އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.

╌──═❁═──╌

ރަށުމަދަރުސާ ގުރޭޑް ނުވައެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ، އުމުރުން ފަނަރައަހަރުގެ ނިޒްމާ ރަށްމެދަށް ވިހެއި ވާހަކަ އާއި ވިހެއުމަށްފަހު ކުއްޖާ މަރާލައި ވަޅުލި ވާހަކަ ރަށުތެރެއަށް ފެތުރިގެން ދިޔައީ އަރައިގެން އައި އިރުގެ ދޯދިތައް ރަށުތެރެއަށް ފެތުރުނު ފަދައިންނެވެ.

އިވުނު ޚަބަރެއްގެ ސަބަބުން ލިބުނު ސިހުމާއިއެކު ބުނާނެ އެއްޗެއް ނޭނގިފައި އެތައްބަޔަކު ތިބިއިރު އަނެއްބަޔަކު ދުއްވައިގަތީ ވެގެންއުޅޭ ގޮތެއް ސާފުކުރުމަށްޓަކައި ސިއްހީމަރުކަޒާއި ދިމާއަށެވެ. ނިޒްމާމެން ގެއާއި ދިމާއަށް ދިޔަ މީހުން ވެސް މަދެއް ނޫނެވެ.

ތަފާތުގޮތްގޮތަށް ރަށުތެރޭގައި ޚަބަރު ފެތުރެމުންދިޔައިރު، މައްސަލަ ތަހުގީގުކުރުމާއިގެން ޕޮލިހުން ހަރަކާތްތެރިވަމުން ދިޔައެވެ. ނިޒްމާ ވިހޭކަމަށް ބުނާ ތުއްތުތުއްތު ކުއްޖާ ވަޅުލުން ފަސްކޮށްލާފައި ވަނީ މައްސަލަ ބަލަމުންދާތީ ސާފުކުރަންޖެހޭ ކަންތައްތަކެއް ހުރުމުންނެވެ. ދިމާވެގެން އުޅޭ މައްސަލައިގެ ބާވަތުން ކޮންމެހެން ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން މާލޭއިން ތަހުގީގު ޓީމެއް އައުމަށް ވަނީ ފުރާފައެވެ.

މައްސަލައިގެ އަސްލު ފެންމަތިވީ ރޭ ދަންވަރު އެވެ. އާންމުފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެން ޕޮލިހުން ގަބުރުސްތާނަށް ވަތްއިރު ރިޕޯޓްކުރިތާ ފަސްވަރަކަށް މިނިޓް ވެއްޖެއެވެ. އެބުނާ މީހަކު ކުރަން އައި ކަންތައް ނިންމާލުމަށްފަހު އޭނާ އޭރު ހިނގައްޖެއެވެ.

އެތައްސަތޭކަ ފޫޓަކަށް އެއްފަހަރާ އަލިކޮށްލެވޭފަދަ ވަރުގަދަ އަލިހުރި ބައްތިތަކާއިއެކު ގަބުރުސްތާނަށް ވަން ޕޮލިހުން ބެލީ އެތަނުގައި އެއްވެސް ކަމެއް ކޮށްފައި ވޭތޯއެވެ. ދަންވަރު ގަބުރުސްތާނަށް ވަންނަމީހުން އާންމުކޮށް ކޮށްއުޅޭ ކަމަކީ ސިހުރުހެދުމާއި މިނިކަށި ނެގުން ކަމަށްވާތީ ޕޮލިހުންގެ ފުރަތަމަ އަމާޒަކަށްވީ މަހާނަތަކެވެ.

އެކިގޮތަށް އެކިފަހަރު އެކިދިމާ ބަލަމުން ނުހަނު ސައުގުވެރިކަމާއިއެކު ގަބުރުސްތާނުމަތީގައި ހަރަކާތްތެރި ވަމުންދިޔަ ޕޮލިހުންނަށް ކުޑަ ކުޑަ ގަހެއްގެ ފަތުން ފެނުނު ތާޒާ ލޭފޮދު ވެގެންދިޔައީ ވަރަށް މުހިންމު އެއްޗަކަށެވެ. މައްސަލައިގެ ވިސްނުމާއި މިސްރާބު ބަދަލުވެގެންދިޔަ ކަމަކަށް ވެސް މެއެވެ. ރިޕޯޓްކުރި ފަރާތުން އެބުނާ މީހާއާ އެމީހަކު ކުރި ކަމަކާއި ލެޔާއި ގުޅުމެއްވާ ކަމުގައި ބައެއް ޕޮލިހުން ބުނަން ފެށިއެވެ.

ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދިޔަ އެސަރަހައްދުން ޕޮލިހުންގެ ބޭކަލަކު ގަނބައިގަތުން ވެގެންދިޔައީ މައްސަލައިގެ އަސްލު ފެށުމަށެވެ. ވަގުތުން އެތަން ކޮނެ ބެލުމަށް އެންމެނަށް އެއްބަސް ވެވުނެވެ.

މަރާލުމަށްފަހު ކޯސްޓްދަޅަކަށްލައި ވަޅުލާފައިވާ ތުއްތުކުއްޖާ ލާފައިވާ ކޯސްޓްދަޅު ފެނުނީ އެވަޅުގަނޑު ތެރޭންނެވެ. ކުއްޖާ އޮތްގޮތުންނާއި ފެންނާންހުރި ނިޝާންތަކުން އެކުއްޖާއަކީ މިރޭ ވިހާފައިވާ ކުއްޖެއްކަން އެންމެނަށް ވެސް ޔަގީންވިއެވެ.

ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަމާއިއެކު ސިއްހީމަރުކަޒަށް ގެންދެވުނު އެތުއްތުކުއްޖާގެ ކަންތަކުގައި އެތަނުގެ މުވައްޒަފުން ހަރަކާތްތެރިވާން ފެށީ ބަސްބުނި ހިނދުންނެވެ. ޑޮކްޓަރަށް ފޯނުކޮށް ވެގެން އުޅޭގޮތް ބުނުމާއިއެކު ޑޮކްޓަރު އައިސް އޭނާގެ މަސައްކަތް ފެށިއެވެ.

ރިޕޯޓްކުރި ފަރާތުގެ ފޯނު ނިވާލާފައި އޮތުމުންނާއި ރިޕޯޓްކުރީ ކާކުކަން ނޭނގޭތީ ޕޮލިހުން މަސައްކަތް ކުރަމުން ދިޔައީ ރަށުތެރޭގައި ހޭލާއުޅޭ ބަޔަކު ފެނޭތޯއެވެ. ރިޕޯޓްކުރި ފޯނު ނަންބަރަކީ އަންލިސްޓްކޮށްފައިވާ ނަންބަރަކަށް ވާތީ އެމަޢުލޫމާތު ހޯދެންއޮތީ ރަސްމީގަޑި ފެށުމުންނެވެ.

މެންދަމުގެ ހަމަހިމޭންކަމާއިއެކު ވަގުތުތައް ފާއިތުވަމުން ދިޔައިރު، ހިނގާދިޔަ ހާދިސާގެ މަޢުލޫމާތު ލިބުނު އެންމެންގެ ލޯތައް ކަރުނުން ފުރިއްޖެއެވެ. ފެނުނު މަންޒަރުގެ ސަބަބުން ހިތަށްކުރި އަސަރެއްގެ ބޮޑުކަމުން ހުއްޓުންއަރާފައި ބައެއް މީހުން ތިބިއިރު އެކަރުނައިގެ ތެރެއިން ނަފުރަތުގެ ހުޅުރޯވި ހިތްތައް ވެސް މަދެއް ނޫނެވެ.

ހޭލާއުޅޭ މީހަކު ފެނޭތޯ ރަށުތެރެ ބަލަމުންދިޔަ ޕޮލިހުންނަށް ވަފާއު ފެނުނީ ބަނދަރު ސަރަހައްދުން އެއްގަމަށް އަރައިގެން އަންނަނި ކޮށެވެ. މިހާ ދަންގަޑިއެއްގައި އެގޮތަށް ވަފާއު އެކަނި މާއެކަނި ފެނުމުން ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދުނު ނަމަވެސް، އާންމު ރައްޔިތުންނަށް އެއީ ސުވާލަކަށް ނުވާނެކަން ޔަގީނެވެ. ވަފާއުއަކީ ކޮންމެރެއަކު ކަހަލަގޮތަކަށް ބަނދަރަށް ގޮސް އޭނާގެ ދޯނި އޮތްގޮތް ބަލައި ދިޔަހިއްކާއުޅޭ މީހެކެވެ.

ހިނގައިގެން އުޅޭ ހާދިސާ އާއި ޕޮލިހުން ހިންގަމުން ދިޔަ ހަރަކާތުގެ ސަބަބުން ޕޮލިހުންގެ ބެލުމުގެދަށަށް ވަފާއު ގެންދިޔައެވެ. އޭނާ އެތަނަށް ގެނައީ ކީއްވެގެންތޯ ވަފާއު ސުވާލުކުރަމުން ދިޔައީ ހައިރާންކަމާއި ހާސްކަމާއިއެކުގައެވެ.

ޕޮލިހުން ކުރަމުން ދިޔަ ސުވާލުތަކަށް ތެދުބަހުން ޖަވާބުދެމުން އިތުރަށް މަޢުލޫމާތު ދޭންޖެހޭ ކަންކަމުގައި މަޢުލޫމާތު ދެމުންދިޔަ ވަފާއުއަށް މީގެ ދެގަޑިއެއްގެހާއިރު ކުރިން މިސްކިތާއި ދިމާއަށް ދަނިކޮށް ރާގިބު ފެނުނުކަމަށް ބުނި ހިސާބުން ފެށިގެން ޕޮލިހުންގެ ކަޅިއެޅުން އެދިމާއަށް އަނބުރާލި އެވެ. އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އެކަމުގައި ކުރިޔަށް ދިއުމަށް ބޭނުންވާ އެހެން ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ފެށިއެވެ.

މީގެ ދެގަޑިއެއްހާއިރު ކުރިން މިސްކިތާއި ދިމާއަށް ދަނިކޮށް އޭނާއަށް ރާގިބު ފެނުނު ކަމަށާއި އޭނާ ދިޔައީ ކޮތަޅަކަށް ކޮންމެވެސް އެއްޗެއް ލައިގެން ކަމަށް ވަފާއު ބުންޏެވެ. އޭނާއަށް ރާގިބު ފެނުނު ނަމަވެސް ރާގިބަށް އޭނާ ނުފެނިދާނެ ކަމަށާއި އޭނާ ދައްކަމުން އެދަނީ ތެދު ވާހަކަތަކެއް ކަމަށާއި އޭނާގެ އެބުނުން ދުވަހަކު ވެސް ބަދަލު ނުކުރާނެކަމަށް ވަފާއު ބުނަމުންދިޔައެވެ.

ލިބުނު މަޢުލޫމާތުގެ އެހީގައި ޕޮލިހުން އެބޭކަލުންގެ މަސައްކަތް އިތުރަށް ކުރިޔަށް ޖައްސާލިއެވެ. ކޮންމެގޮތަކުން ނަމަވެސް އެތުއްތު ކުއްޖާގެ ގާތިލުން ހޯދައި އިންސާފުގެ ކުރިމައްޗަށް އެބަޔަކު ޕޮލިހުން ގެންނާނެއެވެ.

ކޯޓު އަމުރު ހިފައިގެން ރިވެލިގެއަށް ޕޮލިހުން ވަނީ ފަތިހުއެވެ. ފެންޑާތެރޭން ރާގިބާއި ބައްދަލުވި އިރުވެސް އޭނާ ހުރީ ކޮންމެވެސް ކަމަކާއި ހާސްވެ ކަންބޮޑުވެ ހަދާނެގޮތް ހުސްވެފައިކަން އޭނާގެ ހަރަކާތްތަކާއި މޫނުމަތިން ހެކިދެއެވެ. ޕޮލިހުން އެގެއަށް ވަނުމާއިއެކު އޭނާގެ އެ ހާސްކަމާއި ކަންބޮޑުވުން އިތުރުވެގެންދިޔަތަން ވެސް ފެނުނެވެ.

