރިއުޅެނީ ނާހިޔާގެ ދެމަފިރިންނެވެ.

ހިނގައިދިޔަ ހާދިސާގެ ސަބަބުން ނާހިޔާ ވަރަށް ބިރުގަތެވެ. އޭނާއާއެކު އޭނާގެ ފިރިމީހާ ދިރިއުޅެމުންދިޔަ ނަމަވެސް ދޭތެރެއަކުން އޭނާ ރަށުން ބޭރަށް ދެއެވެ. އެތަނުގައި އެދެމަފިރިން ފިޔަވައި އެހެން އެއްވެސް މީހަކު ނޫޅެއެވެ. އަހްޒާމް މިހާރު ވެސް ވީ ރަށުން ބޭރުގައެވެ.

ކުއްލިއަކަށް އިވުނު އަޑުތަކާއި ފެނުނު މަންޒަރުގެ ސަބަބުން، އެ އިމާރާތުގައި އިތުރަށް މަޑުކުރާކަށް ނާހިޔާ ބޭނުމެއް ނުވިއެވެ. އަވަސް އަވަހަށް އަހްޒާމަށް ފޯނުކޮށް އެވާހަކަ ބުންޏެވެ. އެތަނުގައި އޭނާއަކަށް ނޫޅެވޭނެއެވެ. އެކަނި އެތަނުގައި ހުންނަން ވެއްޖެނަމަ އޭނާ ބިރުން މަރު ވެދާނެ އެވެ. އެހެން ތަނަކަށް ބަދަލުކޮށްދެވެން ނެތްނަމަ ރަށަށް ނަމަވެސް ބަދަލުވާން އޭނާ ބޭނުމެވެ.

އޮފީސް މަސައްކަތްތައް މެދުކަނޑާލުމަށްފަހު އަހްޒާމް މާލެއައީ އޭނާގެ އަންހެނުންގެ ހާލަތު ހުރިގޮތުންނެވެ. އެހާލުގައި އަންހެނުން އެކަނިމާއެކަނި ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ. ނާހިޔާއަށް ދެރަގޮތެއް ވެއްޖެނަމަ އޭނާގެ ހިތަކަށް ކެތެއް ނުވާނެއެވެ. ނާހިޔާއާ ނުލައި އޭނާ އަކަށް ނޫޅެވޭނެއެވެ.

އެ އިމާރާތުގައި ދިރިއުޅެމުންދާ މީހުންގެ އިތުރުން ސަލްމާން ފިޔަވައި އެހެން މީހަކު އެރޭ އެއިމާރާތަށް ވަދެފައިވާކަން އެނގޭކަށް ނެތެވެ. ސަލްމާން ވެސް ގޮސްފައިވަނީ ކޮން ފަންގިފިލާއަކަށް ކަމެއް އެނގޭކަށް ނެތެވެ. އެވަގުތަކީ އިމާރާތުން ކަރަންޓްދިޔަ ވަގުތަށް ވެފައި ސަލްމާން މިސްރާބު ޖެހީ ސިޑިން ކަމަށްވާތީ ކެމެރާ އޮންވިއިރު އެއިން އެއްވެސްކަމެއް ރެކޯޑު ކުރެވިފައެއް ނެތެވެ. އެއިމާރާތުގެ އެއްވެސް ބަޔެއްގައި ސަލްމާންއާ ގުޅުންހުރި އެއްވެސް މީހަކު އުޅޭ ކަމަކަށް ވެސް ނުވެއެވެ.

ނާހިޔާއަށް ހިތްވަރާއި ނަސޭހަތްދީ އޭނާ ހަމައަކަށް އެޅުވޭތޯ އަހްޒާމް މަސައްކަތްކުރަމުން ދިޔައެވެ.

އެއިމާރާތުގައި ދިރިއުޅެމުންދާ މީހުންގެ މަޢުލޫމާތު ހޯދަމުން މަޢުލޫމާތު އެއްކުރަމުން ފިންގަރޕްރިންޓް ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ޓީމުން ނާހިޔާމެން ދިރިއުޅެމުންދާ އެޕާރޓްމަންޓަށް ވެސް އައެވެ.

