އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─
އަލަތު ކައިވެންޏަށް ތައްޔާރުވަމުންދިޔަ އަމްދާނާއި ނަރުގިސްގެ ކިބައިން ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމެވެ. ކައިވެނީގެ ދުވަސް ގާތްވަމުން ދިޔަވަރަކަށް އެ އުފަލާއި ހިތްހަމަ ޖެހުން އިތުރުވަމުން ދިޔައެވެ. އަމްދާނާއި ނަރުގިސްގެ މެދުގައިވާ ލޯބީގެ ގުޅުމަކީ ދެ ފަރާތުގެ ޢާއިލާއިން ވެސް ނުހަނު ހިތްހަމަ ޖެހޭ ގުޅުމަކަށްވިއެވެ.

އަމްދާނާއި ނަރުގިސް އާންމުކޮށް ބައްދަލުކުރަނީ ނަރުގިސްގެ ގޭގައެވެ. އޭނާގެ ޢާއިލާމެންބަރުންގެ ކުރިމަތީގަ އެވެ. ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އަމްދާން އެގެއަށް ދާތީ ނަރުގިސްގެ މަންމަ އާއި ބައްޕައާ ވެސް ވަރަށް ގިނައިން ބައްދަލުވެ އެވެ. ގިނަގިނައިން ބައްދަލުވެވި ވާހަކަ ދެކެވި ގާތް ގުޅުމެއް އުފެދިފައި ވެސް ވެއެވެ.

އަމްދާންގެ މަންމަ ސުޖީތާގެ ބޭސްފަރުވާއަކަށް މަންމަ ގޮވައިގެން އިންޑިޔާއަށް ފުރަން ޖެހުނީ ކުއްލިއަކަށެވެ.

އަމްދާނާއި ނަރުގިސް ދެގައުމެއްގައި ތިބި ނަމަވެސް، ކޮންމެ ރެއަކު ބައްދަލު ކުރެއެވެ. މުއާސަލާތައް އައި ޒަމާނީ ބަދަލުތަކާއިއެކު އެތައް ވަގުތެއް އެކުގައި ހޭދަކުރެއެވެ. ލޯބީގެ އަހުދުތަކާއި ވައުދުތައް ވެއެވެ. ކުރިމަގަށް ރާވަމުންދިޔަ ރޭވުންތައް މުރާޖައާ ކުރަމުން ދިޔައެވެ.

އަމްދާން ފުރައިގެން ދިޔަތާ ދެހަފްތާއެއްހައި ދުވަސް ފަހެވެ. ނަރުގިސްގެ އުޅުމަށް ބަދަލު އައީ ކުއްލިއަކަށެވެ. އަމްދާންގެ ފޯނަށް ޖަވާބު ދިނުން މަދުވާން ފެށިއެވެ. ވާހަކަ ދައްކާ ފަހަރަކު ވެސް މާގިނަ ވާހަކައެއް ނުދައްކައެވެ. އަމްދާނާއި ވާހަކަ ދައްކަން މާބޮޑު ސަމާލުކަމެއް ނުދެއެވެ. ވާހަކަ ދައްކަން މާގިނައިރު މަޑެއް ނުކުރެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައި އަވަހަށް ފޯނު ބޭއްވުން އާންމުވާން ފެށިއެވެ.

ނަރުގިސްއަށް އަންނަމުންދިޔަ ބަދަލުތަކުގެ ސަބަބުން އަމްދާން ކަންބޮޑުވެ ހާސްވާން ފެށިއެވެ. ވެގެން އުޅޭގޮތް ބެލުމަށް އެތައް މަސައްކަތެއް ކޮށްފިއެވެ. ކާމިޔާބެއް ކުރިއެރުމެއް ނުލިބުނެވެ. އެފަދަ މަގެއް ފަހިވާގޮތެއް ވެސް ނުވިއެވެ.

ވަގުތުގެ ދައުރުވުން އޭގެ ވާޖިބާއިގެން ކުރިޔަށް ދިޔައެވެ.

