އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─
ނަޒީމާ އާއި ސިޔާދު ބައްދަލުވީ ހެދިގޮނޑުދޮށް ސަރަހައްދުންނެވެ. ސިޔާދެކޭ އެއްފަދައިން ނަޒީމާ ވެސް އެތަނަށް އައިސް އުޅުނީ ރައްޓެހިންތަކަކާއި އެކުގައެވެ. ކޮފީބޮއި މަޖާކޮށްލާށެވެ. މޫދަށްއެރި ހިތްހަމަ ޖައްސާލާށެވެ.
ސިޔާދަށް ނަޒީމާ ފެނުމާއެކުހެން ނަޒީމާއާ މެދުގައި ޝައުޤުވެރިވެވުނެވެ.
ނަޒީމާއަކީ އަންހެންވަންތަ ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ރީތި ޒުވާނެކެވެ. އޭނާއަށް ލިބިފައިވާ ކުލަދޮން ހަށިގަނޑާއި ކަޅުކަންގަދަ ފަންއިސްތަށިގަނޑުގެ ސަބަބުން އެރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ބައްޓަން ރިވެތިވެފައި ޗާލެވެ.
ނަޒީމާ ފެންނަ ކޮންމެ ފިރިހެނެއްގެ ހިތުގައި އޭނާއާމެދު ޝަޢުޤުވެރިކަން އުފެދޭފަދަ ފުރިހަމަކަން އޭނާއަށް ލިބިގެންވެއެވެ. ސިޔާދަށް ވެސް ވީ އެކަހަލަ ގޮތެކެވެ. ފުރަތަމަ ފެނިލުމާއިއެކު ވެސް ނަޒީމާއަށް ޝަޢުޤުވެރި ވެވުނެވެ.
ސިޔާދާއިއެކު އައިސް ގުޅުނު ގުރޫޕްގައި ނަޒީމާމެން ދަންނަ މީހުން ތިއްބެވެ. ދެބައި މީހުންގެ މެދުގައި ވާހަކަ ދެކެވުނެވެ. ލިބުނު ފުރުސަތުގައި ސިޔާދު ވެސް ނަޒީމާއާ ވާހަކަ ދެއްކިއެވެ.
އެދުވަހަށްފަހު ސިޔާދުގެ ހިތުން ނަޒީމާއަށް ހާއްސަ ޖާގައެއް ދެވުނެވެ. ދެކިލާ ހިތްވާން ފެށިއެވެ. ވާހަކަ ދައްކާލަން ބޭނުންވާން ފެށިއެވެ. އޭނާއާމެދު ވިސްނޭވަރު ގިނަވަމުން ދިޔައެވެ. އެޚިޔާލުތަކާއި ދުރަށް ދާން އުނދަގޫވިއެވެ.
ކެތްތެރިކަން ކޮޅުންލުމުން ސިޔާދު ގޮސް މާނާ ގާތު އެވާހަކަ ދެއްކިއެވެ. އެކަމުގައި އޭނާއަށް އެހީތެރިވުމަށް އެދުނެވެ.
ސިޔާދު އެދުނު ފަދައިން އޭނާއަށް ނަޒީމާއާ ބައްދަލު ކުރެވޭނެގޮތް މާނާ ހަމަޖައްސައިދިނެވެ. ދާންވީ ތަނާއި ގަޑި ވެސް ބުނީ މާނާއެވެ. މާނާގެ ހެޔޮކަމާއި އެހީތެރިކަމަށް ސިޔާދު ޝުކުރު އަދާކުރިއެވެ.
ނަޒީމާ ދިރިއުޅެނީ ވިލިމާލޭގައެވެ. ނަޒީމާއާ ބައްދަލުކުރަން ސިޔާދާއި މާނާ ދާންޖެހުނީ ވިލިމާލެއަށެވެ. އެ ނޫން ގޮތަކަށް ނަޒީމާ އެއްބަހެއް ނުވިއެވެ. އެވަރުގެ ފުރުސަތެއް ވެސް ލިބުނީތީ ސިޔާދު ހުރީ ހިތްހަމަ ޖެހިފައެވެ.
ދީފައިވާ ނަލަ ހަނދުވަރުގެ އަލިން މުޅިބިން ވަނީ އަލިވެ އުޖާލާވެފައެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިއާއި އެއަލިކަން އެކުވުމުން މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ.
ނުވައެއް ޖަހާކަން ހާއިރެވެ.
ޒަމާނާއި އެކަށީގެންވާފަދަ ތަނަވަސް ބޮޑު އިމާރާތެކެވެ. ހަތް ފަންގިފިލައަށް ވާގޮތަށް ހަދާފައިވާ އެއިމާރާތުގެ ގްރައުންޑްފުލޯ ފިޔަވައި ކޮންމެ ފުލޯއެއްގައި ދެ އެޕާރޓްމެންޓް ހުރެއެވެ. ގްރައުންޑްފުލޯ އެއްކޮށް ކަހަލަގޮތަކަށް ހުރީ ފިހާރައަކާއި ގުދަނެކެވެ.
” ވާއޮ … ” ނަޒީމާމެން ދިރިއުޅެމުންދާ އިމާރާތް ފެނުމާއިއެކު ހިތާހިތުން ސިޔާދަށް ބުނެވުނެވެ. އެ އިމާރާތަކީ ނަޒީމާގެ ބައްޕަގެ ގެއެވެ. ނަޒީމާގެ މައިންބަފައިންނަށް ލިބިފައިވަނީ ނަޒީމާ އެކަންޏެވެ.
ސިޔާދު މަޑުކުރީ ދުރުގައެވެ. ނަޒީމާ ގޮވައިގެން މާނާ އައެވެ. ވާހަކަ ދައްކަމުން ދައްކަމުން ތިންމީހުން ހިނގައިގަތީ އަތިރިމައްޗާއި ދިމާއަށެވެ. އެދިމާއިން ފެންނަމުންދަނީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމެވެ.
ސިޔާދު ބޭނުންވި ފުރުސަތު ދެމުން މާނާ ދުރަށް ޖެހެލިއެވެ. ސިޔާދާއި ނަޒީމާ ތިބީ އަތިރިމަތީ ހަދާފައިވާ ޖޯލިފަތިތަކުން ޖޯލިފައްޗެއްގައެވެ. ސިޔާދު ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަމުން އެވާހަކަތަކުގައި ނަޒީމާ ބައިވެރިވިއެވެ.
ސިޔާދު ލޯބި ހުށަހެޅުމުން ނަޒީމާއަށް ލިބުނީ ހައިރާން ކަމެވެ. އެ ވާހަކަތައް އަޑުއިވުމުން އޭނާގެ އަނގަ ބެދި ހަރަކާތް ހުއްޓުނެވެ. ސިޔާދަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. ގަބޫލުކުރަން ބޭނުން ނުވަނީ ކަމެއް، ހިތްހަމަ ނުޖެހުނީ ކަމެއް ސާފެއް ނުވިއެވެ.
” ސިޔާދުގެ ތިޔަ އެދުމަށް އަހަރެން ޖަވާބެއް ދޭނަން …. ހަފްތާއެއްވަރު ދީ. ” ޖަވާބު ދިނުމުގެ ކުރިން އިތުރަށް ވިސްނާލަން ޖެހޭތީ އެކަމަށް ވަގުތު ބޭނުންވާ ކަމަށް ނަޒީމާ ބުންޏެވެ.
ނަޒީމާ ގެއަށް ލާފައި ސިޔާދާއި މާނާ މާލެ އައެވެ. ދެކެވުނު ވާހަކަތަކާއި ކަންތައް ގޮސްފައިވާ ހިސާބު މާނާއަށް ސިޔާދު ކިޔައިދިނެވެ. މާނާ ކުރަންވީ ކަންތަކާއިމެދު ދެމީހުންގެ މެދުގައި ވާހަކަ ދެކެވުނެވެ.
ސިޔާދާއި ބެހޭގޮތުން އޭނާ ދިނީ ތެދުމަޢުލޫމާތު ބާއެވެ. އޭނާ ދެއްކީ ރަނގަޅު ވާހަކަތަކެއް ބާއެވެ. އޭނާގެ އަސްލު މަޤްޞަދަކީ ކޮބައިބާއެވެ. އޭނާގެ ހިތުގައި ވަނީ ތެދުވެރި ޙަޤީޤީ ލޯބި ބާއެވެ. އޭނާ ނަޒީމާއަށް ލަނޑެއް ނުދޭނެބާއެވެ. ސިޔާދުގެ ވާހަކަތަކާއިމެދު ނަޒީމާ ވިސްނިއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައެވެ. ސިޔާދަކީ ކާކުތޯ ބެލުމުގެ މަސައްކަތް ނަޒީމާ ކުރަމުން ދިޔައީ އޭނާގެ ބައެއް ރައްޓެހިން މެދުވެރިކޮށެވެ. ގޮތެއް ނިންމުމުގެ ކުރިން އެތައް ކަމެއް ބަލަން ޖެހޭކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ. ކުރިން ވީހެން މިފަހަރު ވާކަށް އޭނާ ބޭނުމެއް ނޫނެވެ.
ހޮނިހިރު ދުވަހެއްގެ ހަވީރެވެ. ސިޔާދު އުޅުނީ ފިހާރައިގެ މަސައްކަތުގައެވެ.
ނަޒީމާ އައިސް ފިހާރައަށް ވަނެވެ. ފެނުނު މަންޒަރުން ލިބުނު ހައިރާންކަމާއިއެކު ކޮންމެވެސް ވަރަކަށް ސުވާލު އުފެދުނެވެ. ނަޒީމާ ފެނުމުން އުފާވެ ހިތްހަމަ ވެސް ޖެހުނެވެ.
” ސިޔާދު! …. ވަރަށްބޮޑު ވާހަކައެއް ބުނަން މިއައީ. ” ނަޒީމާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އޭނާ ދައްކާ ވާހަކަތައް އެހެން މީހަކަށް އަޑުއިވެން އޭނާ ބޭނުމެއް ނުވިއެވެ.
” އެހެންތަ؟ ….. އަވަހަށް ބުނޭ. ނަޒީ ދައްކާ ކޮންމެ ވާހަކައެއް އަޑުއަހަން އަހަރެން މިހުރީ ތައްޔާރަށް. ” ސިޔާދުގެ ކިބައިން ފެނުނީ ހިތްހަމަ ޖެހުމެވެ. އޭނާއާ ބައްދަލުކުރަން ނަޒީމާ އައުމުން ވެފައިވަނީ އިންތިހާ ދަރަޖައިގެ އުފަލެކެވެ.
” މިއީ އަހަރެންގެ ދަރިއެއް. ކައިވެނި ރޫޅުނުފަހުން އަހަރެއްހާ ދުވަސްވަނީ. ދަރީގެ ޚަރަދަށް އެންމެ ރުފިޔާއެއް ނުލިބޭ …. ސިޔާދަށް އޮޅިފައިވާހެން ހީވާތީ އެވާހަކަ ބުނެލަން މިއައީ. ” ނަޒީމާގެ ކިބައިން ފެނުނީ މާޔޫސްކަމެވެ. ނާއުންމީދުގެ ކުލަވަރެވެ.
ފިހާރައިން ނުކުންނަން ހިނގައިގަތް ނަޒީމާގެ އަތުގައި ސިޔާދު ހިފިއެވެ. މަޑުކުރުމަށް އެދުނެވެ.
ނަޒީމާ މަޑުކުރިއެވެ. ވާހަކަ ދައްކަމުން ދައްކަމުން ނަޒީމާގެ އުރުގައިއިން ކުޑަކުޑަ އަންހެންކުއްޖާ ސިޔާދު އުރާލިއެވެ. ވާހަކަތައް އަޑުއަހަން ހުރި ނަޒީމާގެ ކިބައިން އުންމީދުގެ ކުލަވަރު ފާޅުވިއެވެ. ބައެއް ފަހަރު ކުޑަކުޑަކޮށް ހީލައެވެ.
ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ނަޒީމާ ބައްދަލުކުރަން ސިޔާދު ވިލިމާލެއަށް ދިޔައީ އެކަންޏެވެ.
ސިޔާދު ފޯނުކުރިއިރު ނަޒީމާ ހުރީ ބޭރަށް ނުކުމެއެވެ.
ސިޔާދާއި ނަޒީމާ ވާހަކަ ދައްކަމުން ދައްކަމުން އެދިމާއަށް އަތިރިއަށް ނުކުތެވެ. އޭރު އެސަރަހައްދުގައި އެހެން ބަޔަކު ވެސް ތިއްބެވެ. ޢަމަލުތަކާއި ހަރަކާތްތައް ހުރިގޮތުން ހީވަނީ އެއީ ލޯބިވެރިންގެ ޖޯޑުތަކެއް ހެންނެވެ.
