އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─

ރޭގަނޑު އެގާރަ ޖަހާކަން ހާއިރެވެ. އުމުރުން ތިރީހަކަށް އަހަރުގެ ސަމްސީރު އޭނާގެ އާދައިގެމަތިން މިރޭވެސް ހުޅަނގުކޮޅު ތުނޑިއަށް ދިޔައީ ފަރުމަހެއް ބޭނޭތޯއެވެ. ފަރުމަހުގެ މަސްވެރިކަމަކީ އާންމުދަނީ ހޯދުމުގެގޮތުން އޭނާ ކުރަމުންދާތާ އެތައް އަހަރެއް ވެފައިވާ ކާމިޔާބު މަސައްކަތެކެވެ.

ރެއަކީ މޫސުމް ރީތި ކަނޑުމަޑު ވައިވެސް މަޑު ރެއެކެވެ. ސާދަފަނަރައިގެ ރޭތަކުގެ ތެރެއިން ރެއަކަށްވާތީ މުޅިރަށަށް ވެރިވެފައި ވަނީ ހަނދުވަރުގެ ނަލަ އަލިކަމެވެ. ތުނޑިމަތިން ގަސްހެދިފައިވާ ހިސާބުގެ އިތުރުން ދޮންވެލީގެ ބައެއްގެ ގޮތުގައި އިތުރުވަމުންދާބައި މާ ދުރާއިއެކު ފެންނަން އޮތެވެ. އެހިސާބުގައި އެއްވެސްކަމެއް ހިނގާނަމަ އެހިސާބަށް ދެވުމުގެ މާކުރިން ފެންނަވަރަށް ސާފެވެ.

މަސްވެރިކަމަށް ބޭނުންކުރާ ސާމާނާއި ދުފާދުންބޯ ސާމާނު އަދި އެންކޮތަޅު ހިފައިގެން ތުނޑިއަށް ނުކުންނަންދިޔަ ސަމްސީރުގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ތުނޑިމަތިން ފެނުނު މަންޒަރެއްގެ ސަބަބުންނެވެ.

ތުނޑިމަތީގައި ހިނގާކަމެއް ބަލައި ޔަގީން ކޮށްލުމަށްޓަކައި ސަމްސީރު އަވަސް އަވަހަށް ވިނަގަނޑު ކައިރިއަށް ޖެހެލިއެވެ. އެމީހުން އެތަނުގައި ކުރަމުން ދަނީ ކޮންމެކަމެއް ނަމަވެސް، އެމީހުން އެކަން ކުރަމުން ދަނީ ވަރަށް ބަލައިގެން އެހާމެ ސިއްރުންނެވެ. އެމީހުންގެ ޢަމަލުތަކުން އެކަން ޔަގީންވެއެވެ.

ފެތުރިފައިވާ ނަލަހަނދުވަރުގެ ސަބަބުން އެމީހުނަށް އޭނާ ފެނިދާނެހެން ހީވާތީ ސަމްސީރު އަވަސް އަވަހަށް ގަސްތަކުތެރެއަށް ވަނެވެ. މަސްބާނަން އުޅުމަށްވުރެ މިވަގުތު ރަނގަޅުވާނީ އެމީހުން ކުރާކަމެއް ބަލާލުންކަމުގައި ސަމްސީރަށް ގަބޫލުކުރެވުނެވެ. އޭނާގެ ހުރިހާ ވިސްނުމެއް ވެސް ހުރީ އެކަމަށެވެ.

އެމީހުންގެ ސޫރަ އާއި ހަރަކާތް ކިތަންމެ ރަނގަޅަކަށް އެނގުނު ނަމަވެސް، އެއީ ކޮންބައެއްކަން އެނގޭވަރެއް ނުވެއެވެ. އެއީ ކޮންބައެއްކަން ނޭނގުނު ނަމަވެސް، އެމީހުން ލައިގެންތިބި ހެދުމުގެ ސަބަބުން އެތަނުގައި ހުރީ ޖިންސަކާއި ޓީޝާޓެއްފަދަ އެއްޗެއްލައިގެން ހުރި ޒުވާނަކާއި މުންޑަކާއި ގަމީހެއްލައި ބޮލުގައި އެއްޗެއް އަޅައިގެންހުރި އުމުރުން ދުވަސްވީ މީހެއްކަން އެނގެއެވެ.

އެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންހުރި ސަމްސީރަށް ލިބެމުންދިޔަ ހައިރާންކަން ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ. އެމީހުންގެ އެޢަމަލުތަކުގެ ސަބަބުން ކަންބޮޑުވެ ހާސްވި އެތައްފަހަރެއް ވެސް އައެވެ.

އެމީހުން ކުރަންއައި މަސައްކަތް ނިންމާލުމަށްފަހު، ރަށުތެރެއަށް ދިއުމަށް މިސްރާބުޖެހީ ސަމްސީރު ހުރި ދިމާއަށެވެ. ރަށުތެރެއިން ތުނޑިއަށް ނުކުތުމަށާއި ތުނޑިން ރަށުތެރެއަށް ދިއުމަށް އޮންނަނީ އެންމެ މަގެކެވެ. އެމީހުންގެ މިސްރާބު ހުރިގޮތުން އެއީ ކޮންބައެއްކަން ހޯދަން ސަމްސީރަށް ވަރަށް ފަސޭހަވާނެތީ އޭނާ އެކަމަށް ސަމާލުވެލިއެވެ.

އާންމުކޮށް މީހުން ވާހަކަދައްކާ އުޅޭވަރަށްވުރެ މަޑުމަޑުން ވާހަކަދައްކަމުން އައި އެދެމީހުން ސަމްސީރު ފަހަނައަޅައި ދިޔައިރު ސަމްސީރުގެ ހީ ޔަގީނަށް ބަދަލުވެއްޖެއެވެ. އެތަނުގައި ހުރި އުމުރުން ދުވަސްވީ މީހާއަކީ އޭނާއަށް ކުރިންވެސް ހީކުރެވުނުފަދައިން އަލިފުތާއެވެ. ފަންޑިތަ އާއި ސިހުރުހާހޫރަ އަދި އިސްތިރިވަރިތޮޅިއަށް މުޅިއަތޮޅަށް މަޝްހޫރު ފަންޑިތަވެރިޔާއެވެ.

ފަހަރަކު މަލަކުން ފޮނިބޮމުން އެއްބަގީޗާއިން އަނެއްބަގީޗާއަށް އުދުހެމުންދާ މާބުރެއް ފަދައިން އުޅެމުންދާ އަސްރާރަކީ ރަށުގެ ތަނަވަސް ޢާއިލާތަކުގެތެރެއިން ޢާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ވަޒީފާއަކަށް ގޮސް މަސައްކަތެއްކޮށްގެން އާންމުދަނީއެއް ހޯދަން ނުކެރޭ ތާންގައި އުޅުމެއް އަޚުލާގެއް ވެސް އޭނާގެ ކިބާގައި ނެތެވެ.
އަސްރާރު އޭނާގެ ޢާއިލާގެ ތަނަވަސްކަމުގެ ބޭނުންކޮށް އަލިފުތާލައްވައި ކޮންމެވެސް ކަހަލަ ފަންޑިތައެއް ނުވަތަ އިސްތިރި ވަރިތޮޅިއެއް ކަހަލައެއްޗެއް ހެދީއެވެ. އެމީހުންގެ ޢަމަލުތައް ހުރީ އެނޫން އެއްވެސްކަމެއް ކުރާބަޔަކު ޢަމަލުތައް ބަހައްޓާނެގޮތަކަށް ނޫނެވެ.

އެ ދެމީހުން ގޮސް ރަށުތެރެއަށް ގެއްލުމުން ސަމްސީރު އަވަސް އަވަހަށް އެތަނުން ނުކުތެވެ. ސަމްސީރު އެތަނުން ނުކުމެގެން މިސްރާބުޖެހީ އެދެމީހުން ކުރިކަމެއް ބަލާލުމަށް އެތަނަށް ދިއުމަށް ނަމަވެސް، ތަންކޮޅަކަށް ދިޔަތަނާ އެޚިޔާލު ބަދަލުވިއެވެ. އެމީހަކާއި އެމީހެކެވެ. އެހެންމީހުން ކުރާކަންތަކާއި ނުބެހި އޭނާގެ ވަޒީފާއާގެން ކުރިޔަށްދިއުން މާބުއްދިވެރިކަމުގައި އޭނާއަށް ވިސްނުނެވެ.