މެންދަމުން އަލިވެ އެކެއް ޖަހާކަން ހާއިރެވެ. ކޮޓަރީ މޭޒު ކައިރީ އިށީންދެލައިގެން އިން ނަރުގިސްގެ ކިބައިން ފެންނަމުން ދިޔައީ ހިތާމަ އާއި ހިތްދަތިކަމުގެ އަސަރުތަކެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަ ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ. ރުއިމާއި ގިސްލުމުގެ އަޑު މަޑުމަޑުން ފާޅުވާން ފެށިއެވެ.

ކޮންޕިއުޓަރު ކައިރިން ތެދުވެވުނުއިރު އޭނާގެ ރުއިމުގެ އަޑު އިޚްތިޔާރުން ބޭރުވެއްޖެއެވެ. ކެތްތެރިކަން ކޮޅުން ލައިފިއެވެ. އަނގަމަތީގައި އަތްއަޅަމުން ދުވެފައި ކަހަލަ ގޮތަކަށް ބެލްކަންޏަށް ނުކުތް ނަރުގިސްއަށް އެރެވުނީ އެތަނުގައި އޮތް ފެންގަނޑަށެވެ. ފައި ކަހާލައިގެން ވިއްސައިގެން ކަހަލަ ގޮތަކަށް ދިޔަ ނަރުގިސްއަށް އިތުރުކަމެއް ކުރާނެ ވަގުތެއް ނުލިބުނެވެ.

ސަލާމަތަށް އެދި ރޮއި ގަންނަމުން ލަވައިގެން ހަޅޭކުގެ އަޑު ޖައްވުގެ ތެރެއަށް އޮބިގެން ދިޔައެވެ. އެއަޑު އެއްވެސް މީހަކަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ.

ނުހަނު އަރާމުގައި ނިދާލާފައި ތިބި ސީދީ އާއި މަރިންދީއަށް ހޭލެވުނީ ކޮޓަރީގެ ބެލް ޖަހާއަޑަށެވެ. އަވަސް އަވަހަށް ތެދުވެގެން ގޮސް ސްކްރީނުން ދޮރުކައިރި ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ.

ކޮންމެވެސް ބޮޑުކަމެއް ހިނގައިފިއެވެ. އެތަނުގައި އެތައް ބަޔަކު އެބަ ތިއްބެވެ. އެންމެންގެ ކިބައިން ވެސް ފެންނަމުންދިޔައީ ހާސްކަމާއި ނުތަނަވަސް ކަމެވެ. ކަންބޮޑުވުމާއި ހިތާމައެވެ.

ލިބުނު ޚަބަރާއިއެކު މަރިޔަންދީ އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. ޕޮލިހުން ދެއްކި ވާހަކަތައް ސީދީއަކަށް ގަބޫލެއް ނުކުރެވުނެވެ.

ޕޮލިހުން ބޭނުންވި އެހީތެރިކަމާއި އެއްބާރުލުން ސީދީ ދިނެވެ. ނަރުގިސްގެ ކޮޓަރިން އެމީހުން ބޭނުންވި ހުރިހާ މަޢުލޫމާތެއް ނަގަން މަގު ފަހިކޮށް ދިނެވެ. ކުރިމަތިވި ހިތާމަ އާއި ހިތްދަތިކަމުގެ ވަގުތުގައި ވެސް އޭނާ ހިތްވަރު ކުރިއެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނަރުގިސް އޮތީ މަރުވެފައެވެ. ޑޮކްޓަރުންގެ ޓީމުން މަޢުލޫމާތު ދިން ގޮތުގައި އޭނާ މަރުވެފައި ވަނީ ވެއްޓި ޖެހުނު ވަގުތު ބޮލަށް ލިބުނު އަނިޔާތަކާއި ގުޅިގެންނެވެ. ވެއްޓި ޖެހުނު ވަގުތު ލިބިފައިހުރި އަނިޔާ ފިޔަވައި އެހެން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. އެއްވެސް ކަހަލަ ބޭހެއް ނުވަތަ އެފަދަ އެހެން އެއްޗެއް ބޭނުންކޮށްފައިވާކަން ވެސް އެނގޭކަށް ނެތެވެ.

ނަރުގިސްގެ މަރުގެ ޚަބަރު އަމްދާނަށް ދިނީ އޭނާގެ ރައްޓެއްސެކެވެ. ލިބުނު ޚަބަރާއިއެކު ދެލޮލުން ކަރުނަ ފާއްދާލިއެވެ. އެވާހަކަތައް ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ސުޖީތާގެ އެހީތެރިކަމާއި ހެޔޮނަސޭހަތް ނުލިބުނުނަމަ އަމްދާނަކަށް އިތުރަށް ކެތެއް ނުވީހެވެ.
ހޮސްޕިޓަލުގައި އެނދުމަތިކޮށް މަރިޔަންދީއަށް ފަރުވާދެމުން ދިޔައިރު ނަރުގިސް ވަޅުލުމުގެ ކަންތައް ވެސް ކުރިޔަށް ދިޔައެވެ. ކޮންމެ ކަމެއްގައި އޭނާގެ ޢާއިލާމެންބަރުންނާއި ރައްޓެހިންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ސީދީއަށް ލިބެމުން ދިޔައެވެ.

އަމްދާން ބޭނުންވީ އަވަހަށް ރާއްޖެ އަންނާށެވެ. އޭނާގެ ބައްޕަ ރައްޒާގުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން އަމްދާނަށް ލިބުނެވެ. މެންދުރެއްކަން ހާއިރު އަމްދާން ރާއްޖެއައެވެ. އެވަގުތާއި ދިމާކޮށް ކަހަލަ ގޮތަކަށް ރައްޒާގު އިންޑިއާއަށް ދިޔައެވެ.
ނަރުގިސްގެ މަރާއި ބެހޭގޮތުން، ކަމާއި ގުޅުންހުރި އިދާރާތަކުން މާގިނަ ވާހަކައެއް ނުދައްކައެވެ. ތަހުގީގުން އެނގުނު ގޮތުގައި ނަރުގިސް މަރުވީ ކައްސާލައިގެން ދިޔަ ވަގުތު އެއްވެސް ތަނެއްގައި ނުހިފެހެއްޓި ޗެންޗޭނުގަ ޖެހިފަ ބޯކޮޅު ވަތަށް ޖެހުމުންނެވެ. ކޮޓަރީގެ ދޮރާއި އެތަނުގައި އޮތް ކުޑަ ފެންކޯރާއި ތަންތަން ހުރިގޮތުން އެ ހުރިހާކަމެއް ވަރަށް ސާފުކޮށް ފެންނަން އޮތެވެ. އެކަމާއިމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތެވެ.

ނަރުގިސްގެ މަރާއިއެކު އަމްދާންގެ ދިރިއުޅުން ހުއްޓުނު ކަހަލައެވެ. ކެއިން ބުއިމާއި ދުރުވެ އެކަނިމާއެކަނި ކޮޓަރީގައި ހޭދަކުރާވަރު ގިނަވާން ފެށިއެވެ. ރައްޓެހިންނާއިއެކު ބޭރަށް ދިއުމާއި ކޮފީއަށް ގޮސް އުޅުމަކީ އެއްވެސް އިރެއްގައި އޭނާ ނުކުރާކަމެއް ކަހަލައެވެ. ރައްޓެހިންގެ ހިތްވަރާއި ނަސޭހަތް މެދުނުކެނޑި ލިބެމުންދިޔަ ނަމަވެސް އެކަށީގެންވާ ކުރިއެރުމެއް ނުފެނެއެވެ.

ސުޖީތާގެ ބޭސްފަރުވާގެ ކަންތައް ނިމުނުއިރު މަހެއްހާ ދުވަސް ވެއްޖެއެވެ. ރައްޒާގާއި ސުޖީތާ މާލެ އައުމުގެ ކުރިން ގޭތެރެ އާއި ކޮޓަރިތައް ސާފުކޮށްލަން އަމްދާން އިސްކަން ދިނެވެ. ވޭތުވެދިޔަ ފަނަރަވަރަކަށް ދުވަހު އެއިން އެއްވެސް ތަނެއް ސާފުކޮށްފައެއް ނުވެއެވެ. އެހެން އެތަން އޮވެއްޖެނަމަ ސުޖީތާ ހިތްހަމަ ނުޖެހޭނެވަރު އޭނާއަށް ވިސްނުނެވެ.

ސުޖީތާމެން ކޮޓަރިއަށް އަމްދާން ދިޔައީ އެންމެފަހުންނެވެ. އެންމެ ސާފުކޮށް އޮންނަންވާނީ އެތަންކަމުގައި ނިންމީ އޭނާ އަމިއްލައަށެވެ. އަމްދާން މަސައްކަތް ކުރަމުންދިޔައީ ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމާލުމަށެވެ.

އެނދުގެ ތަންދޮށުން ފެނުނު ކަންފަތުލާ އެއްޗާއިއެކު އަމްދާންގެ ހަރަކާތް ހުއްޓުނެވެ. އިތުރަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. މުޅިމީހާ ގަނޑުވި ކަހަލައެވެ.

ކުއްލިއަކަށް އަމްދާންގެ ހަނދާނަށް އައީ ނަރުގިސްގެ އުފަން ދުވަހެވެ. ހުރިހާ މަންޒަރެއް އޭނާގެ ލޯ ކުރިމަތީ ރިވައިންޑް ވެގެން ދިޔަ ކަހަލައެވެ. އެއީ ދެމަހެއްހާ ދުވަސްކުރިއެވެ. ނަރުގިސްގެ އުފަންދުވަސް އެދެމީހުނާއި އޭނާގެ ރައްޓެހިން ފާހަގަކުރީ ކުޑަގިރި ޕިކްނިކް އައިލެންޑްގައެވެ. ނަރުގިސްގެ ކަންފަތުގައި އެއެތި ހަރުކުރީ އަމްދާންގެ އަތުންނެވެ.

އަމްދާންމެން ގެއަށް އައިސް އުޅުނު ނަމަވެސް އެކޮޓަރިއަށް ވަނުމަކީ ނަރުގިސް ކުރާކަމެއް ނޫނެވެ. މަންމަ އާއި ވާހަކަ ދައްކަން ވެސް އޭނާ މަޑުކުރާނީ ސިޓިންގރޫމްގައެވެ. ނޫނީ މަންމައާއިއެކު ބަދިގޭގައެވެ. އަމްދާން ކޮޓަރިއަށް ވެސް ވަރަށް މަދުން ނޫނީ ނުވަންނާނެއެވެ.

ސުވާލުތަކުން ސިކުނޑިއަށް ބާރު ބޮޑުވަމުންދިޔަ އަމްދާންގެ ދެފައިން ވާގި ދޫވާން ފެށިއެވެ. ދެލޮލުން ކަރުނަ ފާއްދާލިއިރު ހުރިދިމާއިން ތިރި ވެވިއްޖެއެވެ. ވަގުތުތައް ފާއިތުވަމުންދިޔަ ގޮތެއް އޭނާއަކަށް ނޭނގެއެވެ.

އަމްދާން ސިއްސައިގެން ދިޔައީ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. އަވަސް އަވަހަށް ފޯނު ނަގަމުން ބަލާލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ނުދަންނަ ނަންބަރަކުން ގުޅިޔަސް ފޯނަށް ޖަވާބު ދިނުމަށް އޭނާ އިސްކަން ދިނެވެ. އަމްދާނަށް އެމީހާ ނޭނގުނަސް އެމީހަކަށް އަމްދާން އެނގިދާނެއެވެ. މުހިންމު ވެސް ވެދާނެއެވެ.

ލިބުނު ޚަބަރާއިއެކު ފުންމައިގެން ކަހަލަ ގޮތަކަށް އަމްދާނަށް ތެދުވެވުނެވެ. ހަރަކާތްތަކާއިއެކު އަތްމަތި ވެސް އަވަސްވިއެވެ. ހުރިހާ ހިއްސެއްގެ ހިނގުން މެކުހަށް ޖެހި ކަހަލައެވެ. ކޮޓަރިއާ ދިމާއަށް އޭނާ ދިޔައީ ދުވެފައެވެ.

