އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─
އަރައިގެން އައި އިރާއިއެކު މުޅިމީޑިޔާގައި އޮތީ ޒުވާން އަންހެންކުއްޖަކު ގެއްލުނު ވާހަކައެވެ. ރައްޓެހިން ތަކަކާއިއެކު ކޮފީބޮއިގެން ސައިކަލެއްގައި އެކަނިމާއެކަނި ވިލިނގިލީ ފެރީޓާމިނަލަށްދިޔަ ވާހަކައެވެ. ގެއަށް ނުދާ ވާހަކަ އާއި އޭގެފަހުން ޚަބަރެއްނުވާ ވާހަކައެވެ. ވިލިނގިއްޔަށް ދިޔަކަން ޔަގީންވާ ވާހަކައެވެ.

އިޒްމާ ގެއްލުނު ޚަބަރު ލިބުމާއިއެކު ޕޮލިހުން އެމީހުންގެ މަސައްކަތްފެށިއެވެ. އަދި މިކަމުގައި ނުފުރޮޅާ އެއްމެ ގަލެއްވެސް ނުބާއްވާނެ ކަމަށް ބުނަމުންދިޔައެވެ.

އިޒްމާ ގެއްލުމާއި ގުޅިގެން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އަޒުމީލަށެވެ. އަޒުމީލުގެ އެކުވެރިންނަށް އޭނާގެ ހިތުގެ އަޑިން ސާބަސް ދެމުންދިޔައެވެ. އެމީހުން އެހާ ފަސޭހައިން އެކަންކޮށްލީ ކިހިނެއްބާއޭ އަޒުމީލްގެ ހިތަށް އަރަމުންދިޔައެވެ. ދެރަޙްމަތްތެރިންނަށް ގުޅާލަންވެސް ހިތަށް އެރިއެވެ. ނަމަވެސް ޝައްކުވާނެ ފަދަ އެއްވެސް ކަމެއް ނުކަރަން އޭނާ ހުރީ ވިސްނައިގެންނެވެ. އަޒުމީލް ދިޔައީ ޓީވީތަކުންނާއި ޝޯސަލް މީޑިއާއިން ޚަބަރުތައް ބަލަމުންނެވެ.

އިޒްމާ ގެއްލުނު މައްސަލައިގެ ތަޙްޤީޤް ވަރަށް ބާރަށް ކުރިއަށް ދިޔައެވެ. މިމައްސަލައިގެ ތަޙްޤީޤަކީވެސް ފުލުހުންނަށް ކުރިމަތިވި ޗެލެންޖަކަށްވިއެވެ. އެހެން މައްސަލަތައް ފަދައިން މިމައްސަލައިގެ ތަޙްޤީޤް ކުރިއަށްދާގޮތް ވެސް ފުލުހުން ދިޔައީ މީޑިއާތަކާއި ހިއްސާ ކުރަމުންނެވެ.

އެންމެ ފުރަތަމަ ހައްޔަރުކުރި މީހުން ހައްޔަރުކުރީ އިޒްމާ ގެއްލުނުތާ ދެވަނަ ރެއެވެ. އެއީ އަޒުމީލުގެ އެކުވެރި ގައްބެ އާއި ފަޒާލެވެ. މިކަންވީ އަޒުމީލްގެ ހަތަރު އުދަރެސް ފެނުޖެހުނު ކަމަކަށެވެ. އެރޭ އަޒުމީލަށް އެންމެ ލޮލޮފިޔައެއްވެސް ނުޖެހުނެވެ. ވިސްނުންނޫން ކަމެއް އޭނާއަކަށް ނުކުރެވުނެވެ.

އިޒްމާ ގެއްލުމާއި ގުޅުންހުރި އެއްވެސް މަޢުލޫމާތެއް ލިބޭތޯ ފުލުހުން ބަލަމުންދިޔަ އެވެ.

އަޒުމީލަށް ހޭލެވުމާއިއެކު އެންމެ ފުރަތަމަވެސް ފޯނުން ނޫސްތައް ބަލަން ފެށިއެވެ. އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. ގައްބެ އާއި ފަޒާލް ދޫކޮށްލި ވާހަކަ ނޫސްތަކުގައި އޮތުމުންނެވެ. އެހާ އަވަހަށް އެމީހުން ދޫކޮށްލީ ކީއްވެގެންބާއޭ އަޒުމީލްގެ ހިތަށް އެރިއެވެ. ޑީލް ހެދި ރެއަށްފަހު އެއްވެސް މުޢާމަލާތެއް ފޯނުން ނުކުރުމަށް އެމީހުން ވަނީ އެއްބަސްވެފައެވެ. އެހެންވެ އެމީހުން ދޫކޮށްލުމުންވެސް އަޒުމީލަކަށް ނުގުޅައެވެ. އެމީހުން ދޫކޮށްލުމުން އަޒުމީލަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

އަޒްމީލް ބޭނުންވީ ވީހާވެސް އަވަހަށް ގައްބެ އާއި ފަޒާލާ ބައްދަލުކުރާށެވެ. ކަންތައް ވެގެން ދިޔަގޮތް އޮޅުންފިލުވަން ވެގެންނެވެ. އެމީހުން ބައްދަލުކުރީ ވާހަކަ ދައްކާލަން ތިބެވޭ ކަހަލަ މީހުން މަދު ހަމަހިމޭން އަމާންއޮމާން ރެސްޓޯރަންޓަކުންނެވެ. އޭރު ގަޑިން ރޭގަނޑު އެގާރަ ޖަހައިފިއެވެ. އެމީހުންނަށް އެވާހަކަ ނުފެށެނީސް، ފެނުނީ ޕޮލިހުން އެތަނަށް ވަންތަނެވެ. ޕޮލިހުން އެއްވެސް ސުވާލެއް ވެސް ނުކޮށް ކޯޓް އަމުރު ދައްކާލުމަށްފަހު، ތިން މީހުން ބިޑިއަޅުވައިގެން ގެންދިޔައީއެވެ.

ކަމާއިގުޅުންހުރި ފަރާތްތަކުން އިޒްމާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އިޒްމާގެ ފިރިމީހާ ނާއިޒް އާއި ދެފަރާތުގެ ޢާއިލާއިން އަދި އެބައިމީހުންގެ ރައްޓެހިން ވެސް އިޒްމާގެ ޚަބަރެއް ވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

ކުއްލިއަކަށް އިޒްމާގެ ގެއްލުމާއި އިޒްމާ ހޯދަން އެތައް މަސައްކަތެއްކޮށް އެއްވެސް ކާމިޔާބެއް ނުލިބުމުން ލިބުނު ހިތާމަ އާއި ހިތްދަތިކަމުގައި ނާއިޒް ހުރީ ހަދާނެގޮތް ހުސްވެފައެވެ. އޭނާއަށްޓަކައި ހަތަރު އުދަރެސް ފެނުޖެހިފައިވާ ކަހަލައެވެ.

ފެނޑާތެރޭގައި މަޑުކޮށްލައިގެންހުރި ނާއިޒް އަވަސް އަވަހަށް ޖީބަށް އަތްލަމުން ފޯނު ނެގީ ވައިބުރޭޓްވާން ފެށުމުންނެވެ. ޑިސްޕްލޭއަށް ނަޒަރު ހިންގާލިއިރު ގުޅަނީ ނުވެސް ދަންނަ ނަންބަރަކުން ނެވެ.

ނާއިޒް ފޯނަށް ޖަވާބުދިނުމާއިއެކު އެކޮޅަށް ވާހަކަދައްކަން ފެށީ ފިރިހެނެކެވެ. އެމީހާ ބުނި ގޮތުގައި އިޒްމާ ހުރީ އެމީހުންގެ ބެލުމުގެ ދަށުގައެވެ. އެމީހުން ބުނާވަރަކަށް ފައިސާ ދީފިނަމަ އޭނާއަށް އެއްވެސް އަނިޔާއެއް ގެއްލުމެއް ނުދީ ދޫކޮށްލާނެއެވެ. އެވާހަކަތައް އިތުރު އެހެން މީހަކަށް އެނގިގެން ނުވާނެއެވެ. އެނގިއްޖެނަމަ މައްސަލަ އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެއެވެ. މައްސަލަ ގޯސްވެއްޖެނަމަ އިޒްމާއަށް ލިބޭ ގެއްލުން ބޮޑުވާނެއެވެ.

އެބައެއްގެ ބެލުމުގެ ދަށުގައި އިޒްމާ ހުރިކަމަށް ބުނި މީހުން ބުނިފަދައިން ކަންތައްކުރުމަށް ނާއިޒް އަވަސްވެގަތެވެ. ގޭ ތިޖޫރީގައި ހުރި ފައިސާއިން އެއްލައްކަ ރުފިޔާ ނަގައިގެން ގޮސް އިޒްމާގެ ބައްޕަ ނަސީހްއާ ހަވާލުކުރިއެވެ. ވެގެން އުޅޭގޮތް ކިޔައިދީ ކަންތައް ކުރަންވީގޮތް ބުނެދިނެވެ. ހުރިހާކަމެއް ކުރަންވާނީ އެހެން މީހުންގެ ލޯތަކަށް ސިއްރުން ކަމަށް ވެސް ބުންޏެވެ.

ގޮތްނޭނގޭ ބައެއް ކައިރިއަށް އެހާބައިވަރު ފައިސާ ހިފައިގެން އެގޮތަށް އެކަނިމާއެކަނި ދާން ބިރުގަނެ ޖެހިލުންވާ ކަމަށް ނަސީހް ބުންޏެވެ. އޭނާއަށް އެހެން ހަދާފާނެތީ ކަންބޮޑުވިއެވެ. އެހެނަސް މިއަދު އެހެންގޮތެއް ނެތެވެ. ފޮރުވައިގެން އެއުޅެނީ އޭނާގެ ދަރިފުޅެވެ. ފޮރުވައިގެން އުޅޭ މީހުން ބުނަމުން އެދަނީ އެފައިސާ ހިފައިގެން ނަސީހް އައުމަށެވެ. އެންމެ ހައްގުކަން ބޮޑީވެސް އެގޮތެވެ.

ދަރިފުޅަށްޓަކައި ފުރާނަދުއްވާލަން ޖެހުނަސް އެކަން ކުރާނެކަމަށް ބުނަމުން އެފައިސާ ހިފައިގެން ދާން ނަސީހް އެއްބަސްވިއެވެ. އެއްލައްކަ ރުފިޔާ ޚަރަދުކޮށްގެން ވިޔަސް އަންހެނުން ސަލާމަތްކުރެވޭތީ ނާއިޒް ހުރީ ހިތްހަމަޖެހިފައެވެ. ފައިސާ ހޯދަނީ ދިރިއުޅުން އުޖާލާކޮށް މުސްތަގުބަލް ބިނާކުރަންކަމަށް ވާއިރު އަނބިމީހާއަށްޓަކައި އެވަރުގެ ޚަރަދެއް ކުރުމަކީ އޭނާއަކަށް ބޮޑުކަމެއް ނޫނެވެ.

ފައިސާ ހިފައިގެން ނަސީހް ދިޔަތާ ދެގަޑިއެއްހާއިރު ފަހުން އަނެއްކާ ވެސް އެނަންބަރުން ފޯނުކުރިއެވެ. އެމީހުން އެގުޅަނީ އެ ފައިސާ ލިބި އަންހެނުން ދޫކޮށްލާ ވާހަކަ ބުނަންކަމަށް ނާއިޒަށް ގަބޫލުކުރެވުނު ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ލިބުނު ފައިސާ މަދީއެވެ. އިތުރަށް ފައިސާ ދޭންވީއެވެ. އިޒްމާއަކީ ދެމީހުންކަން އެމީހުނަށް އެނގުނީއެވެ.

ކިތަންމެ ބައިވަރު ފައިސާ ޚަރަދުކޮށްގެން ވިޔަސް އަންހެނުން ސަލާމަތްކުރަން އޭނާގެ ހިތް ބުންޏެވެ. އާންމުންގެ ލޯތަކަށް ފެންނަން ހުރީ އިޒްމާ އެކަނި ނަމަވެސް، އިޒްމާއިނީ ބަލިވެއެވެ. ނާއިޒްގެ ފުރަތަމަ ދަރިފުޅަށްޓަކައި ނަމަވެސް އިޒްމާ ސަލާމަތް ކުރަން އެބަ ޖެހެއެވެ.

އަންހެނުންނަށްޓަކައި އެއްލައްކަ ރުފިޔާ ޚަރަދުކުރިގޮތަށް ދަރިފުޅަށްޓަކައި އެވަރުގެ ޚަރަދެއް ނުކުރަންވީ ސަބަބެއް ނެތެވެ. ދެ ލައްކަ ރުފިޔާ ދީފައި ނަސީހް އަނެއްކާ ވެސް ފޮނުވިއެވެ. ނަސީހް ބުނިގޮތުން އޭނާ އަތުން އެފައިސާ ނަގަން އަންނަނީ އެންމެމީހެކެވެ. އެމީހާ މަޑުކުރާ ތަނުންނާއި ހުންނަގޮތުން އެމީހާގެ ގޮތް އެނގޭވަރެއް ނުވެއެވެ.

ފައިސާ ހަވާލުކޮށްފައި ނަސީހް އައުމުން ނާއިޒް އެނަންބަރަށް ގުޅިއިރު ނަންބަރުގެ ޚިދުމަތްވަނީ ކަނޑާލާފައެވެ. ނަންބަރު ރަޖިސްޓްރީ ކޮށްފައިވަނީ ބިދޭސީއެއްގެ ނަމުގައެވެ. އެތައް ފަހަރަކު ގުޅައިގެން ވެސް އެނޫން ޖަވާބެއް ނުލިބުނެވެ.

އާ ނަންބަރަކުން އެމީހާ އަނެއްކާ ގުޅީ ޕޮލިހަށް ނާއިޒް މައްސަލަ ވެއްދިކަން އެނގިގެންނެވެ. އެހާ ސިއްރުންކުރި ކަމެއް އެމީހާއަށް އެނގުމުން ނާއިޒަށް ލިބުނު ހައިރާންކަން އިތުރުވިއެވެ. ނަސީހް ބުނިފަދައިން ޕޮލިހަށް އެކަން ނާންގައި ހުރެވުނު ނަމައޭ ހިތަށް އެރީ ނާއިޒް ކަންތައްކުރި ގޮތުން އެމީހުން ރުޅިގަދަވިކަން އެނގުމުންނެވެ. އިތުރަށް ފައިސާ ދިން ނަމަވެސް އިޒްމާ ދޫކޮށްނުލާނެ ކަމަށް ބުނުމުންނެވެ.

ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުން ނާއިޒް ދުވަސްތައް ގުނަމުންދިޔައިރު ލިބިފައިވާ މަޢުލޫމާތަށް ބަލައިގެން ޕޮލިހުން މަސައްކަތް އިތުރަށް ކުރިޔަށް ޖައްސާލިއެވެ.

މެންދަމުންއަލިވެ ތިނެއްޖަހާކަން ހާއިރެވެ. މެދުއުމުރުން މައްޗަށް ގޮސްފައިވާ އަންހެނަކާއި ފުރާވަރުގެ ފިރިހެން ކުއްޖަކު ގެއަކުން ނުކުމެގެން މާ ސިއްރުސިއްރުން ކަހަލަގޮތަކަށް، އަނދިރިހެން ހީވާ ގޮތްގޮތްބަލަމުން މަގުގެ އެއްފަރާތުން ރަށުގެ އިރުމައްޗާއި ދިމާއަށް މިސްރާބުޖެހިއެވެ.

އެއަންހެންމީހާއި އާއި ފުރާވަރުގެ ފިރިހެންކުއްޖާ ގޮސް ވަރަށް ސިއްރުސިއްރުން ގެއަކަށް ވަންނަމުން ވަރަށް ޝައުގުވެރިކަމާއިއެކު ވަށައިގެން ހޯދާލިއެވެ. ހީވާގޮތުން އެމީހުން އެކުރާކަމެއް ކުރަމުން އެދަނީ ވަރަށް ސިއްރުންނެވެ. އެކަން އެހެން މީހަކަށް އެނގިދާނެތީ އެމީހުން ވަރަށް ކަންބޮޑުވެއެވެ.

ގޯތިތެރެއަށް ވަދެ ދޮރުލައްޕައި ތަޅުލުމާއިއެކު އެގޭތެރެއިން ޒުވާން ދެމަފިރިއަކު ނުކުމެ އެމީހުންނާއި ބައްދަލުކުރި އެވެ. ހަތަރުމީހުން ވާހަކަ ދައްކަމުންދައްކަމުން ގޮސް ގޭތެރެއަށް ވަންއިރު އެގެއަކީ އާދައިގެގޮތަކަށް ހަދާފައިވާ ގެއެކެވެ. ދެ ކޮޓަރިއާއެކު ސިޓިންރޫމަކާއި ބަދިގެއެއް ހުރެއެވެ. ބަދިގެއާ ގުޅިގެން ގުދަނެއްވެސް ހަދާފައި ވެއެވެ.

ގޭތެރެއަށް ވަދެގެން ހަތަރު މީހުން ދިޔަގޮތަށް ގޮސް ވަނީ ގުދަނަށެވެ. ތަކެތި ބެހެއްޓުމަށް ތައްޔާރުކޮށްފައިވާ ކަބަޑު އެއްފަރާތަށް ޖައްސާލަމުން، ތަޅުންގަނޑުން ބައެއް ގޭތެރެއިން ނުކުތް ފިރިހެންމީހާ ހިއްލާލިއިރު ވެސް މުސްކުޅި އަންހެން މީހާ ހުރީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ. ކަބަޑު ފުރަގަހުން ފާރުގައިހުރި ސިއްރު ސުވިޗް ޖައްސާލުމާއިއެކު، ތަޅުންގަނޑުގެ ދަށުން ހުޅުވުނުތަން އަލިވެގެން ދިޔައެވެ.

އެތަނަކީ ސިޑިއަކުން އަޑިއަށް ފޭބޭ ގޮތަށް ތައްޔާރުކޮށްފައިވާ ސިއްރު ކޮޓަރިއެކެވެ. އެންމެފަހުގެ ޓެކްނޮލޮޖީއާ ޒަމާނީ ވަސީލަތްތަކާއިއެކު މިހާރުގެ ގޮތަށް ތައްޔާރުކޮށްފައިވާ އެކޮޓަރިއަކީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކޮޓަރިއެކެވެ. އެތަނުގެ ތެރޭގައި ޒަމާނީ ވަސީލަތްތަކުގެ އިތުރުން އެނދަކާއި އަލިމާރިއެއް އަދި މޭޒެއް ހުއްޓެވެ. ތަނުން ފެންނަމުންދާ ސާފުތާހިރު ކަމާއި ތަކެއްޗަށް ބަލާލުމުން އެތަނަކީ މިހާރު ވެސް ބޭނުންކުރަމުންދާ ތަނެއްކަން ޔަގީންވެއެވެ.

މުސްކުޅި އަންހެންމީހާ ގޮވައިގެން ދެފިރިހެނެއް އެތަނަށް ފޭބިއެވެ.

ފާޚާނާގެ ދޮރުހުޅުވާލަމުން ނުކުތް ޒުވާން އަންހެންކުއްޖާ ފެނުމާއިއެކު މުސްކުޅި އަންހެންމީހާގެ މޫނުމަތިން އުފަލާއި ހިތްހަމަޖެހުން ފާޅުވެ އުފަލުން ރޮއިގަނެވިއްޖެއެވެ.

ގޭތެރެއަށް ވަންނަންހުރި ދޮރުގައި ޓަކިޖަހާލުމާއިއެކު ދޮރުހުޅުވާލިތަން ފެނުނެވެ. ފެންޑާތެރޭގައި ހުރި އަންހެންމީހާ އެއްޗެކޭ ބުނުމުގެ ކުރިން ޕޮލިހުން ދައްކާލީ އެބޭކަލުންގެ އަތުގައިވާ ކޯޓްއަމުރެވެ. ބުނާނެ އެއްޗެއް ހަދާނެ ގޮތެއް އަންހެންމީހާއަކަށް ނޭނގުނެވެ.

ވިއްސަކަށް ޕޮލިހުންގެ އެޓީމުން ގޭތެރެއަށް ފެތުރިގަތީ ހީކުރިވަރަށްވުރެ އަވަހަށެވެ. ބިންގަރާސް ކޮޓަރީގައި ތިބި މީހުނަށް ވާނުވާ އެނގުމުގެ ކުރިން ޕޮލިހުން އެތަނަށް ވަދެއްޖެއެވެ.

” އިޒްމާ! … ގެއްލިގެން އުޅޭ އިޒްމާ މިހުރީ. ” ޕޮލިހުންގެ ބޭކަލަކު ގޮވާލުމާއިއެކު ޕޮލިހުން އައިސް އެތަނަށް ވަދެއްޖެއެވެ.

އާދުވަހަކަށް އިރުއެރުމާއިއެކު މުޅި ރާއްޖެއަށް ޚަބަރުފެތުރިގެން ދިޔައީ މީގެ މަހެއްހާ ދުވަސްކުރިން ގެއްލުނު ޒުވާން އަންހެންކުއްޖާ ފެނުނު ވާހަކައެވެ. އޭނާ ފޮރުވައިގެން ގެންގުޅުނު ދެމަފިރިން އަދި އިޒްމާގެ މަންމަ އާއި އެހެން ފިރިހެނަކު ރޭދަންވަރު އައްޑުއަތޮޅުން ހައްޔަރުކުރި ވާހަކައެވެ.

މަހެއްހާ ދުވަސްކުރިން ގެއްލުނު އިޒްމާ ނަސީހް ހައްޔަރުކޮށްގެން ގެންގުޅޭ މީހުން ޑިމާންޑް ކުރަމުންދިޔަ ފައިސާ ހިފައިގެން ދާންޖެހޭނީ ނަސީހް ކަމަށް އެމީހުން ބުނީއްސުރެ ފެށިގެން ފުލުހުންގެ ސީއައިޑީ ޓީމުން ދިޔައީ އޭނާއަށް ފާރަލައި އޭނާގެ ޢަމަލުތައް ވަރަށް ގާތުން ބަލަމުންނެވެ. އެހެނަސް އެހެން ބަޔަކަށް ނުވަތަ އެހެންމީހަކަށް އެކަމެއް ނޭނގެއެވެ.

އަޒްމީލްމެން ހައްޔަރުކުރީ، އިޒްމާ ގެއްލުނުރޭ ގައްބެ އާއި ފަޒާލް އިޒްމާއަށް ފާރަލަމުން ދިޔަކަން ސީސީޓީވީ ފުޓޭޖްތަކުން ފެންނަން ހުރުމުންނެވެ. އެހެނަސް އެމީހުނަށް އެހިސާބަށް ނުދެވެނީސް އިޒްމާ ގޮސް ފެރީޓާމިނަލަށް ވަނެވެ. އެމީހުނަށް އިޒްމާ ގެއްލުނީ އެހިސާބުން ނެވެ.

ގައްބެ އާއި ފަޒާލް ހައްޔަރުކުރުމަށްފަހު ދޫކޮށްލީ، މިކަމުގައި ބައިވެރިވާ އިތުރު މީހުން ހޯދުމުގެ ބޭނުމުގައެވެ. ދެމީހުން ދޫކޮށްލުމަށްފަހު ވެސް ޕޮލިހުން އެމީހުނަށް ފާރަލަމުންދިޔައީ މައްސަލައިގެ ފޯކަސް ގެއްލުނަ ނުދިނުމަށްޓަކައެވެ.

ޕޮލިހުން ބޭނުންވިފަދައިން މައްސަލަ ނިންމާލީ ސީދާ ޕޮއިންޓަށެވެ.

މައްސަލަ ތަޙުޤީޤްކޮށް ނިންމާ، ފުލުހުން ޢާއްމުކުރި މަޢުލޫމާތުން އެނގުނުގޮތުގައި އިޒްމާފޮރުވައިގެން އުޅުނު މީހުންނަކީ އެމައްސަލާގައި ހައްޔަރުކުރި ހައްވައިދީ އާއި އަލިކާއެވެ. އެކަމުގައި އެމީހުނަށް އެހީތެރިކަމާއި އެއްބާރުލުންދީ ހުރިހާރޭވުމެއް ރާވާފައިވަނީ އިޒްމާގެ މަންމަ ސާލިހާ އާއި ބައްޕަ ނަސީހް އެވެ. އެމީހުންގެ މަގްސަދަކީ ނާއިޒްގެ ތަނަވަސްކަން އަތުލައިގަތުމެވެ. ނާއިޒް ބަލިކަށިކޮށް އިނދަޖައްސާލުމެވެ. ނާއިޒަކީ އިޒްމާއާ އިންނަން އެމީހުން ބޭނުންވި މީހާއެއް ނޫނެވެ. ނާއިޒް އަމިއްލައަށް އިޒްމާއާ އިންނަން ބޭނުންވުމުން އެޢާއިލާއިން ބޭނުންވީ ވަގުތުގެ ފައިދާ ނަގާށެވެ. ނާއިޒްގެ ފަރާތުން އެމީހުން ބޭނުންވި ތަނަވަސްކަމާއި ފޯރުންތެރިކަން ނުލިބުމުން އެހެން މަގެއް އިޚްތިޔާރުކުރީއެވެ. އިޒްމާ އިނީ ބަލިވެއެއްވެސް ނޫނެވެ. ބަލިވެއިންކަމަށް ބުނީ ވެސް ނާއިޒަށް އޮޅުވާލުމަށްޓަކައެވެ. އަޒްމީލާއި ގައްބެ އަދި ފަޒާލަކީ ވެސް މައްސަލަ އިތުރަށް އޮޅުވާލާ އެހެންބައެއްގެ ބޮލުގައި މިކަން އެޅުވުމަށް ނަސީހް ރޭވި ބޮޑު ރޭވުމެކެވެ. މައްސަލަ ހިންގަމުންދިޔައިރު އެހުރިހާ ވާހަކައެއް އަލިކާގެ ދެމަފިރިން ކިޔައިދިނެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.