އަހްޒާމް ދެމުންދިޔަ ހިތްވަރާއި ނަސޭހަތުގެ ސަބަބުން، ނާހިޔާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. މިހާރުން މިހާރަށް މިތަނުން ދާން އުޅެފިނަމަ އެމީހުނާއިމެދު ސައްކު ކޮށްފާނެކަން ވިސްނުނެވެ. އެމީހުނާއި އެއްވެސް ގުޅުމެއްނެތް ކަމެއްގައި އެމީހުން ހާސްވެ ކަންބޮޑުވާންވީ އެއްވެސް ސަބަބެއް ނެތެވެ. މީގެކުރިން ވެސް ނާހިޔާ އެކަނި މާއެކަނި އެތަނުގައި އުޅެފިއެވެ. އެތައް ރެއަކު ނިދަފިއެވެ.

ކުއްލިއަކަށް މި ދިމާވި ކަންތަކާއި ގުޅިގެން އަހްޒާމް ބޭނުންވީ ޗުއްޓީ ނަގާށެވެ. އަންހެނުން ހަމައަކަށް އެޅެންދެން އޭނާ ކައިރީ މަޑުކޮށްލާށެވެ. އޭނާ ކައިރީ އަހްޒާމް މަޑުކުރުމުން ނާހިޔާއަށް ހިތްވަރު ލިބޭނެއެވެ. ހިތަށް ހަމަޖެހުން ލިބި ސިކުނޑިއަށް ލުއިވާނެއެވެ.

އަހްޒާމްގެ އެހީއަކަށް އޭނާ އެންމެ ބޭނުންވި ވަގުތު އަހްޒާމް އެފަދައިން ކަންތައް ކުރުމުން ނާހިޔާ ވަރަށް އުފާވިއެވެ. ހިތަށް ހަމަޖެހުން ލިބުނެވެ. އަހްޒާމް އޭނާ ދެކެ ވަނީ ޙަޤީޤީ ލޯބިކަން އިތުރަށް ޔަގީންވިއެވެ.

ދުވަސްތަކާއި ރޭތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދިޔައެވެ. ސަލްމާންގެ މަރުގެ މައްސަލަ ތަހުޤީޤުކުރާ ޓީމުން އެމީހުންގެ މަސައްކަތް ހުއްޓައެއް ނުލައެވެ. ލިބެމުންދިޔަ ކުރިއެރުމާއިއެކު އެކަމާއި ގުޅުންހުރި ބައެއް މަޢުލޫމާތު މީޑިޔާތަކާއި ހިއްސާ ކުރަމުން ވެސް ގެންދިޔައެވެ.

އެކަނި މާއެކަނި ކޮޓަރީގައި އޮތް ނާހިޔާ ވިސްނަމުން ދިޔައީ ސަލްމާންގެ މަރާއިމެދުގަ އެވެ. އޭނާއަށް ސަލްމާން ފެނުނު ގޮތާއި މެދުގައެވެ. އޭނާއާ ސަލްމާން ބައްދަލުވި ގޮތާއި މެދުގައެވެ.

ނާހިޔާގެ ޚިޔާލުތައް ގޮސް ގުޅުނީ މީގެ މަހެއްހާ ދުވަސް ކުރިޔާ އެވެ.

ރޭގަނޑުގެ ނުވައެއް ޖަހާކަން ހާއިރެވެ. ނާހިޔާ އާއި ސަލްމާން ބައްދަލުވީ ރައްޓެއްސަކާއިއެކު ކޮފީއަކަށް ދިޔަ ރެސްޓޯރެންޓަކުން ނެވެ. ސަލްމާން ފެނުމުން ނާހިޔާއަށް ހުއްޓުން އެރިއެވެ. ނާހިޔާއާ ދިމާއަށް ބަލަހައްޓައިގެން ހުރުން ފިޔަވައި އެހެން ކަމެއް ސަލްމާނަކަށް ވެސް ނުކުރެވުނެވެ.

ކުޑައިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު، ސަލްމާނާއި ނާހިޔާ ވާހަކަ ދެއްކިއެވެ. އެ ދެމީހުން އެކަކަށް އަނެކަކު އެނގެއެވެ. އެ ދެމެދުގައި ކޮންމެވެސް ހާއްސަ ގުޅުމެއް އޮތެވެ. ދެމީހުން ވެސް ތިބީ ބައްދަލުކޮށްލަން ބޭނުންވެފައެވެ. ފުރުސަތަކަށް އެދިއެދިއެވެ.

އެކަކު އަނެކަކަށް ފޯނު ނަންބަރު ދެމުން ވަކިވެލިއިރު ދެމީހުންގެ ކިބައިން ވެސް ފެންނަމުންދިޔައީ އުފަލާއި ހިތްހަމަ ޖެހުމެވެ.

ސަލްމާނާއި ބައްދަލުވުމުން ނާހިޔާ ވަރަށް އުފާވިއެވެ. ބައްދަލުކުރަން ބޭނުންކަމަށް ސަލްމާން ބުނުމުން އެއުފާވެރިކަން އިތުރުވި އެވެ. ހިތްހަމަ ޖެހުމާއިއެކު ހިނިތުން ވެލިއެވެ. އެހުރިހާ މަންޒަރެއް ބަލަން ކައިރީގައި މީހަކު ހުރިކަން ނާހިޔާއަށް ހަނދާން ނެތް ކަހަލަ އެވެ.

ނާހިޔާއަށްވުރެ ކުރިން ސަލްމާން ރެސްޓޯރެންޓުން ނުކުތެވެ. އެހެން ކަންތައް ވުމުން ނާހިޔާ ހިތްހަމައެއް ނުޖެހުނެވެ. ބޭރަށް ނުކުމެވުމާއިއެކު ސަލްމާން ފެނޭތޯ ހޯދާލިއެވެ. އެއްވެސް ދިމާއަކުން ސަލްމާނެއް ނުފެނުނެވެ.

ނާހިޔާމެންގެ ބޯކުރި ބަލަމުން ސަލްމާން ދިޔަކަން އެނގޭ އެހެން މީހަކު ހުރިކަމެއް އޭނާއަކަށް ނޭނގެއެވެ. އެފަދަ ކަމަކާއިމެދު އޭނާ ވިސްނާ ވެސް ނުލައެވެ.

ހަނދުވަރުގެ ފުރިހަމައަލިން މުޅިބިން ވަނީ އުޖާލާވެ އަލިވެފައެވެ.

މާލެތެރެއަށް ވެރިވެފައިވާ ހަލަބޮލިކަމަށް މާބޮޑު ބަދަލެއް ނަޔަސް، މެންދަމާއި ދިމާއަށް ވަގުތު މިސްރާބު ޖެހިއިރު ކޮންމެވެސް ވަރެއްގެ ހަމަހިމޭންކަމެއް ވެރިވިއެވެ.

ނިދާން އޮށޯވެ އޮތް ނަމަވެސް ނާހިޔާގެ ލޮލަކަށް ނިންޖެއް ނައެވެ. ފޯނުކޯލަކަށް އިންތިޒާރުކުރާ ފަދައަކުން ފޯނަށް ބަލާލަބަލާލަ އޮވެވުނީއެވެ. ފޯނުގައިވާ ވަކި ނަންބަރެއް އިރުކޮޅަކުން ކިޔާލައެވެ. އަލަށް ލިބުނު ނަންބަރެއް މިރެއިން މިރެއަށް ދަސްކުރަން މަސައްކަތްކުރާ ހެން ވެސް ހީވެއެވެ.