އައިލިއާ ކޮންޕިއުޓަރ ރިޕެއަރއަށް ވަތް ވަގުތު ފެނުނު މަންޒަރާއިއެކު އަމްދާނަށް ލިބުނީ ހައިރާންކަމެވެ. އުފެދުނު ސުވާލުތައް ގިނަވިއެވެ. ކޮންމެވެސް ވަރަކަށް ކަންބޮޑު ވެސް ވިއެވެ. މަރިޔަންދީ އާއި ސީދީގެ ކިބައިން ފާޅުވާން ހުރި ހިތްހަމަ ނުޖެހުން ފެނިފައި އަމްދާންގެ ކަންބޮޑުވުމާއި ހާސްކަން އިތުރުވިއެވެ.

އަމްދާނާއި ވާހަކަ ދެއްކީ އެތަނުގެ ޓެކްނީޝަން ވާލިޔާ އެވެ.

ވާލިޔާ ދެއްކި ކޮންޕިއުޓަރު ކައިރިއަށް ޖެހިލަމުން އޭނާގެ ވާހަކަތަކަށް އަމްދާން ސަމާލުކަން ދިނެވެ. ވާލިޔާ ނުބުންޏަސް އެ ކޮންޕިއުޓަރަކީ ނަރުގިސް ގެންގުޅުނު ކޮންޕިއުޓަރުކަން އަމްދާނަށް ޔަގީނެވެ. އެ ހާދިސާ ހިނގުމުގެ ހަފްތާއެއްހާ ދުވަސް ކުރިން އެ ކޮންޕިއުޓަރ ހުރީ ހަލާކުވެފައެވެ. ތަހުގީގު މަރުހަލާގައި އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައި ވާހެނެއް ހިޔެއް ނުވެއެވެ.

ހަނދާނުން ފޮހެލަން ދަތިވި ކޮޅިގަނޑުގެ ނަމުގައި ނަރުގިސް ލިޔެފައިވާ ލިޔުމުގައި ޖަހާފައިވާގޮތުން އެއީ ޙަޤީޤީ ހާދިސާއެކެވެ. އެހާދިސާ އޭނާގެ މުޅިދިރިއުޅުން ވިއްސި ވިހާލި ކޮށްލައިފިއެވެ.
─━━━━━━⊱✿⊰━━━━━━─

ވެހެމުންދިޔަ ބޯ ވާރޭއާއި ކުރަމުންދިޔަ ގަދަ ވިއްސާރައަށް މާބޮޑު ބަދަލެއްނައި ނަމަވެސް ދިހައެއް ޖަހަންވީރު ކޮންމެވެސް ވަރަކަށް ތުނިކޮށްލައިފިއެވެ.
ކޯހުގެ ބައެއް މަސައްކަތްތައް ނިންމާލުމަށްޓަކައި، ކޮންޕިއުޓަރ ކައިރީ އިން ނަރުގިސް ސިއްސައިގެން ދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ. އަވަސް އަވަހަށް ފޯނާއި ދިމާއަށް ބަލައިލިއިރު ގުޅަނީ އަމްދާންމެން ގެއިންނެވެ.

މިފަދަ ރެއަކު މިފަދަ ވަގުތެއްގައި ވަރަށް މުހިންމުވެގެން ނޫނީ ނުގުޅާނެކަން އޭނާއަށް ޔަގީނެވެ. އެގޭގައި މިހާރު އުޅޭނީ އަމްދާންގެ ބައްޕަ ރައްޒާގު އެކަންޏެވެ. އޭނާ ނަރުގިސްއަށް ގުޅާނީ ނުގުޅާ ނުވެގެންނެވެ.

ފޯނަށް ޖަވާބު ދިނުމާއިއެކު ރައްޒާގު ވާހަކަ ދައްކަން ފެށިއެވެ. ރޯގާޖެހި ބަލިވެފައިވާވަރުން އޭނާއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކެއެވެ. އަޑު ނުކުންނަނީ ކިރިޔަ ކިރިޔާއެވެ. އެ އަޑު ކަންފަތުގައި ޖެހުމާއިއެކު ކަންބޮޑުވުމާއި ހާސްކަން އޭނާ ވަށާލިއެވެ.

ރައްޒާގު އެދުނު ފަދައިން އޭނާއަށް އެހީތެރިވުމަށް ނަރުގިސް އަވަސްވެގަތެވެ. މިއަދު އޭނާއަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް އެންމެ އެކަށީގެންވާ މީހަކީ ނަރުގިސް ކަމުގައި އޭނާ ދެކެއެވެ. އެފަދަ ކަމެއް ކޮށްލަދޭނެ އެހެން މީހަކު މިހާރު ނުހުންނާނެއެވެ.

ވޮލެޓް ހިފައިގެން ނަރުގިސް ބޭރަށް ނުކުތްކަމެއް އޭނާގެ މައިންބަފައިންނަކަށް ނޭނގެއެވެ. އެފަދަ ވާހަކައެއް ދައްކަން މަޑުކުރާވަރަށްވުރެ ބޮޑަށް އޭނާ ހުރީ ހިތް އަވަސްވެފައެވެ. އަވަސްވެގަނެވުނީ އެކަން ކުރާށެވެ.

ގެކައިރީ ހޮޓަލުން ނޫޑްލިސް ޕާރުސަލަކާއި ޖޫސްފުޅިއެއް ގަނެގެން ނަރުގިސް އެރީ ޓެކްސީ އަކަށެވެ. ދާންވީ ތަން ބުނަމުން ހަމަޖެހިލެވޭތޯ މަސައްކަތްކުރި ކުރިއެވެ.

ގޭތެރެއިން ފެންނަމުން ދިޔައީ ފަޅުކަމާއި ހަމަހިމޭންކަމެވެ. ފަނޑު އަލިކަމެވެ. އެއްވެސް ދިމާއެއްގައި ދިރުމެއް ނުވާ ކަހަލައެވެ.

ރައްޒާގު އޮތީ އޭނާގެ ކޮޓަރީގައެވެ. ބެޑްޝީޓަކުން މުޅިހަށިގަނޑު ނިވާކޮށްލައިގެން އޮތްއިރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ބަލިކަމުގެ އަލާމާތްތަކެވެ. ވަރުދެރަވެފައިވާ ކަމުގެ އަސަރުތަކެވެ.

ރައްޒާގަށް ގޮވާލަމުން ނަރުގިސް ކޮޓަރިއަށް ވަނެވެ. އޭނާ ގެނައި ކޮތަޅުން ނޫޑްލިސް ޕާރުސަލާއި ޖޫސްޕެކެޓް ނަގައި ސައިޑްޓޭބަލް މަތީ ބެހެއްޓިއެވެ. ކެވޭނެހެން ތައްޔާރު ކުރުމަށްފަހު ނަރުގިސް އުޅުނީ ރައްޒާގު ތެދުވުމަށް އެހީތެރިވާށެވެ.

ރައްޒާގު އޭނާގެ އަތުގައި ހިފިގޮތުންނާއި ބަލައިލިގޮތުން ނަރުގިސް ދިޔައީ ސިއްސައިގެންނެވެ. މަކަރުވެރިކަމާއި ކެހިވެރިކަމުން ފުރިގެންވީ އެބަލައިލުން ނަރުގިސް އަކަށް ކަމަކު ނުދިޔެއެވެ. ހެދުމުގެ ކަރުވަޅާއި ދިމާއަށް ބަލަހައްޓައިގެން އޮތް ރައްޒާގުގެ މޫނުމަތިން ހިތްހަމަ ޖެހުން ފާޅުވިއެވެ.

ފެނުނު މަންޒަރާއިއެކު ހާސްކަން އޭނާ ވަށާލިއެވެ. ނުތަނަވަސްވާން ފެށިއެވެ. ރައްޒާގުގެ ހިތުގައި ނުބައި ރޭވުމެއް ވާކަމާއި އޭނާ ބަލި ނޫންކަން ނަރުގިސްއަށް ޔަގީންވިއެވެ. އޭނާގެ ކިބައިން އަވަހަށް ސަލާމަތް ވެވޭތޯ ނަރުގިސް މަސައްކަތް ކުރިއެވެ. އޭނާއަށް އެހެން ނުހަދައި ދޫކޮށްލުމަށް އާދޭސް ކުރިއެވެ. އޭނާއަކީ ރައްޒާގުގެ ކާކުކަން ވިސްނައިދޭން އެތައް މަސައްކަތެއް ކުރިއެވެ. ސަލާމަތަށްއެދި ރޮއި ހަޅޭލިއެވެ.

ނަރުގިސްގެ ވާހަކަތައް ރައްޒާގަށް އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ އާއި ސަލާމަތަށް އެދި ކުރަމުންދިޔަ މަސައްކަތް ވެސް އޭނާއަށް ފެނުނުހެނެއް ހިޔެއް ނުވެއެވެ. ޝައިތާނީ ވަސްވާސްތަކުން ސިކުނޑި ތަޣައްޔަރު ވެފައިހުރި ރައްޒާގުގެ މަގްސަދުގައި އެހެން އެއްވެސް ކަމެއް ނެތް ކަހަލައެވެ.

ރައްޒާގު ހުރިގޮތް ފެނުމާއިއެކު ނަރުގިސްއަށް ގޮތް ހުސްވިއެވެ. އޭނާ އެކަމަށްޓަކައި ތައްޔާރު ވެފައި ހުރިވަރު ފެނުމާއިއެކު ދެ ލޯ މަރާލެވުނެވެ. އުންމީދުގެ ހުޅުކޮޅު ނިވޭން ހޭދަވީ މަދު ސިކުންތުކޮޅެކެވެ.

ބޯކޮށްލި ވާރޭއާއެކު ވައިގަދަވިއެވެ. ވިދާގުގުރުން އިތުރުވެ ބާރުވިއެވެ.

ރައްޒާގުގެ ކިބައިން ސަލާމަތްވުމަށް ނަރުގިސް ކުރަމުންދިޔަ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. އޭނާގެ އާދޭހާއި ރުއިން އަޑުއިވޭ ހިސާބުގައި އިތުރު މީހަކު ނެތެވެ.

ނަރުގިސްއަށް ލައްވާލި ކޮޅިގަނޑު މާލެއަށް ލައްވާލާފައިވާ ކޮޅިގަނޑަށްވުރެ ވަރުގަދައެވެ. ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ހާލުގައި ނަރުގިސް އެގެއިން ނުކުތްއިރު ވެސް މާލެއަށް ލައްވާލާފައިވާ ކޮޅިގަނޑަށް ބަދަލެއް ނާދެއެވެ. ކުރަމުންދާ ވިއްސާރައިގެ އަސަރު އޭނާއަކަށް ނުކުރެއެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަ ހުސްނުވެއެވެ. އަނގައިން ބޭރުވަމުންދިޔަ ގިސްލުމުގެ އަޑު އެހެން މީހަކަށް ނީވެއެވެ.

ނަރުގިސް ގެއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ނަރުގިސްގެ އުޅުމަށް ބަދަލު އައީ ކުއްލިއަކަށެވެ. ކެއިން ބުއިމާއި ދުރުވިއިރު ކޯހަށް ދެމުންދިޔަ ސަމާލުކަން ކުޑަވިއެވެ. އެކަހެރިކަމަށް ލޯބިކުރުން އިތުރުވުމާއި އެކަނި މާއެކަނީ ކޮޓަރީގައި ހޭދަކުރާ ވަގުތު އިތުރުވާން ފެށިއެވެ.

އެ ލިޔުން ކިޔައި ނިމުނުއިރު އަމްދާންގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ. އެވާހަކަތައް ގަބޫލުކުރަން ބޭނުން ނޫނަސް ގަބޫލުނުކޮށް ވާކަށް ނެތެވެ. އެކަމުގެ ހެކި އެންމެގާތުން ފެނުނު މީހަކީ އޭނާއެވެ. އަމްދާންގެ މިޒާޖަށް ބަދަލު އަންނަން ހޭދަވީ ކުޑަ ވަގުތުކޮޅެކެވެ. ކަރުނަ ފޮހެލަމުން ކޮޅަށް ތެދުވިއިރު އޭނާގެ ކިބައިން ފެންނަމުން ދިޔައީ ރުޅިއާއި ނަފްރަތެވެ.

ސީދީގެ ދެމަފިރިންނާއި މަޝްވަރާކުރަން އަމްދާން ދިޔައީ ސީދީމެން ގެއަށެވެ. އެކަމަށް އެންމެ އެކަށީގެންވާ ތަނަކީ އެއީ ކަމުގައި ތިންމީހުނަށް ވެސް އެއްބަސް ވެވުނެވެ.

އަމްދާން ހިއްސާކުރި މަޢުލޫމާތާއިއެކު ޕޮލިހުން އެބޭކަލުންގެ މަސައްކަތް ފެށިއެވެ. ބޭނުންވި ކޮންމެ ކަމެއްގައި އެބޭކަލުންނަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި އަމްދާން ސާބިތުވެ ހުއްޓެވެ. ނަރުގިސް އަނބުރައި ނައި ނަމަވެސް އޭނާގެ މަރާއި ގުޅިފައިވާ ފަރާތަށް ލިބެންޖެހޭ ހައްގު އަދަބު ލިބެން ޖެހޭނެކަމުގައި އަމްދާން ދެކެއެވެ. އޭނާގެ ބޭނުމަކީ ވެސް އެއީއެވެ.

ސުޖީތާގެ ބޭސްފަރުވާގެ ކަންތައް ނިންމާލުމަށްފަހު މާލެ އައިއިރު މަހެއްހާ ދުވަސްވެއްޖެއެވެ. ޕޮލިހުންގެ ބެލުމުގެ ދަށަށް ރައްޒާގު ގެންދިޔައީ އެއަރޕޯޓުންނެވެ. ލިބުނު ހައިރާންކަމާއިއެކު އެތައް ސުވާލެއް އުފެދުނެވެ. ޕޮލިހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދަންޖެހޭ އެއްވެސް ސަބަބެއް ނޯއްނާނެކަމަށް ރައްޒާގު ބުނަމުންދިޔައެވެ.

ރައްޒާގަކީ އޭނާއާ ކުޅެލަން ފަސޭހަ މީހަކަށް ނުވާނެކަން އަމްދާނަށް އެނގެއެވެ. އޭނާއަކީ ސިޔާސީގޮތުންނާއި ފައިސާގެ ގޮތުން ކުރީގައިއުޅޭ މީހެކެވެ. އޭނާ ބޭނުންކަމެއް ހާސިލުކުރަން ކިތަންމެ ބައިވަރު ފައިސާއެއް ވެސް ޚަރަދުކޮށްފާނެއެވެ. ކިތަންމެބޮޑު ޖަރީމާއެއް ވެސް ހިނގައިފާނެއެވެ. ފައިސާއާއި ތަނަވަސްކަމަށް ނުހެއްލޭނެ މީހަކު މަދުވާނެއެވެ.

ރައްޒާގުގެ މައްޗަށް ކުރެވުނު ތުހުމަތުން އޭނާ ސަލާމަތްވިއެވެ.

ރައްޒާގު ދިރިއުޅުނުކަމަށް ބުނާ ކޮޓަރިން ފެނުނު ކަންފަތުލާ އެއްޗާއި ކޮންޕިއުޓަރުން ފެނުނު ލިޔުމަކީ އެކަމަށް އެކަށީގެންވާ ހެއްކަކަށް ނުވިއެވެ. އެކަންކަން ސާބިތުކުރެވޭވަރުގެ ވާހަކައެއް ވެސް ނުދެއްކުނެވެ. ކައިރީހުރި ފިހާރައިން ނެގި ސީސީޓީވީ ފުޓޭޖުން ވެސް އެއްޗެއް ސާފުވާގޮތެއް ނުވިއެވެ.

ކޯޓުން ނުކުތްއިރު ރައްޒާގުގެ ކިބައިން ފެންނަމުންދިޔައީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. ކާމިޔާބަށް ވަމުންދާ ހިނިތުންވުމުގެ ކުލަވަރެވެ. ކޮޅިގަނޑުގެ އެއްވެސް އަސަރެއް އޭނާއަކަށް ނުކުރިއެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.