އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─
ފެރީއިން ފައިބައިގެން ސައިކަލާއި ދިމާއަށް ދިޔަ ސުމިތުގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ކޮންމެވެސް އަންހެން ކުއްޖަކު ގޮވާލުމުންނެވެ. ކަންފަތުގައި އަޑުޖެހުމާއިއެކު ވެސް އެއަޑަކީ އޭނަ ދަންނަ އަޑެއްކަން ސުމިތަށް ޔަގީން ވިއެވެ.
އަވަސް އަވަހަށް ވަށައިގެން ހޯދާލި ވަގުތު ސުމިތަށް ފެނުނީ ނިފްލާ އެވެ. މަގުގެ އަނެއް ފަރާތުގައި މަޑުކޮށްލައިގެން ސުމިތަށް ގޮވަން ހުރި ނިފްލާ ފެނުނު ނަމަވެސް ސުމިތު އެކަމަކަށް ސަމާލުކަމެއް ނުދިނެވެ. އަވަސް އަވަހަށް ސައިކަލަށް އަރައިގެން ދުއްވާލީ ފުލެޓާއި ދިމާއަށެވެ. މިއަދަކު އޭނައަކަށް ނިފްލާއެއް މުހިންމެއް ނޫނެވެ.
ސުމިތުގެ އެޢަމަލުގެ ސަބަބުން ނިފްލާ ރުޅިއައިވަރު އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން އެނގުނެވެ.
─━━━━━━⊱✿⊰━━━━━━─
އިރާކޮޅުގެ ވަގުތެވެ. ވަގުތަށް މަޣުރިބުނަމާދުކުރި ގިނަ ބަޔަކު މިސްކިތުން ފައިބައިގެން ހިނގައްޖެއެވެ.
ހެދުމެއް އިސްތިރިކުރަން ކޮޓަރިތެރޭގައި ހުރި ޝާޔަން ސިއްސައިގެން ދިޔައީ ވޭނުންފުރިގެންވީ ފަދަގޮތަކަށް ސުމިތު ރޮއިގަތް ބާރު އަޑަށެވެ. ޝާޔަން ދުވެފައި ފެންޑާއަށް ނުކުތްއިރު ސުމިތު އޮތީ ފެންޑާ ތަޅުންގަނޑުމަތީގައެވެ. އޭނާގެ ކަރުގައި ކޮންމެ ވެސް މީހަކު ނުވަތަ ކޮންމެ ވެސް މަޚްލޫޤެއް ހިފާފައިވާ ކަހަލަ އެވެ. އެއަތެއް ކަރުން ނައްޓަން މަސައްކަތް ކުރަމުން ރޮމުން ދިޔައިރު ސުމިތުގެ އަނގައާއި ނޭފަތުން ލޭ ފައިބަމުން ދިޔައެވެ. ޓީވީން ދައްކަމުންދިޔައީ އިނގިރޭސި ފިލްމެކެވެ.
ފެންނަމުންދިޔަ މަންޒަރުގެ ސަބަބުން ސުމިތާއި ގާތްވާކަށް ޝާޔަންއަކަށް ނުކެރުނެވެ. ބައްޕާއޭ ކިޔާ ރޮއިގަންނަމުން އެހީއަކަށް އެދި ގޮވައިލެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލައެވެ.
ކޮޓަރިތެރޭގައި ވާހަކަދައްކާލަން ތިބި ސޮބްރީ އާއި ވާފިރާ ދިޔައީ ސިއްސައިގެންނެވެ. އިވުނު އަޑާއިއެކު ދުވެފައި ކަހަލަގޮތަކަށް އެދެމަފިރިން ކޮޓަރިން ނުކުތެވެ. ޝާޔަން ބިރުން ތެޅިފޮޅެނީ އެވެ. ވާފިރާ ފެނުމާއިއެކު ރޮމުންރޮމުން ގޮސް އޭނާގެ ގައިގާ ބައްދައިގަތެވެ.
ފެންޑާތަޅުންމަތީގައި އޮތް ސުމިތު ފެނުމާއިއެކު އޭނާގެ ހާލަތު ސޮބްރީ ދެނެގަތެވެ. ޒަމާނަށް އެކަށީގެންވާފަދަ ދީނީ ތަޢުލީމެއް ހާސިލުކޮށްގެން ހުރި ސޮބްރީ ޤުރުއާނުގެ އާޔަތްތަކެއް އަޑުހަރުކޮށް ކިޔަވަމުން ސުމިތާއި ކައިރިވަމުން ދިޔައެވެ. އިރުކޮޅެއްގެ ކިޔެވުމަށްފަހު ކުއްލި އަކަށް ސޮބްރީ ކޮށްލި ހަރަކާތާއިއެކު ފެންޑާތެރެއަށް ތޫފާނެއްއައި ކަހަލައެވެ. ފެނޑާތެރޭގައިހުރި އެތައްބައިވަރު އެއްޗެއް ވިއްސި ވިހާލި ކޮށްލުމަށްފަހު ނުކުމެގެންދިޔަ ބާރު ވައިރޯޅި ތިން މީހުނަށް ވެސް ފާހަގަކުރެވުނެވެ. އެއީ ރޫހާނީ ބާރެއްކަން ތިންމީހުނަށް ވެސް ޔަގީން ކުރެވުނެވެ.
ކަރުގައި ފިރުމަމުން ކެއްސާލަކެއްސާލަ އޮތް ސުމިތަށް އެހީތެރިވީ ސޮބްރީ އެވެ. ސޮބްރީ ބުނެގެން ފެންތަށްޓެއް ހިފައިގެން އައިއިރު ވެސް ޝާޔަންގެ ހިތުގައިވާ ބިރުވެރިކަން ފިލައި ނުދެއެވެ.
ކަންތައް ދިމާވިގޮތުން ބިރުގަނެ ޖެހިލުންވެފައިހުރި ޝާޔަން ހަމައަކަށް އެޅުނީ ސުމިތު ވާހަކަ ދައްކަން ފެށުމުންނެވެ. ޓީވީން ދައްކަމުންދިޔަ އިނގިރޭސި ފިލްމް ނިވާލައި ޤުރުއާނަށް ބަދަލުކުރީ ވާފިރާ އެވެ.
ސުމިތަށް ދިމާވި ކަންތަކާއިބެހޭގޮތުން ޝާޔަން ސުވާލުކުރުމުން ސުމިތު ބުނީ ކުއްލިއަކަށް ބޮލުގައި ރިއްސަންފެށީ ކަމަށެވެ. ނިތްކުރި އާއިއެކު މުޅިބޮލުގައި ރިއްސަމުން ދިޔައިރު ކޮންމެ ވެސް މީހަކު ނުވަތަ ކޮންމެ ވެސް މަޚްލޫޤެއް އޭނާގެ ބޮލުގައި ހިފަހައްޓާފައިވާ ކަހަލަ އިހުސާސެއް ކުރެވޭ ކަމަށެވެ. އެކަމުން ސަލާމަތް ނުވެވިގެން އުޅެނިކޮށް ބޮލުން އަތް ދޫކޮށްލުމަށްފަހު ކަރުގައި ހިފީ ކަމަށެވެ. މީހަކު ނުފެންނާތީ އެއީ އިންސާނެއް ނޫންކަން ފަހުން ޔަގީންވި ކަމަށެވެ. އެމަޚްލޫޤު މަސައްކަތްކުރީ އޭނާގެ ނޭވާ ހާސްކޮށްލައިގެން އޭނާ މަރާލަން ކަމަށާއި އެމަޚްލޫޤުގެ ނޭވާގެ އަޑު އިވޭކަމަށެވެ. ސޮބްރީ އެހީނުވި ނަމަ އޭނަ މަރާލާނެ ކަމަށެވެ.
ކުއްލިއަކަށް މިދިމާވި ކަންތަކުގެ ސަބަބުން ހާސްވެ ކަންބޮޑުވެ ހަދާނެގޮތް ހުސްވެފައިތިބި ސުމިތާއި ޝާޔަން ސިއްސައިގެން ދިޔައީ ކޮޓަރީދޮރުގައި ޓަކިޖަހާލި އަޑަށެވެ. ދޮރު ހުޅުވާލިއިރު އެތަނުގައި ތިބީ ސޮބްރީ އާއި މެދުއުމުރުގެ އެހެން ފިރިހެނެވެ.
ޔާނިސް އާއި ސުމިތު ވާހަކަދައްކަން ތިބީ ސުމިތުމެން ދިރިއުޅެމުންދާ ކޮޓަރީގައެވެ. ޝާޔަން ހުރީ އޭނާގެ މަންމައާއެކު މަންމެމެން ކޮޓަރީގަ އެވެ.
ވާހަކަ ދައްކަމުން ދައްކަމުން ޔާނިސް ކޮށްލި ސުވާލާއިއެކު ސުމިތު ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ހަނދާންތައް ގޮސް ގުޅުނީ ނިފްލާއާ އެވެ.
─━━━━━━⊱✿⊰━━━━━━─
އެއީ މީގެ ދެމަހެއްހާ ދުވަސް ކުރިއެވެ. ކުޅުދުއްފުށްޓަށް ސުމިތު ދިޔައީ އޭނާގެ ރައްޓެއްސެއް ހަދަމުންދިޔަ ގެސްޓް ހައުސްއެއް ގައި ކުރަންހުރި ބައެއް މަސައްކަތްތައް ނިންމާލުމަށް އެހީވުމަށް ޓަކައެވެ.
ސުމިތަށް ނިފްލާ ފެނުނީ އެރަށަށް ދިޔަތާ ދެދުވަހެއް ފަހުން ގެސްޓްހައުސް ހަދަމުންދިޔަ ސަރަހައްދުންނެވެ. ފުރަތަމަ ފެނިލުމާއިއެކު ވެސް ސުމިތުގެ ހިތުގައި ނިފްލާއަށް ޝައުޤުވެރިކަން އުފެދުނެވެ. ހެދިހުރި އެރީތި ފުރިހަމަ ހަށިގަނޑާއި ވަނާތަކަށް ހިތްޖެހުނެވެ. ކޮންމެ ގޮތަކުން ނަމަވެސް އެރީތި ފުރިހަމަ މަލުގެ ފޮނިކޯޅު ބޯލުމަށް ހިތް އެދި ގޮވަން ފެށިއެވެ.
” ފައްކާ ދޯ ؟ ” ނިފްލާ ފެނުމުން ސުމިތަށް ވީގޮތް ފެނިފައި އޭނާގެ އެކުވެރި އަޖުވަދު ބުނެލިއެވެ.
” ނައިސް ބޮޑީ …. ހަބޭސް ވާނެ. ” ޚިޔާލަކަށް ގެއްލިފައި ކަހަލަގޮތަކަށް ހުރެ ސުމިތު ބުނެލިއެވެ.
ނިފްލާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ސުމިތު ފެށި މަސައްކަތުގެ ނަތީޖާ ދެތިން ދުވަހެއްގެ ތެރޭގައި ފެންނަން ފެށިއެވެ. އަޖުވަދު ބުނި ފަދައިން ނުހަނު ފަސޭހަކަމާއިއެކު ނިފްލާ އަތުއަޅުވާލެވުނެވެ. ފަސޭހަކަމާއިއެކު ބޯކާލެވުނެވެ.
ނިފްލާ އާއި ސުމިތުގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމުގައި ކުލަޖައްސަމުން ދިޔައީ ސުމިތު ބޭނުންވި ފަދައިން އެހެން އެންމެންގެ ލޯތަކަށް ސިއްރުންނެވެ. ހަދަމުންދިޔަ ގެސްޓްހައުސްގައި ކޮންމެވެސް ވަރަކަށް ނިމިފައިހުރި ކޮޓަރީގައި ރޭގަނޑުގެ އަނދިރީގައެވެ. އޮއްސޭއިރާއިއެކު ފެށިގެން އެތައް ދަމެއް ވާންދެނެވެ.
މިފަދަ ދުވަސްކޮޅަކަށް ލިބިފައި މިވަނީ ރަނުގެ ފުރުސަތެއްކަމުގައި އަޖުވަދު ގާތު ސުމިތު ބުނަމުންދިޔައެވެ. ކައިވެނީގެ ވާހަކަ ދައްކަންފެށި ހިސާބުންފެށިގެން އަނތްބެއް ލިބިއްޖެކަމާއި އަންހެނަކު ފައްކާވާނީ މިވަރަކަށް ކަމަށް ވެސް ބުންޏެވެ.
ދޮޅުމަހެއްހާ ދުވަސް އެރަށުގައި ހޭދަކޮށް، ކުރަންދިޔަ މަސައްކަތް ނިންމާލުމަށްފަހު ސުމިތު މާލެ އައީ ހަފްތާއެއްހާ ދުވަސްތެރޭ ނިފްލާ ކައިވެނިކުރުމަށް ދާނެ ކަމަށް ބުނެފައެވެ. އޭގެ ފަހުން މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވީ އެވެ.
” ވަރަށް ސަކަރާތް ….. ވަރަށް ގޯސް …. ނިފްލާ ކަމަށް ހީކޮށް ސުމިތަށް ގާތްވެވިފައި ތިޔަވަނީ ރޫހާނީ މަޚްލޫޤަކާއި. ތިޔަކަންތަކުން ސަލާމަތްވާން އުނދަގޫވާނެ …. އޭނަ ބަނޑު ބޮޑު ނަމަ އަދި މާ އުނދަގޫވާނެ. އެކަމު ވެސް ތިޔަ ކަންތަކުން ސުމިތު ސަލާމަތްކުރަން އަހަރެންނަށް ކުރެވޭންހުރި ހުރިހާކަމެއް ކޮށްދޭނަން … އިޝާ ނަމާދުން ފައިބައިގެން އަންނަންވާއިރަށް ހަމަޖައްސަން ބުނި ކަންތައް ސޮބްރީއަށް ހަނދާންކޮށްދޭތި. އަހަރެން އަންނާނަށް މީހުން ގޮވައިގެން. އަހަރެން ދެއްކި ވާހަކަތައް ހަނދާން ބަހައްޓާތި. ” ސުމިތާއި ވާހަކަދައްކަން އެތައްއިރަކު މަޑުކުރުމަށްފަހު އިޝާ ނަމާދު ވަގުތު ގާތްވުމުން ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން ޔާނިސް ވާހަކަދެއްކި އެވެ. ޔާނިސްގެ ވާހަކަތަކަށް އެއްބަސްވަމުން އާނއެކޭ ބުނާ ފަދައަކުން ސުމިތު ބޯ ޖަހާލިއެވެ.
ޔާނިސްގެ ވާހަކަތަކުގެ ސަބަބުން ސުމިތު އިނީ ހާސްވެ ކަންބޮޑުވެފައެވެ. ބިރުން ތުރުތުރުއަޅައެވެ. އެކަމާއި ގުޅިގެން ޔާނިސް ދެއްކި ވާހަކަތައް ބަރާބަރަށް ދިމާވެއެވެ. ނިފްލާ އާއި ސުމިތުގެ މެދުގައި ގުޅުން ފެށުނީ އެއްރެއެއްގެ އިރުއޮއްސުނުގަޑީ އަތިރިމަތިންނެވެ. ހުރިހާ ބައްދަލުވުމެއް ބޭއްވީ ރޭގަނޑުގެ ކަނުއަނދިރީގަ އެކަހެރި ފަޅު ސަރަހައްދެއްގައެވެ. ދުވަހަކު ވެސް ދުވާލުގެ އަލިކަމުގައި އެދެމީހުން ބައްދަލެއް ނުކުރެއެވެ.
މިސްކިތުން ފައިބައިގެން ސުމިތު ދިރިއުޅޭ ގެއާއި ދިމާއަށް ހިނގަމުންއައި ޔާނިސްގެ ފިޔަވަޅުތަކަށް ހުއްޓުންއައީ ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް އަންހެންކުއްޖަކު އެރުމުންނެވެ. ޒުވާން ފުރައިގެ އެއަންހެންކުއްޖާއަށް ބަލާލުމުން އޭނާ ބަނޑުބޮޑުހެން ވެސް ހީވެއެވެ.
” އާދޭސްކޮށް ދެފައިގަ ހިފާފައި ބުނަން ބޭބޭ އަހަރެންނަށް ތިޔަހެން ނުހަދާ. މީހެއްގެ ދަޅާގައި ޖެހި އަހަންނަށް މިކުރެވުނު ކުށުގެ ސަބަބުން ވަރަށްބޮޑެތި އަނިޔާތަކާއި ވޭންތައް ތަހައްމަލު ކުރަން ޖެހިއްޖެ. ދިރިއުޅުން އެކަނިވެރިވެ ބިކަ ވެއްޖެ. އެހީވާނެ މީހެއް އަޅާލާނެ ޔާރެއް އިޔާރެއް ނެތިއްޖެ … އާދޭސްކޮށްފައި ބުނަން … އަހަރެންގެ ދަރިފުޅަށްޓަކައި ނަމަވެސް އަހަރެންނަށް ހަމްދަރުދީވެދީ. އަހަރެންގެ ދަރިފުޅަށް ތިޔަ އަނިޔާ ނުދީ. ” ރޮމުން ރޮމުން އެއަންހެންކުއްޖާ ދެއްކި ވާހަކަތަކުގެ ސަބަބުން ޔާނިސްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ލިބުނު ސިހުމާއިއެކު އެ އަންހެންކުއްޖާއަށް އެތައް ފަހަރަކު ބަލައި ވެސް ލެވުނެވެ. ހިތުގައި އުފެދުނު ސުވާލުތައް ކުރުމުގެ މާނައެއް ނެތެވެ.
ހަނގުރާމަ ކުރާނީ ހަނގުރާމަކުރާ މީހަކާއިއެވެ. ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން ބޭނުންވާ މީހަކާއި ވާހަކަ ދައްކާނީ އެވެ. އިސްކުރަންވާނީ އިންސާފެވެ. އެއަންހެންކުއްޖާއަކީ ސުމިތު ލޯބީގެގޮތުން ގުޅުނު ޖިންނިކަން ޔާނިސަށް ޔަގީންވިއެވެ.
” ކަލެއަށް އޮތީ އެންމެގޮތެއް. އެގޮތާއި ރުހެންޏާ އަހަރެން މިހުރީ މިހާރުން މިހާރަށް މިކަން ހުއްޓާލަން. ” ހަމަޖެހިލަމުން ޔާނިސް ވާހަކަދެއްކިއެވެ.
” އަހަރެންގެ ވެސް އޮތީ އެންމެ ޝަރުތެއް … އެޝަރުތު ސުމިތު ގަބޫލުކުރަންޏާ އަހަރެން މިހުރީ މިހާރުން މިހާރަށް މިތަނުން ދާގޮތަށް. އެމީހަކު ކުރި ކަމެއް އެމީހަކަށް. ސުމިތު ކުރި ކުށުގެ އަދަބު އަހަރެން ނުދިނަސް ކޮންމެވެސް ދުވަހަކުން އޭނާއަށް ލިބޭނެ. ” މަޑުމައިތިރިކަމާއި ކިޔަމަންތެރިކަމާއިއެކު އެ އަންހެންކުއްޖާ ވާހަކަދެއްކިއެވެ.
” އެ ޝަރުތަކީ ކޮބާ ؟ ” ޔާނިސް އަހާލިއެވެ.
” އަހަރެންގެ ބަނޑުގައި މިވަނީ ސުމިތުގެ ދަރިއެއް. ދުވަހަކު ކޮޅުން ވިޔަސް ބައްޕަގެ އެހީއަކަށް އެދިގެން އައިސްފި ނަމަ އޭނާއަށް އެހީވާނެކަމަށް ސުމިތު އެއްބަސްވުން ޝަރުތަކީ. ” އަންހެންކުއްޖާ އޭނާގެ ޝަރުތު ހާމަކުރިއެވެ.
─━━━━━━⊱✿⊰━━━━━━─
” އަހަރެން ބޭނުމެއް ނޫން ދޮންދަރިއެއް …. ދަރިއަކު ބޭނުން ވެގެން އަހަރެން ވާހަކަދެއްކި ކޮންމެފަހަރު ސުމިތު ބޭނުންވީ ދަރިއަކު ހޯދުން ލަސްކޮށްލަން. އަހަރެން އެކަމަށް އެއްބަސްވިން. މިއަދު އައިސް ތިޔަ ބުނަނީ ދޮންދަރިއަކާއި ހަވާލުވާން. ތިކަމެއް ނުވާނެ. ” ޖިންނީގެ ކިބައިން ސަލާމަތްވާން ސުމިތަށް އޮތް އެންމެ ފަސޭހަގޮތަކީ އެއީ ނަމަވެސް އެގޮތެއް ޝާޔަން އަކަށް ކަމަކު ނުދިޔައެވެ.
ސުމިތުގެ ގޮތްކުޑަކަމާއި މަކަރުވެރިކަން ފެނުނު ހިސާބުން ފެށިގެން ޝާޔާން ބޭނުންވީ އަބަދުގެ އަބަދަށް ސުމިތާއި ދުރަށް ދާށެވެ. އޭނާގެ ހަޔާތަށް އަލްވަދާޢު ކިޔާށެވެ. އިންސާނަކާއި ކުރިމަތިލައި ސަލާމަތް ހޯދުނު ނަމަވެސް ސުމިތު ހިތާވި ޖިންނި އަންހެންކުއްޖާއާ ކުރިމަތިލާން ޖެހިއްޖެނަމަ އޭނާގެ ކިބައިން ސަލާމަތްވާން އުނދަގޫވާނެކަން ޝާޔަންއަށް ޔަގީނެވެ. ފުރަތަމަ ޝަރުތަކީ ދަރިފުޅަށް އެހީތެރިވުމެވެ. ދެން ކުރިމަތިވާނީ ކޮންފަދަ ކަމެއްކަން ވެސް ނޭނގެއެވެ.
─━━━━━━⊱✿⊰━━━━━━─
އެވަރުގެ މޮޅު ދަތުރެއް ނުކުރެވޭކަމަށް ރައްޓެހިންކައިރީ ބުނެ ފޮނިކަނޑަމުންދިޔަ ސުމިތަށް ހޭވެރިކަންވީ ވާނެ އެއްޗެއް ވީ ފަހުންނެވެ. ވިސްނަންވީ ވަރަށް ވިސްނާލެވުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. މިއަދަކު އެކަމުން ސަލާމަތްވެވޭކަށް ނެތެވެ. ބޭނުންނުވި ނަމަވެސް މަޖްބޫރުވުމުން ޝާޔަން ދޫކޮށްލިއެވެ. ދަރިފުޅަށްޓަކައި އެކުގައި އުޅެން ބޭނުންވި ނަމަވެސް ނިފްލާއަކީ އިންސާނަކަށް ނުވާތީ ކައިވެނި ކުރެވޭކަށް ނެތެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި