އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─
ދެއަހަރު ދުވަސް ރާއްޖޭންބޭރުގައި ހޭދަކޮށް ފުރިހަމަކުރި ކޯސް ނިމުމާއިއެކު ރުދުހާ ރާއްޖެ އައެވެ. ރުދުހާ ފުލައިޓުން ފޭބިއިރު އޭނާގެ ބައްޕަ ވަފާއު އާއި މަންމަ ފަރީނާ އައިސް ތިއްބެވެ. މަންމަ އާއި ބައްޕަ ފެނުމުން ރުދުހާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.

ރާއްޖެ އާދެވުމާއިއެކު ރުދުހާ އަވަސްވެގަތީ ރަށަށް ދާށެވެ. ޢާއިލާގެ އެހެން މެންބަރުންނާއި ރައްޓެހިންނާ ބައްދަލުކުރާށެވެ. ވޭވުވެދިޔަ ދެއަހަރުގެ އެކަނިވެރިކަމާއި މާޔޫސްކަން ފިލުވާލައި އުފަލާއި މަޖަލުގަ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.
─━━━━━━⊱✿⊰━━━━━━─
އަސްރުގެ ފިނިޖެހުމާއިއެކު ރުދުހާ ފެންވަރައި ތައްޔާރުވެގެން ކޮޓަރިން ނުކުތީ ރައްޓެހިންނާއި ބައްދަލުކޮށްލަން ދާށެވެ.

” ދަރިފުޅާ ! މާވަރަކަށް ރީތިވެލައިގެން ކޮންތާކަށް ދާން ތިއުޅެނީ ؟ …. ހިނގާ ސައިބޯން. ސައިބޮއިގެން ބޭރަށް ދާނީ. ” ރުދުހާއަށް ގޮވާލަމުން ފަރީނާ ވާހަކަދެއްކިއެވެ. އޭނާ ހުރީ ސައިތައްޔާރުކޮށްގެން ރުދުހާގެ އިންތިޒާރުގައި ކަހަލައެވެ.

” ދިފްލާ ކައިރިއަށް. ” ފަރީނާއަށް ހިނިތުންވެލަމުން ރުދުހާ ބުންޏެވެ. ދިފްލާއަކީ ރުދުހާގެ ސްކޫލްދައުރުގެ އެންމެގާތް އެއް އެކުވެރިޔާ އެވެ.

” ދިފްލާ ރަށްމެދަށް ވިހައިފި. ” އަނެއްފަރާތަށް މޫނު އަނބުރާލަމުން ފަރީނާ ބުންޏެވެ. އެކަމާއި ގުޅުންހުރި އެތައް ވާހަކައެއް ދެއްކިއެވެ. ރަށުތެރޭގައި ދެކެވެމުންދިޔަ ވާހަކަތައް ކިޔައިދިނެވެ.

ފަރީނާގެ އެވާހަކަތައް ގަބޫލުކުރަން ރުދުހާއަށް ދަތިވިއެވެ. ނޫނެކޭ ބުނާފަދައަކުން ދެއަތަކަށް ބޯހޫރާލަމުން ހިންދިރުވާލިއެވެ. ދެލޮލުން ކަރުނަ ފާއްދާލީ އިހްތިޔާރަކާއި ނުލައެވެ.

ސައިބޮއިގެން ރުދުހާ ދިޔައީ ދިފްލާމެން ގެއަށެވެ. އެގެއިން އޭނާއާ ބައްދަލުވީ ދިފްލާގެ މަންމަ ނަޖުމާއާއެވެ. ދިފްލާ ކޮބައިތޯ އަހާލުމުން ދެއްކީ ތަންކޮޅެއް ދުރުގައި ވަކިން ހުރި ކުޑަވަރެއްގެ ކޮޓަރިއެކެވެ. ގިނަދުވަސްވުމުގެ ސަބަބުން ބާވެ ކުލަވެއްޓިފައިވާ އެކޮޓަރީގެ ފުރާޅު ވެސް ވަނީ ބާވެ ވީރާނާވެފައެވެ. ދޮރުތައް ބައްދާފައިވަނީ ޓިނުޖަހައިގެންނެވެ.

ފެނުނު މަންޒަރުގެ ސަބަބުން ހިތުގައި އުފެދުނު ސުވާލުތައް ގިނަވި ނަމަވެސް، އިތުރަށް ނަޖުމާއާ ވާހަކަދެއްކުމުގެ ބޭނުމެއްނެތް ކަމަށް އޭނާގެހިތް ބުންޏެވެ. އެއާއެކު ރުދުހާ ހިނގައިގަތީ އެކޮޓަރިއާ ދިމާއަށެވެ.

ރުދުހާ ގޮސް ދޮރުކައިރިއަށް ހުއްޓެމުން ދޮރުގައި ޓަކިޖަހައިލިއެވެ. ދިފްލާއަށް ގޮވާލަމުން ދޮރުހުޅުވުމަށް އެދުނެވެ.

ދޮރުހުޅުވާލި ވަގުތު ކުރިމަތީގައިހުރި ރުދުހާ ފެނުމުން ދިފްލާއަށް ވަރަށްބޮޑު ހައިރާންކަމެއް ލިބުނެވެ. ކުޑަގޮތަކަށް ހިނިތުން ވެލުމަށްފަހު ދޮރުލައްޕަން އުޅުނެވެ. ރުދުހާ ހުރީ އެފަދަކަމަކަށް ވިސްނައިގެންނެވެ. ދޮރުފަތުގައި ހިފަހައްޓައި އެކަންމަޑު މަޑުޖައްސާލިއެވެ. ދިފްލާ ދޮރުން ދޫކޮށްލައި ރުދުހާއަށް ފުރުސަތު ދިނެވެ.

ކޮޓަރިތެރެ ފެނުމުން ރުދުހާއަށް ކުރިމަތިވި ހައިރާންކަމަށްވުރެ ލިބުނު ހިތާމަ ބޮޑެވެ. އެއްފަހަރައި އެތައް ސުވާލެއް އުފެދުނެވެ. ކަންބޮޑުވެ ދެރަވިއެވެ.

ތަޅުންގަނޑުމަތީ އަޅާފައިވާ ތަރުފާލުގަނޑުމަތީގައި ބާއްވާފައިވާ ގޮދަޑިމަތީގައި ދިފްލާގެ ދަރިފުޅު ނިންދަވާފައި އޮތެވެ. އަޅާފައިވާ ބެޑްޝީޓާއި ގޮދަޑިއަކީ ދުވަސްވުމުގެ ސަބަބުން ބާވެ ހަލާކުވެފައިވާ ތަކެއްޗެވެ. ތަޅުންގަނޑުމަތީގައި އަޅާފައިވާ ތަރުފާލުގަނޑުން ވެސް ބޮޑުބައެއް ވަނީ ހަލާކުވެފައެވެ.

ރުދުހާ ގޮސް ދިފްލާގެ ދަރިފުޅު ކައިރީ އިށީންނަމުން ލޯތްބާއި އޯގާތެރިކަމާއިއެކު ބޮލުގައި ފިރުމާލިއެވެ. ދިފްލާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ. ހިތުގެ އެންމެ ފުންމިނުން ރުދުހާއަށް ޝުކުރުއަދާކުރިއެވެ.

ގޯތިތެރޭ ޖޯލިފަތީގައި އިށީންދެލައިގެން ވާހަކަދައްކަން ތިބި ވަފާއު އާއި ފަރީނާ ސިއްސައިގެން ދިޔައީ ދޮރޯށި ހުޅުވުނު ވަގުތު ކުއްލިއަކަށް ފެނުނު މަންޒަރުންނެވެ. ފުންމައިގެން ކަހަލަގޮތަކަށް ފަރީނާ ކޮޅަށް ތެދުވިއެވެ.

