އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─

އަރައިގެންއައި އިރާއިއެކު ރަށުތެރެއަށް ފެތުރިގެންދިޔަ ޚަބަރުން ރަށުގެ ރައްޔިތުން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ. ސުވާލުތަކުން ފުރިފައެވެ. އެއްބަޔަކު މާޔޫސްވެ ދެރަވިއިރު އަނެއްބަޔަކު ތިބީ ރުޅިއައިސް ރަތްވެފައެވެ.

ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ އަންހެނާ އާއި އޭނާ މިރަށަށް ގެނައިމީހާ މިހާރުން މިހާރަށް މިރަށުން ބޭރުކުރުމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބުނަމުންދިޔައެވެ. ނިއާމް ބުނަމުންދިޔަ ފަދައިން ރަށުގެ ރައްޔިތުން ގަބޫލުކޮށްގެން ތިބީ ނަމްޒާއަކީ އޭނާގެ އަންހެނުން ކަމަށެވެ.

ޙަޤީޤަތްއޮތީ މުޅިން އެހެންގޮތަކަށެވެ. ނިއާމްވަނީ ދޮގުހަދައި މަކަރުހަދާ އޮޅުވާލާފައެވެ.

ރައްޔިތުން ރުޅިއައިސްގެން ކެކިއަރަނީ އެވެ. އެމީހުންގެ ގަޔަށް ބޮލަށް އަރާފާނެހެން ވެސް ހީވެއެވެ. އެމީހުންގެ ސަބަބުން ރަށުގެ ނަން ކިލަންބުވެފައި ވާތީ ގިނަބަޔަކު އެމީހުނަށް އެއްޗެތި ކިޔަމުންދިޔައެވެ.

ރަށުގެ ރައްޔިތުން ބޭނުންވިފަދައިން އެކަމުގައި ބައިވެރިވި އެންމެން ވަގުތުން ރަށުން ބޭރުކުރިއެވެ. އެކަމާއި ގުޅުންހުރި ހުރިހާ މަޢުލޫމާތާއިއެކު އެބައިމީހުން ގެންދިޔައީ އަތޮޅުގެ މައި ސްޓޭޝަނަށެވެ.

މަންޒަރު ބަލަން ދުރުގައިހުރި އަލީސްގެ ޚިޔާލުތައް ގޮސް ގުޅުނީ މީގެ ދެތިން ދުވަސް ކުރިޔާއެވެ.

ރޭގަނޑު އެގާރަޖަހާކަން ހާއިރެވެ. އަލީސް އާއި އޭނާގެ އެކުވެރި ބަދީއު، ސްޓީމް ކެފޭގެ އޯޕަންޑެކްގައި ތިބީ ކޮފީ ބޯށެވެ. ކޮފީބުއިމަށް އިންސާފްކުރަމުން ދިޔައިރު އެދެމެދުގައި ކޮންމެވެސް މުހިންމު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. ދެކެވެމުންދާ ވާހަކައިގެ އަޑުމަޑުވުމާއި އެމީހުންގެ ހަރާކަތްތައް ހުރިގޮތުން ހީވަނީ އެދެމެދުގައި ދެކެވެމުންދަނީ ކޮންމެވެސް ސިއްރުވާހަކައެއް ކަމެވެ.

” ސީރިއަސްކޮށްތަ ތިބުނީ؟ … މަށަށް އެކަމު ހާދަ ހީނުވެޔޭ. އެއީ އޭނާގެ ވައިފްއެއްނު. ” ކައުންޓަރާއި ދިމާއަށް ބަލާލަމުން އަލީސް ވާހަކަދެއްކިއެވެ. ކައުންޓަރުގައި ހުރި މުއައްޒަފު އޭނާގެ މަސައްކަތާއިގެން ކުރިޔަށްދިޔައެވެ. އެމީހުން ދައްކަމުންދާ ވާހަކައަށް އޭނާ އެއްވެސް ސަމާލުކަމެއް ނުދޭކަން އަލީސްއަށް ޔަގީންވިއެވެ.

” ހިހި …. އެއީ އޭނާގެ ވައިފްއެއް ނޫން …. ބިޓެއް ވެސް ނޫން …. އެކަމަށް ގެނެސްގެން އުޅޭ މަންޖެއެއް. އޮޅުވާލަން ވެގެން ވައިފްއޭ ކިޔައިގެން އުޅެނީ. އެއީ ހުސް ދޮގު. ” އޭނާއަށް ލިބިފައިވާ މަޢުލޫމާތު ހިއްސާކުރަމުން ބަދީއު ވާހަކަދެއްކިއެވެ.

” އަސްލުވެސް ؟ ބޯ ބޮޑު މީހެކެދޯ ؟ ވަރަށް ލާރި ނަގާނެތާ ….. މަންޖެ ވަރަށް ފައްކާ ވިއްޔަ. ” އަލީސް ބުނީ އޭނާއަށް ހީވާ ގޮތެވެ.

” އާން … ރެއަކު ދެމީހުން ތިންމީހުން ދާކަމަށްވޭ ….. މީހަކަށް ފައިވް ހަންޑުރެޑް. މާވަރަކަށް ތިޔަ އޮޅުން ފިލުވަނީ ކަލޭ ވެސް ދާންވީތަ ؟ ” ހެމުން ހެމުން ބަދީއު އަހާލިއެވެ.

” ދައްކާ ވާހަކަ. މަ ނޫޅެން ތިޔަކަހަލަ ރަންޑިއެއް ކައިރިއަށް ދާކަށް. އެކަމު … މަށަށް ވަރަށް ހީވޭ ކަލޭ ގޮސްފައި ހުރިހެން. ” އަލީސް ވެސް ވާހަކަ ދެއްކީ ހެމުން ހެމުންނެވެ. ބަދީއުއާ ދިމާކުރުމުގެ ގޮތުން ވެސް މެއެވެ.

” އެކަހަލަ އަންހެނުން ކައިރިއަށް ދާކަށް ނުވާނެ. ދިމާވާހާ މީހަކު ބޭނުންކުރަމުންދާއިރު ކޮންމެފަދަ ބައްޔެއް ޖެހިފައިހުރި މީހަކު ވެސް ބޭނުންކޮށްފައި ހުރެދާނެ. އެއިޑްސް ވެސް ޖެހިދާނެ ….. މަވާ ސަލާން. ” ބަދީއުއަށް ވިސްނައިދެމުން އަލީސް ހާމަކުރީ އޭނާގެ ނިންމުމެވެ. އޭނާގެ ހަރުދަނާ ކަމެވެ.

ނިއާމް އާއި އަލީސް ދިމާވީ އެއްދުވަހެއްގެ ހަވީރު ނިއާމްމެން ގެކައިރިންނެވެ. މަދްރަސީ ދައުރުއްސުރެ އެކުގައި އުޅެ ބޮޑުވި ރައްޓެހިންނަށްވާތީ ދިމާވުމުން ދެމީހުން ވެސް ހާލުއަހާލައި ބައެއް ވާހަކަ ދެއްކިއެވެ.

” ކަލޭތީ ވަރަށް މަކަރު މީހެއް …. މީހަކާއި އިނދެ އަންހެނުން ރަށަށް ގެނެސް ހުރިހާކަމެއް ނިމުނުއިރު ސައިކޮޅެއް ނުދިންތާންގައި ކޮފީއެއްގެ ހިސާބު ވެސް ދިއްކޮށްނުލި. ” ވާހަކަދައްކަމުން ދައްކަމުން އަލީސް ބުންޏެވެ.

” ދައްކާ ވާހަކަ. ކޮފީއެއް ވެސް އެހެން އެއްޗެއް ވެސް ބޯން ލިބޭނީ ގެއަށް އައިސްގެން ދޯ؟ ހިނގާދާން ކޮފީއެއް ބޯލަން. ” އަލީސް ގޮވައިގެން ނިއާމް ހިނގައިގަތީ ގެއާއި ދިމާއަށެވެ.

ނިއާމްއާއެކު އެގެއަށް ވަން ވަގުތު އަލީސްގެ ލޮލުގައި އަޅައިގަތީ ފޮތެއް ހިފައިގެން ޖޯލިފަތީގައިއޮތް ޒުވާން އަންހެން ކުއްޖާއެވެ. ކިރިޔަކިރިޔާ ފައިގެ ފަލަމަސްގަނޑު ނިވާވާވަރުގެ ކުރު ސޯޓަކާއި ގަޔަށްބާރު ނިވާކަންކުޑަ ކުރު ޓީޝާޓެއް ލައިގެން އޮތް އެ އަންހެންކުއްޖާގެ ބައްޓަން ރީތި ކުލައަލި ހަށިގަނޑު ފެނުމާއިއެކު އަލީސްގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. ކަޅިޖަހާނުލައި ބަލަހައްޓައިގެން ހުރެވުނީ އެހެންވެއެވެ.

ނިއާމް އެދުނު ފަދައިން އެ ދެ މީހުންނަށް ދެ ކޮފީތަށި ނަމްޒާ ގެނެސްދިނެވެ. ކޮފީބޮމުން ދިޔައިރު ވެސް އެދެމެދުގައި ވާހަކަތަކެއް ދެކެވެމުން ދިޔައެވެ.

ބަދީއު ދެއްކި ހުރިހާވާހަކައެއް ބަރާބަރަށް ދިމާވިއެވެ. ނަމްޒާގެ ރީތިކަމާއި ފުރިހަމަކަމަށް އަލީސްގެ ހިތް އެދުނެވެ. ނިއާމް ދިން ފުރުސަތުގެ ބޭނުންކޮށްލަން ބޭނުންވިއެވެ. ހިއްސުތައް ސަލާމަތުންހުރި އެއްވެސް ފިރިހެނަކު އެފަދަ ފުރުސަތެއް ގެއްލުވާ ނުލާނެކަމަށް އަލީސްގެ ހިތް ބުންޏެވެ.

މެންދަމުގެ ވަގުތެވެ. ރަށުތެރޭގައި ރަސްކަން ކުރަމުންދަނީ މަޑުމައިތިރިކަމާއި ހަމަހިމޭން ކަމެވެ. އަމާންއޮމާން ކަމެވެ. މަގެއް މަތިން މީހަކު ނުވަތަ ދުއްވާ އެއްޗެއް ވެސް ނުފެނެއެވެ.

އުމުރުން ތޭވީސް އަހަރުގެ އަލީސް މަޑުމަޑުން ގެއިން ނުކުންނަމުން ވަށައިގެން ހޯދާލިއެވެ. ގަމީހުގެ ގިރުވާނު ރަނގަޅު ކޮށްލަމުން ޖީންސްގައި އަތްކާތާލާ ރޫތައް ފިލުވާލިއެވެ. ދެއަތުން ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލަމުން މަގަށް ނަޒަރު ހިންގާލިއެވެ. ހީވަނީ ކޮންމެވެސް މުހިންމު ތާކަށް ނުވަތަ ކޮންމެވެސް މުހިންމު މީހަކާއި ބައްދަލުކުރަންދާ ހެންނެވެ.

ރަށުގެ އިރުވާކޮޅާއި ދިމާއަށް ހިނގައިގަންނަމުން ފޯނުނަގައި ކޮންމެވެސް މީހަކަށް ގުޅާލިއެވެ.

” ފަނަރަވަރަކަށް މިނިޓްވާނެ. އަލީސް އަންނަންވާއިރަށް ފެންވަރައި ތާޒާވެލަން ވެސް ވާނެއެއްނު. ބަލައިގެން އަންނާތި. ފާޑުފާޑުގެ މީހުން އުޅޭނެ. ” ފޯނަށް ޖަވާބުދެމުން އެކޮޅުން ވާހަކަ ދެއްކިއެވެ. އެއީ ޒުވާން ފުރައިގެ ފިރިހެނެއްގެ އަޑެވެ.

” އޯކޭ. ” ފޯނު ޖީބަށްލަމުން އަލީސް އަނެއްކާ ވެސް މަގުގެ ދެކޮޅަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަގުގެ އެއްފަރާތަކަށް ޖެހިލަމުން އަނިދިރިހެން ހީވާ ދިމަދިމާ ބަލައިގެން އަލީސް ކުރިޔަށް ހިނގައިގަތެވެ.

” ޔެސް …. އެހެރަ ރީތިކަމާއި ފުރިހަމަކަމެއް. އަންހެންވަންތަކާއި ޗާލުކަމެއް … އެކަމަށް ހަމަ މަރެއް. ފަސްސަތޭކަ ކީއްކުރަން ހަތްސަތޭކަ ވިޔަސް ހެޔޮ. އެބޮޑީގަ އެކޮލެޓީ އެބަހުރި. ” ހިތާހިތުން އަލީސް ކިޔާލިއެވެ. ހިނިތުންވެލަމުން މޭގައި ފިރުމާލިއެވެ.

ބޭނުންވާ ކަންތައް ހާސިލްވާނެކަމުގެ އުންމީދާއި ޔަގީންކަމުގައި ހިނގަމުންދިޔަ އަލީސް ސިއްސައިގެން ދިޔައީ ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުންނެވެ. އަވަސް އަވަހަށް ޖީބުން ފޯނުނަގަމުން ބަލާލިއިރު ގުޅަނީ ބަދީއުއެވެ. ލިބުނު ހައިރާންކަމާއި އެކު އެއްފަހަރާ އެތައް ސުވާލެއް ވެސް އުފެދުނެވެ.

ފޯނަށް ޖަވާބު ނުދޭން ހުރެފައި ވެސް ދެވަނަ ފަހަރަށް ގުޅުމުން ޖަވާބު ދިނެވެ.

” އަވަހަށް އަނބުރާލާފައި ގެއަށްދޭ ….. ވައިމަތި ރަނގަޅެއް ނޫން. ” އެހެން ބުނުމާއިއެކު ބަދީއު ފޯނުކަނޑާލިއެވެ. އަލީސް ދައްކާވާހަކަ އަޑުއަހާކަށް ސަމާލުކަމެއް ނުދެއެވެ. ވެގެން އުޅޭގޮތެއް ވެސް ނުބުނެއެވެ.

ބަދީއުގެ އެޢަމަލުގެ ސަބަބުން އަލީސްއަށް ލިބުނު ހައިރާންކަންވީ އިތުރެވެ. އުފެދުނު ސުވާލުތައްވީ ގިނައެވެ. ވެގެން އުޅޭގޮތެއް ސާފުކޮށްލަން ބޭނުންވާވަރުން އަވަސް އަވަހަށް ގުޅާލިއެވެ. ޖަވާބެއް ނުދިނެވެ. ފަހުން ގުޅުމުން ކޮށްލީ ބިޒީއެވެ.

” އަވަހަށް ގެއަށްދޭ. ތިތާ ނުހުރޭ. މާދަމާ ހުރިހާކަމެއް ސާފުވާނެ. ” މެސެޖެއް އައުމުން އަލީސް ކިޔާލިއެވެ. ބަދީއު އޭނާއަކަށް ލަނޑެއް ނުދޭނެއެވެ. އޭނާގެ އުފަލަކަށް ހިތްހަމަޖެހުމަކަށް ހުރަހެއް ނާޅާނެއެވެ. އޭނާއަކީ އެއަށްވުރެ ރަނގަޅު ރަހުމަތްތެރި އެކެވެ. އެގޮތަށް އޭނާ ކަންތައް ކުރާނީ އެކަމުގެ އަޑީގައި ކޮންމެވެސް ސިއްރެއްވާތީ އެވެ. އަލީސްއަށް ހެޔޮއެދޭތީ އެވެ.

އަލީސްއަށް ގެއާއި ހަމައަށް އާދެވުނީ ކިރިޔާއެވެ. ޖެހިގެންއޮތް މަގުން ނުކުމެގެން އިރުވާކޮޅާއިދިމާއަށް ވަރަށްބާރަށް ދިޔަ ޕޮލިސްޖިޕާއި ތިން ސައިކަލްގައި ތިބިމީހުން ފަހަތަށް ބެލިނަމަ އަލީސް ފެންނާނެއެވެ. ބަދީއުގެ ބަސްއަހައިގެން ގެއަށް އާދެވުނުކަން ނަސީބެކޭ ހިތަށްއެރީ ފެނުނު މަންޒަރުން ހިތަށް ވަން ބިރުވެރިކަމާއި ނުތަވަސްކަމުގެ ސަބަބުންނެވެ.

ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ނަމްޒާ އާއި އެހެން ދެފިރިހެނުން އަތުލައިގަތީ އެކަމުގައި ތިއްބައެވެ. ގަޑި ކިޔައިގެން ގޮސް ތިބި ދެބިދޭސީންނާއި އެކަން ކުރިޔަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ނިއާމް ވެސް ހައްޔަރުކުރި އެވެ.

ނަމްޒާގެ ކިބައިން ހާސްކަމެއް ނުތަނަވަސްކަމެއް ނުފެނެއެވެ. އެވަގުތަށް އޭނާ އިންތިޒާރުކުރަމުންދިޔަ ކަހަލައެވެ. ހިތްހަމަޖެހުމުގެ އަސަރު ވެސް ކޮންމެވެސް ވަރަކަށް މޫނުމަތިން ފެންނަމުންދިޔައެވެ.

ހިނގާދިޔަ ހާދިސާއާއި ބެހޭގޮތުން ނަމްޒާ ވާހަކަދެއްކިއެވެ. ނަމްޒާ ބުނިގޮތުގައި ނިއާމް އަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ އެވެ. ނިއާމް އޭނާއަށް މަކަރުހަދައި އޮޅުވާލީ އެވެ. ކޮޓަރިއަކަށް ގެންގޮސް އޭނާއަށް ސިއްރުން އޭނާގެ ބަރަހަނާ ވީޑިއޯކުރީ އެވެ. އެތައް ބައިވަރު ފޮޓޯ ނެގީއެވެ. އޭނާ ބުނާގޮތަށް ކަންތައް ނުކޮށްފިނަމަ ފޮޓޯތަކާއި ވީޑިއޯތައް ލީކުކޮށްލާނެކަމަށް ބުނެ ބިރުދެއްކީ އެވެ. މިރަށަށް އައިސް މިގޮތަށް އެޅެން ޖެހުނީ އެހެން ވެގެންނެވެ. އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. މަޖުބޫރުވުމުން ނެވެ. އެހެން ވެސް ގިނަ މީހުން ފަދައިން ދުނިޔޭގެ ލަދާއި މަލާމާތުން ސަލާމަތްވުމަކީ ނަމްޒާގެ ވެސް ފުރަތަމަ މަޤްޞަދަށް ވީއެވެ.

ނިއާމްމެން ގެއިން ހޯދައިގަތް ތަކެތިން ނަމްޒާގެ ވާހަކަތަކާއި ގުޅުންހުރި އެތައް ހެއްކެއް ފެނުނެވެ. ބައިވަރު ފައިސާ ފެނުނެވެ. އެކަމަށް ދެކޮޅު ހަދައި ރުޅިވެރިކަމާއިއެކު ޒުވާބުކުރަމުންދިޔަ ނިއާމްގެ އަނގަ ބެދުނީ އެހިސާބުންނެވެ. އޭނާގެ ކުށަށް އިއުތިރާފް ވިއެވެ.

” މަންޖެ ފުރީމަ ހާދަ ދެރައެއްވެފަ ތިހުރީ. ” އަލީސްގެ ޚިޔާލީ އާލަމުން އޭނާ ހޭލައްވާލީ ބަދީއުގެ އަޑެވެ. އަލީސް ބަލާލިއިރު ބަދީއު އެދިމާއަށް އަންނަނީ އެވެ.

ހިނގާދިޔަ ހާދިސާއިން ބޮނޑިއެއް ނުލިބި އަލީސް ސަލާމަތްވީ ބަދީއުގެ ސަބަބުންނެވެ. އެކަމަށްޓަކައި އޭނާ ފަށްފަށުން ބަދީއުއަށް ސުކުރުއަދާކުރިއެވެ. އެކަމުގެ ސަބަބުން އޭނާ ސަލާމަތްވީ ދުނިޔޭގެ ލަދުން އެކަންޏެއް ނޫނެވެ. އާޚިރަތުގެ އަޒާބުން ވެސް މެއެވެ. ޙަޤީޤީ ރައްޓެހިންނަކީ އެއީކަމަށް އަލީސް އަބަދުވެސް ބުނަނީ އެހެންވެއެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.