ޚިޔާލީ ދުނިޔެއަކަށް ގެއްލިފައިއޮތް ނާހިޔާ ސިއްސައިގެން ދިޔައީ އެޕާޓްމެންޓްގެ ބެލް ޖަހާލި އަޑަށެވެ. ބަލާލެވުނީ ގަޑިއަށެވެ. މިހާ ދަންވަރު އެއައީ ކާކުބާއޭ ހިތަށްއެރި އެވެ. އެއްފަހަރު ބެލް ޖަހާލުމަށްފަހު ދޮރު ނުހުޅުވުމުން އަނެއްކާ ވެސް ބެލްޖެހިއެވެ. މިހާ ލަސްގަޑިއެއްގައި  މީހަކު ގޮވާނީ ކޮންމެވެސް މުހިންމުކަމެއް ދިމާވުމުންކަން ޔަގީނެވެ.

ކަންތައް ދިމާވިގޮތުން ހިތްހަމަ ނުޖެހުނު ނަމަވެސް ނާހިޔާ ތެދުވިއެވެ.

އެޕާރޓްމެންޓްގެ ދޮރު ހުޅުވާލި ވަގުތު ފެނުނު މަންޒަރާއިއެކު ނާހިޔާ ހުއްޓުންއެރި އެވެ. ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގުނެވެ. މުޅިމީހާ ގަނޑުވި ކަހަލައެވެ.

ނާހިޔާއަށް ހޭވެރިކަންވީ ސަލްމާން އެތެރެއަށް ވަންނަމުން ދޮރުލައްޕާލި އަޑަށެވެ. ދޮރުލައްޕައި ތަޅުލިއިރު ވެސް ސަލްމާނަށް ބަލަހައްޓައިގެން ހުރުން ފިޔަވައި އެހެން ކަމެއް ނާހިޔާއަކަށް ނުކުރެވުނެވެ.

ނާހިޔާއާ ހަތަރުކަޅި ހަމަކޮށްލަމުން ސަލްމާން ކޮށްލި ހަރަކާތާއިއެކު ނާހިޔާ އައިސް ސަލްމާންގެ މޭގައި ލައްވެލިއެވެ. ނާހިޔާގެ ފުރަގަހުން ސަލްމާން ވަށާލި އަތް ކަރާއި ހަމައިން ފެށިގެން އުނަގަނޑުން ތިރިއަށް ދިޔައެވެ.

” ވާއޮ ….. އަހަރެން އަންނަންވާއިރަށް ތައްޔާރު …. ވެގެން ދޯ ؟ ” ނާހިޔާގެ ނޭވާގެ ހޫނުކަން އިހުސާސް ކޮށްލަމުން ސަލްމާން އަހާލިއެވެ. ޖަވާބު ދޭން ހިތަށްއެރި ނަމަވެސް ނާހިޔާ އަޅައެއް ނުލިއެވެ. އަޑެއް އިވުނުހެން ވެސް ހިޔެއް ނުވެއެވެ.

ނާހިޔާގެ ފަރާތުން ސަލްމާން ބޭނުންވި ޖަވާބު ލިބުނެވެ. އަނގައިން ނުބުންޏަސް އޭނާގެ ޝަކުވާއެއް ނެތެވެ. ސަލްމާންގެ ކޮންމެ ޢަމަލަކަށް ނާހިޔާ ރުހިގެން ހުރުމަށްވުރެ ފުރިހަމަ ޖަވާބެއް އޮންނާނެ ހެއްޔެވެ. ސަލްމާންގެ ކިބައިން ފެންނަމުންދިޔަ އުފަލާއި ހިތްހަމަ ޖެހުން އިތުރުވަމުން ދިޔައެވެ.

ކޮޓަރީގެ އެނދާއި ހަމައަށް ނާހިޔާ ދިޔައީ ސަލްމާންގެ އަތްދަނޑިމަތީގަ އެވެ. ނިދާބޮކީގެ އަލި ފަންޑުކޮށްލީ ނާހިޔާގެ އަތުންނެވެ. ލިބުނު ފުރުސަތާއިއެކު ސަލްމާންގެ ހިތުގެ ހިނގުން އަވަސްވިއެވެ. ހިއްސުތަކުގެ މަސައްކަތް މެކުހަށް ޖެހިއެވެ. އެންމެ ސިކުންތެއް ވެސް ބޭކާރު ކޮށްލާކަށް ސަލްމާންގެ ހިތެއް ނޭދުނެވެ. ނާހިޔާއާ ދިމާއަށް ގުދަވަމުންދިޔަ ސަލްމާންގެ ގަމީހުގެ ގޮއްތައްނައްޓާލީ ނާހިޔާގެ އެވެ. ފުރުސަތަކަށް އެދިއެދި ހުރީ ސަލްމާން އެކަނި ނޫންކަން ޔަގީންވިއެވެ. ސަލްމާންގެ ހަރަކާތް އަވަސްވިއެވެ.

ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދިޔައެވެ. ވަޒީފާ އަދާކޮށްގެން ލިބޭ އާމްދަނީގެ އިތުރުން އެހެން ބައެއް މަސައްކަތްތައް ކޮށްގެން ވެސް އަހްޒާމް ފައިސާ ހޯދަމުން ދިޔައެވެ. މުޅިދިރިއުޅުން އެމީހަކަށްޓަކައި ޤުރުބާން ކުރަން ތައްޔާރަށް ހުރި އޭނާގެ އަލަތު އަނބިމީހާ އުފަލުގައި ގެންގުޅުމަކީ އަހްޒާމްގެ މަޤްޞަދެވެ. އޭނާގެ އުފަލާއި ހިތްހަމަ ޖެހުމަކީ އަހްޒާމްގެ އުފަލާއި ހިތްހަމަ ޖެހުމެވެ.

ނާހިޔާއަށް ޓަކައި އަހްޒާމް ވަމުންދާ ޤުރުބާނީގެ ކުޑަމިންވަރެއް ވެސް ނާހިޔާ ބަލައިގަންނަ ހެނެއް ހިޔެއް ނުވެއެވެ. އެފަދަ އެއްވެސް ކަމެއް އޭނާގެ ފަރާތަކުން ނުފެނެއެވެ.

ސަލްމާނާއި ނާހިޔާގެ ގުޅުން ދުވަހަކަށްފަހު ދުވަހެއް ބަދަހިވަމުން ދިޔައެވެ. އެކުގައި ހޭދަކުރާ ރޭތަކާއި ވަގުތުތައް އިތުރުވަމުން ދިޔައެވެ. އަހްޒާމް ރަށުގައި ނެތް ރެޔަކާއި ދިމާވެއްޖެނަމަ ނާހިޔާ އާއި ސަލްމާނަށް ޢީދުލައިގަތް ކަހަލައެވެ. ދެމީހުން ވެސް ތިބެނީ އެފަދަ ރެއަކަށް ބަލާލަބަލާލައެވެ. ސަލްމާނާއި ނާހިޔާ އެކުގައި ހޭދަކުރަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމުން ފުރިގެންވީ ވަގުތުތަކެކެވެ.

ނާހިޔާ ދިރިއުޅެމުންދާ އިމާރާތަކީ ސެކިއުރިޓީ ކަންކަން ވަރަށް ފުރިހަމައަށް ކޮށްފައިވާ އިމާރާތެކެވެ. އެތަނަށް ވަދެ ނުކުމެ އުޅޭ މީހުންގެ ގޮތް ވަރަށް ފަސޭހައިން ބަލާލެވޭނެއެވެ. އަހްޒާމަށް ކަމެއް ސައްކުވެއްޖެނަމަ އެކަން ބަލާލުމަކީ އެއްވެސް ކަމެއް ނޫނެވެ. ނާހިޔާގެ ހުރިހާ ވެސް ކަންބޮޑުވުމަކީ އެއީއެވެ.