މަސްބޭނުމަށްޓަކައި ނަނުއެއްލައިގެން ހުރި ސަމްސީރުގެ ކިބައިން ފެންނަމުންދިޔައީ އުފަލާއި ހިތްހަމަ ޖެހުމެވެ. އެހެން ރޭރޭއަށްވުރެ މިރޭ މަސްވެރިކަން ރަނގަޅެވެ. ބޭނޭ މަހުގެ ސައިޒުވެސް ބޮޑެވެ.
ހަނދުގެފަހަތުން ކަހަލަގޮތަކަށް ދަތުރުކުރަމުންއައި ބޮޑުކަޅުވިލާގަނޑު ހަނދުގެއަލިކަމުގެ މައްޗަށް ވެރިވެގަތުމާއިއެކު މުޅިބިން އަނދިރިކޮށްލިއެވެ. މޫސުމްބަދަލުވީ އެފަދަކަމަކަށް ވިސްނާވެސް ނުލައި ހުއްޓައެވެ.

ކަނޑުގެރާޅުތައް ރުޅިއައިސް ރަތްވެފައިވާ ސިންގާތަކެއް ފަދައިން އުތުރިއަރައިގަތްއިރު ގަދަވަޔާއިއެކު ވިދާގުގުރާ ބޯކޮށް ވާރޭ ވެހެންފެށީ ވެސް އެވަގުތުއެވެ. ޖެހެމުންދިޔަ ބާރު ވައިގެ ސަބަބުން ތުނޑިމަތީގަ ވެލިތައް ވެސް ހިކިފަތްތަކެއް ފަދައިން ބުރަބުރައިގެން ދާންފެށިއެވެ. ހީވީ ކުއްލިއަކަށް ގަދަފަދަ ތޫފާނެއް ލައިގެން ހެންނެވެ.

ސަލާމަތްވުމަށްޓަކައި ސަމްސީރު ދުއްވައިގަތްއިރު އެއްވެސް އެއްޗެއް ގެންދާކަށް ހަނދާނެއްނެތެވެ. ހިޔާވެލާނެތަނެއް ލިބޭތޯ ބަލަމުން ގޮނޑުދޮށުން ދުވަމުން ދުވަމުންދިޔަ ސަމްސީރު ދުވަން ހުއްޓާލީ، އަތިރިމަތީގައިވާ އޮޑިހަރުގެތަކާއި ހަމައަށް ދެވުމުންނެވެ. އޮޑިހަރުގެއަށް ވަދެ ހަމަޖެހެލީ މޫސުމް ރަނގަޅުވުމުން މަސްކޮޅާއިއެއްޗެތި ހިފައިގެން ގެއަށް ދާށެވެ.

ތުނޑިއާއި ދިމާ މާކަނޑުގެ ލޮނުގަނޑު ކެކެމުން ކެކެމުން މައްޗަށް އަރަން ފެށިއެވެ. އެ ލޮނުގަނޑުގެތެރެއިން ފުރޭނިގެން މައްޗަށް އެރި އަލިފާންގަނޑު ވަޔާއި ވިއްސައިގެން ކަހަލަ ގޮތަކަށް އައިސް ޖެހުނީ ތުނޑިމައްޗަށެވެ. އެ ވަގުތު އިވުނު އަޑުގެ ބާރުކަމުން މީހުންގެ ކަންފަތްތައް ބީރުވާހާވެއެވެ.

އަލިފާންގަނޑުގެ ތެރެއިން އުފެދުނު އަންހެންކުއްޖާ ރަށުތެރެއާއި ދިމާއަށް މިސްރާބުޖެހީ ހިނިތުންވުމާއިއެކުއެވެ. މިހާރުގެ ޒަމާނީ ހެދުމަށް ލޯބިކުރާ އެއަންހެންކުއްޖާ ލައިގެން ހުރީ ގަދަރަތްކުލައިގެ އަތްދިގުޓީސާޓަކާއި ކަޅުކުލައިގެ ބެލްސެކެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ އެއްވެސް ހިފެހެއްޓުމެއްނެތި ދޫކޮށްލައިފައެވެ.

މޫސުމް ރަނގަޅުވީ ހީކުރިވަރަށްވުރެ އަވަހަށެވެ. ފާޅުވެގެންދިޔަ ހަނދުވަރުގެ ނަލަނަލަ އައްޔާއިއެކު ވިއްސާރައިގެ ހުރިހާ އަސަރެއް ފިލައި ދިޔައެވެ.

” އައްދެ. ބާރަޖަހަނީ . . . . މަ މިނައްޓާލީ އިނގޭ. ” ކޮފީބޯން ރައްޓެހިންތަކަކާއިއެކު ކެފޭގައި އިން އަސްރާރު ގަޑިއަށް ބަލާލަމުން ބުންޏެވެ.

” ގަޑިކިޔާފައި އޮތީތަ؟ ” އަސްރާރަށް ބަލާލައި ހިނިތުންވަމުން ދިމާކުރާ ކަހަލަގޮތަކަށް ބުންޔާމީން އަހާލިއެވެ.

” އާން. މިރޭ އެކަން ހަމައަކަށް އެޅޭނެ . . . މާދަމާ ދެން އެވާހަކަ ދައްކާނީ. ” ކެފޭއިން ނުކުންނަން ހިނގައިގަންނަމުން އަސްރާރު ވާހަކަދެއްކިއެވެ. އިތުރަށް ވާހަކަދައްކަން މަޑުކޮށްފިނަމަ ވަގުތު ފާއިތުވެދާނެކަން އޭނާއަށް އެނގެއެވެ.

އަލުން ތުނޑިއަށް ދިއުމުގެ ކުރިން ރަނގަޅަށް ދުފާލާ ސިނގިރެޓެއް ބޯލަން ސަމްސީރު އަވަސްވެގަތެވެ. ސިނގިރެޓްފޮއްޓާއި ދުފާކޮތަޅު ޖީބުގައި ބޭއްވުނުކަން ނަސީބެކޭ އެވަގުތު ވެސް ސަމްސީރުގެ ހިތަށް އެރިއެވެ.

ރަނގަޅަށް ދުފާލައިގެން ސިނގިރެޓެއް ބޮމުންބޮމުން ތުނޑިއާއި ދިމާއަށް ހިނގަމުންއައި ސަމްސީރަށް، ތުނޑިއާ ދިމާއަށް ހިނގަމުން އައި އަންހެންކުއްޖާ ފެނުނީ ކުއްލިއަކަށެވެ. އަވަސް އަވަހަށް ތުނޑިއާ ދިމާއަށް ބަލައިލިއިރު ތުނޑިމަތީގައި ޒުވާން ފުރައިގެ ފިރިހެން ކުއްޖަކު ހުއްޓެވެ. އެޒުވާނާ ހުރި ހިސާބުންނާއި އޭނާގެ ޢަމަލުތައް ހުރިގޮތުން އެޒުވާނާއަކީ އަސްރާރުކަން ސަމްސީރަށް ޔަގީންވިއެވެ.

ތުނޑިއާ ދިމާއަށް އަންނަ އަންހެންކުއްޖާގެ ގޮތް ބަލާލުމަށްޓަކައި ގަސްތަކުތެރެއަށްވަދެ ބޮނދައިގެން ސަމްސީރުއޮތެވެ. އޭނާގެ މިސްރާބު ހުރިގޮތުން ސަމްސީރާއި ވަރަށް ކައިރިން ނޫނީ ނުދާނެކަން އޭނާއަށް އެނގެއެވެ.

ސަމްސީރު ކައިރިން ހިނގާލާފައި ގޮސް ތުނޑިއަށް ނުކުތް އަންހެންކުއްޖާގެ ގޮތް އެނގުމާއިއެކު، ސަމްސީރަށް ލިބުނީ ހައިރާންކަމެވެ. އެއްފަހަރާ އެތައް ސުވާލެއް ވެސް އުފެދުނެވެ.

ތުނޑިމަތީގައި ހުރި އަސްރާރާއި ދިމާއަށް ދިޔަ އަންހެންކުއްޖާއަކީ ވަސްމާއެވެ. ރީތިކަމާއި ފުރިހަމަކަމުގައި އެފަދަ ދެވަނައެއް ނެތްފަދަ ވަސްމާއަކީ އަސްރާރު އޭނާގެ ހަޔާތަށް ގެނައުމަށް އެތައް މަސައްކަތެއްކޮށް ނާކާމިޔާބު ވެފައިވާ އަންހެންކުއްޖެކެވެ. އޭނާގެ ހަޔާތަށް ވަސްމާ ގެނައުމަށް އަސްރާރުކޮށްފައިވާ މަސައްކަތްތަކާއި އުޅެފައިވާ ގޮތްތަކުގެ ވާހަކައަކީ މުޅިރަށަށް މަޝްހޫރު ވާހަކައެކެވެ. ވަސްމާގެ ރުހުން ނުލިބުމުން އޭނާގެ ޢާއިލާ ގަނެލުމަށް އަސްރާރު ކުރިމަސައްކަތް ދަންނަ އެތައްބަޔަކު އެބަތިއްބެވެ.

މާނިއު އާއި ވަސްމާ ކައިވެނިކުރުމުން އަސްރާރު އުޅުނުގޮތުގެ ވާހަކައާއި އޭނާ އަމިއްލައަށް މަރުވަން އުޅުނު ވާހަކައަކީ ވެސް ދައްކައި ނިމޭނޭ ވާހަކައެއް ނޫނެވެ.
ވަށައިގެން ހޯދާލަމުން ތުނޑިއަށް ނުކުތް ވަސްމާ ގޮސް އަސްރާރު ކައިރިއަށް މަޑުކޮށްލިއެވެ. ކެތްތެރިކަން ކޮޅުންލާފައިވާ ފަދައަކުން ހުރި އަސްރާރު ހިފީ ވަސްމާގެ އަތުގައެވެ. ލޯތްބާއި އޯގާތެރިކަމާއިއެކު އަތުގައި ފިރުމާލަމުން އޭނާއާ ދިމާއަށް ދަމައިލިއެވެ. ވަސްމާ ވެސް ހުރީ އެކަމަށް ބޭނުންވެފައި ކަހަލައެވެ. އަސްރާރުގެ އެދުމަށް އިޖާބަ ދެމުން ހިނިތުންވެލިއެވެ.

” މިއީތާދޯ އަލިފުތާ ލައްވައި އަސްރާރު ކުރުވި ކަމަކީ؟ ” ހިތާހިތުން ސަމްސީރަށް ބުނެލެވުނެވެ.

ދެމަފިރިން ފަދައިން ޢަމަލުކުރަމުންދިޔަ ވަސްމާ އާއި އަސްރާރަށް އެ ދެމީހުން އެ ތިބީ ކޮންތަނަކުކަމެއް އެނގޭހެނެއް ހިޔެއް ނުވެއެވެ. ފެންނަމުންދިޔަ މަންޒަރުތައް ބަލަން ހުރުމަކީ ސަމްސީރަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ.

ނިދާފައިއޮތް މާނިއުއަށް ހޭލެވުނީ ފޯނު ރިންގްވާއަޑަށެވެ. ފޯނުނަގަމުން ޑިސްޕްލޭއަށް ބަލާލިއިރު ފޯނުކުރަނީ ސަމްސީރުއެވެ. މިހާ ނުވަގުތެއްގައި ސަމްސީރު ފޯނުކުރުމުން ކޮންމެވެސްވަރަކަށް ސުވާލު އުފެދުނު ނަމަވެސް ޖަވާބު ނުދެވިގެން އުޅެނިކޮށް ފޯނު ކެނޑިއްޖެއެވެ. މާމުހިންމުކަމެއް އޮތްނަމަ ދެވަނަ ފަހަރަށް ގުޅާނެކަމަށް ނިންމައި ފޯނުބާއްވަން އުޅެނިކޮށް ދެވަނަ ފަހަރަށް ވެސް ސަމްސީރު ފޯނުކުރިއެވެ.

” އައްސަލާމްއަލައިކުމް. ” ފޯނަށް ޖަވާބުދިނުމުގެގޮތުން މާނިއު ބުނެލިއެވެ.

” މާނިއު. މާނިއު. އަވަހަށް އައިސްބަލަ ތުނޑިއަށް. . . ކަލޭގެ އަންހެނުންނާއި އަސްރާރު މިއޮއްއުޅޭ ގޮތެއް ބަލާލަބަލަ. ” މާނިއު ފޯނަށް ޖަވާބުދިނުމާއިއެކު އަވަސް އަވަހަށް ސަމްސީރު ވާހަކަދެއްކިއެވެ.

” ކަލޭ ތިޔަހުރީ މޮޔަވެފައިތަ؟ . . . . މަގޭ އަންހެނުން މިއޮތީ މަގޭކައިރީ ނިދާފައި. ” ކައިރީގައިއޮތް ވަސްމާގެ މޫނަށް ބަލާލަމުން މާނިއު ޖަވާބުދިނެވެ. ވަސްމާ އާއި އަސްރާރޭ ކިޔައިގެން ރަށުތެރޭގައި ދެކެވެމުންދާ ވާހަކަތަކުގެ ސަބަބުން ހިތްހަމަނުޖެހިފައިހުރި މާނިއުގެ ރުޅިގަދަވިއެވެ.
އެއްޗެކޭ ބުނަން ސަމްސީރު އަނގަހުޅުވާލި ނަމަވެސް، އޭނާއަށް އެފުރުސަތު ނުދީ މާނިއު ފޯނުކަނޑާލިއެވެ.

ރަނުގެފުރުސަތެއް ހޯދައިދިނުމުން އެކަމަށް އެއްވެސް ސަމާލުކަމެއްނުދީ މާނިއު ފޯނު ކަނޑާލުމުން ސަމްސީރު ގާތަށް ވަރަށް ރުޅިއައެވެ. ހިތާހިތުން މާނިއުއަށް އެއްޗެތި ކިޔަމުން އޭނާގެ މަސައްކަތާއި ދިމާއަށް ދިޔައެވެ.

ހެނދުނު އަށެއްޖަހާކަން ހާއިރެވެ. ހޭލެވުމާއިއެކު އެންމެފުރަތަމަ ވެސް އަޑުއިވުނީ އަސްރާރު މަރުވެފައި އޮއްވައި ތުނޑީކޮޅުން ފެނުނު ވާހަކައެވެ. އަސްރާރުގެ މަރާގުޅިގެން ދެކެވެމުންދިޔަ ވާހަކަތަކާއިއެކު ޖިންސީގޮތުން އޭނާއަށް އަނިޔާތަކެއް ލިބިފައިވާ ވާހަކަ ވެސް ރަށުތެރޭގައި ދެކެވެމުން ދިޔައެވެ.

” އެހެންނޭ ވާނީ. އެހާވަރު ދައްކާލިއޭ. ” އެވާހަކަ އަޑުއިވުމާއިއެކު ސަމްސީރަށް ބުނެލެވުނެވެ.

ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ރަށަށް އައިސް އަސްރާރުގެ މަރުގެ މައްސަލަ ތަޙުޤީޤުކުރަން ފެށިއެވެ.

އަސްރާރުގެ މަރާއި ގުޅުންހުރި އެންމެގިނަކަންތައް ފެނުނު މީހަކީ ސަމްސީރެވެ. އެހެނަސް އެވާހަކަތައް ދައްކާކަށް ސަމްސީރު ބޭނުމެއް ނުވެއެވެ. ސަމްސީރަށް ތުނޑިމަތިން ވަސްމާ ފެނިގެން އޭނާގެ ފިރިމީހާއަށް ފޯނުކުރިއިރު، އޭނާގާތުގައި ވަސްމާ ނިދާފައިއޮތްކަމަށް އޭނާގެ ފިރިމީހާ ވަނީ ބުނެފައެވެ. މާނިއު ކައިރީ ވަސްމާ ނިދާފައި އޮތްއިރު އަސްރާރާއިއެކު ތުނޑީމަތީގައި އުޅުނީ ވެސް ވަސްމާއެވެ.

މަންޒަރު ފެނުނީ ސަމްސީރަށެވެ. އެހެނަސް ބައެއް ވާހަކަތަކަކީ ތިމާއަށް ފެނުނީމަ ނޫނީ ގަބޫލުނުކުރާނެ ވާހަކަތަކެވެ. އެހެން މީހުންގެ ބަހުންނަމަ އެއީ ކުށްހީއެކެވެ. ނުވަތަ ވަހުމެކެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.