ނަޒީމާގެ ދަރިއަކު ހުރުމަކީ ސިޔާދަށް މައްސަލައެއް ނޫނެވެ. ދޮންދަރިއަކާއި ހަވާލުވާން ޖެހުމަކީ އޭނާ ކަންބޮޑުވާ ކަމެއް ނޫނެވެ. ދޮންދަރިއަކަށް ހަރަދު ކުރަން ޖެހުމަކީ އޭނާއަށް ޝަކުވާއެއް ނޫނެވެ. ބޭނުންވަނީ ލޯތްބާއި އަޅާލުމެވެ. ތެދުވެރި ކަމާއި ވަފާތެރިކަމެވެ. އުމުރުދުވަހު އެކުގައި އުޅޭނެ ކަމުގެ ޔަގީންކަމެވެ. އޭރުން ހުރިހާކަމެއް ފުރިހަމަ ވީއެވެ.
ސިޔާދުގެ ވާހަކަތައް އަޑުއަހަންހުރި ނަޒީމާގެ ކިބައިން ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ. ކާމިޔާބުގެ ހިނިތުން ވުމެވެ.
ކައިރިއަށް އައުމަށް ދައުވަތު ދެމުން ސިޔާދު ދިއްކޮށްލި އަތުގައި ނަޒީމާ ހިފިއެވެ. ސިޔާދު ބޭނުންވި ފަދައިން މަޑުމަޑުން ގޮސް އޭނާގެ މޭގައި ލައްވެލިއެވެ. ނަޒީމާގެ ހަށިގަނޑުގައި އަތް ވަށާލަމުން ސިޔާދު ފިރުމާލި ފިރުމާލުން ނަޒީމާގެ ހިއްސުތަކާއި ކުޅެލިއެވެ. ސިޔާދަށް ވަމުންދިޔަ ގޮތް ނަޒީމާއަށް އިހުސާސް ކުރެވުނެވެ. އިހުތިޔާރުން ބޭރުގައި ނަމަވެސް އެކަމަށް އެއްބާރުލުން ދެވުނެވެ.
ސިޔާދު ބޭނުންވި ފަދައިން ނަޒީމާ އޭނާގެ ލޯބި ގަބޫލުކުރިއެވެ.
ސިޔާދު މާލެ ދިޔައިރު، އޭނާ ބަލައި އައިސް މާނާ ހުއްޓެވެ. މާނާ އާއި ސިޔާދު ވާހަކަ ދައްކަމުން ދައްކަމުން ސައިކަލް ދުއްވާލިއެވެ.
ނަޒީމާއަކީ އެކަނިވެރި މައެކެވެ. ދޮންދަރިއަކާއި ހަވާލުވާން ބޭނުން މީހުން މަދެވެ. އެހެން މީހެއްގެ ދަރިއަކަށް ހަރަދުކުރަން ޖެހުމަކީ އަދި މާބޮޑު ކަންބޮޑުވުމެކެވެ. ނަޒީމާގެ ހަޔާތުގައި ދިމާވި އެންމެބޮޑު މައްސަލައަކީ ވެސް އެއީ އެވެ.
ސިޔާދު ބޭނުންވީ ނަޒީމާއެވެ. އެކަން ވެއްޖެނަމަ ހުރިހާ މައްސަލައެއް ހައްލުވާނެއެވެ. އެއިތުބާރާއި ޔަގީންކަން އޭނާއަށް އޮތެވެ.
ނަޒީމާ ހުރީ އުފަލުންނެވެ. ހަޔާތަށް ގެންނަން އޭނާ ބޭނުންވި ފަދަ ބައިވެރިއެއް ލިބުނީތީ ހިތްހަމަ ވެސް ޖެހިފަ އެވެ. އޭނާއަށް އެހީތެރިވި އެންމެނަށް ޝުކުރުއަދާކުރިއެވެ.
ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީއާއެކުވަމުން ދިޔައެވެ. ނަޒީމާ އާއި ސިޔާދުގެ ލޯބީގެ ގުޅުން ވެސް ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ބަދަހިވަމުންނެވެ. ލިބެމުންދިޔަ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތައް ދެމީހުންގެ ކިބައިން ވެސް ފެނެއެވެ. އެކަކު އަނެކަކާއި އެހާމެ ގުޅެއެވެ.
މާނާ އާއި ނަޒީމާ ދިމާވީ ނަޒީމާ މާލެ އައި ދުވަހަކު ކޮފީ އިންނެވެ. ކޮފީގައި ތިބެގެން ވާހަކަ ދައްކަމުންދިޔަ ދިއުމުގައި ކައިވެނީގެ ވާހަކަ ނަޒީމާ ދެއްކިއެވެ. ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ވާހަކަ އާއި ސިޔާދުގެ ރަނގަޅު ވާހަކަ ބުންޏެވެ. މާނާގެ ފިރިމީހާއާ ބައްދަލުކޮށް ނުދޭތީ އެކަމުގެ ޝަކުވާ ކުރިއެވެ. ކައިވެންޏަށް އަންނައިރު ފިރިމީހާ ނުލާ އައިސްގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.
ނިހާމްއަކީ ނަޒީމާގެ ބައްޕަ ވަފާއުގެ ވަރަށްގާތް ރައްޓެއްސެކެވެ. އޭނާގެ ރައްޓެހިންގެ ތެރެއިން އޭނާ އެންމެ އިތުބާރުކުރާ އެކަކު ވެސް މެއެވެ.
ނިހާމަށް ސިޔާދާއި ނަޒީމާ ފެނުނީ ވިލިމާލެ ފެރީޓާމިނަލް ކައިރިންނެވެ. އެމީހުންގެ ޢަމަލުތަކާއި ހަރާކާތްތައް ފެންނަ ކޮންމެ މީހަކަށް އެދެމެދުގައި ހާއްސަ ގުޅުމެއް ވާކަން އެނގޭނެއެވެ. ފެނުނު މަންޒަރާއިއެކު ނިހާމަށް ލިބުނީ ހައިރާން ކަމެވެ. އެތައް ސުވާލެއް ވެސް އުފެދުނެވެ.
ވަފާއުއާ ބައްދަލުވުމުން ނިހާމް އެވާހަކަ ދެއްކިއެވެ. ނިހާމްގެ ވާހަކަތައް އަޑުއަހަން ހުރި ވަފާއު ބުނިގޮތުން އެއީ ސިޔާދެވެ. ނަޒީމާ އާއި ސިޔާދު އުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރާށެވެ. ނަޒީމާ އާއި އޭނާގެ ދަރިފުޅު ދެކެ ސިޔާދު ވަރަށް ލޯބިވެއެވެ.
ވަފާއުގެ ވާހަކަތައް އަޑުއަހަން ހުރި ނިހާމް ދެއްކީ މުޅިން އެހެން ވާހަކައެކެވެ. ސިޔާދަކީ މާކުރީއްސުރެ އޭނާ ދަންނަ މީހެކެވެ. އޭނާ އުޅެނީ އެހެން ކުއްޖަކާއި ރައްޓެހިވެގެންނެވެ. ނަޒީމާ ހޯދަން އެގެއަށް އަންނަ މާނާއަކީ ސިޔާދުގެ ލޯބިވެރިޔާއެވެ. އޭނާ ނަޒީމާ ގުޅެން މަސައްކަތް ކުރުމުގައި އެހެން ކޮންމެވެސް ސިއްރެއް އޮންނާނެއެވެ. އެމީހުން އެއުޅެނީ ކޮންމެވެސް ބޮޑު ރޭވުމެއްގައެވެ.
ނަޒީމާގެ ދަރިފުޅު ނީޒާ ހުރީ ކޮޓަރިތެރޭގައި ކުޅޭށެވެ. ނަޒީމާ އުޅުނީ ކޮޓަރިތެރެ ތަރުތީބު ކޮށެވެ. ކުއްލިއަކަށް އިވުނު އަޑާއިއެކު ނަޒީމާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އެދިމާއަށް ބަލާލިއިރު އެނދުމަތީގައި އޮތް ރަންފަށް ނީޒާ އެއްލާލީއެވެ. މުށިތައް މަތީގައި އެ ފަށް ޖެހުމާއިއެކު އޭގެ ފުލުފޮތި ފަޅައިގެން ދިޔައެވެ. ހިތެއްހެން އޮތް އެ ފުލުފޮތީގެ ތެރެއިން ކޮންމެ ވެސް އެއްޗެއް ނަޒީމާއަށް ފެނުނެވެ. ތަނެއްދޮރެއް ނޭނގޭހެން ލިޔުންތަކެއް ލިޔެފައި އޮތް އެކުޑަކުޑަ ކަރުދާސްކޮޅު ފެނުމުން ނަޒީމާއަށް ލިބުނީ ހައިރާން ކަމެވެ. ސުވާލުތަކުން މީހާ ހާސްކޮށްލިއެވެ.
އެ ރަންފަށަކީ ސިޔާދު އޭނާއަށް ދީފައިވާ ހަދިޔާއެކެވެ.
ނަޒީމާ އަވަސް އަވަހަށް އެ ހިފައިގެން ބޭރަށް ނުކުތެވެ. އޭނާއަށް ނުކުމެވެވުނީ އޭނާގެ ބައްޕަ ވަފާއު އާއި މަންމަ ޖާބިރާގެ ކުރިމައްޗަށެވެ. ވަފާއު އަތަށް އެކަރުދާސްކޮޅު ދެމުން ވީގޮތް ނަޒީމާ ކިޔައިދިނެވެ. ވަރަށް ސައުގުވެރިކަމާއިއެކު އެއަށް ބަލާލަމުން ވަފާއު ދުރަށް ޖެހެލިއެވެ.
ނިހާމާއިއެކު އެހެން ފިރިހެނަކު އައެވެ. މެދުއުމުރުގެ އެމީހާއަށް ބަލާލުމުން ނަޒީމާއަށް ވިސްނުނީ މުޅިން އެހެން އެއްޗެކެވެ. އެލިޔުންކޮޅު ބަލައިލަމުން ނަޒީމާއަށް އޭނާ ބަލައިލިއެވެ.
” މިއީ ފަންޑިތައިގެ ބާވަތެއް …. މީގެ ބޭނުމަކީ ނަޒީމާގެ ހިތް އޭނާގެ މައްޗަށް އަނބުރާލުން. ދުވަހަކު ކޮޅުން ވެސް އެހެން ފިރިހެނަކާއި ދިމާއަށް ދިޔަ ނުދިނުން. މިއީ ވަރަށްބޮޑު ނުރައްކަލެއް. ” އެ ލިޔުންކޮޅަށް ބަލާލަމުން އެމީހާ ވާހަކަދެއްކިއެވެ.
އިވުނު ވާހަކަތަކާއިއެކު ނަޒީމާ ކަންބޮޑުވިއެވެ. ނުތަވަސްކަމާއި ހާސްކަން އޭނާ ވަށާލިއެވެ. ކޮންމެވެސް ވަރަކަށް ބިރުވެސް ގަތެވެ. ދެރަވެ ރޮވޭގޮތް ވެސް ވިއެވެ.
ނަޒީމާއާއިއެކު ވަފާއު މާލެ ދިޔައެވެ. ސިޔާދާއި ނަޒީމާ ބައްދަލުކުރީ ސިޔާދު މަސައްކަތްކުރާ ފިހާރައިންނެވެ. އެތަނުގައި މާނާ ވެސް ހުއްޓެވެ.
ސިޔާދާއި މާނާގެ ރޭވުން އެނގޭ ވާހަކަ ނަޒީމާ ބުނުމުން ސިޔާދަށް ލިބުނީ ހައިރާންކަމެވެ. އެކަމާއި ގުޅުންހުރި އެތައް ވާހަކައެއް ނަޒީމާ ކިޔައިދިނެވެ. ހުރިހާކަމެއް ފަޅާއަރައިފި އެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. ދޮގު ކުރެވޭނެ ގޮތެއް ވެސް ނެތެވެ. އެވަރަށް ހެކި އެބަހުއްޓެވެ.
ކުށަށް އިއުތިރާފުވާ ފަދައަކުން އިސްޖަހާލައިގެން ތިބުން ފިޔަވައި އެހެން ކަމެއް ސިޔާދާއި މާނާއަކަށް ނުކުރެވުނެވެ.
ނަޒީމާ އާއި ވަފާއު ފިހާރައިން ނުކުތީ ސިޔާދުގެ އަތަށް އެފަށާއި ފަށުފޫ ދީފައެވެ. އޭގައި ފޮރުވިފައިވާ ސިއްރު ފަޅާއެރީތީ ނަޒީމާ އުފާކުރިއެވެ. ވަގުތު ޖެހުމުގެ ކުރިން އެކަމުން ސަލާމަތްވީތީ މާތް ﷲ އަށް ޝުކުރުދެންނެވިއެވެ. އެފަށާއި ފަށުފޫ އޭނާއަކަށް ދެނެއް މުހިންމެއް ނުވާނެއެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި