އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─

އަޖުނާދުގެ ކަޅިއެޅުންތައް ޖޭސްމީނަށް އަމާޒުވަމުން ދިޔައިރު، އެކަމާއިމެދު ޖޭސްމީން ވިސްނާ ފިކުރުކުރަމުން ދާކަމެއް އަޖުނާދަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. އޭނާގެ ހުރިހާ ވިސްނުމެއް ވެސް އަމާޒުވެފައިހުރީ ޖޭސްމީންގެ ފުރިހަމަ ރީތި ޗާލާކީ ހަށިގަނޑަށެވެ. ހެދިހުރި އެ ފުރިހަމަ ހަށިގަނޑާއި އެހަށިގަނޑަށް އިތުރަށް ފުރިހަމަކަން ގެނެސްދޭ އައިބެއްނުވާ ފުރިހަމަ ގުނަވަން ތަކަށެވެ. އެފަދަ ފުރިހަމަ ޗާލާކީ މަލެއް ބިނދެލެވޭހައި ކައިރީގައި ވާނަމަ އެމަލެއް ބިނދެލައި މަލުގެ ފޮނިމީރުކަން އިހުސާސްކޮށްލަން ބޭނުންނުވާނެ އެއްވެސް މީހަކު ނުހުންނާނެ ކަމުގައި އަޖުނާދުގެ ހިތް އަބަދުވެސް ބުނަމުންދެއެވެ.

މާލެތެރެއަށް ވެރިވެފައިވާ ހަލަބޮލިކަމާއިއެކު ވަގުތުތައް ފާއިތުވަމުން އައިސް އިރުއޮއްސެނީއެވެ. ދޮރޯށި ކައިރީ މަޑުކޮށްލައިގެން މީހެއްގެ އިންތިޒާރުގައި ކަހަލަގޮތަކަށް ޖޭސްމީން ހުރިއިރު، އޭނާގެ ހަރަކާތްތަކަށް ސަމާލުކަން ދީގެން ދެވަނަ ފަންގިފިލާގެ އޯޕަންއެއަރގައި އަޖުނާދު ހުރިކަމެއް ޖޭސްމީންއަކަށް އަދި އެހެން މީހަކަށް ވެސް ނޭނގެއެވެ.

ގެކައިރިއަށް އައިސް މަޑުކޮށްލި ޕްރައިވެޓްކާރުން ފޭބި ޒުވާނާއާއިއެކު ޖޭސްމީންގެ ދަރިފުޅު ލޭމަން ފޭބި މަންޒަރު ފެނުމާއިއެކު އަޖުނާދަށް ލިބުނީ ހައިރާންކަމެވެ. އުފެދުނު ސުވާލުތަކާއިއެކު އެކަމަށް އިތުރު ސަމާލުކަމެއް ވެސް ދެވުނެވެ.

ލޭމަން ގޮވައިގެން އައިސް ޖޭސްމީން ކައިރީ ބަހައްޓަމުން، ޖޭސްމީންއާ ގާތްވެލައި އެޒުވާނާ ކޮށްލި ހަރަކާތާއިއެކު އަޖުނާދަށް ލޯ މަރައިލެވުނެވެ. އެމަންޒަރު ބަލަން އަޖުނާދުގެ ހިތަކަށް ކެތެއް ނުވިއެވެ.

ޖޭސްމީން ކޮޓަރިން ނުކުތްއިރު ދިހައެއް ޖަހަނީ އެވެ. ވަރަށް ރީއްޗަށް މޭކަޕްކޮށްލައި އެންމެ މިހާރުގެ ހެދުމެއް ލައިގެން ހުރި ޖޭސްމީންގެ ފުރިހަމަކަން ފެނުމާއިއެކު އަޖުނާދުގެ ހުރިހާ ހިއްސެއް އެއްފަހަރާ ގަނޑުވި ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ހިލައިގެ ބުދެއް ފަދައިން ކަޅިވެސް ޖަހާނުލައި ޖޭސްމީންއަށް ބަލަހައްޓައިގެން އިނދެވުނީ ކިހާއިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. ޖޭސްމީން އެތަނުން ދިޔައީ ކޮންއިރަކުކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. މީގެކުރިން އޭނާއަށް ފެނިފައިވާ ޖޭސްމީން ކުރިޔަށްވުރެ މިހާރު މާ ފުރިހަމަކަން ފެންނަ ކޮންމެމީހަކު ވެސް ގަބޫލުކުރާނެކަން އަޖުނާދަށް ޔަގީނެވެ.

