އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─

މެންދުރުން އަނބުރާ ދޭއް ޖަހާކަން ހާއިރެވެ. ރައްޓެއްސަކާއި ބައްދަލުކޮށްލާން ވިލިނގިއްޔަށް ދާންވެގެން ފެރީ ގިމަތައަށް ވަންނަން ދިޔަ ނަވާލު ހިނގުން ހުއްޓާލީ ކުރިމަތިން ހުރަސްކުރި ކާރު ފެނުމުންނެވެ. ރީތިކަމާއި ފުރިހަމަކަމުން ފުރިގެންވީ އެންމެ މިހާރުގެ ކާރެކެވެ. ބޯޑުގައިވާ ރަޖިސްޓްރީ ނަންނަބަރުން އެއީ ޕުރައިވެޓް ކާރެއްކަން އެނގެއެވެ. ނަވާލުގެ ސަމާލުކަން އިތުރު ވިއެވެ.

ކާރުން ފޭބި އަންހެންކުއްޖާ ފެނުމާއިއެކު އޭނާގެ ފިޔަވަޅު ތަކަށް ހުއްޓުން އައެވެ. ހަރަކާތް ހުސްވެ މުޅިމީހާ ގަނޑުވި ކަހަލަ އެވެ.

ކުރިމަތިން ފެންނަން ހުރި އަންހެން ކުއްޖާއަކީ އޭނާގެ އަލަތު ލޯބިވެރިޔާ އެވެ. އޭނާގެ އަލަތު އަނބިމީހާ އެވެ.

ސާހިރާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރި ނަވާލުގެ ޚިޔާލުތައް ގޮސް ގުޅުނީ އޭނާގެ މާޒީއާއެވެ.

މަހެފޫޒާއި ނަވާލު ބައްދަލުވީ ނަވާލުމެން ރަށް ކައިރީއޮތް ރިޒޯޓެއްގައި ވަޒީފާއަށް ގޮސް އުޅުނުއުޅުމުގެ ތެރޭގައެވެ.

ނުހަނު އުފަލާއި ހިތްހަމަ ޖެހުމާއިއެކު އަލަތު ކައިވެނީގެ ދުވަސްތައް ވޭތުކުރަމުންދިޔަ ސާހިރާ އާއި ނަވާލުގެ ކައިވެންޏަށް އޭރު ހައެއްކަ މަސް ވެއްޖެއެވެ. ވޭތުކުރަމުން ދިޔަ އުފަލާއި ހިތްހަމަ ޖެހުމުން ފުރިގެންވީ ދުވަސްތަކެކެވެ. ދުވަހަކު ވެސް އެގުޅުން ނުކެނޑޭ ފަދަ ބަދަހިކަން އެކުލެވިގެންވި އުޅުމެކެވެ.

އެކުގައި މަސައްކަތްކުރަން ފެށުމުން އުފެދޭ ގާތްކަން ރަށުގެ ބައެއް ޒުވާނުންނާއި މަހެފޫޒްގެ މެދުގައި ވެސް އުފެދުނެވެ. އެމީހުންގެ ރައްޓެހިކަމުން މަދުމަދުން އެރަށަށް އަންނަން ވެސް ފެށިއެވެ. ބައެއް ފަހަރު ރަށުގައި ރޭކުރަން ވެސް ފެށިއެވެ.

މަހެފޫޒް އެރަށަށް ދިއުން އިތުރުވަމުން، އެރަށުގައި މަޑުކުރާ ރޭތައް ގިނަވަމުން ދިޔައެވެ. ފޯނުގައި ހޭދަކުރާ ވަގުތުތައް ގިނަވުމާއި އެފަދަ ފޯނުތަކުގައި އެކަހެރިވުން އިތުރުވާން ފެށިއެވެ. މަހެފޫޒްގެ ކިބައިން ފެންނަމުންދާ އުފަލާއި ހިތްހަމަޖެހުން ގިނަބަޔަކަށް ފާހަގަވެ އެވާހަކަ ދައްކަން ފެށިއެވެ.

މަހެފޫޒަކީ ބަސްމަދު މަޑުމައިތިރި ޒުވާނެކެވެ. އެހެން މީހުން ކުރާ ކަންތަކާއި ބެހުމާއި ފާޑުކިޔައި ހެދުމަކީ އެއްވެސް ވަރަކަށް އޭނާ ގަޔަވާ ކަންކަމެއް ނޫނެވެ. އެހެން މީހަކު ކުރާ ކަމެއްގައި ބައިވެރިވާނީ އެ މީހަކު ބުނިއްޔާއެވެ. ކުޅިވަރު ކުޅުމާއި ކުޅިވަރުގެ ކަންކަމުގައި ބައިވެރިވެ އުޅުމަކީ އެއްވެސް އިރެއްގައި އޭނާ ކުރިކަމެއް ނޫނެވެ.

މެހެފޫޒްގެ ޢަމަލުތައް ހުންނަގޮތަށް ފާޑުކިޔައި ދިމާކުރާ މީހުން މަދެއް ނޫނެވެ. އޭނާއަކީ އަންހެނުންދެކެ ބިރުގަންނަ މީހެކެވެ. އޭނާ އުޅޭނީ އަންހެންދުޅައިގެ ފިރިހެނުންނާއި އެކުގައެވެ. އޭނާ އަކީ ރަނޑެކެވެ. އަންހެނަކާއި ގާތްވާކަށް އޭނާއަކަށް ނުކެރޭނެއެވެ. އޭނާއަށް ރަނގަޅުވާނީ އެފާޑުގެ ފިރިހެނުންނެވެ.

ކުއްލިއަކަށް އިވުނު ވާހަކަތަކާއިއެކު އެތައް ބަޔަކަށް ހައިރާންކަން ލިބުނެވެ. އެވާހަކަތައް ގަބޫލުކުރަން އެއް ބަޔަކަށް ފަސޭހައެއް ނުވިއެވެ. އޭނާއާ ދިމާކޮށް މަލާމަތްކުރި މީހުން ގިނައެވެ. ދުވަހަކު ވެސް ކަލެއަކަށް މީހަކާއި ނުއިނދެވޭނެއޭ ބުނި މީހުން ވެސް ތިއްބެވެ. ކަލެއާ އިންނާނެ އަންހެނަކު ނުހުންނާނެއޭ ބުނި މީހުން ވެސް މަދެއް ނޫނެވެ.

ނަވާލުމެން ރަށު ކުއްޖަކާއި މަހެފޫޒް ކައިވެނިކުރަން އުޅޭ ކަމަށް ބުނެ އެންމެގިނައިން އޭނާއާ ދިމާކުރި އެކަކީ ނަވާލެވެ. ނަވާލުގެ އަމަލުތައް ހުންނަގޮތުން މަހެފޫޒް ރުޅިއާދެއެވެ. އޭނާއާ އެވަރަށް ދިމާކޮށް މަލާމަތް ނުކުރުމަށް ބުނެއެވެ.

” ކަލޭގެ އަނގަ މިހާރު ދެން މާ ބޮޑުވެއްޖެ. ތިހެން އުޅެންޏާ ކަލޭގެ ވައިފް ޖަހައިގަންނާނީ. ” ރުޅިއައިސްފައި ހުރި މަހެފޫޒް ނަވާލަށް އިންޒާރު ދިނެވެ.

” ވާއޮ …. ސަޅި. ކަލޭ ހާދަ ގަދަކޮށްފިއޭ ދޯ؟ އެކަމު މަށަކަށް ހިޔެއްނުވޭ އަންހެނަކާއި އިންނަން އަހަރެންގެ އަންހެނުން ބޭނުންވާނެހެނެއް. ” ނަވާލުގާތަށް އައީ ހިންޏެވެ.

ނަވާލުގެ އެ ދިމާކުރުމުގައި އޭނާގެ ރައްޓެހިން ބައިވެރިވިއެވެ. މަހެފޫޒާއި ދިމާކޮށް އޭނާ ރުޅިއެރުވިއެވެ. މަލާމަތްކޮށް ހީ ހެދިއެވެ.

ނަވާލާއި ސާހިރާގެ އުފާވެރި ޒަވާޖީހަޔާތް އެގޮތުގައި ކުރިޔަށް ދިޔައެވެ. ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ކަމުގެ ޙަޤީޤަތް އެންމެބޮޑަށް އެނގޭނީ އޭނާއަށެވެ. އެގުޅުން އަބަދު ވެސް އޮންނާނީ އެގޮތުގައެވެ. އެކަމަށް ހުރަސް އެޅޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ.

ނަވާލުމެން ރަށަށް މަހެފޫޒް ގޮސް އުޅުނު ނަމަވެސް ނަވާލު ރަށުގައި ހުއްޓައެއް ނުދެއެވެ. އޭނާ ރަށުގައި ހުއްޓައި މަހެފޫޒް ނުދަނީ އޭނާގެ ރަނޑުކަން ފަޅާއަރުވާލާނެހެން ހީވާތީ ކަމަށް ނަވާލު ބުނެއެވެ. ކެރޭކަން ދައްކާލުމަށް ނަމަވެސް އޭނާ ރަށުގައި ހުއްޓާ ރަށަށް ޖައްސާލުމަށް ބުނެއެވެ.

ނަވާލުގެ ވާހަކަތަކާއި އަމަލުތައް ހުންނަގޮތުން، މަހެފޫޒްގެ ރުޅިވެރިކަން ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދިޔައެވެ. ނަވާލާއި ޒުވާބުކުރަން ފެށިއެވެ. އަނގަމަޑުން ލައިގެން ހުރުމަށް ބުނެ އިންޒާރުދޭން ފެށިއެވެ. އެހެން ނޫނީ ނަތީޖާ ރަނގަޅު ނުވެދާނެކަމަށް ވެސް ބުނަން ފެށިއެވެ.

ނަވާލުގެ އަމަލުތަކާއި ބަސްމަގު ހުންނަގޮތުން، ދިމާވަމުންދިޔަ ކަންކަމާއި ބައެއް މީހުން ހިތްހަމަ ނުޖެހުނެވެ. އެހެން ނުހަދައި މަޑުން ހުރުމަށް އޭނާއަށް ނަސޭހަތް ދިނެވެ. ކަންތައްތައް ދާގޮތުން ވިއްޔާ ނުބައެއް ވެދާނެކަމަށް ވިސްނައި ދިނެވެ.

މަހެފޫޒް އެރަށުގައި ކުރަނީ ކީއްތޯ ބަލާ މީހަކު އުޅޭހެނެއް ހިޔެއް ނުވެއެވެ.

ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން ދިޔައެވެ. ނަލަނަލަ ހަނދުވަރުން ފުރިގެންވީ އުފާވެރި ރޭތަކާއި ކަޅުފޮއި މޫސުމުން ނުތަނަވަސްކަން އުފައްދަމުން ދިޔަ ކަޅުފޮއި ރޭތަކެވެ.

އޭނާގެ ހަޔާތުގެ އެއްވެސް ހިސާބެއްގައި އެފަދަ ކަޅުފޮއި މޫސުމަކާއި ކުރިމަތިލާން ޖެހިދާނެ ކަމަކަށް ނަވާލު ދުވަހަކު ވެސް ނުދެކެއެވެ. އެފަދަ ކަމަކަށް ވިސްނާ ވެސް ނުލައެވެ.

ނަވާލު ކައިރިން ވަރިވުމަށް ސާހިރާ ކޯޓަށް ދިޔައީ، އޭނާއަށް އެފަދަ އިޝާރާތެއް ވެސް ކޮށްނުލައެވެ. ލިބުނު ޚަބަރާއިއެކު ނަވާލު ހުއްޓުން އެރިއެވެ. ސާހިރާއަށް ވިސްނައިދޭން އެތައް މަސައްކަތެއް ކުރިއެވެ. އޭނާގެ މައިންބަފައިން ވެސް ސާހިރާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެއިން އެއްވެސް ވާހަކައެއް އަޑުއަހާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ ނިންމުން ބަދަލެއް ވެސް ނުވިއެވެ.

އެހެން ގޮތެއް ނެތުމުން ނަވާލު، ސާހިރާ ވަރިކުރިއެވެ.

މަހެފޫޒް އެރަށަށް އަންނަނީ ކޮން ބޭނުމެއްގައި ކަމާއި އޭނާ އެރަށުގައި ކުރަނީ ކީއްކަން ފަޅާއެރިއިރު ވާނެ އެއްޗެއް ވެއްޖެއެވެ. ސާހިރާ ހުރީ މަހެފޫޒާއި އިންނަން ތައްޔާރަށެވެ. ޢާއިލާއިން ނުރުހިއްޖެނަމަ ދެން އޮތް ގޮތަކުން ވިޔަސް އޭނާ އެކަން ކުރާނެއެވެ. އެއީ އޭނާގެ ދިރިއުޅުމެވެ. އޭނާގެ އުފަލާއި ހިތްހަމަ ޖެހުމެވެ. އެންމެ ފަހުގެ ނިންމުން ނިންމުގެ އިޚުތިޔާރު ވެސް އޮންނަން ޖެހޭނީ އޭނާ އަށެވެ. އެނޫން ގޮތެއް އޭނާ ގަބޫލެއް ނުކުރާނެއެވެ.

މަހެފޫޒާއި ކައިވެނިކޮށް އޭނާގެ އާއިލާ ކައިރިއަށް ސާހިރާ ދިރިއުޅުން ބަދަލުކުރިއެވެ. ސާހިރާއާއެކު މަހެފޫޒް ވެސް އާއިލާ ކައިރިއަށް ބަދަލުވިއެވެ.

ކުރިމަތިވަމުން ދިޔަ މަލާމާތާއި ފުރައްސާރައިގެ ސަބަބުން ނަވާލުގެ ސިކުނޑިއަށް ބާރުބޮޑުވިއެވެ. ރުޅިއައިސް ހަމައިން ނައްޓާގޮތް ވާންފެށިއެވެ. މީހުނާއި ޒުވާބުކުރުމާއި އަތްއިސްކުރުން ތަކުރާރުވާން ފެށިއެވެ.

ހިތާމައަކަށްފަހު ހިތާމައެކެވެ. ދިރިއުޅުމުގައި ދިމާވި ހިތާމައާއި ހިތްދަތިކަމުން ސަލާމަތް ނުވެވިގެން އުޅެނިކޮށް ވަޒީފާ ވެސް ގެއްލިއްޖެއެވެ.

ޚިޔާލީ ދުނިޔެއަކަށް ގެއްލިފައިހުރި ނަވާލު ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ. އަވަސް އަވަހަށް އެނބުރިލަމުން ފަހަތް ބަލާލިއިރު އެތަނުގައި ހުރީ މަހެފޫޒެވެ.

” ވަރަށް އަސަރު ކުރޭދޯ ؟ …. އެކަމަކު … މިހާރު އެއީ މަގޭ ވައިފް ” މަހެފޫޒްގެ ކިބައިން ފެނުނީ އުފަލާއި ހިތްހަމަޖެހުމެވެ. ބޮޑާކަމާއި ކިބުރުވެރިކަމެވެ. އޭނާގެ ކާމިޔާބަށް އޭނާ ފަޚުރުވެރިވާވަރެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.