އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─
ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. ސުމްނާ އޭނާގެ އާދައިގެމަތިން ބޮސްގެ ކެބިންގައި އޭނާގެ މަސައްކަތުގައި އުޅެމުންދިޔައެވެ. ބޮސް ވަދެގެން އައިކަން އޭނާއަށް އެނގެއެވެ. ހިތުގައިވާ އުންމީދެއްގެ ސަބަބުން ބޮސްއަށް ފުރުސަތުދީގެން އިނީއެވެ.
ބޮސް އޭނާގެ އާދައިގެމަތިން ލޯތްބާއި އޯގާތެރިކަމާއިއެކު ސުމްނާގެ ބޮލުގައި ފިރުމާލުމަށްފަހު ގޮސް މޭޒުކައިރީ އިށީނެވެ. ސުމްނާއަށް ޖެހުނީ އެވެ.
އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދު ވެސް ކޮފީތައްޓެއް ތައްޔާރުކޮށްގެން ސުމްނާ ގޮސް ބޮސްއަށް ދިއްކޮށްލިއެވެ. ރަހަބަލާލަމުން ވަރަށްމީރޭ ބުންޏެވެ. ބުނާނީ އެހެންކަން ސުމްނާއަށް އެނގެއެވެ. އަބަދު ވެސް ސުމްނާ ކުރާކަންތައް ބޮސްއަށް ވަރަށް ކަމުދާނެއެވެ. ސުމްނާއަށް ގަބޫލުކުރެވޭގޮތުގައި ބޮސް އޭނާއާ ގަޔާވަނީ އެވެ. ސުމްނާ ހިނިތުންވެލީ ލިބެމުންދާ ކާމިޔާބުގެ ސަބަބުން ނެވެ. އުންމީދުތައް ހާސިލުވާނެކަމުގެ ޔަގީންކަން ބޮޑުކަމުންނެވެ.
ބޮސް އެދުނު އެދުމަށް އިޖާބަދީ ސުމްނާ އެތަނުގައި އިށީނެވެ. ދައްކަން އެއުޅެނީ ކޮންވާހަކައެއް ބާއޭ ހިތަށްއެރިއެވެ. އޭނާގެ ހިތުގެ ގޮވުން ބޮސްއަށް އަޑުއިވުނީ ބާއެވެ.
” އަޑުއެހިން ސުމްނާ އާއި މަންމަ އުޅެނީ ދުރުތާ ތިމާގެބައެއް ކައިރީ ވަރަށް ހާލުގައޭ. ތެދެއްތަ ؟ ” ސުމްނާގެ މޫނަށް ބަލާލަމުން ބޮސް އެހިއެވެ. އިވުނީ އަޑުއަހަން ބޭނުންވި ވާހަކަތައް ނޫން ނަމަވެސް ސުމްނާ އެކަމަށް ސަމާލުކަން ދިނެވެ.
” ލައްބަ. ” އަދަބުވެރިކަމާއިއެކު މަޑުމަޑުން ސުމްނާ ބުނެލިއެވެ.
” ބްލޮކް ސާދަ. އެޕާޓްމަންޓް ސާދަ އޭ. ” މޭޒުވަތްގަނޑުން ނެގި ތަޅުދަނޑިފައްޗާއި ތަނުގެ ރަޖިސްޓްރީ ސުމްނާއަށް ދިއްކޮށްލަމުން ބޮސް ވާހަކަދެއްކިއެވެ. އޭނާގެ ކިބައިން ފެނުނީ އުފަލާއި ހިތްހަމަ ޖެހުމެވެ.
ސުމްނާއަށް ލިބުނީ ހައިރާންކަމެވެ. ބުނާނެ އެއްޗެއް ނޭނގުނު ތާންގައި ހަދާނެގޮތެއް ވެސް ނުވިސްނުނެވެ. ހުއްޓުންއަރާފައި އިނދެވުނީއެވެ.