އަޅަމުންދިޔަ ވޭނަށް ކެތްކުރެވޭތޯ މަސައްކަތްކުރަމުން ދެލޮލުން ކަރުނަ އޮހޮރަމުންދިޔަ ނިޒްމާ އާއި އޭނާއަށް ހިތްވަރާއި އެހީތެރިކަން ފޯރުކޮށްދެމުންދިޔަ އޭނާގެ މަންމަ ރެނީސާ ފެނުނީ ދެވަނައަށް ހުޅުވި ކޮޓަރިންނެވެ. ޕޮލިހުން އެތަނަށް ވަނުމާއިއެކު ނިޒްމާގެ ރުއިމުގެއަޑު ފަޅައިގެން ދިޔައެވެ.

ހިނގައިގެން އުޅޭ ހާދިސާއާ ބެހޭގޮތުން މަޢުލޫމާތު ހޯދާކަށް މާގިނަ މަސައްކަތް ކުރާކަށް ނުޖެހުނެވެ. އެކޮޓަރި އާއި ކޮޓަރީގެ ފާހާނާ ތެރޭން ޕޮލިހުން ބޭނުންވި ހުރިހާ މަޢުލޫމާތެއް ލިބުނެވެ. ހެކިނައްތާލުމުގެ ކުރިން އެތަނަށް ވަދެވުނުކަން ނަސީބެކޭ ހިތަށްއެރީ އެކަމުގައި ކާމިޔާބު ލިބުނުލެއް ފަސޭހަކަމުންނެވެ.

ޕޮލިހުންގެ ބެލުމުގެ ދަށުން ނިޒްމާ ސިއްހީމަރުކަޒަށް ގެންގޮސް ފަރުވާދޭން ފެށިއިރު އޭނާގެ މަންމަ ރެނީސާ އާއި ދޮންބައްޕަ ރާގިބު ޕޮލިހުންގެ ބެލުމުގެދަށަށް ގެންދިޔައެވެ.

ހިނގައިގެން އުޅޭ މައްސަލައަކީ އޭނާއާ ބެހޭކަމެއް ނޫންކަމަށާއި އޭނާ މިއުޅެނީ ވަރަށް މުހިންމުކަމަކު މާލެދާންކަމަށް ރާގިބު ބުންޏެވެ. އަދި އޭނާ ދޫކޮށްލުމަށާއި މިއަދު ލޯންޗުން މާލެ ނުދެވިއްޖެނަމަ ވަރަށް ގެއްލުންވާނެކަމަށް ވެސް ބުންޏެވެ.

ބާރުގަދަ ބޭސްތަކެއްދީ ގަދަކަމުން ވިއްސުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި ދިރިއުޅުމުގެ އުންމީދު ގެއްލިފައިވާ ނިޒްމާއަށް ފަރުވާދޭން ފެށުމާއިއެކު މަޑުމަޑުން ހަމައަކަށްއެޅެން ފެށިއެވެ.

ހިނގައިގެން އުޅޭ މައްސަލައިގެ ބާވަތުންނާއި މައްސަލަ ހިނގައިގެންއުޅޭ ތަނުގެ ގޮތުން މިހާރުން މިހާރަށް ރާގިބު ދޫކޮށްލެވެން ނެތްކަމަށް ޕޮލިހުން ވިދާޅުވުން ވެގެންދިޔައީ ރާގިބުގެ ރުޅިވެރިކަން ބޮޑުވެގެންދިޔަ ކަމަކަށެވެ. އޭނާއަކީ ކުށްވެރިއެއް ނޫންކަމަށާއި މިއަދު އޭނާއަށް މާލެ ނުދެވިއްޖެނަމަ އެކަމުގެ ސަބަބުން ލިބޭ ކޮންމެ ގެއްލުމުގެ ބަދަލުދޭންޖެހޭނެ ކަމަށް ބުނެ އަޑުގަދަކުރަން ވެސް ފެށިއެވެ.

މައްސަލަ ބެލުމަށްޓަކައި މާލެއިންއައި ޓީމު ރަށަށް އައީ ހެނދުނު ދިހައެއްޖަހާކަން ހާއިރުއެވެ. އެޓީމުގައި ޕޮލިހުންގެ ފަންނީ ބޭކަލުންނާއި ޖެންޑަރ މިނިސްޓްރީގެ މެންބަރުންނާއި ޑޮކްޓަރުން ވެސް ހިމެނެއެވެ.

ވާނުވާ ނޭނގޭ ރައްޔިތުން ހާސްކަމާއި ކަންބޮޑުވުމާއިއެކު މަޢުލޫމާތެއް ލިބޭތޯ އެގޮތް މިގޮތަށް މަސައްކަތް ކުރަމުންދިޔައިރު އިވުނު ޚަބަރުގެ ސަބަބުން ބައެއް މީހުން ތިބީ ހާސްވެ ކަންބޮޑު ވެފައެވެ. ދައްކާނެ ވާހަކައެއް ބުނާނެ އެއްޗެއް ނޭނގިފައެވެ. ނިޒްމާ ކުށްވެރިކޮށް ބައެއް މީހުން ވާހަކަދައްކަމުން ދިޔައިރު، ނިޒްމާ އެވަރުގެ ކަމެއް ކުރާއިރު އޭނާގެ މައިންބަފައިންނަށް އެވަރު އެނގެން ޖެހޭނެކަމަށް ބުނަމުންދާ މީހުން ވެސް މަދެއް ނޫނެވެ.

ވިހެއުމުގެ ކަންތައް ނިޒްމާއަށް އެކަނި މާއެކަނި ނުކުރެވޭނެކަމަށް ބައެއް މީހުން ބުނަމުންދާއިރު، ނިޒްމާ ވިހޭ ކުއްޖާ ގަބުރުސްތާނަށް ގެންގޮސް ވަޅުލި ބަޔަކު ނުވަތަ މީހަކު ހުންނާނެކަމަށް ބުނަމުންދާ މީހުން ގިނައެވެ. ޔަގީނުން ވެސް ނިޒްމާއަށް އެކަނި އެ ހުރިހާ ކަމެއް ނުކުރެވޭނެ އެވެ. އެއީ ގަބޫލުކުރެވޭނެކަމެއް ނޫނެވެ.

ތަހުގީގު ޓީމުން ބަލަން ބޭނުންވި ވަރަށް ބަލައި ހޯދަން ބޭނުންވި މަޢުލޫމާތުތައް ހޯދުމަށްފަހު އެ ތުއްތުކުއްޖާ ވަޅުލިއެވެ.

ހިނގައިގެން އުޅޭ ހާދިސާއާ ބެހޭގޮތުން ނިޒްމާ ވާހަކަދައްކަން ފެށީ ފަސްވަރަކަށް ދުވަސްވީ ފަހުންނެވެ. އޭރު އޭނާ ހުރީ ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ކަމާއިބެހޭ ފަރާތްތަކުން ފޯރުކޮށްދެމުންދިޔަ މަޢުލޫމާތާއި ދެމުންދިޔަ ހިތްވަރުގެ ސަބަބުން ދިރިއުޅުމުގެ އުންމީދު އާވެފައެވެ.

╌──═❁═──╌

އެއީ މީގެ ހައެއްކަމަސް ކުރިއެވެ.

ހާދިސާގެ ފެށުން އައީ ރޭގަނޑު ދިހައެއް ޖަހާކަން ހާއިރެވެ. ސިއްހީމަރުކަޒުގައި އެނދުމަތިކޮށްފައިއޮތް ރެނީސާ ގާތު ޑިއުޓީއަށް އިނުމަށްފަހު، ނިޒްމާ ގެއަށް އައީ އެގާރަޖަހާކަން ހާއިރުއެވެ. މާދަމާއަކީ ކިޔެވުންބަންދު ދުވަހެއް ނަމަވެސް، ކޮންމެވެސް ވަރަކަށް ފޮތްކިޔާލަން ބޭނުންވާތީ ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން ނިޒްމާ ކާގެއަށް ވަނީ ކޮފީއެއް ބޯލާށެވެ. އެފަދަ ކަންތައް ނިޒްމާ ކުރަމުންދާތީ ރެނީސާ ހުންނަނީ ކޮފީފަދަތަކެތި ގެއަށް ގެނެސްފައެވެ.

ނިޒްމާ ގެއަށް އައީ އޭނާގެ ދޮންބައްޕަ ރާގިބު ސިއްހީމަރުކަޒަށް ދިއުމުންނެވެ.

ގޭގެ ދޮރު ހުޅުވުނު އަޑާއިއެކު މުޅިގެއިން ކަރަންޓް ހިނގައްޖެއެވެ. ގެ ތަޅުލި ކަމާއި ގެއަށް ވަދެވޭނީ ހަމައެކަނި ރާގިބަށް ކަން ނިޒްމާއަށް ޔަގީންވާތީ ގެއަށް ވަން މީހަކަށް އޭނާ ސަމާލުކަމެއް ނުދެއެވެ. އިންޖީނު ބަދަލުކުރާގަޑީ ބައެއްރޭރޭ ކަރަންޓް ކެނޑޭތީ އިރުކޮޅަކުން ކަރަންޓް އަންނާނެކަން ޔަގީންކޮށް ކާގޭގައި ނިޒްމާ މަޑުކޮށްލިއެވެ. ގޭތެރޭން އިތުރުއަޑެއް ނީވޭތީ ނިޒްމާ ނިންމައިގެން ހުރީ އެއީ އޭނާއަށް ހީވިގޮތެއް ކަމަށެވެ.

ނިޒްމާ ސިއްސައިގެންދިޔައީ ކުއްލިއަކަށް އޭނާގެ ފަހަތުން އައި މީހަކު އޭނާގެގައިގާ ބައްދައިގަތުމުންނެވެ. ގަތްބިރާއިއެކު ތެޅިގެންފައި ނިޒްމާ ހަޅޭލަވައިގަތް ނަމަވެސް، އަޑުބޭރުވުމުގެ ކުރިން އެމީހަކު ނިޒްމާގެ އަނގަމަތީގައި އަތްއަޅައި އަނގަ ބަންދުކޮށްލި އެވެ. އޭނާ ހުރީ އެހުރިހާކަމަކަށް ވިސްނައި ތައްޔާރު ވެގެންނެވެ.

އެމީހާގެ ފުރަތަމަ ބީހިލުމާއިއެކު ވެސް އޭނާގެ މަގްސަދު ނިޒްމާއަށް އެނގުނެވެ. ނިޒްމާގެ ފަރާތުން ޖިންސީއަރާމެއް ލިބޭތޯ މަސައްކަތް ކުރަމުންދިޔަ އެމީހާގެ ކިބައިން ސަލާމަތްވުމަށް ނިޒްމާ މަސައްކަތްކުރި އެވެ. އޭނާ ހުރީ އެކަމަށް ވެސް ވިސްނައިގެންނެވެ. ކޮންމެ ގޮތަކުން ނަމަވެސް ސަލާމަތްވާން ގަދަދައްކާލި ވަގުތު ނިޒްމާގެ ޓީޝާޓް އިރައިގެންދިޔައެވެ. އެމީހާގެ އަތްދަށުން ސަލާމަތްވެވުނު ނަމަވެސް ތަނަށް ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން ދާނެދިމާއެއް، ދެން ހަދަންވީގޮތެއް ނިޒްމާއަކަށް ނޭނގުނެވެ.

ކަރަންޓް ލިބުމާއިއެކު ނިޒްމާ އަވަސް އަވަހަށް ވަށައިގެން ހޯދާލީ އެތަނުގައި ހުރީ ކާކުތޯ ބަލާލުމަށްޓަކައެވެ. އެތަނުގައި އޭނާ ފިޔަވާ އެހެންމީހަކު ނެތެވެ. އެގެއަށް މީހަކު ވަންކަމާއި އޭނާއާއި ބެހުނުކަން ނިޒްމާއަށް ޔަގީނެވެ.

ޓީޝާޓް އިރައިގެން ގޮސްފައިވާތީ ނިޒްމާ އަވަސްވެގަތީ ކޮޓަރިއަށް ދާށެވެ. ގޭތެރެއަށް ވަތްމީހަކު ހޯދަން އުޅުމަށްވުރެ މުހިންމީ ހަށިގަނޑު ނިވާކުރުމެވެ. ކޮޓަރިއަށްވަދެ ދޮރުލައްޕައި ތަޅުލިވަގުތު ކޮންމެވެސް މީހަކު އޭނާގެ ފުރަގަހުން ބައްދާލުމާއިއެކު ނިޒްމާ ދިޔައީ ސިއްސައިގެން ނެވެ. އެއީ ކާގެތެރެއިން އޭނާއާއި ބެހުނު މީހާކަން އޭނާގެ ޢަމަލުތަކުން ނިޒްމާއަށް ޔަގީންވިއެވެ. ނިޒްމާ ތެޅިގަތްގޮތުން އެމީހާގެ އަތުން ނިޒްމާ ދޫވިއެވެ.

ނިޒްމާ އެނބުރި ބަލާލިއިރު ކޮޓަރިތެރޭގައި ހުރީ ރާގިބެވެ. އެމީހެއްގެ ފަރާތުން ދުވަހަކު ވެސް އެފަދަކަމެއް ފެނިދާނެކަމަށް އޭނާއަށް ހީވެސް ކުރެވިފައިނުވާ އޭނާގެ ދޮންބައްޕަ އެވެ. އުމުރުން ދިހަވަރަކަށް އަހަރުން ފެށިގެން އޭނާ ބައްޕައެއް ކަމަށް ބަލައިގެން އުޅުނު މީހާއެވެ.

ރާގިބު ނިޒްމާއާ ދިމާއަށް އަންނަން ފެށުމާއިއެކު ނިޒްމާގެ ކަންބޮޑުވުމާއި ނުތަނަވަސްކަން، ހާސްކަމާއި ބިރުގަތުން އިތުރުވެގެން އުތުރިއަރައިގަތް ކަހަލައެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުންނަން ބޭނުންވިއެވެ. ރާގިބު ހުރީ އެވަރު ވިސްނައިގެންނެވެ. ނިޒްމާގެ އަތުގައި ހިފައި ދަމައިގަތުމާއިއެކު އެނދުމައްޗަށް ވައްޓާލިއެވެ. ޓީޝާޓު އިރައިގެންގޮސް ހަށިގަނޑުން ބޮޑުބައެއް ހާމަވެފައިވާއިރު ލައިގެންހުރި ކުރުސޯޓްގެ ސަބަބުން ހަށިގަނޑުގެ ނިވާކަން ވަރަށް ކުޑައެވެ.

ވަގުތަކަށް ބަލަބަލަ ހުރި ރާގިބު، ވަގުބުޅަލެއް މަސްގަނޑަކަށް ބަލާލާހެން ބަލާލަމުން ނިޒްމާގެ ގައިމައްޗަށް ޖެހިގަތެވެ. ނިޒްމާ ރޮމުންދިޔަ ރުއިމަކަށް ކުރަމުންދިޔަ އާދޭހަކަށް ބަލާކަށް ސަމާލުކަންދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އެއަޑުތައް އޭނާއަށް ނުވެސް އިވޭ ކަހަލައެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ ޖިންސީއެދުންވެރިކަމަށް ފެންބޮވައިގެންފަ އެވެ. އެނޫން އެހެން އެއްވެސް ކަމެއް އޭނާގެ ސިކުނޑީގައި ނުވެއެވެ.

ސަލާމަތަށް އެދި ރޮއި އާދޭސް ކުރަމުން އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔަ ނިޒްމާއަކަށް ކާމިޔާބެއް، ކުރިއެރުމެއް ނުލިބުނެވެ. ރާގިބު އެކޮޓަރިން ނުކުމެގެން ދިޔައީ އޭނާ ބޭނުންވި ކަންތައް ކޮށްފައެވެ. އެވާހަކަ އެމީހެއް ކައިރީ ނުދެއްކުމަށް އިންޒާރުދީ އެވާހަކަ ދައްކައިފިނި ނަމަ ނިޒްމާ އާއި ރެނީސާ މަރާލާނެކަމަށްބުނެ ބިރު ވެސް ދައްކާފައެވެ.

އޭގެފަހުން ވެސް އެތައް ރެއަކު ރާގިބުގެ ޖިންސީ ޝިކާރައަކަށް ނިޒްމާ ވިއެވެ. އެވާހަކަތައް ދައްކާނެހާ ހިތްވަރެއް ނިޒްމާއަކަށް ނުލިބުނެވެ. ފުރާނަދެކެ އެންމެން ވެސް ލޯބިވެއެވެ. އަމިއްލަ ފުރާނައަށްވުރެ ނިޒްމާއަށް މުހިންމުވީ ރެނީސާގެ ފުރާނެއެވެ. އޭނާގެ ސަބަބުން އޭނާގެ މަންމަ މަރުވާކަށް އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ.

ނިޒްމާ ބަލިވެއިންކަން އެނގުނު ވަގުތު ލިބުނު ހިތާމައެއްގެ ބޮޑުކަމުން ރެނީސާގެ އަނބުރައިގަނެގެން ވެއްޓުނެވެ. އޭނާ ހަމައަކަށް އެޅުނުއިރު ވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. ރެނީސާގެ ފަރާތުން ނިޒްމާއަށް ލިބެމުންދިޔަ މައިވަންތަ ލޯބިން މަހްރޫމް ވިއެވެ. އެލޯތްބާއި އެއަޅާލުން އެއޯގާތެރިކަމާއި އެފިރުމުން ނަފުރަތާއި ރުޅިއަށް ބަދަލުވިއެވެ. ފާޅުގައި ނިޒްމާއާ ދިމާއަށް އެއްޗެތިކިޔައި އަނިޔާކުރަން ވެސް ފެށިއެވެ. ކާންބޯން ނުދީ އެތައްފަހަރަކު ބެހެއްޓިއެވެ. ނިޒްމާގެ ބަނޑުގައި ވަނީ ކާކުގެ ދަރިއެއްތޯ ބަލާކަށް، އެކަންވީ ކިހިނެތްތޯ ސާފުކުރާކަށް ރެނީސާ މަސައްކަތެއް ނުކުރެއެވެ. އޭނާ ކަންކުރަމުން ދިޔައީ ރާގިބު ޗާޖުކޮށްފައި ދޫކޮށްލި ރޮބަޓެއް ފަދައިންނެވެ.

ނިޒްމާގެ ބަނޑުން އެނގުން ވާންފެށުމާއިއެކު ރާގިބާއި ރެނީސާ ގުޅިގެން ނިޒްމާގެ ބަނޑުގައިވާ ދަރިފުޅު ވައްޓާލުމުގެ މަސައްކަތް ފެށި ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. ދެމުންދިޔަ ބޭސްތަކާއި ކުރަމުންދިޔަ އަނިޔާތަކުން އެކަމުގައި އެއްވެސް ކާމިޔާބެއް ކުރިއެރުމެއް ނުލިބުނެވެ.

އެތައްދުވަހެއްގެ މަސައްކަތުން ރޭވުން ކާމިޔާބުވި ނަމަވެސް ޙަޤީޤީ ކާމިޔާބެއް ނުލިބުނެވެ. ބާރުގަދަ ބޭސްތަކާއި އެހެނިގޮތްގޮތުން ކުރި މަސައްކަތުން ނިޒްމާ ވިހެއި ދަރިފުޅު އެހެންމީހުންގެ ލޯތަކަށް ސިއްރުން ސަހަރާގައި ވަޅުލި ނަމަވެސް ފަޅާއެރިއެވެ.

ރާގިބުގެ މޮޅުރޭވުމުގެ ސަބަބުން ދުނިޔެއޮޅި ވާނުވާ ނޭނގިފައިހުރި ރެނީސާއަށް ހޭވެރިކަންވީ ނިޒްމާގެ ބަޔާން އަޑުއިވުނު ހިސާބުންނެވެ. އޭނާއަށް އޭނާގެ ކުށް ގަބޫލުކުރެވުނެވެ. މިއަދަކު ކުރާނެކަމެއް ނެތެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނިޒްމާ ގެންދެވުނުއިރު ރެނީސާ އާއި ރާގިބުގެ މައްސަލަ ބަލަމުންދިޔައެވެ.

އަނިޔާ ލިބުނީ ކުށްކުރި މީހާއަކަށް ނޫނެވެ. މައްސަލަ ފެށުނީ ހީކުރިވަރަށްވުރެ ކައިރިން ނެވެ. އަތްފޯރާފަށުންނެވެ. ވާނުވާ ނޭނގުނީ ބަލަންވީވަރަށް ނުބެލުމުންނެވެ. ނަޒަރު ހިންގަންވީ ދިމަދިމާއަށް ނަޒަރު ނުހިންގުމުން ނެވެ. ތިމާގެ ޒިންމާ ތިމާއަށް އަދާ ނުކުރެވިގެން ނެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.