އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─

ނާހީ އާއި ފާސިރުގެ ކައިވެނި ރޫޅުނު ވާހަކަ ޖަމްނާއަށް އަޑުއިވުނީ އޭނާ ރާއްޖެ އައިތާ ދެވަނައަށް ވީ ދުވަހުއެވެ. ނާހީ އާއި ފާސިރުގެ ކައިވެނި ރޫޅުނު ވާހަކަ އަޑުއިވުން ވެގެން ދިޔައީ ޖަމްނާއަށް ލިބުނު ވަރަށްބޮޑު ހައިރާން ކަމަކަށެވެ. ގަބޫލުކުރަން ދަތިވި ޚަބަރަކަށް ވެސް ވިއެވެ. ފާސިރަށް ފޯނުކުރުމަށް ޖަމްނާ އަވަސްވެގަތެވެ. ފާސިރުގެ އަނގައިން އެވާހަކަތައް އަޑުއިވުމުން ނޫނީ އެވާހަކަތައް ގަބޫލުކުރާކަށް ޖަމްނާ ބޭނުމެއް ނުވިއެވެ.

ޖަމްނާ އަވަސްއަވަހަށް ފާސިރަށް ގުޅާލިއެވެ. ފުރަތަމަ ފަހަރު ގުޅުމުން ޖަވާބެއް ނުދިނެވެ. ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ގުޅައިގެން ވެސް އެނޫން ވަރެއް ނުވިއެވެ.

ކުއްލިއަކަށް ތެޅިގަނެފައި ޖަމްނާ ރަށަށް ދާން އުޅެން ފެށުމުން އޭނާގެ މައިންބަފައިންނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެކަމާއި ބެހޭގޮތުން ތަކުރާރުކޮށް ސުވާލުކުރަން ފެށިއެވެ. ވެގެން އުޅޭގޮތް އޮޅުންފިލުމުން ނޫނީ އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ ހުރިހާ ވެސް އެދުމަކީ އޭނާ ރަށަށް ފޮނުވައިދިނުމެވެ.

އޭނާގެ ފޯނަށް ފާސިރު ޖަވާބު ނުދިން ނަމަވެސް، ފާސިރުއާ އޭނާ ބައްދަލުކުރުމުން އޭނާގެ ސުވާލުތަކަށް ޖަވާބު ނުދީއެއް ފާސިރަކަށް ނުހުރެވޭނެއެވެ. އެސުވާލުތަކުގެ ޖަވާބު ނުލިބެނީސް ޖަމްނާ އަކަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

ވަގުތުތައް ފާއިތުވަމުން އައިސް ހެނދުނު ހަތެއް ޖަހަނީއެވެ. މާލެދަތުރުކުރާ ބޯޓު މާލެއިން އައިސް ރަށުގެ ބަނދަރު ތޮށިގަނޑާއި ގާތްކޮށްލުމާއިއެކު މީހުންތައް އެއްގަމަށް ފައިބަން ފެށިއެވެ. މާލެއިން އައި މީހުންނާއި އެބައިމީހުނަށް މަރުހަބާކިޔައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އައިސްތިބި މީހުން ވަރަށް ގިނައެވެ. އެއްފަހަރާ ގިނަބަޔަކު ވާހަކަދައްކަމުން ދާތީ ކިޔާ ނުކިޔާއެއްޗެއް ސާފުނުވާ ފަހަރު ވެސް މަދެއް ނޫނެވެ.

ޖަމްނާ ދޯނިން ފޭބުމާއިއެކު އޭނާގެ ބޮޑުދައިތަ ސުލައިމާނާ އައިސް އޭނާއާ ސަލާންކޮށްލައި ހާލުއަހާލިއެވެ. ކޯހުގެ ކަންތައް ދިޔަގޮތާއި މަންމަމެން ކޮބައިތޯ ވެސް އެހިއެވެ.
ފާސިރާއި ޖަމްނާ ބައްދަލުކުރީ ފާސިރުގެ ގެއިންނެވެ.

ފާސިރަށް ޖަމްނާ ފެނުމުން ވަރަށް ހައިރާންވިއެވެ. ކޮންމެވެސް ވަރަކަށް ސުވާލު ވެސް އުފެދުނެވެ. ފާސިރަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ޖަމްނާ ވާހަކަ ދައްކަން ފެށިއެވެ. ހާލުއަހުވާލު އަހާލުމަކުން ފެށުނު ވާހަކަތައް މެދުކަނޑާލީ އެތައްސުވާލެއް ކުރަމުންނެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިއެވެ.

ޢީދުކުޅިވަރުތަކުގެތެރެއިން އެންމެގިނަ ބަޔަކަށް އެންމެބޮޑު ސަމާލުކަން ދެވުނީ ޢީދުޝޯވ އަށެވެ. ފާސިރުގެ އެންމެ ދުވަސްވީ އެންމެ ގާތް ރަހުމަތްތެރިޔާ ނާހީ ލަވަކިޔާން ސްޓޭޖަށް އެރުމުން ފާސިރުގެ ސަމާލުކަން އިތުރުވިއެވެ. އަދި ނާހީ އަށް ހިތްވަރުދީ ސަޕޯޓްދޭން ފެށިއެވެ.

“ފިނިފިނި ރޯޅިވަޔާއޭ ….. ވަނީ ހިތްގަޔާއޭ ….. މަގެލޯތްބާ މަގެޔާރު. ” ފާސިރާއި ދިމާއަށް އިޝާރާތްކޮށްލަމުން ކަހަލަގޮތަކަށް ނާހީ ކިޔަންފެށި ލަވައިގެ ސަބަބުން ފާސިރު ދިޔައީ ތެޅިގަނެގެންނެވެ. ނާހީއާއިއެކު ލަވަކިޔަން ހުރީ އޭނާއަށް ވީނަމައޭ ވެސް ހިތަށް އެރިއެވެ.

ނާހީ އާއި ހަސަންގެ ލަވަނިމުމާއިއެކު ތަރުހީބުގެ އަތްތިލަބަޑިން މުޅިތަން ގުގުމާލިއެވެ. އެހެން އެއްވެސް ލަވަޔަކަށް ނުލިބޭ ވަރަށް އެލަވަޔަށް ތަރުހީބުލިބުމުން ފާސިރު ވެސް ވަރަށް އުފާވެ ހިތްހަމަޖެހުނެވެ. ރިޒޫއާ އެއްފެންވަރަށް ނާހީއަށް އެލަވަ ނުކިޔުނު ނަމަވެސް ރިޒޫ އާ ވާދަ ކުރެވިދާނެކަމުގައި ފާސިރަށް ގަބޫލުކުރެވުނެވެ.

ލަވަކިޔާ ނިންމާލާފައި ނާހީ އައިސް ފާސިރު ކައިރިއަށް ހުއްޓެމުން އެހީ ލަވަ ކީ ގޮތް ރަނގަޅުތޯއެވެ. ހުށަހެޅުމުގައި އެއްވެސް މައްސަލައެއް ފާހަގަވިތޯއެވެ.

ނާހީ އާއި ފާސިރު ވާހަކަ ދައްކަމުންދައްކަމުން ގޮސް ވަނީ އެތަނާއި މާދުރުނޫން ހިސާބެއްގައި ހުރި މިޔަހެލި ކޮފީ ސޮޕަށެވެ.

ކޮފީ ޝޮޕްގައި ތިބެގެން ވާހަކަދައްކަމުންދިޔަ ދިއުމުގައި ނާހީގެ ލަވަޔާއި ބެހޭގޮތުން ވެސް ވާހަކަ ދެކެވުނެވެ. ނާހީގެ އެލަވަޔަކީ ފާސިރަށް އޭނާ ކިޔައިދިން ލަވަޔެއްކަމާއި އެކަމާއިމެދު ބުނަނީ ކީކޭތޯ ނާހީ ސުވާލުކުރިއެވެ. ޖަވާބުގައި އެލަވައިގެ އަނެއްބައި ފާސިރު ކިޔާލީ އެއްވެސް ޚިޔާލެއް ފިކުރެއްނެތިއެވެ. ފާސިރު އެކަންކުރީ މަޖަލަކަށްކަން ނާހީއަށް ވިސްނުމުން އެކަމާއިމެދު ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

ފާސިރާއި ނާހީ އެތަނުގައި ގަޑިއެއްގެ ހާއިރު މަޑުކުރުމަށްފަހު އަނެއްކާ ވެސް ދިޔައީ ސްޓޭޖް ސަރަހައްދަށެވެ.

ޢީދު ކުޅިވަރުތަކުގެ ތެރެއިން އެންމެ ގިނަމީހުންގެ ސަމާލުކަން ލިބިގެންދިޔަ ޢީދު ޝޯވ ނިމުނީ އެރޭގެ ބާރަ ވެސް ޖެހި ފަހުންނެވެ. ޝޯވ ނިމުމުން އެހެން މީހުންނެކޭ އެއްފަދައިން ފާސިރު ވެސް އައީ ގެއަށެވެ.

ނިދޭތޯ މަސައްކަތްކުރަމުންދިޔަ ފާސިރު ސިއްސައިގެން ދިޔައީ ފޯނަށް މެސެޖެއް އައި އަޑަށެވެ. އަވަސްއަވަހަށް ފޯނުނަގައި ބަލާލިއިރު ނާހީ މެސެޖެއް ފޮނުވީއެވެ.

” ފިނިފިނި ރޯޅިވަޔާއޭ …. ވަނީ ހިތްގަޔާއޭ …. މަގެލޯތްބާ މަގެޔާރު ” ފާސިރު! ސީރިއަސްކޮށް އަހަރެންގެ މިހުށަހެޅުން އަޑުއަހައި ޖަވާބެއް ދީބަލަ. މީ ހަމަ ޙަޤީޤަތް. އަހަރެން ބޭނުން ފާސިރުއާ މެރީކޮށް އުފާވެރި ހަޔާތެއް ވޭތުކުރަން. އަޅެ ޕްލީސް. ސީރިއަސްވެ ބަލަ. ” ނާހީ ކޮށްފައިވާ މެސެޖް ކިޔާލުމާއިއެކު ފާސިރަށް ލިބުނީ ހައިރާންކަމެވެ. ހިތްހަމަޖެހި އުފާވެސް ވިއެވެ. ހާމަ ނުކުރިޔަސް ފާސިރާއި ނާހީގެ މެދުގައިވާ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގައި އެހެން ސިއްރެއް ވާކަމުގައި އޭނާގެ ހިތް އަބަދުވެސް ބުނެއެވެ. އެބުނުން ގަބޫލު ވެސް ކުރެވެ އެވެ.

ފާސިރާއި ނާހީގެ މެދުގައިއޮތް ރަހުމަތްތެރިކަމުގެ ގުޅުން ލޯތްބަށް ބަދަލުވެގެން ދިޔައީ ނާހީ އިސްވެ ހުށަހެޅި ހުށަހެޅުމާއި ގުޅިގެންނެވެ. އެކަމުގައި އެންމެބޮޑު ރޯލެއް އަދާކުރި ފަރާތަކީ ދެމީހުންގެ ވެސް އެކުވެރި ޖަމްނާއެވެ.

އަލަތުކައިވެންޏާއިއެކު ފާސިރާއި ނާހީގެ ފަރާތުން ފެންނަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ.

އުފަލާއި ހިތްހަމަޖެހުމާއިއެކު، ފާސިރާއި ނާހީ އުފާ ފާގަތި ދުވަސްތަކެއް ވޭތުކުރަމުން ގެންދިޔައެވެ. ފާސިރާއި ނާހީގެ އުފާވެރި ދިރިއުޅުން ފެނި އެދެމަފިރިންގެ ޢާއިލާ މެންބަރުން ވެސް ތިބެނީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.

ރަށް ކައިރީ ތަރައްޤީ ކުރަމުންދިޔަ ރިޒޯޓްހުޅުވައި އެތަނުން ވަޒީފާ ހަމަޖެހުމުން، ރަށުގެ އެހެން ވެސް ގިނަޒުވާނުން ފަދައިން ފާސިރު ވެސް އެރިޒޯޓްގެ ވަޒީފާއަށް ދިޔައެވެ. ލިބެމުންދިޔަ ރަނގަޅު އާންމުދަނީއާއިއެކު އަވަސް އަވަހަށް ރަށަށް އާދެވޭތީ ފާސިރެކޭ އެއްފަދައިން ނާހީ ވެސް ވަރަށް އުފާވެ ހިތްހަމަޖެހުނެވެ.

ފާސިރުމެން ރަށާއި ކައިރިން ހުޅުވުނު ރިޒޯޓްގައި މަސައްކަތް ކުރަމުންދިޔަ އެހެން އަތޮޅުތަކުގެ މީހުންނާއި އެއަތޮޅުގެ އެހެން ރަށްރަށުގެ މީހުން ވެސް މަދުމަދުން ފާސިރުމެން ރަށަށް އަންނަން ފެށިއެވެ.

ފާސިރާއި ނާހީގެ ކައިވެންޏަށް އަހަރަކަށްވުރެ ގިނަދުވަސް ވެގެން ދިޔައިރު ބޮޑު މައްސަލައެއް ދިމައެއް ނުވެއެވެ. ދެބަސް ވުމަކާއި ހަމައަށް ދާން ޖެހޭވަރުގެ އެއްވެސް ކަމެއް ނުހިނގައެވެ. އެފަދަ އެއްވެސް ކަމަކާއި ކުރިމަތިލާން ނުޖެހުމަކީ ދެމަފިރިންނަށް ވެސް ލިބިފައިވާ އެންމެބޮޑު ހިތްހަމަޖެހުމެވެ. އެންމެބޮޑު އުފަލެވެ.

ނާހީ އަކީ އިންޓަރނެޓްފަދަ ޒަމާނީ ޓެކްނޮލޮޖީއަށް ވަރަށް ޝައުޤުވެރިކަންހުންނަ ޒުވާނެކެވެ. ސުނެޕްޗެޓާއި ވައިބަރ އަދި ފޭސްބުކް ފަދަ ވަސީލަތްތަކަކީ އޭނާގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. އެއާއި ނުލައި ދިރިއުޅެން އުނދަގޫ ތަކެއްޗެވެ. ރެއާއި ދުވާލުގެ އެތައް ވަގުތެއް އެއިން ކޮންމެވެސް ވަސީލަތެއްގައި ހޭދަކުރާ ވަސީލަތްތަކެވެ.

ނާހީ އަކީ ފިރިމީހާގެ ބަސްއަހާ އަޚުލާގު ރަނގަޅު މަޑުމައިތިރި އަނތްބެކެވެ. ބަސްމަދު މަޑުމައިތިރި ކިޔަމަންތެރިއެކެވެ.

ނާހީއަށް ތަޢުރީފުކޮށް ރައްޓެހިންގާތު ވާހަކަ ދެއްކުމަކީ ފާސިރުގެ އާދައެކެވެ. އޭނާގެ އަނބިމީހާގެ ރަނގަޅު އަޚުލާގާއި ގެވެހި ދިރިއުޅުމާއިމެދު އޭނާ ފަޚުރުވެރިވެއެވެ.

ހޮނިހިރުދުވަހު މެންދުރުފަހު ދޭއް ޖަހާކަން ހާއިރެވެ. ފާސިރު ކޮޓަރީގައި އުޅެނިކޮށް ހަސަން އައިސް ފާސިރަށް ގޮވައި ބޭރަށް ނެރުނެވެ. ފާސިރާއި ހަސަނަކީ ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވި ގާތް ދެ ރައްޓެހިންނެވެ.

ފާސިރާއި ހަސަން ވާހަކަދައްކަމުން ދައްކަމުން ގޮސް މަޑުކޮށްލީ ޑައިވިންގް ސުކޫލާއި ދިމާ އެއްގަމުގައެވެ.

ފާސިރު ގޮވައިގެން ހަސަން އެތަނަށް އައީ ވަރަށް މުހިންމު އެހާމެ ސިއްރު ވާހަކައެއް ދައްކާށެވެ. އެހިސާބުގައި އެ ދެ މީހުން ފިޔަވައި އެހެން އެއްވެސް މީހަކު ނެތެވެ. ވަށައިގެން ހޯދާލަމުން ހަސަން ވާހަކަ ދައްކަން ފެށިއެވެ.

ހަސަންގެ ވާހަކަތަކުގެ ސަބަބުން ފާސިރު ވަރަށް ރުޅިއައެވެ. އެ ރުޅިވެރިކަމުގައި ހަސަނާއި ދިމާއަށް އެތައް އެއްޗެއް ކިޔެވެ. ނާހީ އަކީ ހަސަން ހީކުރާ ކަހަލަ މީހެއް ނޫނެވެ. އޭނާއާއި އޭނާގެ އަންހެނުން ދެމެދަށް ނުވަދެ އަނގަމަޑުން ލައިގެން ހުރުން ރަނގަޅުވާނެ އެވެ. އެހެންނޫނީ ނުކުންނަ ނަތީޖާ ރަނގަޅެއް ނުވާނެއެވެ.

ފާސިރު ބޭނުންވި ހުރިހާ އެއްޗެއް ހަސަނާ ދިމާއަށް ކިޔާލިއިރުވެސް ހަސަން އަނގައަކުން ނުބުނެއެވެ. ރުޅިއެއް ވެސް ނާދެ އެވެ. އެހެންކަމުން ފާސިރަށް ގަބޫލުކުރެވުނީ އޭނާ މޮޅުވީކަމަށެވެ. ހަސަން ދެއްކީ ދޮގުވާހަކަތަކެއްކަން ހަސަނަށް ގަބޫލުކުރެވުނީ ކަމަށެވެ.

ހަސަންގެ ވާހަކަތައް ގަބޫލުކުރާން އުނދަގޫވާނެކަމަށް ބުނަމުން ހަސަންގެ ފޯނުން ދައްކާލި ފޮޓޯއާއެކު ފާސިރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ގަބޫލުކުރަން ދަތިވެ ތަކުރާރުކޮށް އެތައް ފަހަރަކު އެފޮޓޯއަށް ބެލިއެވެ. ފާސިރުގެ އަނގަ ބެދުނެވެ. ވިސްނުން ބަދަލުވިއެވެ.

ހަސަންގެ ވާހަކަތައް ގަބޫލުކުރަން މަޖުބޫރުވުމުން ފާސިރު އެވާހަކަތައް ގަބޫލުކުރިއެވެ. ފޯނުގައިވާ ފޮޓޯތައް ވަރަށް ރަނގަޅަށް ބަލައި އޭނާއަށް ފެންނަމުންދިޔަ މަންޒަރުތައް ޔަގީންކުރިއެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް، ގަބޫލު ކުރާން ބޭނުންނުވި ނަމަވެސް އެއީ ޙަޤީޤަތެވެ. އެހުރިހާ ފޮޓޯއެއްގައި ވެސް ވަނީ ނާހީ އެވެ. ފާސިރު އެންމެ ލޯބިވާ އަދި އެމީހަކަށް ޓަކައި ފާސިރު ފަޚުރުވެރިކަމާއިއެކު ވާހަކަ ދައްކަމުންދާ އޭނާގެ އަންހެނުން ނާހީ އެވެ.

ބުރުގާ އަޅައިގެންނާއި ބުރުގާ ނަގައިގެން ނަގާފައިވާ ފޮޓޯތަކުގެ އިތުރުން ނިވާކަންކުޑަ ބައެއް ފޮޓޯ ވެސް ހުއްޓެވެ.

އެހުރިހާ ފޮޓޯތަކަކީ ވެސް އެތަނުގައި މަސައްކަތްކުރަމުންދާ އަދުހަމްގެ ފޯނުން ހަސަން ނަގާފައިވާ ފޮޓޯއެވެ. އޭގެތެރެއިން ގިނަ ފޮޓޯއަކީ ފޭސްބުކްފަދަ ވަސީލަތެއް ބޭނުންކޮށްގެން ފޯނުން ނަގާފައިވާ ފޮޓޯތަކެއްކަން ވެސް އެފޮޓޯތަކަށް ބެލުމުން އެނގުނެވެ.

ފޮޓޯތައް ބަލައި ނިމުނުއިރު ފާސިރުހުރީ ރުޅިއައިސް ހަމައިން ނައްޓާގޮތް ވެފައެވެ. ދާގޮތަށް ގޮސް އަދުހަމްގެ ގައިގާ ތަޅައިގަތުމަށާއި ނާހީ ވަރިކުރުމަށް ނިންމިއެވެ. އެފަދަ ބޭވަފާތެރި މަކަރުވެރިއަކަށް ކަމުދާނީ އެގޮތްކަމަށް ވެސް ނިންމިއެވެ.

ކަންތައްކުރުމަށް ފާސިރު ނިންމިގޮތް ހަސަނަކަށް ކަމަކު ނުދިޔައެވެ. ކެތްތެރިވެ ހަމަޖެހުމަށާއި ވިސްނުން އިސްކުރުމަށް ބުނަމުން، ކަންތައް ކުރަންވީގޮތް ބުނެދިނެވެ. އިރުކޮޅަކު ވިސްނާލުމުން އެގޮތް ފާސިރަށް ވެސް ކަމުދިޔައެވެ.

ޖެހިގެންއައި ދުވަހު ހަވީރު އަދުހަމް އޭނާގެ ރަހުމަތްތެރި އާފިއުއާއެކު ފާސިރުމެން ރަށަށް ހިނގައްޖެއެވެ.

އަދުހަމް އެރަށަށް ދިއުމާއިއެކު ފާސިރާއި ހަސަން އެމީހުންގެ ރޭވުން ކާމިޔާބުކުރުމުގެ މަސައްކަތް ފެށިއެވެ.

ވަގުތުތައް ފާއިތުވަމުން އައިސް މެންދަމުންއަލިވެ އެކެއްވެސް ޖަހައިފިއެވެ. ފާސިރުމެން ރަށަށްދިޔަ ކަމެއް އެހެން މީހަކަށް ނޭނގެ އެވެ. ފާސިރާއި ހަސަން ގޮސް އާފިއުމެންގެ ގެ ބެލިއިރު، އާފިއު ނިދާފައި އޮތްނަމަވެސް އަދުހަމެއް އެގެއަކު ނެތެވެ.

ފާސިރާއި ހަސަން އެމީހުންގެ ރޭވުމާއި އެއްގޮތަށް ޕޮލިހުންގެ ދެބޭކަލުން ގޮވައިގެން ފާސިރުމެން ގެއަށް ދިޔައެވެ. ހަސަނާއި ޕޮލިހުންގެ ބޭކަލުން ބޭރުގައި ބޭތިއްބުމަށްފަހު، ގޭދޮރުހުޅުވައިގެން ފާސިރު ގޭތެރެއަށް ވަދެގެންދިޔަ ނަމަވެސް ގޭ އެހެން މީހުންނަކަށް އެކަމެއް ނޭނގެއެވެ. ގޭމީހުން ތިބީ ނިދާމަރުވެފައިވާ ފަދައަކުންނެވެ.

މަޑުމަޑުން ގޮސް ކޮޓަރީ ދޮރުކައިރިއަށް ހުއްޓުމުން ވަށައިގެންވާ މާހަޢުލަށް ނަޒަރު ހިންގާލިއެވެ. ކުޑަކޮށް ހަމަޖެހެލި އެވެ. ތަޅުދަނޑިޖެހުމާއިއެކު އެންމެ ސިކުންތެއް ވެސް ބޭކާރުކޮށްނުލައި ދޮރުހުޅުވާލިއެވެ. ކޮޓަރިތެރޭން ފެނުނު މަންޒަރާއިއެކު ފާސިރަށް ވެގެންދިޔަ ގޮތް ބުނާން ވެސް ނޭނގުނެވެ.

ފާސިރުގެ ކޮޓަރީގައި ފާސިރުގެ އެނދުގައި އޮވެގެން އަދުހަމާއިއެކު ޢިޝްޤީމަސްތީ ހިތްހަމަޖެހުން ހޯދަމުން އުފާ ކުރަމުން އެދާ ހަޔާތްކުޑަ ގޮތެއްފޮތެއްނެތް އަންހެންމީހާއަކީ ފާސިރުގެ އަންހެނުން ނާހީ ފިޔަވާ އެހެންމީހެއް ނޫނެވެ.

ކޮޓަރީގެ ދޮރުހުޅުވާލުމާއިއެކު އަދުހަމާއި ނާހީ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ދެމީހުން ހަށިގަނޑު ނިވާކޮށްލި އެވެ. ފާސިރު ފެނުމާއިއެކު ދެމީހުން ވެސް ނުތަނަވަސްވެ ކަންބޮޑުވިއެވެ.

އައިސްފައި ހުރިރުޅީގައި ފާސިރަށް ހަޅޭލަވައިގަނެވުނެވެ. ފާސިރުގެ ބާރުއަޑަށް ޕޮލިހުންގެ ދެބޭކަލުންނާއި ހަސަން ގޭތެރެއަށް ވަތްއިރު ގޭމީހުންނަށް ހޭލެވި ކޮޓަރިތަކުން ނުކުންނާން ފެށިއެވެ.

ފާސިރުގެއަތުން އަނިޔާއެއް ނުލިބި ނާހީ އާއި އަދުހަމަށް އެގެއިން ނުކުމެގެން ދެވުނީ ފާސިރުގެ ގައިގަ އޭނާގެ މަންމަ ހިފަހައްޓައިގެން ހުރުމުންނެވެ. މަންމަ އާއި ބައްޕަގެ އިތުރުން ޢާއިލާގެ މެންބަރުންނާއި ހަސަން ދެމުންދިޔަ ނަސޭހަތާއި ހިތްވަރުގެ ސަބަބުންނެވެ.

އިރުއެރުމާއިއެކު ރަށުތެރެއަށް އަޑުފެތުރި އަދުހަމާއި ނާހީ ބޭޒާރު ވެއްޖެއެވެ. ފާސިރުގެ ދިރިއުޅުން ވިއްސި ވިހާލިވެއްޖެއެވެ.

އަދުހަމާއި ނާހީގެ މައްސަލަ ޕޮލިސްސްޓޭޝަންގައި ކުރިޔަށްދިޔައިރު ނާހީ ވަރިކުރުމުގެ ކަންތައް ފާސިރު ހަމަޖައްސަމުން ދިޔައެވެ.

އަދުހަމާއި ނާހީގެ މައްޗަށް ތުހުމަތުކޮށް ފެންނާންހުރި ހެކިތަކާއިއެކު ދައުވާކުރެވުނު މައްސަލާގައި ދެމީހުން ވެސް އެއްބަސް ވިއެވެ.

އަދުހަމާއި ނާހީ މާލެ ގެންދިއުމުގެކުރިން ފާސިރު ނާހީ ވަރިކޮށް ކޯޓުން ނިންމާންޖެހޭ ކަންތައް ނިންމިއެވެ. ފާސިރުގެ ކިބައިން މަޢާފަށްއެދި ނާހީ ރޮއި އާދޭސްކުރިއެވެ. ނާހީގެ ފަރާތުން ފެނިގެންދިޔަ ކަންތަކަކީ ދުވަހަކުވެސް މަޢާފްކުރެވޭނެ ކަންކަމެއް ނޫނެވެ. އެނާގެ އެނިންމުން ބަދަލެއް ނުވާނެއެވެ.

ފާސިރުގެ ވާހަކަތައް އަޑުއިވިފައި ޖަމްނާގެ ދެލޮލުން ވެސް ކަރުނަ ހިލުނެވެ. ނާހީއާމެދު އިވުނު ވާހަތަކުގެ ސަބަބުން ބޮލަށް އުނދަގޫވިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ދެ އަތަކަށް ބޯ ހަލުވައި ވެސް ލެވުނެވެ.

މަގެލޯތްބާ މަގެޔާރު މަގޭހަޔާތުން އަބަދުގެ އަބަދަށް ދިޔައީއެވެ. އެދުވަހު އުފާކުރި ފަދައިން މިއަދު ވެސް ފާސިރު އުފާކުރި އެވެ. އެދުވަހު އެހާލޯބިން އައީމައެވެ. ހަމައެހެންމެ މަކަރުވެރި ކެހިވެރި ބޭވަފާތެރިއެއްގެ ގޮތުގައި ލޭބަލް ކުރެވުނު ދުވަހު، އަބަދުގެ އަބަދަށް ފާސިރުގެ ހަޔާތާއި ދުރަށް ދިޔައިމައެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.