ޚިޔާލީދުނިޔެއަކަށް ގެއްލިފައި އިން އަޖުނާދު ސިއްސައިގެން ދިޔައީ އޭނާގެ އަންހެނުން މަރިޔަންދީ ވާހަކަދެއްކި އަޑަށެވެ.

” އަހަރެންނަށް ހީވަނީ ޖޭސްމީން މިހާރު އެއުޅެނީ މާރަނޅަކަށް ނޫންހެން …. އެހެން އުޅެނިކޮށް ކަމެއް ދިމާވެއްޖެއްޔާ ގޯސްވާނީ އަހަރުމެން …. އޭނަ ކައިރީ ބުނޭ އެހެން ނޫޅޭށޭ. ” މޫނުމަތިން ފާޅުވަމުންދިޔަ ނުތަނަވަސްކަން ފިލުވާލައި ހިތަށް ވެރިވަމުންދިޔަ އުދާސްކަމުން ދުރުވާން މަސައްކަތްކުރަމުން އަޖުނާދު ވާހަކަދެއްކިއެވެ. މިއަދު ހަވީރު ފެނުނު މަންޒަރުގެ ސަބަބުން އަޖުނާދަށް ވަނީ ވަރަށްބޮޑު މާޔޫސްކަމެއް ކުރިމަތިވެފައެވެ. ޖޭސްމީންގެ ފަރާތުން އޭނާ އުންމީދުކުރަމުންއައި ވަގުތު ގާތްވަމުން ދަނިކޮށް ކުއްލިއަކަށް މިފެނުނު މަންޒަރާއިއެކު އޭނާގެ އުންމީދުތައްވަނީ ވިއްސިވިހާލިވެގެން ގޮސްފައެވެ.

” ދެން. އަޖުނާދު ދައްކާ ވާހަކަ. އެއީ ވެސް މިހާރު ކުޑަކުއްޖެއް ނޫނޭ. އޭނައަށް ވެސް އުޅެންވީގޮތާއި ނޫޅެންވީ ގޮތް މިހާރު އެނގޭނެ. ” އަޖުނާދު ކައިރީ ގޮނޑިސެޓްގައި އިށީންނަމުން މަރިޔަންދީ ވާހަކަދެއްކިއެވެ.

” އާން. އެހެންވެތާ ކުރިން ވެސް ކައިވެނީގެ ބޭރުން ކުއްޖަކު ލިބިފައި އެހުރީ. ” މަލާމާތްކުރާ ޒާތަށް ހީލަމުން އަޖުނާދު ބުނެލި ޖުމްލައާއެކު މަރިޔަންދީގެ ހިތަށް ވިހަ ތީރެއް ހަރާލި ކަހަލައެވެ. އޭނާގެ ފިރިމީހާގެ ފަރާތުން ދުވަހަކު ވެސް އަހަން ބޭނުންނުވާ އެޖުމްލަ އާއެކު މަރިޔަންގެދީގެ ކުރިމަތީގައި ސިފަވެގެން ދިޔައީ ރޮއިރޮއިފައި އޭނާގާތު ޖޭސްމީން ދެއްކި ވާހަކަތަކެވެ.

މެންދަމުން އަލިވެ ދޭއްޖަހާކަން ހާއިރެވެ. ނުހަނު އަރާމުގައި ނިދާލާފައިއޮތް ޖޭސްމީނަށް ސިއްސައިގެން ގޮސް ހޭލެވުނީ އޭނާގެ މޫނުގައި ކޮންމެވެސް މީހެއްގެ އަތްތިލަ ބީހިލި ކަހަލަ އިހުސާސެއް ވެގެންނެވެ. އަވަސް އަވަހަށް ލޯހުޅުވާލަމުން ފުންމައިގެން ތެދުވިއިރު އެނދު ކައިރީ ހުރީ އަޖުނާދެވެ. އަޖުނާދު ފެނުމާއިއެކު ޖޭސްމީންގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. ކަންބޮޑުވުން ހިތަށް ވެރިވިއެވެ.

” ކީއްކުރަން ތިޔައައީ؟ ” ޖޭސްމީން މަސައްކަތްކުރީ ވީހާވެސް މަޑުމަޑުން އެސުވާލުކުރަން ނަމަވެސް، ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ކޮންމެވެސްވަރަކަށް ހަރުކަށިކަން އެކުލެވިފައިވާ ރާގަކަށް ވެސް މެއެވެ.

” ކީކޭ؟ ކަލެއަށް އެނގޭތަ މަމީ މިގޭ ކާކުކަން؟ މަ ބުނާ ގޮތެއް ހަދައިގެން އުޅުނިއްޔާ މިގޭގައި އުޅެވޭނީ. އިތުރަށް އެއްވެސް ވާހަކައެއް ނުދައްކާތި. އަހަރުމެންގެ ހެޔޮކަމުން ކަލެއަށް މިގޭގައި ތިހެން ތިޔައުޅެވެނީ. ” ޖޭސްމީންއާ ވާހަކަދައްކަމުން އޭނާއާ ގާތްވުމަށް އަޖުނާދު މަސައްކަތްކުރަމުން ދިޔައެވެ. އޭނާގެ ނިކަމެތިކަމާއި އޭނާގެ ހާލަތު ވިސްނި ޖޭސްމީންގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ.

ކޮންމެގޮތެއް ވިޔަސް އަމިއްލަ ދިފާޢުގައި ކުރެވުނު މަސައްކަތެއް ކުރަން ޖެހޭނެކަން ގަބޫލުކުރާ ޖޭސްމީން އިނީ ވަގުތަކަށް ވިސްނައިގެންނެވެ. ޖޭސްމީންގެ މޫނުގައި ދެއަތުން ހިފަހައްޓާލައި ޖޭސްމީންގެ މޫނާއި ދިމާއަށް ގުދުވަމުން ދިޔަ އަޖުނާދު ކޮށްޕާލުމަށްފަހު ޖޭސްމީން ދުވެފައިގޮސް ފާޚާނާއަށް ވަދެ ދޮރުލެއްޕިއެވެ.

ކަންތައް ދިމާވިގޮތުން އަޖުނާދު ގާތަށް ވަރަށް ރުޅިއައެވެ. އެހެނަސް މިވަގުތައް އެންމެ ރަނގަޅުވާނީ މިތަނުން ނުކުތުން ކަމަށްވާތީ އަވަސް އަވަހަށް އެކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. އަޖުނާދު އުޅުނީ އޮފީހުގައެވެ. ކުއްލިއަކަށް މީހަކު އައިސް އަޖުނާދުއާ ބައްދަލުކޮށްލަން ބޭނުންކަމަށް ބުނުމުން އަޖުނާދަށް ލިބުނީ ހައިރާންކަމެވެ. ކީއްކުރަން އައި ކާކުކަން ނޭނގުނު ނަމަވެސް އެމީހާއާ ބައްދަލުކުރަން އަޖުނާދު އެއްބަސް ވިއެވެ.

އޮފީސްތެރެއަށް ވަދެގެން އައި ޒުވާނާ ފެނުމާއިއެކު އަޖުނާދުގެ ހައިރާންކަމާއި ނުތަނަވަސްކަން އިތުރުވިއެވެ. އެތައް ސުވާލެއް އުފެދުނެވެ. އެކަމާއިމެދު އިތުރަށް ވިސްނާލަން ޖެހުނެވެ. ފާއިތުވެގެން ދިޔައީ ކިހާ ވަގުތެއްކަމެއް ނޭނގުނެވެ. ގޮތް ހުސްވެފައިވާ ފަދައަކުން އޭނާއަށް ބަލަހައްޓައިގެން ހުރުން ފިޔަވައި އެހެން އެއްވެސް ކަމެއް އަޖުނާދަކަށް ނުކުރެވުނެވެ.

” ކަލޭ ހަނދާން ކުރާތި. މީގެފަހުން ޖޭސްމީން ގައިގަ އިނގިލިކުރި ޖައްސާލިޔަސް އެ އިނގިއްޔެއް ބިންދާލާނަން. ” އަޖުނާދާއި ދިމާއަށް އެހެން ބުނުމަށްފަހު، އަޖުނާދު ބުނާއެއްޗަކަށް ބަލާވެސްނުލައި އެޒުވާނާ ނުކުމެގެން ދިޔައީއެވެ. އެޒުވާނާއަކީ ޖޭސްމީންގެ ލޯބިވެރިޔާއެވެ. އޭނާ އެހާ ރުޅިއައިސްގެން އެއައީ ޖޭސްމީން ކޮންމެވެސް ވާހަކައެއް ދެއްކީމައެވެ. އެކަން އަޖުނާދަށް ޔަގީނެވެ.

ޖޭސްމީން ކަންތައްކުރި ގޮތުން ރުޅިއައިސްފައިހުރި އަޖުނާދުގެ ރުޅިގަދަވިއެވެ. އަނދައަނދަހުރި އަލިފާންގަނޑަށް ތެޔޮ ޖަހާލި ކަހަލައެވެ. އިތުރަކަށް ކެތެއް ނުވިއެވެ.

ގެއަށް ފޯނުކޮށް މިހާރުން މިހާރަށް ޖޭސްމީން ގެއިން ނެރުމަށް އަޖުނާދު އަމުރުކުރިއެވެ. އަޖުނާދު އެހެން ބުނި ނަމަވެސް އެގޮތަށް ކަންތައް ކުރާކަށް މަރިޔަންދީ ބޭނުމެއް ނުވިއެވެ. އެގޮތް އޭނާއަކަށް ކަމަކު ނުދިޔައެވެ. ޖޭސްމީންއަކީ އެހީވާނެ އެއްވެސް މީހަކު ނެތި ކުޑަކުޑަ ކުއްޖަކު ގޮވައިގެން އެކަނިމާއެކަނި އުޅެމުންދާ ޒުވާނެކެވެ. އެފަދަ ނިކަމެއްޗަކަށް އެހީވުމުން މިޢާއިލާއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތެވެ. ގޭތެރޭގެ ހުރިހާކަމެއްގައި އޭނާއަށް އެހީތެރިކަމާއި އެއްބާރުލުންދެއެވެ. ކޮންމެ ކަމެއް ކުރަމުން ދަނީ އަމިއްލަކަމެއްގެ ގޮތުގައި ދެކިގެނެވެ. އެ ޢާއިލާއިން އޭނާއަށް ކޮށްދޭ ހަމައެކަނި ކަމަކީ އޭނާ އާއި އޭނާގެ ދަރިފުޅަށް އެގޭގައި ހުރެވޭނެގޮތް ހަމަޖައްސައިދިނުމެވެ. އެހާ ރަނގަޅަށް ކަންތައް ކޮށްދޭއިރު އެންމެ ކުޑަމިނުން އެކަމުގެ އަގު ވަޒަންކޮށްލަން ވާނެއެވެ.

މަރިޔަންދީގެ ވާހަކަތަކާއި ދެކޮޅަށް ދެއްކޭނެ ހެއްކެއް ނެތުމުން އަޖުނާދު އޭނާގެ ވިސްނުން އެހެން ގޮތަކަށް ބަދަލުކޮށްލި އެވެ. ކޮންމެ ގޮތަކުން ނަމަވެސް އޭނާގެ މަގްސަދު ހާސިލުކުރަން އޭނާ ބޭނުންވިއެވެ. އެގޭގައި އުޅެންޏާ އޭނާ ބޭނުންކަމެއް ވާނެއެވެ.

މެންދުރުފަހުގެ ވަގުތެވެ. މޭޒުމަތީގައި އޮތް އޭނާގެ މޯބައިލް ފޯނު ރިންގުވާން ފެށުމުން އަޖުނާދު ބަލާލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. އެ ކޯލަށް ޖަވާބު ދިނުން އޭނާއަށް މުހިންމެއް ނުވިއެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އޭނާގެ މަސައްކަތާއިގެން އަޖުނާދު ކުރިޔަށް ދިޔައެވެ.

ރިސެޕްޝަނުން ޕާސްކޮށްލި ފޯނަށް ޖަވާބުދިނުމާއިއެކު އެކޮޅުން ވާހަކަދެއްކަން ފެށީ ފިރިހެނެކެވެ.

” މިދިޔަމަހުގެ މުސާރަ ލިބިއްޖެދޯ؟ ގެއަށްގޮސް ޖޭސްމީންއަށް ތިންހާސް ރުފިޔާދޭތި. ” އަމުރުވެރިރާގަކަށް އެހެންބުނުމާއިއެކު އެކޮޅުން ފޯނުކަނޑާލިއެވެ. އަޖުނާދު ބުނާ އެއްޗެއް ބެލުމަކީ އޭނާއަށް އެހާމުހިންމު ކަމަކަށް ނުވިއެވެ.

އަޖުނާދަށް ފޯނުކޮށް އަމުރުކުރި މީހަކީ ޖޭސްމީންގެ ލޯބިވެރިޔާކަން އަޖުނާދަށް އެއަޑުން ޔަގީންވިއެވެ. ރޭވުން ކާމިޔާބު ކުރުމަށް އެކަށީގެންވާ ސަބަބެއް މެދުވެރިވީއެވެ. ހިތާހިތުން އަޖުނާދު ހިނިތުންވެލިއެވެ.

ޖޭސްމީންގެ ލޯބިވެރިޔާގެ ސަބަބުން އޭނާއަށް މިހާރު އުޅެން އުނދަގޫވެއްޖެކަމަށާއި މިހާރުން މިހާރަށް އޭނާ ފޮނުވާލުމަށް އަޖުނާދު އަމުރުކުރުމުން މަރިޔަންދީއަށް ގޮތްހުސްވިއެވެ. ފިރިމީހާއަށް ކިޔަމަންވާން ޖެހޭނެކަމާއި ފިރިމީހާއަށް އެހީވުމަކީ މަރިޔަންދީގެ ވެސް ޒިންމާއެއްކަން އަޖުނާދު ހަނދާންކޮށްދިނެވެ.

ކުއްލިއަކަށް ފޯނަށް މެސެޖެއް އައުމުން ސިހިފައި އަޖުނާދު ފޯނުބަލާލިއިރު ވައިބަރ މެސެޖެކެވެ. ފޮނުވާފައިވަނީ ނުދަންނަ ނަންބަރަކުން ނަމަވެސް އެއަށް ސަމާލުކަން ދެވުނެވެ. މެސެޖް ހުޅުވާލުމާއިއެކު ފެނުނު ފޮޓޯއިން އޭނާގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުން އިނދެވުނީ ކިހާއިރެއް ވާންދެންކަން ވެސް ނޭނގުނެވެ.

ގަނޑުވެފައި ކަހަލަގޮތަކަށް އިން އަޖުނާދު ސިހުނީ އޮފީހުގެ މަސައްކަތުމީހާ އައިސް އަޖުނާދުއާ ބައްދަލުކުރަން މީހަކު އައިސް ބޭރުގައިހުރި ވާހަކަ ބުނުމުންނެވެ. އެއީ ޖޭސްމީންގެ ލޯބިވެރިޔާ ކަމާއި އޭނާއާ ބައްދަލުނުކޮށް ނުވާނެކަން އަޖުނާދަށް ޔަގީންވިއެވެ. ކޮންމެގޮތަކުން ނަމަވެސް އަބުރު ރައްކާތެރިކޮށް ދުނިޔޭގެ ލަދުން ސަލާމަތްވުމަކީ ކޮންމެމީހަކު ވެސް އެންމެބޮޑު އިސްކަންދޭކަންތަކެވެ. އަޖުނާދު ވެސް އެކަމަށް އަވަސްވެގަތެވެ.

” ހަމަ މިހާރު ގެއަށް ފޯނުކޮށްފައި ބުނޭ ޖޭސްމީން ގޭގައި ބަހައްޓާށޭ. ” އެޒުވާނާ ވަދެގެން އައިސް އަޖުނާދު ކައިރިއަށް ހުއްޓެމުން އަމުރުވެރިކަމާއިއެކު ބުނެލިއެވެ. އަޖުނާދުއާއި ދިމާއަށް އެހެން ބުނުމަށްފަހު އޭނާގެ އާދައިގެމަތިން އަޖުނާދަށް އެއްވެސް ސަމާލުކަމެއް ނުދީ ދާން ފެށުމުން އެޒުވާނާއަށް އަޖުނާދު ގޮވާލިއެވެ.

” އަހަރެން ކަލެއާ ބައްދަލުކުރާނަން އަންނަމަހު ހަތްވަނަ ދުވަހު އިނގިރޭސިވިލާތުން. ކަލޭ އެތަނަށް ދާއިރު ޖޭސްމީންއާ އޭނާގެ ދަރިފުޅު ގޮވައިގެން ދާތި. އަހަރެން ކަލެއަށް އިންތިޒާރުކުރާނަން. އަދި އެވީޑިއޯތައް ވެސް ކަލެއަށް އިންތިޒާރުކުރާނެ. އޯކޭ ބައީ ބުރޯ. ” އަޖުނާދު ދައްކާވާހަކަތައް އަޑުއަހާކަށް އެޒުވާނާ ބޭނުމެއްނުވިއެވެ. އޭނާ ދައްކަންވީ ވާހަކަތައް ދެއްކުމަށްފަހު، އޮފީހުން ނުކުމެގެން ދިޔައީއެވެ.

ކަންތައް ދިމާވިގޮތުން އަޖުނާދަށް ވަރަށްބޮޑު ބަދަލެއް އަންނަމުންދާކަން މަރިޔަންދީއަށް ފާހަގަވަމުންދިޔަ ނަމަވެސް އެވާހަކައެއް ނުދައްކައެވެ. އަޖުނާދު އެވާހަކަ ދައްކާނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރަމުންދާ ކަހަލައެވެ.

މިފަހަރުގެ ސްކޫލްބަންދާއި ދިމާކޮށް އިނގިރޭސިވިލާތަށް ދާއިރު ޖޭސްމީން އާއި އޭނާގެ ދަރިފުޅު ގޮވައިގެން ދިއުމަށް ބޭނުންވާ ވާހަކަ އަޖުނާދު ބުނުމުން މަރިޔަންދީއަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. އެއްފަހަރާ އެތައްސުވާލެއް އުފެދުނު ވެސް މެއެވެ.

ޖޭސްމީން އާއި އޭނާގެ ލޯބިވެރިޔާ ސުޒެއިން ބޭނުންވިގޮތަށް ޖޭސްމީންގެ ދަރިފުޅު ލޭމަން އާއި އަޖުނާދުގެ ޓެސްޓްތައް ހެދިއެވެ. ޖޭސްމީންގެ ހުރިހާވާހަކަތަކެއް ދިމާވެ ލޭމަންގެ ބައްޕައަކީ އަޖުނާދު ކަން ހުރިހާ ޓެސްޓްތަކުން ޔަގީންވިއެވެ. އެވާހަކަތައް ގަބޫލު ނުކުރެވިގެން ކަހަލަގޮތަކަށް ދެއަތަކަށް ބޯހޫރަލަ ހޫރާލަ ގޮނޑީގައިއިން އަޖުނާދުގެ ހަނދާނަށް އެރޭ އައީ ކުއްލިއަކަށެވެ.

އެއީ މީގެ ހަތަރުވަރަކަށް އަހަރު ކުރިއެވެ. ޖޭސްމީން އާއި އަޖުނާދު ބައްދަލުވީ އަޖުނާދުމެން ހިންގަމުންދާ ކުންފުނީގެ އޮފީހުން ވަޒީފާއެއް ހޯދަން ޖޭސްމީން އުޅުނު އުޅުމުގެ ތެރެއިންނެވެ. ޖޭސްމީން އޮފީހަށް އައި ފުރަތަމަ ދުވަހު ވެސް އޭނާގެ ރީތިކަމާއި ފުރިހަމަކަމަށް އަޖުނާދުގެ ހިތް ލެނބުނެވެ. އެރީތި ފުރިހަމަ މަލުގެ ފޮނިކޮޅު ބޯލަން ބޭނުންވިއެވެ.

ގަދަވަޔާއިއެކު ވިދާގުގުރާ ވެހެމުންދިޔަ ވާރޭ ނުވައެއް ޖަހަންވީރު ވެސް ހުއްޓައެއް ނުލައެވެ. މާލެތެރެއަށް ވެރިވެފައިވާ ހަމަ ހިމޭންކަމާއިއެކު ބައެއް ހިސާބުތަކަށް ވެރިވެފައިވާ އަނދިރިކަން ފިޔަވާ އެހެން އެއްވެސްކަމެއް މަގުމަތީގައި ނުވާ ކަހަލައެވެ.

ވަޒީފާއެއް ލިބޭތޯ އެތަންމިތަނަށް ސިޓީލައިގެން އާދޭސްކުރަމުންދިޔަ ޖޭސްމީން އިންޓިވިއުއަށް ދިޔުމަށް ހަމަޖައްސާފައިވާ ގަޑިޔަކީ ނުވަގަޑި ބަޔެވެ. ކިތަންމެ ވިއްސާރަ ނަމަވެސް، ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކިތަންމެ ބިރުގަނެ ޖެހިލުންވި ނަމަވެސް، އިންޓަވިޔުއަށް ދިއުމަށް ޖޭސްމީން ބޭނުންވިއެވެ. އެތައް ދުވަހެއްގެ މަސައްކަތުން މިލިބުނު ފުރުސަތު ގެއްލުވާލާކަށް އޭނާ ބޭނުންމެއް ނުވިއެވެ.

ކުލީކާރެއް ހޯދުމުގައި ދިމާވި ދަތިކަމުގެ ސަބަބުން ޖޭސްމީނަށް އޮފީހަށް ދެވުނީ ގަޑިޖެހިގެންނެވެ. އިންޓަވިއުއަށް ގަޑިޖެހުނު މީހަކަށް ފުރުސަތު ދެވެން ނެތްކަމަށްބުނެ އޮފީހުން ނުކުންނަން އަޖުނާދު އުޅުނު ނަމަވެސް، ކަންތައްވީގޮތް ކިޔައިދީ އޭނާއަށް އެހެން ނުހެދުމަށް ޖޭސްމީން އެދެމުންދިޔަ އެދުމުގެ ސަބަބުން އަޖުނާދު އަނެއްކާ ވެސް އޮފީހަށް ވަނެވެ.

ޖޭސްމީނަށް ވަޒީފާ ހަމަޖައްސައިދެވެން އޮތްގޮތް ބުނެ އަޖުނާދު ދެއްކި ވާހަކަތަކާއި އޭނާގެ ޢަމަލުތައް ހުރިގޮތުން އަވަހަށް އެތަނުން ނުކުމެގެން ދާން ޖޭސްމީނު އުޅުނު ނަމަވެސް އޭނާއަކަށް އެފުރުސަތެއް ނުލިބުނެވެ. އަޖުނާދު ހުރީ އެވަރު ވިސްނައިގެންނެވެ. އޭނާގެ ބާރުގެދަށަށް ޖޭސްމީން ގެންގޮސް އޭނާގެ އެދުންވެރިކަމުގެ ކަރުހިއްކުން ފިލުވާލީ ޖޭސްމީން ކުރަމުންދިޔަ އާދޭހާއި ރޮމުންދިޔަ ރުއިމަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. ރަހުމެއް ހަމްދަރްދީއެއް އަގަލެއް ކުލުނެއް ވެސް ނެތިއެވެ.

” ދަރިފުޅާ! ” ޖޭސްމީންގެ ދަރިފުޅު ލޭމަންއާ ދިމާއަށް އަތްދިއްކޮށްލަމުން އަޖުނާދު އެހެން ބުނިނަމަވެސް އަޖުނާދު ބޭނުންވި ފުރުސަތު އޭނާއަކަށް ނުލިބުނެވެ.

އަޖުނާދުގާތަކަށް ލޭމަން ނައެވެ. ލޭމަންގެ ބައްޕައަކީ އަޖުނާދުކަމުގައި ލޭމަންއަކަށް ގަބޫލެއް ނުކުރެވުނު ކަހަލައެވެ.

” މިއޮތީ މެމޮރީކާރޑު. އަހަރެން ބޭނުންވި ކަންތައް މިއަދު ކާމިޔާބު ވެއްޖެ. އިރާދަކުރެއްވިއްޔާ ދެން ދުވަހަކު ވެސް ޖޭސްމީން އާއި ލޭމަންގެ އުނދަގުލެއް ކަލެއަކަށް ނުޖެހޭނެ. ” އަޖުނާދުގެ އަތަށް މެމޮރީކާރޑެއް ދެމުން ސުޒެއިން ވާހަކަ ދެއްކިއެވެ.

އޭނާއަށް އިތުރު ދަރިއަކު ނުލިބޭނެކަމަށް ޑޮކްޓަރުން ބުނިފަހުން ދަރިއަކު ލިބުމުން އަޖުނާދަށް ލިބުނު އުފަލާއި ހިތްހަމަ ޖެހުން ނުހަނު ބޮޑެވެ. އެކަމުގެ ސަބަބުން ލިބުނު އުފަލާއި ހިތްހަމަޖެހުން ކިތަންމެބޮޑު ނަމަވެސް އޭނާ އަކަށް ޙަޤީޤީއުފަލެއް ނުލިބުނެވެ. ކިތަންމެ ބޭނުންވި ނަމަވެސް އެދަރިފުޅު އޭނާގެ ގާތުގައި ބަހައްޓާކަށް ޖޭސްމީން ބޭނުމެއްނުވިއެވެ. އެކަންތައް އަޖުނާދަށް ހަނދުމަ ވީއިރު ވަގުތު ވަނީ ފާއިތުވެފައެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.