ދިފްލާގެ ދަރިފުޅު ގޮވައިގެން ރުދުހާ ގޯތިތެރެއަށްވަތް ނަމަވެސް، ދިފްލާއަކަށް އެގެއަށް ވަންނާކަށް ނުކެރުނެވެ. ދޮރޯށިކައިރީ މަޑުކޮށްލައިގެން ހުރީއެވެ. ފެނުނު މަންޒަރުން ކަންބޮޑުވީ ކަންނޭނގެއެވެ.

ފަރީނާ އައިގޮތަށް އައިސް ދިފްލާގެ ދަރިފުޅު އުރާލިއެވެ. ދިފްލާއަށް ގޮވާލަމުން ވަންނަން ބުންޏެވެ. ރުދުހާގެ އުފަލަކީ އެދެމަފިރިންގެ ވެސް އުފަލެވެ. އެމީހުން ތިބޭނީ ރުދުހާއާ އެކުގައެވެ.

ރުދުހާ އާއި އޭނާގެ މައިންބަފައިންގެ ފަރާތުން ލިބުނު އަޅާލުމާއި އޯގާތެރިކަންފެނި ލިބުނު ހިތްހަމަޖެހުމުގައި ދިފްލާއަށް އުފަލުން ރޮވުނެވެ. އެތައް ފަހަރަކު އެޢާއިލާއަށް ޝުކުރުއަދާކުރިއެވެ.

ނުވައެއްޖަހާކަން ހާއިރެވެ. ދިފްލާގެ ދަރިފުޅު ނިންދަވައި ފަރީނާއާ ހަވާލުކޮށްފައި ރުދުހާ ނުކުތީ ބޭރަށެވެ. ދަރިފުޅާއި ދިފްލާއަށް ބޭނުންވާ ބައެއްތަކެތި ގަތުމަށް އޭނާއާއެކު ފިހާރައަށް ދާން ބުނުމުން ދިފްލާ ދެކޮޅުހެދިއެވެ. ތިޔަދިން ހިމާޔަތާއި ރައްކާތެރިކަމުން ފުދިއްޖެ ކަމަށް ބުންޏެވެ.

ރުދުހާގެ މަސައްކަތުން ދިފްލާގެ ދިރިއުޅުމަށް ބޮޑުބަދަލެއް ގެނައެވެ.
─━━━━━━⊱✿⊰━━━━━━─
މެންދަމު ބާރުޖަހާކަން ހާއިރެވެ. ގަދަވަޔާއިއެކު ވިދާގުގުރާ ވާރޭ ވެހެންފެށީ ކުއްލިއަކަށެވެ. ޖަހާލި ގުގުރީގެ ބާރުއަޑާއިއެކު ސިއްސައިގެން ގޮސް ދިފްލާއަށް ހޭލެވުނެވެ. އަވަސް އަވަހަށް ދަރިފުޅު ގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ.

ވައިބަރއިން ރައްޓެއްސަކާއި ވާހަކަދައްކަން އޮތް ރުދުހާ ސިއްސައިގެން ދިޔައީ ދިފްލާ ފޯނުކުރަން ފެށުމުންނެވެ. އަވަސް އަވަހަށް ފޯނަށް ޖަވާބުދެމުން ވީކީއްތޯ އަހާލިއެވެ.

ދިފްލާގެ ކޮޓަރިއަށް ރުދުހާ ދިޔައިރު ދިލްފާ ބިރުން ތެޅިފޮޅެނީ އެވެ. އޭނާގެ ދަރިފުޅާއި އޭނާއަށް އެކަނި އެތަނުގައި ތިބެން ނުކެރޭނެ ކަމަށް ބުންޏެވެ. އެދެމައިންނާއިއެކު އެތަނުގައި މަޑުކުރަން އެދުނެވެ.

ދިފްލާ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އޭނާ ގޮވައިގެން ގޮސް އެނދުގައި ބައިންދާ ރުދުހާ ވެސް އެނދުގައި އިށީނެވެ. ބޮލުގައި ފިރުމާލަމުން ފެންފޮދެއް ދިނެވެ. އޭރު ވެސް ދިފްލާ ހުރީ ބިރުންނެވެ.

ވަރަށްބާރަށް ރުދުހާގެ އަތުގައި ދިފްލާ ހިފާލިއެވެ. ދުވަހަކު ވެސް އެދެމައިން ދޫކޮށްނުލުމަށް އެދުނު ކަހަލައެވެ. މަޑުމަޑުން ކޮންމެވެސް އެއްޗެކޭ ބުނިހެން ހީވިއެވެ.

ދިފްލާ ވާހަކަދައްކާހެން ހީވެގެން ރުދުހާ އެކަމަށް ސަމާލުކަންދިނެވެ.
─━━━━━━⊱✿⊰━━━━━━─
އެއީ ވެސް މިފަދަ ރެއެކެވެ. ނުހަނު އަރާމުގައި އެކަނި މާއެކަނި ނިދާލާފައިއޮތް ދިފްލާއަށް ސިއްސައިގެން ގޮސް ހޭލެވުނީ ޖަހާލި ގުގުރީގެ ބާރުއަޑަށެވެ. ކުރަމުންދިޔަ ގަދަފަދަ ވިއްސާރައިގެ ސަބަބުން ދިފްލާ ބިރުގަނެ ޖެހިލުންވިއެވެ. ކުރާނެކަމެއް ނެތެވެ. އޭނާއަކީ ވެސް މިހާރު ކުޑަކުއްޖެއް ނޫނެވެ. ކެތްތެރިވެ ހަމަޖެހުނެވެ.

މޫނާއިއެކު މުޅިހަށިގަނޑު ބެޑްޝީޓަކުން ނިވާކޮށްގެންއޮތް ދިފްލާ އަކަށް އެކޮޓަރިއަށް މީހަކު ވަތްކަމެއް ނޭނގެއެވެ.

ކުއްލިއަކަށް ކޮޓަރިން ކަރަންޓް ދިޔައެވެ. ހީވީ މުޅިގެއިން ކަރަންޓް ދިޔަ ހެންނެވެ. ވިއްސާރައިގެ ސަބަބުން ކަރަންޓް ވިއުގައަށް ކޮންމެސް ގޮތެއްވީ ކަންނޭނގެއެވެ.

ބިރުން ތުރުތުރު އަޅާހާލުގައި އޮތް ދިފްލާ ސިއްސައިގެން ގޮސް ހަޅޭލަވައި ގަނެވުނީ ކޮންމެވެސް މީހަކު އޭނާގެ ގައިގަ އަތްލުމުން ނެވެ. ފުރަތަމަ ބީހިލުމާއިއެކު އޭނާގެ މަޤްޞަދު ދިފްލާއަށް ވިސްނުނެވެ. އޭނާގެ ކިބައިން ސަލާމަތްވުމަށް މަސައްކަތްކުރަމުން މަންމައަށް ގޮވައި އެހީއަށް އެދުނެވެ. ކުރަމުންދިޔަ ގަދަފަދަ ވިއްސާރައިގެ ސަބަބުން މަންމައަށް އަޑު ނީވުނީ ކަންނޭނގެއެވެ. މަންމަގެ އެހީއެއް ނުލިބުނެވެ.

ދިފްލާ ލައިގެން އޮތް ނިވާކަންކުޑަ ނިދާހެދުމުގެ ސަބަބުން އޭނާގެ މަޤްޟަދު ހާސިލުކުރަން އެމީހާއަށް ފަސޭހަވިއެވެ. ދިފްލާ ކުރަމުންދިޔަ އާދޭހަކަށް ރޮމުންދިޔަ ރުއިމަކަށް އެމީހާ ސަމާލުކަމެއް ނުދެއެވެ. އެއަށްވުރެބޮޑަށް އެމީހާ ހުރީ އެކަމަށް ފެންބޮވައިގެންފައެވެ. ކަރުހިއްކުން ފިލުވާލަން ބޭނުންވެފައެވެ. އޭނާ ހުއްޓާލީ އެކަން ކޮށްފައެވެ. އޭނާގެ މަޤްޞަދު ހާސިލުވުމުން ވެސް މެއެވެ.

ބައެއް ފަހަރު ހީވެސް ނުކުރާފަދަ ގޮތަކަށް ނަސީބު އެހީވެއެވެ. ކޮޓަރީގައި ރަސްކަން ކުރަމުންދިޔަ ކަނުއަނދިރީގެ ތެރެއިން އެއީ ކާކުކަން ދިފްލާއަށް އެނގުނީ ވިދާލި ވިދުވަރުގެ އަލީގެ ސަބަބުންނެވެ. ދިފްލާގެ ދެލޯ ބޮޑުވިއެވެ. ހިއްސުތައް ގަނޑުވި ކަހަލައެވެ.

ދިފްލާގެ އުމުރުން ދިހައަހަރުން ފެށިގެން އެޢާއިލާގެ ހުރިހާކަމެއް ބަލަހައްޓަމުން ދިޔައީ މަންމަ ފަރާތު ބޮޑުބޭބެއެވެ. ދިފްލާމެނަށް ހިމާޔަތާއި ރައްކާތެރިކަންދޭން ހުރި މީހަކީ ވެސް އެބޮޑުބޭބެއެވެ. މިފަދަ ކޮންމެ ނުރައްކަލަކުން އެމީހުން ސަލާމަތްކުރަން ހުރި މީހަކީ ވެސް ހަމަ އެ ބޮޑުބޭބެއެވެ.

ރަށުތެރޭގައި ކޮންމެގޮތަކަށް ވާހަކަތައް ދެކެވެމުންދިޔަ ނަމަވެސް ދިފްލާ ރަށްމެދަށް ބަލިވެ އިނީ އޭނާގެ ލޯބިވެރިޔާގެ ދަރިއަކަށް ނޫނެވެ. އޭނާ ބުނީ ރަނގަޅަށެވެ. އެކަމަކާއި އޭނާއާ އެއްވެސް ގުޅުމެއް ނެތެވެ. ކަމުގެ ޙަޤީޤަތް ސާބިތުކޮށް ދެވޭނެގޮތެއް ދިފްލާއަކަށް ނެތެވެ.
─━━━━━━⊱✿⊰━━━━━━─
ރޮމުން ރޮމުން ދިފްލާ ކިޔައިދިން ވާހަކަތައް ރުދުހާ ގަބޫލުކުރިއެވެ. ދިފްލާއަށް ހިތްވަރާއި ނަސޭހަތްދީ ކެތްތެރިވުމަށް ބުންޏެވެ. އަބަދުވެސް ދިފްލާގެ ދެމައިންނާއިއެކު އެނާ އާއި އޭނާގެ ޢާއިލާ ތިބޭނެކަމުގެ ޔަގީންކަން ދިނެވެ.

މިއަދު ފިލައިގެން އުޅެވިދާނެއެވެ. ކޮންމެ ވާހަކައެއް ވެސް ދެއްކިދާނެއެވެ. އެކަމަކު ނުފިލޭނެ ދުވަހެއް ކޮންމެ ކޮންމެ ވާހަކައެއް ނުދެއްކޭނެ ދުވަހެއް އަންނާނެއެވެ. އެދުވަހުން ދިފްލާއަށް ކާމިޔާބު ލިބޭނެއެވެ. ދިފްލާ އިންތިޒާރު ކުރަމުންދަނީ އެދުވަހަށެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.