ލިޔުއްވީ: އަދްނާން ޙަލީމް
އާދަކާދަ ތަކަށް ބަދަލު އަންނަމުން ދިއުމާއެކު މާލޫދުގެ މާ ގިނަ ކަންކަމެއް ދިރިއުޅުނު މާޙައުލުން ނުފެނެއެވެ. ނަމަވެސް ބައެއް ރަށްރަށުގެ އަށިގެތައް ފެނުނެވެ. އަދި 1970 ގެ އަހަރުތަކުގެ ފަހުކޮޅު ގއ. ވިލިނގިލީ ގައި އޮތް މާލޫދެއް ތަންކޮޅެއް ދުރުން ދުށީމެވެ. އެތެރޭގައި ކަންހިނގި ގޮތެއް ނޭނގެއެވެ. އެ މާލޫދު އޮތީ މިހާރު ކައުންސިލުގެ އިދާރާ ހުންނަ ތަނުގައި ކުރިން ހުރި ޢިމާރާތުގެ ހޯލުގައެވެ. އެކަމަކު އެއީ އާދައިގެ ކުޑަ މާލޫދެކެވެ. އަޅުގަނޑު ހަނދާންވާ ގޮތުން އެއީ ރަޖަބު މަހެއްގެ 27 ވިލޭރޭ އޮތް މާލޫދެކެވެ.

ނަމަވެސް ވަރަށް ބޮޑަށް އިންތިޒާމު ކޮށްފައިވާ ބޮޑު މާލޫދެއް ހައްދުންމަތިން އަޅުގަނޑު ދުށީމެވެ. ކޮންމެވެސް ވަރަކަށް ބައިވެރިވެ ތަޖްރިބާ ކުރީމެވެ. އެއީ އެ އަތޮޅު ފޮނަދޫ ބަރާސީލު އަންހެނުންގެ މާާލޫދެވެ. އެ މާލޫދާ ގުޅިގެން އަޅުގަނޑަށް ފެނުނު ކަންތައްތަކާއި ކުރެވުނު ތަޖްރިބާ ދަންނަވައި ލާނަމެވެ.

އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށް ކަމުގައި ނުވާނަމަ 1982 ވަނަ އަހަރުގެ މި މާލޫދަކީ ފޮނަދޫ ބަރާސީލު އަންހެނުން އެންމެ ފަހުން އިންތިޒާމު ކުރި މާލޫދެވެ. ހަތް ދުވަސް ވަންދެން ކުރިއަށް ދިޔަ މި މާލޫދު އެކި ކަންކަމުގައި ވަރަށް ގިނަ ބަޔަކު ބައިވެރި ވިއެވެ.

މި މާލޫދަށް ނުރަސްމީ ދަޢުވަތު އަޅުގަނޑަށް ލިބުނީ ފޮނަދޫގައި ކުރިއަށް ގެންދިޔަ އަސާސީ ތަޢުލީމު އިމްތިޙާނުގެ މަސައްކަތް ނިންމާފައި އެ އަތޮޅުގެ އެހެން ރަށެއްގައި ހުއްޓައެވެ. ފޮނަދޫގައި ހުރި ދުވަސްތަކުގެ ތެރޭގައި މި މާލޫދުގެ ތައްޔާރީގެ އެއްވެސް ކަމެއް ނުދެކެމެވެ. ނަމަވެސް ރައީސް މައުމޫނު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މެދު އަވަށުގައި ހެދި ދަރުބާރުގެއިން ފޮނަދޫގެ މަސައްކަތްތެރިކަން ފެނުނެވެ. ޚާއްޞަކޮށް މެއްލަ ޖަހައިގެން ހެދި ދަރުބާރުގޭގެ ތަނބުތަކާއި ބެރިތައް ކޮންކްރީޓް ތަނބުތަކާއި ބެރި ތަކެއްހެން ފޮތިން ހެދިތަން ދުށީމެވެ. އެއީ ވަރަށް ފަންނުވެރި ފުރިހަމަ މަސައްކަތެއް ކަމުގައި ފާހަގަ ކުރެވުނެވެ.

މާލޫދުގެ ނުރަސްމީ ދަޢުވަތެއް ލިބުމުން ފޮނަދޫއަށް ގޮސް ފޭބުމާއެކު އަރާމަގު ފަނިން މަރުޙަބާ ކިޔެވެ. އިސްބަގުލް ކަހަލަ އެއްޗަކުން ތައްޔާރު ކޮށްފައިވާ މިބުނާ އަރާމަގު ފަނި ހުންނަނީ ރުނބަޔަށް އަޅައި ބަރާސިލަށް އަރާ މަގުގެ ދެފަރާތުގައި ބަހައްޓާފައެވެ. މެހުމާނުންނަށް ފަނި ދިނުމަށް ތައްޔާރުވެގެން ތިބޭ ބަޔަކު ތިބެއެވެ. ފަނި ނަގަން ހަދާފައި ހުންނަ ޚާއްޞަ އުނދުޅިއަކުން ފަނި ނަގައި ބިއްލޫރި ތަށްޓަށް އަޅާފައި ދެނީ ނަލަ ހެދިގެން ތިބޭ ޒުވާން އަންހެން ކުދިންނާއި ހަރުކުލައިގެ ތަޖްރިބާކާރު އަންހެނުންނެވެ.

މިދެންނެވި އަރާމަގު ފަނީގެ އިންތިޒާމާއި މީރުކަން މިޒަމާނުގެ ވެލްކަމް ޑްރިންކަކަށް ވުރެން މާ ފޮންޏެވެ. ސަގާފަތާއި ތާރީޚާއި އާާދަކާދަ ދައްކައި ދެމުން ދިޔަގޮތާއި ބަލައިގަތުން ކިތަންމެހައި ވެސް ފުރިހަމައެވެ.

ފަނިބޮއި ނިމުމާއެކު މާލޫދުގެ ރަސްމީ ދަޢުވަތު ލިބުނެވެ. އެއީ ފަތްޖަހާފައި އޮންނަ ބިލެތްފަތަކުން ލިބުނު ދަޢުވަތެކެވެ. ކަރުދާހުގެ ޒަމާނީ ދަޢުވަތު ކާޑަކާ އަޅައި ބަލާއިރު އޭގައި އެއްޗެއް ލިޔެފައި ނެތަސް ހިތަށް ކުރި އަސަރު މާ ފިންޏެވެ. ކިޔައިދިން ވާހަކައާއި، އެވާހަކައިގެ މާނަ އިން ދައްކައިދިނީ މާކުރީ ޒަމާނުގެ ތަސްވީރެކެވެ.

ބަރާސީލު އަންހެނުންގެ މާލޫދަކީ ވެސް އަހަރަކު އެއްފަހަރު އޮންނަ ބޮޑު މާލުދެއް ކަމުން މުޅިއަހަރުގެ ތެރޭގައި މާލޫދަށް ތައްޔާރުވެއެވެ. ތަކެތި ހޯދައި އާލާތްކޮށް ހަދައެވެ. ކުރާނޭ ކަންކަމާއި، ކޭންތަކަށް ކައްކާނޭ ތަކެތި ކަނޑައަޅައެވެ. ކޮންމެ އިރެއްގެ ކޮންމެ ކޭމެއްގައި ހުންނަން ޖެހޭނޭ ތަކެތީގެ ލިސްޓެއް ހަދައި ކޭން ތައްޔާރުކުރާ ގޭގެއަށް ވެރިކަމުގެ ފަރާތުން ފޮނުވާފައި ހުރެއެވެ. ކޭންތަކުގައި މި ލިސްޓުން އެއްޗެއް އުނިވެގެން ނުވާނެއެވެ. އިތުރު ކުރިޔަސް ފަރުވާލެއް ނެތެވެ.

މި މާލޫދަށް ފޮނަދޫގެ އަނެއް ދެ އަވަށް ކަމުގައިވާ މެދު އަވަށާއި، ކުރިގަމުގެ މީހުންނާއި، އަތޮޅުގެ ހުރިހާ ރަށަކުން މީހުން އައިކަމުގައި ވިއެވެ. މާލޫދަށް ކެއްކުމާއި ތައްޔާރު ކުރުމުގައި ރަށްރަށުގެ މީހުންގެ ޚާއްޞަކޮށް އަންހެނުންގެ ވަރަށް ބޮޑު ބައިވެރި ވުމެއް އޮވެއެވެ. އެގޮތުން މިކަހަލަ މާލޫދުތަކަކީ ވަރަށް ވަރުގަދަ އިޖުތިމާޢީ ޙަރަކާތެއް ކަމުގައި ފާހަގަ ކުރެވުނެވެ.

ރަށްރަށުގެ މެދުގައި ގުޅުން ބަދަހި ވުމާއި، އެކިއެކި މީހުންގެ މެދުގައި ރަހްމަތްތެރިކަން އުފެދުމާއި، އޭގެތެރެއިން ކައިވެނީގެ ގުޅުންތައް ފެށުން ކަހަލަ ކަންކަން ވެސް މާލޫދުގެ ދުވަސްތަކުގެ ތެރޭގައި އުފަންވެއެވެ.

ބަރާސީލު އަންހެނުންގެ މި މާލޫދަށް ވަގުތީ އަށިގެއެއް ނުވަތަ މާލޫދު ހަރުގެއެއް އެމީހުން އެޅިއެވެ. އެ ހަރުގެ އަޅާފައި ހުރީ މިހާރު ބަރާސީލު ފާޚާނާ ޕަމްޕް ސްޓޭޝަނެއް ހަދާފައި އެހެރަ ފެންނަ ބިމުގައެވެ. އެއީ އެދުވަސްވަރު އަވަށު ރައްޔިތުންގެ ބޭނުމަށް އޮތް ހުސް ބިމެކެވެ. ކުޑަވަރެއްގެ މައިދާނެކެވެ.

މި ހުސް ބިމުގައި މެއްލަ ޖަހައި މަތިވަޑާން އަރުވައި ޓިނުން ހިޔާކޮށް ޒީނަތްތެރިކޮށްފައިވާ ވަގުތީ މާލޫދު ހަރުގެއެއް އަޅާފައި ހުއްޓެވެ. ހަރުގޭގެ އުތުރު ފަރާތުންނާއި ދެ އަރިމަތިން ވަދެ ނިކުންނަ ގޮތަށް އަޅާފައިވާ ބޮޑު މާލަމުގެ އެންމެ ދެކުނު ބައިގައި ސަނދުވާ ދަމައި ވަކިކޮށްފައިވަނީ މައުލޫދު ވެރިންގެ ބައެވެ. ބިމުގައި ސަތަރިއާއި ކުނަލާއި ފޮތިއަޅައި ދޫލައެއްހެން ޒީނަތްތެރި ކޮށްފައި އޮތެވެ.

މިދެންނެވިހެން މާލަމުގެ ދެކުނު ބައި ޚާއްޞަކޮށްފައި ވަނީ ހަމައެކަނި މައުލޫދު ކިޔުމަށެވެ. ކާގަޑިތައް ފިޔަވައި ހަމަޖައްސާފައިވާ ވަކި އުޞޫލަކުން ފާތިޙާ ޞަލަވާތް ކިޔެވުމާއި މައުލޫދު ކިޔުމާއި، މަދަޙަ ކިޔުމާއި، ދުޢާކުރުން މި ބައިގައި އޮވެއެވެ. އެއީ މާލޫދުގެ ހަތްދުވަހުގެ ތެރޭގައި ހިނގަމުން ދިޔަ އެންމެ މުހިންމު ޙަރަކާތެވެ.

މާލޫދު ހަރުގެ ޒީނަތްތެރި ކުރުމަށް ޚާއްޞަ ފަރުދާތަކާއި، ބިތުގައާއި މަތީގައި ދަމާ ފޮތިތައް ޒީނަތްތެރި ގޮތްތަކަށް ހަދާފައި ހުރެއެވެ. މިއީ އެކި ކުލައިގެ ފޮތިން ކުރެހުން އަޅައިގެން ހަދާފައި ހުންނަ އެއްޗެކެވެ. މިއީ ހަމައެކަނި މާލޫދުގެ ބޭނުމަށް އިހުގައި ތައްޔާރުކޮށްފައި ހުންނަ ރައްޔިތުންގެ ތަކެތީގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.

ކޭންތައް ބަހައްޓަނީ ހޯލުގައެވެ. ކޮންމެ ކޭމެއް ބަަހައްޓާ ތަން ވަކިކުރަން ފަންވަތެއް އެލުވާފައި އޮވެއެވެ. ކޭންތަކުގެ އިންތިޒާމު އޮންނަ ގޮތުން އަބަދުވެސް އިށީންނަން ވާނީ ފުރަތަމަ ވެސް ބައިވެރިވި ކޭމުގައެވެ.

ފޮނަދޫ ބަރާސީލު އަންހެނުންގެ މާލޫދުގެ ކޭންތަކުގެ ރަހަމީރުވެފައި ކުލަތައް ވެސް ނަލައެވެ. ހައްދުންމަތީގެ ޚާއްސަ ގުޅަ ރިހައާއި، ކުކުޅުގެ ބާވަތްތަކާއި، މަހުގެ ބާވަތްތަކެވެ. ކޭމުގެ މެނޫ މިއަދު ފެންނާނެ ނަމައޭ ހިތަށް އަރައެވެ. އަދި މި މާލޫދުގެ ފޮޓޯއެއް ވެސް ނެތް ބާވައޭ ހިތަށް އެބަ އަރައެވެ. ހަމަ ޔަޤީނުން ވެސް އަޅުގަނޑެކޭ އެއްފަދައިން އަދި މާރަނގަޅަށް މި މާލޫދުގެ ހަނދާން ހުންނާނެ މީހުން ފޮނަދުއާއި ލާމު އަތޮޅުގައި ތިބޭނެއެވެ.

މުޅީން އާ ކަމެއްގެ ގޮތުގައި ފެނުނަސް އަދި މިފަދަ އެހެން މާލޫދެއްގެ ތަޖްރިބާއާއި އަޅައިކިޔައި ނުލެވުނަސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ދުށް ފޮނަދޫ ބަރާސީލު އަންހެނުންގެ މާލޫދަކީ ވަރަށް ފުރިހަމަ މާލޫދެއް ކަމުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.