އޭނަޔަކީ ނޮޅިވަރަން މީހަކަސް، މާލޭގެ ފިހާރައެއްގައި މަސައްކަތްކުރާ މީހެކެވެ. އޭނަޔާ “މީނާ” ދިމާވީ މީނާ ދަތުރުވަރެއްގައި މާލެއައި ފަހަރަކުއެވެ. މީނަޔަކީ ފުވައްމުލަކު އަންހެނެކެވެ. އެއީ 1979 އެވެ. އެކަމެއް ވާންއޮންނަ ގޮތަކަށް ވެ ނިމިދާނެތާއެވެ. ރައްޓެހިވެސް ވީއެވެ. ކައިވެނިވެސް ކުރީއެވެ. ދަރިންވެސް ލިބެން ހުރީތީ އެކަންވެސް އެ އޮތް މަގަކުން ހިނގަމުން ދާނެތާއެވެ.
ކޮންމެއަކަސް މި ދެމަފިރިންގެ ފަސްވަނަ ދަރިފުޅު އުފަންވީ 1990 ވަނަ އަހަރު ފުވައްމުލަކުގައެވެ. އެއީ އަންހެން ކުއްޖެކެވެ. ދިރިއުޅުމަށް އައި ބަދަލުތަކާއެކު އެކުއްޖާގެ އުމުރުން ތިންއަހަރުގައި ބަދަލުވީ ނޮޅިވަރަމަށެވެ. އަނެއްކާވެސް ދުވަސްކޮޅެއްގެ ފަހެވެ. އެމަންޖެއަށް 11 އަހަރުގައި ފުވައްމުލަކަށް ދާންޖެހިއްޖެއެވެ.
އެކުއްޖާގެ ސްކޫލް ދުވަސްވަރު ގްރޭޑް 7 ގައި އުޅެމުން ޅެންވެރިކަމުގެ ތެރެއަށް ކޮންމެސް ވަރަކަށް ވަދެ، އެކަމުގައި ކުރިޔަށް ދެވޭތޯ މަސައްކަތް ފަށައިފިއެވެ. ކިޔައިދޭނެ ބުނެދޭނެ އެދުރެއް ނެތަސް އެއީ އޭނާގެ ޝައުޤަކަށް ވާތީ ހިތްވަރު އެލުވައެއް ނުލައެވެ. ހެޔޮކޮންނާ ގޯސްކޮށް އޭނާއަށް ފޮތްތަކުން ދަސްވިވަރަކަށް ދިޔައީ ލިޔަމުންނެވެ.
ސްކޫލް ނިމިއްޖެއެވެ. އެހިސާބުން އެނބުރި ނޮޅިވަރަމަށް އައީ އުމުރުން 18 އަހަރުގައެވެ. މޯޑާ ދިމާވީ އެހިސާބުންނެވެ.
ވަގުތާ ސާޢަތް ދިމާވެއްޖެއެވެ. އެކަކު އަނެކަކުގެ އެކަނިވެރިކަން ފިލުވައިދިނުމަށް ވަޢުދުވެއްޖެއެވެ. އެންމެފަހުން 2010 ވަނަ އަހަރު ކައިވެނީގެ ގޮށް ބާރަށް ޖަހައި، 2014 ގައި ލޯބިލޯބި ފިރިހެން ދަރިޔަކުވެސް ހޯދައިފިއެވެ.
ދެމަފިރިންގެ ދިރިއުޅުން ހަމަޖެހޭ ދިރިއުޅުމަކަށް ބަދަލުކޮށްލުމުގެ ނިޔަތުގައި ވިޔަފާރިޔަށް ކުދިކުދި ބައެއްް މަސައްކަތްތައް ކުރަންފަށައިފިއެވެ. ފިރިމީހާ މޯޑު ވެސް އުޅެނީ ރިޒޯޓް ވަޒީފައިގައި ވަރަށް އަވަދިނެތިއެވެ.
އެދުވަސްތަކުގައި ޅެންވެރިކަމަށް އެހުރި ޝައުޤެއްގެ ބޮޑުކަމުން އެތައް ބަޔަކަށް އެކަން އުނގެނުމަށް އާދޭސްކޮށް ސަލާންޖަހަމުން ދިޔައެވެ. އެއްވެސް އަލިމަގެއް ނުފެނުނެވެ. މި ހިތްވަރުގަދަ ޒުވާނާގެ ނަމަކީ ޢާއިޝަތު ޒުމްރާ އެވެ. ގިނަ އެކުވެރިން ލޯބިން ވަނަމަކަށް ކިޔަނީ ‘ޒުމް’އެވެ. މިވާހަކަތައް ޒުމްރާ ކިޔައިދިނީ ވަރަށް ތަފުޞީލުކޮށެވެ. ނަމަވެސް މި ނަކަލްކޮށްލީ އެއިން ކުޑަ މިންވަރެކެވެ.
ޒުމްރާ ބުނިގޮތުން އޭނާހުރީ ޅެންވެރިކަމަށް ފެންބޮވައިގެންފައެވެ. އޭނާއަށް ޢީސާ ޝަރީފުގެ ޅެންތައް ފޭސްބުކުން ފެނި ކިޔަމުން ދިޔައީ ވަރަށް ޝައުޤުވެރިކަމާއެކުއެވެ. ކިތަންމެހައިވެސް އޭނާ އީސަޔާ ގުޅާ މަޢުލޫމާތު ހޯދުމަށް ދަހިވެތިވިއެވެ. ގަންނަ ލަދުންނާ ޖެހިލުންވާވަރުން ނުކެރިފައި ހުރެމެ، މިދިޔަ އަހަރު ފެށުނުތަނާ، 2022ގެ ޖަނަވަރީމަހު މެސެޖެއް ކޮށްލައިފިއެވެ. ލިބުނީ އުފާވެރި ޚަބަރެކެވެ.
މިހައި ހިސާބުން ޒުމްގެ ވާހަކަ މެދުކަނޑާލާފައި އަޅުގަނޑު އީސަޔާ ކުރި ބައެއް ސުވާލުގެ ޖަވާބު ލިޔެލާނަމެވެ.
“އާނ! ޒުމް މަށާ ގުޅާފައި ވަރަށް ޖެހިލުންވެހުރެ ވަރަށް ދުރުން ވާހަކަ ފެށީ. އަހަރެން ބުނިން ވާހަކަ ކުރުކޮށްލާފައި އަޅެ ކޮށްފައި ހުރި ބައެއް މަސައްކަތް ދައްކާލަބަލާށޭ. އޭނަ ބައެއް ޅެމާ، ވަކިވަކި ބައިތުވެސް ފޮނުވި. އާކުއްޖަކާ ބަލާފައި ވަރަށް ޚިޔާލު ތަނަވަސްކަން ވިސްނުނު. އަހަރެން ބުނިން ޒުމްއަށް ތިޔަކަން ކުރެވޭނޭ. އަވަހަށް މަސައްކަތް ފަށާށޭ.” އީސަ ކިޔައިދިނެވެ.
ކޮންމެއަކަސް ޒުމްރާ ބުނީ އެދުވަހު ހަމަ އެވަގުތު، އީސަ ސާރ ލިޔެފައި އޮތް ދެ ފޮތެއް ވައިބާއިން ފޮނުވައިދިނުމުން ޤަބޫލުވެސް ކުރަން ދަތި އުފާވެރިކަމެއް ހިތަށް ވެރިވެގެން ދިޔަކަމަށެވެ. އޭނާ ބުނިގޮތުން އެދުވަހު ހަމަ އެވަގުތު އެ ދެފޮތް އެއްކޮށް ކިޔައި އޭގައި ހުރި ފިލާވަޅުތައް ބޭނުންކޮށްގެން ބައިތުތައް ހަދަންފަށައިފިއެވެ.
“ޒުމް އެރެޔާ ޖެހިގެންއައި ހަފުތާގައި އިރުއިރުކޮޅާ ޅެމެއްގެ ބައެއް ނޫނީ ބައިތެއް ފޮނުވާ. އަހަރެން ވަގުތުން ރަނގަޅުކުރަމުން ބަދަލުކުރަން ވީގޮތް ކިޔައިދެމުން ގެންދިޔައިން. ދެން އޭނާގެ އެ ޝައުޤުވެރިކަން ފެނިފައި، އަދި ބޭނުންކުރާ ބައެއް ޢިބާރާތް ކިޔާފައި ވަރަށް ބޭނުންވެއްޖެ ހަމަ ރަސްމީކޮށް އިތުރަށް ކިޔަވައިދޭން. އަހަރެން ބުނިން، ފޯނަށް ޒޫމް އެޕްލިކޭޝަން އަޅާފައި އަންގާލާށޭ. ހަމަ ވަގުތުން ޖަވާބު އަތުވެއްޖެ، ދެތިން މިނިޓު ވާނީ، ބުނެފި ތިމަންނާ ރެޑީއޭ. ދެން ހަމަ އެވަގުތުން ފެށިގެން ހަތަރުވަރަކަށް ކްލާސް ނަގައިދީފައި ދެން ދިހަވަރަކަށް ދުވަހު ހަދާ ޅެންތައް ބަލާ ޗެކްކޮށްފައި އަހަރެން ބުނެފިން މާދަން ރޭ އިންޓަމީޑިއޭޓް ފަށަމާހޭ؟” އީސަ މިވާހަކަތައް ކިޔައިދިނީ ވަރަށް ޙައިރާންކުރުވި ތަޖުރިބާއެއްގެ ގޮތުގައެވެ.
“އަޅުގަނޑަށް ލިބެމުންދިޔަ އުފަލާ ހިތްހަމަޖެހުން ބުނެދޭންވެސް ނޭނގޭ. ހިތަށް ވެސް ނާރާ އެހައި ވަގުތު ދެއްވަފާނެކަމަކަަށް. އެ ފަހެއްކަ ދުވަހު ހަމަ ލިޔާހިތުން ނުވެސް ނިދޭ. ދެން އީސަ ސާރ ބުނުއްވައިފި އެދުވަސްވަރު ކްލަބްހައުސްގައި ވަރަށް ބުރަކޮށް އުޅުއްވާ ވާހަކަ. ދެން އަޅުގަނޑު ވެސް ބޭނުންވެއްޖެ ކްލަބްހައުސް އަށް ވަންނަން. ހަމަ ވަންގޮތަށް ވަދެ ޢީސަ ސާރ އެކަނި ފޮލޯކޮށްލީވެސް. އެދުވަސްވަރު ޢީސަ ސާރ ހަމަ އޮޅިޔަކަށް ވަންނަވާއިރަށް އަޅުގަނޑަށް މެސެޖް އަންނާނެ. އެއްރޭ ލިންކް ފޮލޯކުރީމަ ވަދެވުނީ ބަދަހި މިތުރުން ކިޔާ އޮޅިޔަކަށް. އޭރު ކިޔަވައިދެއްވާ ޅެން ކްލާހެއް ފެށިގެން ކުރިޔަށް ދަނީ. ދެން ނިމެންދެން އަޑުއަހަން އިނދެފައި އަޅުގަނޑު ސާރ އަށް މެސެޖްކޮށްލައިފިން، ބުނެވެސް ނުލައްވާ ޅެންކޯހެއް ފެއްޓެވީމަ ވަރަށް ދެރައޭ ކިޔާފައި. އީސަ ސާރ ބުނުއްވައިފި، ތިޔައޮތީ އެ ކްލާހަށްވެސް ވަދެވިފައޭ. އޭރު އެ އޮޅީގައި ތިބި އެހެން ކުދިންނަކަށް ނޭނގޭނެ އަޅުގަނޑު ބޭސިކާ އިންޓަމީޑިއެޓް ހެދިކަމެއް. އެކޯހުގައި އަސްލު ކިޔަވައިދެއްވަނީ އޭރު އާދަމް އިބްރާހިމް ސާރ އާއި އާދަމް ޚަލީލް ސާރ. އީސަ ސާރ އިންނަވާނީ ބައެއްކަހަލަ އެއްޗެހި ކިޔައިދެއްވަން. ދެން އެކޯސް ނިމުނުއިރު ހުރިހައި ބޭފުޅުންނާ ގުޅި ވަރަށް ރައްޓެހިވެއްޖެ. އެހިސާބުން އަޅުގަނޑުގެ ހިތް، އެހެންކަންކަމާ ކުޑަކޮށް އެކަހެރިވެ ސީދާ ޅެންވެރިކަމަށް ހިޖުރަކޮށްފި.” ޒުމްރާ ވަރަށް ހަމަޖެހިލައިގެން އޭނަޔަށް ލިބެމުންދިޔަ ފުރުޞަތުތައް ކިޔައިދެމުން ދިޔައެވެ.
ޢީސަ ގާތުގައި ޒުމްރާގެ ޅެންވެރިކަމާމެދު ދެކެނީ ކިހިނެއްތޯ އަހައިލީމެވެ.
“އަހަރެން ދެން ވަކި ހިސާބަކުން އީއޯޕީ އަށް ޒުމް ވައްދައިފިން. އީއޯޕީގައި ތިބޭނީ ވަރަށް އިތުބާރުކުރެވޭ މޮޅު ކުދިން. އަލަށް މިދާއިރާއަށް ވަން ކުދިންގެ ތެރެއިން ޒުމްގެ އާދަޔާޚިލާފު ހުނަރު ފާހަގަ ކުރެވުމުން، ދެން އޭނަޔާ ޑީލްކުރަންވީ ގޮތް އަޅުގަނޑުމެން އީއޯޕީގެ ސީނިޔާރ ޓީމުގައި މަޝްވަރާކޮށް އޭނަޔަށް ވަރަށް ހިތްވަރުދީ، މަސައްކަތުގައި ވަރަށް އޮކިއުޕައި ކޮށްލިން. އޭނަގެ ޅެންވެރިކަމުގެ މުސްތަޤުބަލް ވަރަށް އުޖާލާ. ވަރަށް މަސައްކަތްވެސް ކުރޭ. އެއީ މޮޅު ޅެންވެރިޔަކަށް ވާނެ.” އީސަ އަށް ޒުމްރާއާ މެދު އޮތް ޔަޤީންކަން ކިޔައިދިނެވެ.
ޒުމްރާގެ ކުރިޔަށް ހުރި މަސައްކަތްތަކާބެހޭގޮތުން ސުވާލުކޮށްލީމެވެ.
“އަޅުގަނޑަކީ އީއޯޕީގެ މެންބަރެއް ވީމަ އެތާގައި ރާވާ ކްލާސްތަކުގައި ބައިވެރިވުމުގެ އިތުރުން ބަދަހިމިތުރުން ކްލަބްހައުސް އޮޅިން ނެރޭ ދެވަނަ ޅެންފޮތަށް ޅެމާ ބަންޖާ އާޅެންތަކެއް ލިޔަމުން މިގެންދަނީ.” ޒުމްގެ މިހާރުގެ ބައެއް މަސައްކަތާބެހޭ ތަފްޞީލު ކިޔައިދިނެވެ. އަދި މިހާތަނަށް ކިހައި ޅެމެއް ލިޔެވިއްޖެތޯ އަހައިލުމުން، 200 ވަރަކަށް ޅެން ލިޔެވިއްޖެކަމަށް ބުންޏެވެ. އީއޯޕީގައި މަސައްކަތްކުރާއިރު ކިޔަވައިދޭން ޚިޔާލެއް ނުކުރަންތޯ އަހައިލީމެވެ.
“އަޅުގަނޑު ކިޔަވައިދޭން ބޭނުންވާނެ ހުރިހައި މަޢުލޫމާތެއް ސާރމެން ދެއްވައިފި. އެބަ ވިސްނަން ފަށަން. އެކަމަކު އަޅުގަނޑު ކިޔަވައިދިނަސް، ކިޔަވައިދޭނީ އީއޯޕީގެ މުދައްރިސެއްގެ ގޮތުގައި” ޒުމްރާގެ ކުރިމަގާމެދު ކުރާ އުއްމީދު އޭނާ ހާމަކޮށްލިއެވެ.
ޒުމްރާގެ މަސައްކަތާ، އޭނާގެ ކުރިމަގާ ބެހޭގޮތުން އީސައާ ވެސް ސުވާލުކޮށްލީމެވެ.
“އަހަރެންގެ ވިސްނުމަކީ އަދި އީއޯޕީގެ ސީނިއަރ ޓީމުގެ ވިސްނުމަކީވެސް ދެން އެންމެ އަވަހަށް އީއޯޕީން ތަޢާރަފްކުރާ މުދައްރިސުންގެ ތެރޭގައި ޒުމް ހިމަނަން. އޭނަޔަށް މިހާރު ބަރާބަރަށް އިންޓަމީޑިއެޓާ ހަމަޔަށް ކިޔަވައިދެވޭނެ. އޭނަ އަތުގައި އެކަމަށް ބޭނުން ހުރިހާ މެޓީރިއަލްސްވެސް ހުންނާނެ. އަދި އޭނަޔަކީ ވަރަށް ކެރޭ ހުނަރުވެރި ކުއްޖެއް. އުމުރުން އަދި އެންމެ 32 އަހަރު. އެހެންވީމަ މިބަލަނީ ވަރަށް ފުރުޞަތު އެބަ އޮތްކަމަށް. ޅެންވެރިކަމަކީ އާދައިގެ ވިސްނުމަކުން ކުރެވޭ ކަމެއްނޫން. އޭނަގެ ސިކުނޑީގައި މި އާރޓް ވަރަށް ފުރިހަމަޔަށް އެބަހުރި. އަހަރުމެން މިދަނީ ޚާއްޞަ ޓްރޭނިންގ ތަކެއްވެސް އޭނަޔަށް ދެމުން. މިހާރު ވަރަށް ރީތިކޮށް އޭނަގެ ޅެންތަކުގައި ޅެންވެރި އުކުޅުތައް އެބަ ބޭނުންކުރޭ” އީސަ ޒުމްރާއާމެދު ދެކޭގޮތް ވަރަށް ސާފުކޮށް ކިޔައިދިނެވެ.
މިހައިހިސާބުން އަލަށް މިދާއިރާ ޚިޔާރުކުރާ ކުދިންނަށް ދޭނެ ނަސޭޙަތަކީ ކޮބައިތޯ ޒުމްރާގާތު އަހައިލީމެވެ.
“އަޅުގަނޑު ބުނެލާހިތްއޮތީ، ފޫހިކަމެއްނެތި، ވަރަށް ޝައުޤާއެކު މިކަންކުރަންޏާ ކުރިމަތިލައްޗޭ. އޭރުންނޭ ކުރިޔަށް ދެވޭނީ. މީ ނުވާނެ ކަމެއްނޫނޭ. އަޅުގަނޑުވެސް ވަރަށް ކުރު މުއްދަތެއްގައި ފުދޭވަރަކަށް ލިޔަން މިފެށުނީތާ؟ އަދިވެސް ދަސްކުރަން ބައިވަރު އެބަހުރި.” ޒުމްރާގެ އިންޓަވިއު ނިންމާލީ، އީއޯޕީގެ ހުރިހައި މުދައްރިސުންނާ އަދި ބައިވެރިންގެ އިތުުރުން، ބަދަހި މިތުރުންގެ އެންމެހައި ބައިވެރިންނާ މަންސޫރު ސާރއަށް ވަރަށް ޝުކުރު އަދާކުރަމުންނެވެ.
ނިންމާލަމުން ދަންނަވާނީ އަޅުގަނޑުމެން މުނިއަވަސް ޓީމުންވެސް އެދެނީ ޒުމްރާގެ ތިޔަ ފަންނަށް އަވަސް ކުރިއެރުމާ ކާމިޔާބީއަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!