ނާހިޔާގެ ކަންބޮޑުވުމަށް ސަލްމާން ނިމުން ގެނައެވެ. އެކަމާއިމެދު އެއްވެސް ވަރަކަށް ކަންބޮޑު ނުވުމަށް ބުންޏެވެ. އެކަމާއި ވިސްނަނީ ނާހިޔާ އެކަންޏެއް ނޫނެވެ. އޭނާ ވެސް ވިސްނައެވެ. ސަލްމާންގެ ބުނިހެން އެތަނުގައި ތިބި މީހުނަށް ފައިސާ ދީގެން ހައްލާލެވިދާނެ ހެން ނާހިޔާއަށް ވެސް ހީވިއެވެ.

ނާހިޔާގެ ޚިޔާލީ އާލަމުން އޭނާ ހޭލައްވާލީ އަހްޒާމެވެ.

ސަލްމާންގެ މަރާއިއެކު ނާހިޔާގެ އުޅުމަށް ބޮޑު ބަދަލެއް އައެވެ. އަބަދުހެން ހުންނަނީ ހާސްވެ ބިރުގެންފައެވެ. ކޮންމެ ވެސް ނުތަވަސްކަމަކުން އަރައި ނުގަނެވިގެން އުޅޭ ކަހަލައެވެ. ސިއްސަސިއްސައިގެން ދިޔުމާއި އެކަނި ކޮޓަރީގައި ހުންނަން ދެކޮޅު ހެދުން އާންމުވާން ފެށިއެވެ. ކޮންމެވެސް މީހަކު އައިސް އޭނާއަށް ވެސް އެހެން ހަދާފާނެކަމުގައި ބުނަން ވެސް ފެށިއެވެ. އެތަނުގައި އުޅެން ބޭނުންނުވާ ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

ނާހިޔާގެ ހާލާއިމެދު އަހްޒާމް ކަންބޮޑު ވެއެވެ. ނާހިޔާއަށް ހިތްވަރާއި ނަސޭހަތްދީ އެކަމުގެ ތެރެއިން ނެރެވޭތޯ އެތައް މަސައްކަތެއް ކޮށްފިއެވެ. އެކަމަށްޓަކައި އޭނާއަށް ކުރެވޭންހުރި ކޮންމެ ކަމެއް ކުރަމުން ދިޔައެވެ. އެއީ އިއްތިފާގެކެވެ. ކޮންމެވެސް ނުބައި ކަމެއްގެ ސަޒާއެވެ. އަބަދަކު އެހެނެއް ނުވާނެއެވެ. އޭނާ ހުންނާނީ އެވަރު ވިސްނައިގެން ނެވެ. އޭނާ ނާހިޔާ ދިފާއު ކުރާނެއެވެ. އެފަދަ ކަމެއް ނާހިޔާއަށް ދިމައެއް ނުވާނެއެވެ.

އަހްޒާމްގެ ފަރާތުން ލިބެމުންދާ ހިތްވަރާއި ނަސޭހަތަކީ ނާހިޔާގެ އުންމީދެވެ. އެބިރުގަތުމާއި ހާސްކަމުން އޭނާއަށް އަރައިގަނެވިދާނެ ކަމަށް ނާހިޔާގެ ހިތް ބުނަމުން ދިޔައީ އަހްޒާމްގެ ސަބަބުންނެވެ.

ހެނދުނު ހައެއް ޖަހާކަން ހާއިރެވެ. ސަލްމާންގެ މަރުގެ މައްސަލާގައި ތަހުމަތުކުރެވޭ މީހެއްގެ ގޮތުގައި ޕޮލިހުންގެ ބެލުމުގެ ދަށަށް ނާހިޔާ ގެންދިޔައީ ކުއްލިއަކަށެވެ. ލިބުނު ހައިރާންކަމާއިއެކު ހާސްވެ ކަންބޮޑުވިއެވެ. އެވާހަކަތައް ގަބޫލުކުރާކަށް އަހްޒާމަކަށް ފަސޭހައެއް ނުވިއެވެ. އެހެން ނުވާނެއޭ ވެސް އެތައް ފަހަރަކު ބުންޏެވެ.

ސަލްމާނަކީ ކާކުބާއެވެ؟ ސަލްމާނާއި ނާހިޔާ އޮތީ ކޮން ގުޅުމެއް ބާއެވެ؟ ނާހިޔާމެން ދިރިއުޅޭ އެޕާރޓްމެންޓަށް ސަލްމާން ދިޔައީ ކީއްކުރަން ބާއެވެ؟ ބޮޑުހަރަދުކޮށް ތަނެއް ކުއްޔަށް ހިފާފައި މާލޭގައި ބެހެއްޓުމުން ނާހިޔާ އޭނާގެ ފިރިމީހާއަށް ހިޔާނަތްތެރިވީ ބާއެވެ؟ ސުވާލަކަށްފަހު ސުވާލެއް އުފައްދަމުން ދިޔައީ ރައްޔިތުންނެވެ. އެސުވާލުތަކަށް ޖަވާބު ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ސަރުކާރުގެ މުއައްސަސާ ތަކުން މަސައްކަތް ހުއްޓައެއް ނުލައެވެ. ރައްޔިތުން އުފައްދަމުންދިޔަ ކޮންމެ ސުވާލެއްގެ ޖަވާބު ލިބޭވަރަށް މަޢުލޫމާތު ސާފުކުރަން އެފަރާތްތަކުން ބޭނުންވާ ކަހަލައެވެ.

ނާހިޔާ ސަލާމަތް ކުރުމަށްޓަކައި ކުރެވޭން ހުރި ހުރިހާކަމެއް އަހްޒާމް ކުރަމުން ދިޔައެވެ. އޭނާގެ ރައްޓެހިންގެ ފުރިހަމަ އެހީތެރި ކަމާއި އެއްބާރުލުން އޭނާއަށް ލިބުނެވެ. ތަނަކަށް ނުވަތަ މީހަކަށް ފައިސާގެ ނުފޫޒު ފޯރުވައިގެން އެކަން ވާނެނަމަ އެގޮތަށް އޭނާ އެކަން ކުރީހެވެ. ސިޔާސީގޮތުން ކާމިޔާބެއް ލިބޭނެނަމަ އެގޮތަށް ވެސް އެކަން ކުރަން އޭނަ ހުރީ ތައްޔާރަށެވެ.

ސަލްމާންގެ މަރުގެ މައްސަލާގައި ނާހިޔާ ހައްޔަރުކުރުމާއިއެކު އެވާހަކަތަކުން މީޑިޔާތައް ފުރާލިއެވެ. ނާހިޔާއާ ގުޅުންހުރި އެހެން މަޢުލޫމާތުތަކެއް ވެސް ހާމަވިއެވެ. ނާހިޔާއަކީ މީހެއްގެ އަނތްބެކެވެ. ސަލްމާނާއި ނާހިޔާއަކީ ދެ ލޯބިވެރިންނެވެ. ސަލްމާނާއި ނާހިޔާއަށް ކައިވެނި ނުކުރެވުނީ ނާހިޔާގެ ޢާއިލާއިން އެކަމާއި ގަބޫލު ނުވުމުންނެވެ. އެކަމުގައި އެހެން ގޮތެއް ފެނޭތޯ ވެސް ނާހިޔާ މަސައްކަތްކުރިއެވެ. ކާމިޔާބެއް ކުރިއެރުމެއް ނުލިބުނީއެވެ. އަހްޒާމާއި ނާހިޔާ ކައިވެނިކުރީ އެހެން ގޮތެއް ނެތިގެންނެވެ. މައިން ބަފައިންގެ މަޖުބޫރަށް ކެތް ނުވެގެންނެވެ. ބައެއް މީޑިޔާތަކުން ނާހިޔާގެ ފޮޓޯ ވެސް އާންމުކުރިއެވެ.

ނާހިޔާ ސަލާމަތް ކުރުމަށްޓަކައި އަހްޒާމާއި އޭނާގެ ރައްޓެހިން ކުރަމުންދިޔަ މަސައްކަތަށް ކާމިޔާބެއް ނުލިބުނެވެ. އެކަށީގެންވާ ކުރިއެރުމެއް ވެސް ނުލިބުނެވެ.

ސަލްމާންގެ ޢާއިލާއިން ބޭނުންވަނީ މަރަށް މަރު ހިފާށެވެ. ސަލްމާން މަރާލީ ނާހިޔާއެވެ. ނާހިޔާ އޭނާއަށް މަކަރު ހަދައި އޮޅުވާލުމަށްފަހު މަރާ ވެސް ލީއެވެ. ދިފާއުގައި ކިތަންމެ ވާހަކައެއް ނާހިޔާ ދެއްކި ނަމަވެސް އެނޫން ގޮތަކަށް ސަލްމާންގެ ޢާއިލާއިން ގަބޫލެއް ނުކުރާނެ އެވެ. އެހެން ގޮތެއް އޭނާއަކަށް ނޯއްނާނެއެވެ.

ނާހިޔާގެ ވަރިކުރުމުގެ ހުރިހާ ކަމެއް އަހްޒާމް ނިންމާލިއެވެ. ނާހިޔާފަދަ އަނިޔާވެރިއަކާއިއެކު އުޅޭކަށް އަހްޒާމް ބޭނުމެއް ނޫނެވެ. އެފަދަ މީހަކާއިއެކު އޭނާއަކަށް ނުވެސް އުޅެވޭނެއެވެ. ނާހިޔާ ދެކެ އޭނާ ބިރުގަނެއެވެ.

އެންމެފަހު ފަހަރަށް ނާހިޔާއާ ބައްދަލުކުރުމުގެ ފުރުސަތު އަހްޒާމަށް ލިބުނެވެ.

” ސަލްމާންވަރު ނުވިޔަސް އަހަރެން ވެސް ވަރަށް މޮޅުދޯ ؟ …. ސަލްމާން ދިޔައީ ކޮން ފަންގިފިލާއަކަށް ކަން ނޭނގުނަސް އެ އިމާރާތަށް ވަތްކަން އެނގުނެއްނު …. އެކަމު …. އަހަރެން …. އަހަރެން އިމާރާތަށް ވަތްކަން ވެސް ނޭނގުނެއްނު … ފައިސާ ދީގެން ކަންކަން ކުރަން ސަލްމާނަށްވުރެ އަހަރެން މޮޅުވާނެކަން ނާހިޔާއަށް ނޭނގުން އެއީ މައްސަލައެއްނު …. އަހަރެން އޭނާގެ ގައިގަ އަތެއް ނުލަން … ފިލަން އުޅެން ހަދައިގެން އަމިއްލައަށް ވެއްޓުނީ … އައީ އަހަރެންގެ މައްސަލައެއް ނޫނެއްނު ….. ގުޑްބައި ލޯބީ. ” އަހްޒާމްގެ ވާހަކަތައް އަޑުއިވިފައި ނާހިޔާ ގަނޑުވި ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގުނެވެ. އަހްޒާމްގެ އެވާހަކަތައް ގަބޫލެއް ވެސް ނުކުރެވުނެވެ. އަހްޒާމް ދެއްކި ވާހަކަތައް ސާބިތުކުރަން ބަލާއިރު ހެއްކެއް ނެތެވެ. ނާހިޔާ ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު ނުހުންނާނެއެވެ.

އަހްޒާމް ބުނިފަދައިން އޭނާ ވަރަށް މޮޅެވެ. އޭނާގެ ހުރިހާ އެކްޓެއް ވެސް އެހާމެ ކާމިޔާބެވެ. ނާހިޔާގެ ލޮލުގައި އަޅުވާލި އަނދުން އެހާމެ ޗާލެވެ. އެފިނިމެންދަން ނާހިޔާގެ ހަނދާނުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ.

ނިމުނީ

╌──═❁═──╌

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.