” ކިހިނެތްވީ ؟ …. ކަމުނުދަނީތަ ؟ ” ސުމްނާގެ އެޢަމަލުގެ ސަބަބުން ބޮސް ވަރަށްބޮޑަށް ހައިރާންވި އެވެ. ކޮންމެވެސް ވަރަކަށް ކަންބޮޑު ވެސް ވިއެވެ. ސުމްނާ އެތަން ގަބޫލު ނުކޮށްފާނެތީ ދެރަވިހެން ވެސް ހީވިއެވެ.
މަންމަ އާއި ސުމްނާ ދިރިއުޅުމަށްޓަކައި ބޮސް އެޕާޓްމަންޓެއް ގަނެދިން ވާހަކަ ބުނުމުން މަންމައަކަށް އެވާހަކައެއް ގަބޫލެއް ނުކުރެވުނެވެ. ކޮންމެވެސް ވަރަކަށް ހިތްހަމަ ވެސް ނުޖެހުނެވެ.
” އެންމެބޮޑުވަރަކަށް ވެސް ބުނާނީ ކައިވެނިކުރާކަށްނު …. އެވެސް ދެއަނތްބަށް … އަހަރެން މައްސަލައެއްނެތް. ބޭނުންވަނީ އަހަރެންނާއި މަންމަ އުފަލުގައި އުޅެން. ” ހެމުން ހެމުން ނަމަވެސް ސުމްނާ ހާމަކުރީ އޭނާގެ ހިތުގައިވާ ގޮތެވެ. އެކަން އެނގޭނީ އޭނާއަށް އެކަންޏެވެ. ސުމްނާގެ އެވާހަކަތައް ރިމާޒާއަކަށް ކަމަކު ނުދިޔައެވެ. އިއްޒަތާއި ޤަދަރާ ތަނަވަސްކަމަށްޓަކައި އޭނާގެ ދަރިފުޅު ވިކޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
” މުއްސަނދިން އަބަދު ވެސް އުޅޭނީ ނިކަމެތިން ދަށުލާން …. ޅަކުދިން ހައްލާލުމަކީ ބައެއް މުއްސަނދި ފިރިހެނުންގެ އާދައެއް. ބޭނުން ފުދުމުން އެއްލާލާނެ ….. ތިޔަ އެޕާޓްމެންޓް ވެސް އަތުލާނެ. ” ރިމާޒާ ވާހަކަދެއްކީ އޭނާގެ ދުވަސްވީ ތަޖުރިބާގެ އަލީގައެވެ. މިފަދަ ޒަމާނެއްގައި އެފަދަކަމެއް އެއްވެސް މީހަކު ހިލޭސާބަހަށް ނުކޮށްދޭނެއެވެ.
” މަންމަ ދައްކާ ވާހަކަ …. މަންމަގެ މިދަރިފުޅަކީ އެހާ ސިކުނޑި ޅަމީހެއް ނޫން. ” ސުމްނާ ވާހަކަދެއްކީ އަތްދަބަހުން ނެގި ރަޖިސްޓްރީ ރިމާޒާއަށް ދައްކާލަމުންނެވެ. ކާމިޔާބަށް ހިނިތުންވަމުންނެވެ.
އެޕާޓްމެންޓަށް ބަދަލުވެވުމުން ސުމްނާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ކުޑައިރުއްސުރެ ދެކެމުންއައި އެބޮޑު ހުވަފެން އެހާ ފަސޭހައިން ޙަޤީޤަތަކަށްވުމުން ހައިރާންވިއެވެ. ގަބޫލުކުރަން ވެސް ދަތިވިއެވެ.
ރޭވުމުގެ ބޮޑުބައިއޮތީ ކުރިއަށޭ ސުމްނާގެހިތް ބުންޏެވެ. ތައްޔާރީތައް މެކުހަށް ޖެހުމަށް ސިގްނަލް ދިނެވެ.
ރައިހާނާ އާއި ސުމްނާ ތިބީ އޮފީހުގެ ކެންޓީނުގައި ސައިބޯށެވެ. އެތަނުގައި އެދެމީހުން ފިޔަވާ އެހެން އެއްވެސް މީހަކު ނެތެވެ. ދެކެވެމުންދިޔަ ވާހަކައިގެ މުހިންމުކަން ދެމީހުންގެ ހަރަކާތްތަކުންނާއި އަޑުން އެނގެއެވެ.
” ކިހިނެތްވީ ؟ … ކިހާ ހޭންޑްސަމް …. ކިހާ ނައިސް … ބޯކޮށް ފައިސާ ވެސް އެބަހުރި …… އުފަލާއި އަރާމުގަ ތަނަވަސްކަމުގަ އުޅެވޭނެ. އެޔެއްނު ހޯދަން އެންމެން ވެސް މިއުޅެނީ. ” ސުމްނާ ހާމަކުރީ އޭނާގެ ހިތުގައިވާ ގޮތެވެ. އޭނާ ބޭނުންވާ ގޮތެވެ. ސުމްނާ ދެއްކި ވާހަކަތަކުގެ ސަބަބުން ރައިހާނާ އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ.
” އަމިއްލަ އެދުންބޮޑު ހަޔާތްކުޑަ އަންހެނެއް. ” ބުނަން ބޭނުންވި ނަމަވެސް ރައިހާނާއަކަށް ބުނާކަށް ނުކެރުނެވެ. ބޮސްއަކީ ސުމްނާގެ ބައްޕަ އުމުރުގެ މީހެކެވެ. އެއީ ސުމްނާގެ އަމިއްލަ ނިންމުމެވެ. އެކަމާއި އެއްޗެކޭ ބުނަންވާނީ ދައްކާ ވާހަކަ އަޑުއަހާނަމައެވެ.
ސުމްނާ އާއި ބޮސްއާ ގުޅުވައިގެން އޮފީސްތެރޭގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ. ބޮސް އުޅެނީ ސުމްނާއާ ދެއަނތްބަށް އިންނާށެވެ. ސުމްނާ ވެސް ގަބޫލެވެ. އެވަޒީފާއަށް ސުމްނާއަށްވުރެ އެކަށީގެންވާ މީހުން ކުރިމަތިލާފައިވަނިކޮށް ސުމްނާއަށް އެވަޒީފާ ދިނީ ވެސް އެހެންވެގެން ނެވެ. ސުމްނާއަކީ އިއްޒަތާއި ގަދަރާ ތަނަވަސްކަމަށް ފެންބޮވައިގެންފައިވާ ޒުވާނެކެވެ.
އޭނާގެ ދަރިފުޅާއިމެދު އެހާ ހެޔޮކޮށް ހިތައި ރަނގަޅަށް ކަންތައްތައް ކޮށްދެނީ ކާކުތޯ އާއި އޭނާގެ މަޤްޞަދަކީ ކޮބައިތޯ ބަލަން ރިމާޒާ ބޭނުންވިއެވެ. ހިލޭފިރިހެނަކު ހިލޭއަންހެނަކަށްޓަކައި އެވަރުގެ ބޮޑު ހޭދައެއްކޮށް އެވަރުގެ ކަންތައްތަކެއް ކޮށްދެނީ ކޮންމެވެސް އެދުމެއް އޮވެގެންކަން ރިމާޒާއަށް ޔަގީނެވެ. އެކަމުގެ އަޑީގައި ސިއްރެއްވާނެކަމަށް އޭނާގެ ދުވަސްވީ ތަޖުރިބާ ބުނަމުންދިޔައެވެ.
ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. މަސައްކަތުގެ ތެރެއިން ލިބުނު ހުސް ވަގުތުގައި ސިމްނާ ގޮސް ބޮސް އާއި ވާހަކަ ދެއްކިއެވެ.
” އަޅުގަނޑުގެ މަންމަ ….. އެބަ ބޭނުންވޭ ބޮސްއާ ބައްދަލުކޮށްލަން …. މިރޭގެ ކެއުމަށް އަޅުގަނޑުމެން ގެއަށް ގޮސްދެވިދާނެތޯ؟ ” މަންމަގެ ހުށަހެޅުން ބޮސްއަށް ސުމްނާ ހުށަހެޅިއެވެ. މަޑުމައިތިރިކަމާއި ހަމަހިމޭންކަމާއިއެކު އޭނާގެ އަދަބުވެރިކަން ދައްކައިދެމުންނެވެ.
” އާން … ދެވިދާނެ. ސުމްނާ ބޭނުންނަމަ ކޮންމެރެއަކު ވެސް ދެވިދާނެ. ” ސުމްނާއަށް ހިނިތުންވެލަމުން ބޮސް ވާހަކަ ދެއްކިއެވެ. ސުމްނާގެ އެހުށަހެޅުމަށް ބޮސްދިން ޖަވާބާއި ފެނުނު އުފާވެރިކަމުން ސުމްނާގެ އުންމީދު އާވިއެވެ. އޭނާގެ މަޤްޞަދު ހާސިލު ވެދާނެކަމުގެ އުންމީދާއި ޔަގީންކަން ބޮޑުވިއެވެ. ލިބެމުންދާ ކުރިއެރުމާއި ކާމިޔާބަށް ހިނިތުންވެލެވުނެވެ.
ރޭގަނޑު އަށެއްޖަހާކަން ހާއިރެވެ. ސުމްނާ އާއި އޭނާގެ މަންމަ ރިމާޒާ ތިބީ ކާން ތައްޔާރުކޮށްގެން ބޮސްގެ އިންތިޒާރުގަ އެވެ. ދޮރުގައި ޓަކިޖަހާލުން ދޮރުހުޅުވީ ސުމްނާއެވެ.
ދޮރުހުޅުވާލުމާއިއެކު ގޭތެރެއަށް ވަތް ބޮސް ފެނިފައި ފުންމައިގެން ކަހަލަ ގޮތަކަށް ރިމާޒާ ކޮޅަށް ތެދުވިއެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުންއަރާފައި ކަހަލަގޮތަކަށް އެތައްއިރަކު ހުއްޓެވެ.
” ދަރިފުޅާ ! ތިއީ ދަރިފުޅުގެ ބައްޕަ …. އެމީހަކު ދުށުމަށް އެދި ދަރިފުޅު ރޮއި އާދޭސް ކުރަމުންދިޔަ ބައްޕަ. ސުމްނާ މުޙައްމަދުގެ ބައްޕަ މުޙައްމަދު ވަލީދު. ” ރޮވިފައިވާއަޑަކުން ރިމާޒާ ވާހަކަދެއްކިއެވެ.
ރިމާޒާގެ އެވާހަކަތަކުގެ ސަބަބުން ހައިރާންވެ އަންތަރީސްވި ސުމްނާ ހުރިގޮތަށް ހުރީއެވެ. ކުރާނެ ހަރަކާތެއް ބުނާނެ އެއްޗެއް އޭނާއަކަށް ނުވިސްނުނެވެ. ވާންވީ އުފާކަމެއް ގަންނަންވީ ލަދުކަމެއް ސުމްނާއަކަށް ނުވިސްނުނެވެ.
” އާން ދަރިފުޅާ ! މިއީ ދަރިފުޅުގެ ބައްޕަ …. ބައްޕަ މަސައްކަތްކުރީ ދަރިފުޅަށް އަޅާލުމާއި އެހީތެރިކަންދީ ބައްޕަގެ ޒިންމާ އަދާކުރެވޭތޯ. ބައްޕައާމެދު ދަރިފުޅުގެ ހިތުގައިވާ ނުތަނަވަސްކަން ފިލުވާލެވޭތޯ …. ބައްޕައަށް މައާފްކުރޭ. ދެން އަބަދު ވެސް ބައްޕަ ހުންނާނީ ދަރިފުޅާއިއެކު ….. ބައްޕަ ވަރަށް ލޯބިވޭ ދަރިފުޅުދެކެ. ” ސުމްނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ މަޑުމައިތިރިކަމާއިއެކު ވަލީދު ވާހަކަދެއްކިއެވެ. އޭނާގެ ކުށް ގަބޫލުކޮށް މައާފަށް އެދުނެވެ. ކެބިންއަށް ވަދެގެންދާއިރު ފިރުމާލާ ލޯބިވެތި އޯގާތެރި ފިރުމާލުން ތަކުރާރުކޮށްލިއެވެ.
އައިލަވް ޔޫ ޓޫ … މައި ބޮސް …. މައި ޑޭޑް. ” ލިބުނު އުފަލެއްގެ ބޮޑުކަމުން ސުމްނާއަށް ވެސް ރޮވުނެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި