އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─
” …. އާއިޝަތު ލަހްފާގެ މައްޗަށް ސާބިތުވާތީ އެއްއަހަރާއި ތިން މަސްދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިން. ” މައްސަލައިގެ ހުކުމް ގާޒީ އިއްވުމާއިއެކު ލަހްފާގެ ރުއިމުގެއަޑުން މުޅިތަން ގުގުމާލިއެވެ.

އޭނާއަށް އެހެން ނުހެދުމަށާއި އޭނާ ދޫކޮށްލުމަށް އެދި އާދޭސްކުރަން ފެށިއެވެ. އޭނާ ހައްޔަރުކޮށްފިނަމަ އޭނާގެ ދަރިފުޅު ބަލަހައްޓާނެ އެހެން މީހަކު ނުހުންނާނެ ވާހަކައާއި އޭނާ ދެރަވާނެ ވާހަކަ ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

ލަހްފާގެ އެއާދޭހާއި އޭނާ ރޮމުންދިޔަ ރުއިމަށް ޖަވާބުދެމުން ދިޔައީ އާންމުންނެވެ. ލަހްފާ ޖަލަށްލުމުން އޭނާގެ ދަރިފުޅު ދެރަވާނެކަން ލަހްފާއަށް އެނގުން މާލަސްވެއްޖެކަމަށާއި ލަހްފާގެ ފަރާތުން އެދަރިފުޅަށް ހިމާޔަތެއް ނުލިބުނު ކަމުގައި އެބައި މީހުން ބުނަމުން ދިޔައެވެ. ލަހްފާގާތުގައި އެ ކުއްޖާ ބަހައްޓައިފިނަމަ ދެންވާނެގޮތެއް ނޭނގޭކަމަށާއި މިހާރަށްވުރެ ބޮޑު އަނިޔާއެއް ލިބިދާނެކަމުގައި ވެސް ބައެއްމީހުން ބުނަމުން ދިޔައެވެ.

ރޮމުން ރޮމުން ގޮނޑިމައްޗަށް ތިރިވި ލަހްފާގެ ޚިޔާލުތައް ގޮސް ގުޅުނީ އޭނާގެ މާޒީއާއެވެ.
─━━━━━━⊱✿⊰━━━━━━─
އެއީ މީގެ ބާރަވަރަކަށް އަހަރުކުރިއެވެ. ލަހްފާ އާއި މަޒާއިލް ބައްދަލުވީ ލަހްފާމެން ރަށު މަދަރުސާ ޓީޗަރަކަށް މަޒާއިލް އައިސްހުރި ހުރުމުގެ ތެރޭގައެވެ. ހެދިހުރި ފިރިހެންވަންތަ ފުރިހަމަ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ މަޒާއިލްގެ ހަށިގަނޑުގެ ދޮންކުލައަކީ ވެސް އޭނާއާމެދު އެތައް އަންހެންކުދިން ޝައުގުވެރިވާކަމަކަށް ވިއެވެ.

ލަހްފާއާއެކު ގްރޭޑްދިހައެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ގިނަ އަންހެންކުދިންނެކޭ އެއްފަދައިން ލަހްފާގެ ހިތުގައި ވެސް މަޒާއިލްގެ ފުރިހަމަ ސޫރަ ކުރެހުނެވެ. މަޒާއިލްގެ އިޝާރާތަކަށް އިންތިޒާރުކުރެވެން ވެސް ފެށިއެވެ.

ލަހްފާ އާއި މަޒާއިލްގެ މެދުގައި ލޯބީގެގުޅުން އުފެދުނީ އެކަމަށް އެދި އޭނާ އިންތިޒާރު ކުރަމުންދާތާ ތިންމަހެއްހާ ދުވަސް ފަހުންނެވެ. ލަހްފާ އާއި މަޒާއިލްގެ މެދުގައި އުފެދުނު ލޯބީގެގުޅުމާއިއެކު، މަޒާއިލްގެ އިޝާރަތަކަށް އިންތިޒާރު ކުރަމުންދިޔަ އެތައް އަންހެންކުދިން ލަހްފާއާ ގުޅުންކަނޑާލިއެވެ. ލަހްފާ އާއި މަޒާއިލްގެ ބޭޒާރުކޮށްލާނެ ފުރުޞަތެއް ލިބޭތޯ އެތައް މަސައްކަތެއް ކުރިއެވެ.

ލަހްފާގެ ތައުލީމީހަޔާތް ނިމުމާއިއެކު ލަހްފާ އާއި މަޒާއިލްގެ ކައިވެނިކުރިއެވެ. ލަހްފާ އާއި މަޒާއިލްގެ ކައިވެނީގެ ގުޅުމަކީ ލަހްފާގެ ޢާއިލާއިން އެހާ ހިތްހަމަޖެހޭ ގުޅުމަކަށް ނުވިއެވެ. އެހެނަސް މަޒާއިލްގެ ވަޒީފާ ދޫކޮށްލާފައި، އެރަށް ދޫކޮށްލާފައި ދާކަށް ލަހްފާ ބޭނުމެއް ނުވިއެވެ.

މަޒާއިލް ގޮވައިގެން ލަހްފާގެ ދޮންތަ ސިފްޒާގެ ގެއަށް ލަހްފާ ބަދަލުވީ އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދިން ހަމައެކަނި މީހަކީ ސިފްޒާއަށް ވެފައި އެގެއަކީ ހުސްކޮށްހުރި ބޮޑު ގެއަކަށް ވާތީއެވެ.

ސިފްޒާގެ ފިރިމީހާ ބައްސާމަކީ މާލޭގައި ގެދޮރުހުރި ތަނަވަސްމީހަކަށް ވާތީ ސިފްޒާގެ ޢާއިލާ ދިރިއުޅެމުންދަނީ މާލޭގައެވެ. ރަށަށް އައިސް އުޅުމަކީ ސިފްޒާ އާއި އޭނާގެ ދަރިން ކުރާހިތްވާކަމެއް ނޫނެވެ. ސިފްޒާ އާއި އޭނާގެ ދަރިން ރަށަށް ނައި ނަމަވެސް ބައްސާމު ކޮންމެވެސް ވަރަކަށް ރަށަށް އައިސް އުޅެއެވެ.

ލަހްފާ އާއި މަޒާއިލްގެ ކައިވެންޏަށް އަހަރެއްހައި ދުވަސްވީއިރު އެދެމަފިރިންނަށް އަންހެންކުއްޖަކު ލިބިއްޖެއެވެ. އެކަމުގެ ސަބަބުން ލަހްފާއަށް ލިބުނު އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައިރު، އެއުފަލާއި ހިތްހަމަޖެހުމުގެ ނިމުން ގާތްވަމުން ދިޔަކަމެއް އެއްގޮތަކަށް ވެސް އޭނާއަކަށް ނޭނގެއެވެ.

ސައިކަލް އެކްސިޑެންޓެއްގައި މަޒާއިލް ނިޔާވުމާއިއެކު ލަހްފާގެ މުޅި ދިރިއުޅުން ހުއްޓުނު ކަހަލައެވެ. ލިބުނު ހިތާމައާއި ހިތްދަތިކަމުގައި ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައަކުން ހުއްޓިޖެހިފައިހުރި ލަހްފާއަށް އަނެއްކާ ވެސް އެހީތެރިކަމެއް ލިބުނީ ސިފްޒާގެ ފަރާތުންނެވެ. އެގޭގެ ދެކުނު ފަރާތުގައި ހަދާފައިވާ ހަތަރުކޮޓަރީގެ ކުއްޔަށްލިބޭ ފައިސާއިން ގެއަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށްފަހު، ބާކީބައި މާލެފޮނުވުމަށް ސިފްޒާ ބުންޏެވެ.

އެންމެ ފުޅާދާއިރާއެއްގައި ރަށުގައި ވިޔަފާރިކުރަމުންދާ އަލީ އިބްރާހިމަކީ ބައްސާމުގެ އެހީތެރިކަމާއިއެކު ވިޔަފާރި ކުރަމުންދާ ފަރާތެކެވެ. އަމިއްލަ މަސައްކަތުން ހޯދާ ރިޒުޤަކީ ހަލާލުކަން އެންމެބޮޑު ރިޒުޤެވެ. އާމްދަނީ ހޯދުމަށްޓަކައި ކޮންމެވެސް ކަމެއް ކުރަން ޖެހޭނެކަމުގައި ލަހްފާ އަބަދުވެސް ދެކެއެވެ. ވަޒީފާއެއް ބޭނުންވެގެން ލަހްފާ އެވާހަކަ ދެއްކުމުން، އަލީ އިބްރާހިމްގެ އަނަދާނަ ފިހާރައިން އޭނައަށް ވަޒީފާއެއް ބައްސާމު ހަމަޖައްސައިދިނެވެ. އަމިއްލަ މަސައްކަތުން އާމްދަނީއެއް ހޯދުމަށް ލަހްފާ އަމިއްލައަށް ވިސްނައިގެން އެކަމާއި ކުރިމަތިލުމުން ބައްސާމު އޭނާއަށް ހިތްވަރާއި ނަސޭހަތްދީ ސާބަސް ދިނެވެ.

ގޭތެރޭގެ ހުރިހާކަމެއް ބަލަހައްޓަމުން ދަރިފުޅުގެ ކަންތައްތައް ބަރާބަރަށް ނިންމަމުން ވަޒީފާއެއް އަދާކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، ލަހްފާ ކެތްތެރިވިއެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނެކަމުގައި އަބަދުވެސް އޭނާ ގަބޫލުކުރެއެވެ.

ގަދަހިތްވަރާއިއެކު ކުރެވުނު ބުރަމަސައްކަތުން ލަހްފާ އޭނާގެ އުންމީދުތައް ޙަޤީޤަތަކަށް ހެދިއެވެ. އޭނާގެ ދަރިފުޅު ޝާނާގެ އުމުރުން ބާރަ އަހަރު ފުރުނުއިރު، އޭނާ ބޭނުންވާ އެއްވެސްކަމެއް ނުވަތަ އޭނާ ބޭނުންވާ އެއްވެސް އެއްޗެއް ނުލިބިގެން ޝަކުވާކުރަން ޖެހިފައެއް ނުވެއެވެ. މަދަރުސާއަށް ގެންދިއުމާއި ގެނައުމުގައި އެންމެފަހަރަކު ވެސް ގަޑިޖެހިފައި ނުވަތަ ލަސްވެފައެއް ނުވެއެވެ.

ލަހްފާގެ މުސާރައިން ޚަރަދުކޮށް ބާކީވާ ހުރިހާ ފައިސާއެއް، އޭނާގެ ދަރިފުޅު ޝާނާގެ ކުރިމަގަށްޓަކައި ޝާނާގެ ނަމުގައި އެކައުންޓެއް ހުޅުވައި އެއެކައުންޓަށް ޖަމާކުރަމުން ދިޔައެވެ. މިއަދު ޝާނާ ފިޔަވާ އެހެން އެއްވެސްކަމެއް އޭނާއަށް މުހިންމެއް ނޫނެވެ.

އެގެއިން ކުއްޔަށްދޫކުރާ ކޮޓަރިތަކުގައި ކުރަންހުރި މުހިންމު މަސައްކަތްތަކެއް ކޮށްލުމަށްޓަކައި ބައްސާމު ރަށަށް އައިސްހުރި ދުވަސްވަރެކެވެ. ލަހްފާއާއިއެކު ފިހާރާގައި މަސައްކަތްކުރާ އަނެއް މުއައްޒަފު ކުއްލިއަކަށް މާލެދާން ޖެހުމާއިގުޅިގެން އޭނާ މާލެ ހިނގައްޖެއެވެ. އޭނާ މާލެދިއުމުން ބައެއްރޭރޭ ލަހްފާ ވެސް ފިހާރައަށް ނުކުންނަން ޖެހިއްޖެއެވެ.

ރޭގަނޑު ގަޑީގައި ލަހްފާ ފިހާރައަށްދާން ޖެހުނު ދުވަސްވަރާއި ބައްސާމު ރަށަށްއައި ދުވަސްވަރު ދިމާވުމުން ލަހްފާއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ރޭގަނޑު ގަޑީ އޭނާ ފިހާރައަށްދިޔަ ނަމަވެސް ބައްސާމު ގޭގައި އުޅޭނެތީ ޝާނާއާ މެދު ވިސްނާކަށް އޭނާއަކަށް ނުޖެހޭނެއެވެ.

ރޭގަނޑުގެ ޑިއުޓީއަށް ލަހްފާ ދަނީ ޝާނާގެ ފިލާވަޅުގެ ކަންތައް ނިންމައި ރޭގަނޑަށް ކާންދީ ނިދަން ބާއްވާފައެވެ. އާންމުކޮށް އައްގަޑިބައި ނުވައެއް ޖަހާއިރު ޝާނާ ނިދައެވެ.

ރޭގަނޑު އެގާރަ ޖަހާކަން ހާއިރެވެ. ފިހާރައިގެ ޑިއުޓީ ނިންމާލުމަށްފަހު ލަހްފާ ގެއަށް އައިއިރު ގޭތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އެހެންރޭތައް ފަދައިން ޝާނާ އޮންނާނީ ނިދާފައިކަމާއި ބައްސާމު ވާނީ ބޭރުގައިކަން ލަހްފާއަށް ޔަގީންވިއެވެ.

ކޮޓަރީގެ ދޮރުހުޅުވާލަމުން އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއިއެކު ފެނުނު މަންޒަރުން ލަހްފާ ދިޔައީ ސިއްސައިގެން ނެވެ. ބެޑްޝީޓަކުން މުޅިހަށިގަނޑު ނިވާކޮށް ދެލޯބޮޑުކޮށްގެން ދޮރާއި ދިމާއަށް ބަލަހައްޓައިގެން ޝާނާ އޮތެވެ.

” ދޫނީ ! ކީއްވެ ނުނިދާ ތިޔައޮތީ ؟ ” ހައިރާންކަމާއި ނުތަނަވަސްކަމާއިއެކު ޝާނާއާ ދިމާއަށް އަންނަމުން ލަހްފާ އަހާލިއެވެ.

” ކަމެއް ނުވޭ. ހަމަ ނުނިދިފަ އޮތީ …… މިރޭ އަޅުގަނޑު ނިދާނީ މަންމައާއެކު މަންމަ އެނދު. އޯކޭތަ ؟ ” އެނދުން ތެދުވަމުން ޝާނާ ވާހަކަ ދެއްކިއެވެ.

” އެހެންތަ ؟ އަވަހަށް ހިނގާ. ” ޝާނާގެ ބޮލުގައި ފިރުމާލަމުން ލަހްފާ ވާހަކަދެއްކިއެވެ.

ހެނދުނު ހައެއްޖަހާކަން ހާއިރެވެ. ލަހްފާ އޭނާގެ އާދައިގެމަތިން ތެދުވެ ފާހާނާއަށް ވަދެ ތާހިރުވެލައިގެން ނުކުމެ ޝާނާއަށް ގޮވިއެވެ. ޝާނާ ހޭލުމުން މަދަރުސާއަށް ދާން ތައްޔާރުވާން ބުނެފައި ލަހްފާ ދިޔައީ ބަދިގެއަށެވެ. ޝާނާ މަދަރުސާއަށް ދާން ތައްޔާރުވެގެން އަންނައިރު ސައިތައްޔާރުކޮށް ނިންމާފައި ބެހެއްޓުމަކީ ލަހްފާ އެންމެބޮޑު އިސްކަމެއްދޭ ކަންތަކެވެ.

ބަލިވެއުޅޭތީ ޝާނާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ލަހްފާ ދިޔައީ ދިހައެއްޖަހާކަން ހާއިރުއެވެ. ބަނޑުގަ އާއި ބޮލުގައި ރިއްސާކަމަށް ބުނެ ޝާނާ މަދަރުސާއަށް ނުދާތާ މިހާރު ދެދުވަހެއް ވެއްޖެއެވެ.

” އަހަރެން ބޭނުން ލަހްފާއާ ވާހަކައެއް ދައްކާލަން. ދަރިފުޅަށް ގެއަށް ލާފައި އަންނަންވީނު. ” ޝާނާ ޑޮކްޓަރަށް ދެއްކުމުގެ ހުރިހާކަމެއް ނިންމާލުމަށްފަހު، ގެއަށް ދާން އުޅެނިކޮށް ޑޮކްޓަރ ސަމްރާ އައިސް ލަހްފާއާ ބައްދަލުކުރިއެވެ.
ގެއަށް ގޮސްފައި އަންނަން އުނދަގޫވާނެތީ ޝާނާ އެތަނުގައި މަޑުކުރުވުމަށްފަހު، ޑޮކްޓަރާއިއެކު ޑޮކްޓަރުގެ ކޮޓަރިއަށް ލަހްފާ ދިޔައެވެ.

ޝާނާގެ ބައްޔާއިބެހޭގޮތުން ސަމްރާ އާއި ލަހްފާ ވާހަކަ ދައްކަމުން ދިޔައެވެ.

” އެއްފަހަރު ވެސް އަހަރެން ނުބުނާނަން ޝާނާއަށް އެހުރީ ޖިންސީގޯނާއެއް ކުރިމަތިވެފައެކޭ. އެކަމަކު ލަހްފާ ތިޔަ ބުނާގޮތަށް އަމިއްލައަށް ޖިންސީގުނަވަންތަކާއި ކުޅުމާއި، އެކަހެރިވުމާއި ކުއްލިކުއްލިއަށް ރުޅިއައިސް އަމިއްލަނަފްސަށް ދެރަކޮށް ހިތުމާއި އަބަދުހެން ބަނޑުގައި ނުވަތަ ބޮލުގައި ރިއްސާތީ އުޅުމާއި ބަލިކަމަށްބުނެ ޝަކުވާކުރުމާއި، ދެރަވެފައި ނުވަތަ ހާސްވެ ކަންބޮޑުވެފައި ހުރުންފަދަ ކަންކަމަކީ ޖިންސީގޯނާގެ އަލާމަތްތަކޭ އަހަރެން މިބުނަނީ. އެހެން …. ” ސަމްރާ ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލަން ޖެހުނީ ކުއްލިއަކަށް ލަހްފާ ވާހަކަ ދައްކަން ފެށުމުންނެވެ.

” ކަލޭ ދައްކާ ވާހަކަ ދޯ ؟ ކީކޭ ކިޔަން ތިޔައުޅެނީ. ؟ ” ސަމްރާގެ ވާހަކަތައް މެދުކަނޑާލަމުން ރުޅިވެރިކަމާއިއެކު ލަހްފާ ބުންޏެވެ.

” ލަހްފާ! ހަމަޖެހިބަލަ. އަހަރެން މިބުނަނީ މިފަދަ ޢަލާމާތްތައް އާންމުކޮށް ފެންނަނީ އެފަދަ ކަންތައްތަކާއި ގުޅިގެންނޭ. އެކަމަކު …. މިފަދަ ޢަލާމާތެއް ފެންނަ ކޮންމެ ފަހަރަކީ އެހެން ކަންތައް ދިމާވެފައިވާ ކަމުގެ ހެއްކެއް ވެސް ނޫން. ” ލަހްފާ ހަމައަކަށް އަޅުވަން ސަމްރާ ކުރި މަސައްކަތުން ލަހްފާ ހަމައަކަށް އެޅި ސަމްރާގެ ވާހަކަތައް އަޑުއެހިއެވެ. ސަމްރާގެ ވާހަކަތައް ބިނާވެފައިވަނީ އޭނާއަށް ވަމުންދާ ހީއެއްގެ މައްޗަށް ކަމަށްވާތީ ލަފްހާ އެވާހަކަތަކާއި މެދަކު ނުވިސްނައެވެ.

ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދިޔައިރު ޝާނާއަށް އަންނަމުންދިޔަ ބަދަލުތައް މުދައްރިސުންނަށް ފާހަގަކުރެވި އެކަމާއިމެދު މަޝްވަރާކުރަން ފަށައިފިއެވެ. އެކަމާއި ބެހޭގޮތުން ވާހަކަ ދައްކަން ލަހްފާއާއި ބައްދަލުކުރީ މަދަރުސާގެ ހެލްތު އެސިސްޓެންޓް ޒައިނާ ރަފީއުއެވެ.

” އަމިއްލަ ނަފްސަށް ދެރަކޮށް ހިތުމާއި، ކުއްޖާގެ އުޅުމުން ޖިންސީހަރަކާތްތައް ފެނުމާއި، ބަލިކަމުގެ ޝަކުވާކުރުމާއި، އުމުރާ ނުގުޅޭ ޖިންސީ މަޢުލޫމާތު ލިބިފައިހުރުމާއި، ވަކިގޮތަކަށް ތިބޭ މީހުންނާއި ވާހަކަ ނުދެއްކުމާއި އެމީހުންނާއި އެކަހެރިވުމާއި، އަހުލާޤީ މައްސަލަތައް ދިމާވުން ފަދަ ކަންތައްތައް އެއީ ކުއްޖާއަށް ޖިންސީގޯނާ ލިބެމުންދާއިރު އާންމުކޮށް ފެންނަ ކަންކަމޭ އަހަރެން މިބުނަނީ. މިކަހަލަ އެތައްކަމެއް ޝާނާގެ ފަރާތުން ތަކުރާރުކޮށް ފެންނަމުންދާތީ އަހަރެން މިވާހަކަ މިދައްކަނީ. ލަހްފާ އަމިއްލައަށް …….. ” ޒައިނާ ރަފީއު ދައްކަމުންދާ ވާހަކަތައް އަޑުއަހާކަށް އެކަމަށް ސަމާލުކަން ދޭކަށް ލަހްފާ ބޭނުމެއް ނުވިއެވެ. ސަމްރާ އާއި ޒައިނާގެ ވާހަކަތައް ކޮންމެގޮތަކަށް ހުރި ނަމަވެސް އެއީ އެމީހުންނަށް ހީވާ ހީވުމެއްކަން ލަފްހާއަށް ޔަގީންވެއެވެ. އެމީހުންގެ ހީއަށްވުރެ ލަހްފާގެ ޔަގީންކަން ބޮޑެވެ.

” ކަލެޔާ ބައްދަލުކުރަން ބުނީމަ ވެސް މަގޭ ހިތަށް އެރިޔޭ ކޮންމެވެސް މޮޅުވާހަކައެއް ދައްކާށޭ ތިޔައުޅެނީ. މަށާ މަގޭ ދަރި ރަނގަޅަށް އުޅެންޏާ އޭނާއަށް ބޮޑު ކާމިޔާބެއް ލިބެންޏާ ކަލޭ ވަރަށް ކަންބޮޑުވާނެ. ބަލަ މަގޭ ސަބަބަކުން ނޫނޭ ކަލެއަށް މަޒާއިލް ނުލިބުނީ. ޒާތީ ވިޔަސް ތިދެން ބޮޑުވަރެއްނު. ” ހިތްހަމަ ނުޖެހުމާއިއެކު ޒައިނާއާ ދިމާއަށް އެއްޗެތި ކިޔަމުން ކިޔަމުން ލަހްފާ ނުކުމެގެން ދިޔައީއެވެ. ލަހްފާއަށް ގަބޫލުކުރެވުނު ގޮތުގައި ޒައިނާ ރަފީއުގެ ވާހަކަތަކަކީ އޭނާއާ އޭނާގެ ދަރިފުޅަށް ހަސަދަލައިގެން ދެއްކި ވާހަކަތަކެކެވެ.

ހެނދުނު ހަގަޑި ތިރީސްކަން ހާއިރެވެ. ބަދިގެތެރޭގައި ހުރި ލަހްފާ ސިއްސައިގެން ދިޔައީ ފާހާނާއަށް ވަން ޝާނާ ރޮއިގަތް އަޑަށެވެ. ކުރަންހުރި މަސައްކަތްތައް ދޫކޮށްލާފައި ލަހްފާ އައީ ދުވެފައި ކަހަލަގޮތަކަށެވެ.

” މަންމާ! ތަދުވަނީ … ލޭ ވެސް އާދޭ …. ބޭބެ ބެހުނީ މިތަނާ. ” ސޯޓްމަތިން ހިފަހައްޓާލައިގެންހުރެ ޝާނާ ބުނެލި ޖުމްލައިން ލަހްފާ ދިޔައީ ސިއްސައިގެންނެވެ. ގަބޫލުކުރާން ދަތި ކަހަލަ ގޮތަކަށް ނޫނެކޭ ބުނަމުން ދެއަތަކަށް ބޯހޫރާލެވުނެވެ. އެއްވެސް އިޚްތިޔަރަކާ ނުލައި ދެފައިމައްޗަށް ތިރިވެވުނުއިރު ދެލޮލުން ކަރުނަ ފާއްދާ ލައިފިއެވެ.

ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުން ހުއްޓުންއަރާފައި އިން ލަހްފާއަށް ހޭވެރިކަންވީ ޝާނާ ގޮވާލުމުންނެވެ. ޝާނާ ގޮވާލުމާއިއެކު ލަހްފާ އަވަސް އަވަހަށް ތެދުވެގެން ގޮސް ޝާނާގެ ގައިގަ ބައްދާލަމުން ވާހަކަދައްކާން ފެށިއެވެ. ހިތާމަ އާއި ހިތްދަތިކަމާއިއެކު އެއްފަހަރާ އެތައް ސުވާލެއް ކުރަމުން ވެސް ދިޔައެވެ.

ލަހްފާގެ ސުވާލަށް ޖަވާބުދެމުން ޝާނާ ބުނީ މަންމަ ފިހާރައަށްދާ ކޮންމެރެއަކު ބޮއްތަބެ އަންނަކަމަށާއި އެތައްބައިވަރު ހަދިޔާއާއި ޗޮކްލެޓް ވެސް ދޭކަމަށެވެ. ބޮއްތަބެ އޭނާއަށް ހަދާގޮތާއި އޭނާ ލައްވާ ކުރުވާކަންތަކުގެ ވާހަކަ ވެސް ކިޔައިދިނެވެ. އޭރު ޝާނާގެ މޫނުމަތިން ތަފާތު އެއްވެސްކަމެއް ފާހަގައެއް ނުކުރެވެއެވެ. އެތައް ފަހަރަކު އެތައް ގޮތަކަށް އޭނާ ބޭނުންކޮށްގެން ބައްސާމު ކޮށްފައިވާ އެކަންތައްތައް ކިޔައިދެމުން ދިޔައިރު އެއީ ކިހާވަރެއް ކަމެއްކަން ޝާނާއަށް އެނގޭހެނެއް ހިޔެއް ނުވެއެވެ.

އެކަންކަމާއި ގުޅިގެން ޝާނާއަށް އެއްވެސް ހިލަމެއް ނުވިނަމަވެސް އޭނާ އެވާހަކަތައް ކިޔައިދެމުން ދިޔައިރު ލަހްފާ ރޮމުންދާތީ ޝާނާ ކަންބޮޑުވިކަން އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ޔަގީންވިއެވެ. އެތައް ފަހަރަކު އެކަމާއި ބެހޭގޮތުން ލަހްފާއާ ސުވާލު ކުރިއެވެ.

އެހެނަސް ޝާނާގެ އެސުވާލުތަކަށް ޖަވާބުދޭހާ ހިތްވަރެއް ލަހްފާއަކަށް ނުލިބުނެވެ. ރޯލަރޯލާ އިނުން ފިޔަވާ އެހެންކަމެއް ކުރާނެހާ ހިތްވަރެއް ވެސް އޭނާއަކަށް ނުލިބުނެވެ. އެކަމުގެ ސަބަބުން ޝާނާއަށް ވެސް ރޮވޭން ފަށައިފިއެވެ.

ޝާނާ ކޮޓަރީގެ ފާހާނާގެ ދޮރުކައިރީގައި ރޯންތިބި ލަހްފާ އާއި ޝާނާ ސިއްސައިގެން ދިޔައީ ކޮންމެސް މީހަކު އައިސް އެކޮޓަރިއަށް ވަން އަޑަށެވެ. ސިއްސައިގެން ގޮސްފައި ލަހްފާ އާއި ޝާނާއަށް ބަލައިލެވުނީ ކޮޓަރީގެދޮރާއި ދިމާއަށެވެ.

ރުޅިއާއި ނަފްރަތާއިއެކު އެދެމައިންނާއި ދިމާއަށް ބަލަހައްޓައިގެންހުރި ބައްސާމު ފެނުމާއިއެކު ލަހްފާ ބިރުން ތުރުތުރު އަޅައިގެން ދިޔައެވެ. އެއްވެސް އިޚްތިޔާރަކާނުލައި ކުރިޔަށްވުރެ ބާރަށް ޝާނާގެ ގައިގަ ބައްދާލެވުނެވެ. ދުވަހަކުވެސް އޭނާއާ ވަކިން ޝާނާ ހުންނާން ބޭނުންނުވާ ކަހަލައެވެ.

” ކީކޭ ހިތަށް އަރައިގެން ކީކޭ ކިޔަން ތިޔަ އުޅެނީ. އަނގަ މަޑުންލައިގެން ހުންނާން ހަނދާންކުރާތި. އެހެން ނޫނީ އަހަރެންނަކީ ނުބައިމީހެއްކަން ދައްކާލާނަން.” އައިގޮތަށް އައިސް ލަހްފާގެ އިސްތަށިގަނޑުގައި ހިފައި ލައްކެއް ޖަހަމުން ހަރުކަށިކަމާއިއެކު ބައްސާމު ބުންޏެވެ. އެދެމައިންނަށްޓަކައި އޭނާ ކުރަމުންދާ ޚަރަދާއި އުފުލަމުންދާ ބުރައިގެ ވާހަކަ ބުންޏެވެ.

ބައްސާމުގެ އެހަރުކަށި ބަސްތަކުގެ ސަބަބުން އަބަދުގެ އަބަދަށް ލަހްފާގެ އަނގަ ބަންދުވި ކަހަލައެވެ. އަމިއްލަ ދަރިފުޅުގެ ދިފާޢުގައި ނުކުންނާން ވިސްނާއިރު އަމިއްލަ ދިފާއުއަށް ވެސް ވިސްނާން ޖެހިއްޖެއެވެ. ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނު ޖެހިފައިވާ ފަދައަކުން ހުރި ލަހްފާ އޭރުހުރީ ބިރުން ސިހިސިހި ކަހަލަގޮތަކަށެވެ. ލަހްފާއަށް ވިސްނުނުގޮތުގައި މިއަދަކު އޭނާއަކަށް އެނޫންގޮތެއް ނެތެވެ. ބައްސާމު ބުނިފަދައިން ލަހްފާގެ ކައިވެންޏަށްފަހު އޭނާއަށް ލިބުނު ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ވެސް ލިބެމުން ދިޔައީ ބައްސާމުގެ ފަރާތުންނެވެ. އޭނާގެ އެހީތެރިކަމެއް އެއްބާރުލުމެއް ނުލިބުނު ނަމަ މިއަދު އޭނާ އުޅެންޖެހޭނެ ހާލެއްވެސް ނޭނގެއެވެ.

ބައްސާމު ކުރި މަޖްބޫރުގެ ސަބަބުން ލަހްފާގެ އަނގަބެދި، ދުނިޔޭގެ ލަދާއި މަލާމާތުން ބައްސާމު ސަލާމަތްވެ ޝާނާގެ ކުރިމަގު ބަނަވެގެން ދިޔައިރު، އެއިން އެއްވެސްކަމެއްގެ ހިލަމެއް އެހެން އެއްވެސް މީހަކަށް ނުވާކަހަލައެވެ.

ބައްސާމުގެ އިންޒާރުތަކުގެ ސަބަބުން ލަހްފާގެ އަނގަ އަބަދުގެ އަބަދަށް ބައްދާލި ނަމަވެސް ކަންތައްވެގެން ދިޔައީ ލަހްފާ އާއި ބައްސާމު ހީކުރިގޮތަކަށް ނޫނެވެ.

އަމިއްލަ ފަރާތަކުން ފޮލިހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން، ޕޮލިހުންގެ ބެލުމުގެ ދަށަށް ބައްސާމު ގެނައެވެ.

ޖެންޑަރ މިނިސްޓްރީގެ، ކަމަށް ޤާބިލް މުއައްޒަފުން އެބައިމީހުންނަށް ލިބިފައިވާ ތަމްރީނާއި ހުނަރު ބޭނުންކޮށް ޝާނާގެ ފަރާތުން ހޯދަން ބޭނުންވި ހުރިހާ މަޢުލޫމާތެއް ހޯދައި ޝާނާއާ ބެހޭގޮތުން އިވުނު ވާހަކަތައް ޔަގީންކުރިއެވެ.

ފުލުހުން އެދުނު އެދުމާއި އެއްގޮތަށް އެހުރިހާ ވާހަކައެއް ލަހްފާ ކިޔައިދީ ނިމުނުއިރު އޭނާ އިނީ ރޮއިރޮއި ވަރުބަލި ވެފައެވެ. އެބޭކަލުން ދެމުންދިޔަ ހިތްވަރާއި ނަސޭހަތަށް ބަލައި ކިޔަމަންތެރިކަމާއިއެކު އެވާހަކަތައް ކިޔައިދެވުނީތީ، އަދި އެހިތްވަރު ލިބުނީތީ އުފާ ވެސް ކުރެވުނެވެ.

ބައްސާމުއާ ބެހޭގޮތުން ހުށަހެޅުނު މައްސަލައާ ގުޅިގެން ފުލުހުން ހޯދި ހޯދުންތަކާއި ލަހްފާގެ ވާހަކަތަކާއި ދެކޮޅަށް ވާހަކަ ދައްކަމުންދިޔަ ބައްސާމަށް ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިއްޖެއެވެ. އެކަމާއި ދެކޮޅަށް ބައްސާމަށް އެއްވެސް ވާހަކައެއް ނުދެއްކޭ ވަރަށް ފުލުހުން އެކަން ސާފުކުރިއެވެ. ބައްސާމު އެނާގެ ކުށަށް އިއުތިރާފްވީ އޭނާއަށް ކުރިޔަށް ދެވޭނެ އެއްވެސް މަގެއް ނެތްވަރަށް މަގުތައް ބަންދުވުމުންނެވެ.

ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައިހުރެ އެކުއްޖާއަށް ޖިންސީގޯނާކުރިކަން ސާބިތުބެ ސަތާރައަހަރަށް ބައްސާމު ޖަލަށް ލިއެވެ.
─━━━━━━⊱✿⊰━━━━━━─
ޚިލާޔީދުނިޔެއަކަށް ގެއްލިފައިއިން ލަހްފާ ސިއްސައިގެންދިޔައީ ޕޮލިހުންގެތެރެއިން ބޭކަލަކު އެބޭކަލުންނާއިއެކު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ބުނުމުންނެވެ.

ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ނަންބަރު 53 ގައިވާ ގޮތުގެމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާކުރިކަން އެނގިހުރެ، ކަމާއިބެހޭފަރާތްތަކަށް ނޭނގުމުގެ ކުށް ސާބިތުވެ އެއްއަހަރާއި ތިންމަހަށް ލަހްފާ ޖަލަށް ލިއެވެ.
ނިމުނީ

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.