ލޯބި ލޯތްބަށްވަނީ ހިތިފޮނި އިންތިޒާރާއެކުގައެވެ. – ފުރަތަމަ ބައި

ސިޓީގެ ޖަވާބަށް ކުރާ އިންތިޒާރު
ދެރޭ ވެއްޖެއެވެ. ސިޓީގެ ޚަބަރެއްނުވެއެވެ. މާޔޫސްކަން އިތުރުވެއްޖެއެވެ. ރަޙުމަތްތެރިޔާއަށް ވަރަށް އުނދަގޫކުރެވެން ފަށައިފިއެވެ. އޭނާވެސް ވަކި ކުރާނީ ކީއްހެއްޔެވެ؟ އޭގެ އެއްރޭފަހުން އޭނާ ސިޓީ ހިފައިގެން މިގެއަށް އައޭ ބުނުމުން އަހަރެން ހީކުރީ ޖަވާބު ލިބުނީކަމަށެވެ. އަވަސްއަވަހަށް ދައްކާށޭ ބުނެވިއްޖެއެވެ. ދެން ތިވާހަކަ ރޭގައި ނުބުނީ ކީއްވެގެންތޯވެސް އަހައި ލެވިއްޖެއެވެ. އޭނާ ހޭން ފަށައިފިއެވެ. އަހަރެންގެ ހިތް އިތުރަށް ނުތަނަވަސްވާން ފަށައިފިއެވެ. އޭނާ ހިފައިގެން އައީ ހަމަ އީސަ އޭނަޔަށް ފޮނުވި ސިޓީއޭ ބުނެފިއެވެ. ހިތްހަމަ ނުޖެހުނީތޯ ކެތްމަދުވެފައި ހުރެ މަށަށް އަހައިލެވިއްޖެއެވެ. ރަޙުމަތްތެރިޔާ ހެމުންހެމުން އިށީނދެބަލާށޭ ބުނެ، ބޮޑުއަށި ދައްކާލިއެވެ. ވީގޮތް ކިޔައިދޭން ފެށިއެވެ.

އަހަރެން ހަމަ އީސަ އެ ސިޓީ ގެނައިރޭ އިރުކޮޅެއްގެ ފަހުން އޭނާ މިގެއަށް ބިލެތްކޮޅެއް ބަލައި އައިމާ ދީފީމެވެ. އިރުކޮޅަކު ޙައިރާންވެފައި ހުރުމަށްފަހު، ވަރަށް އަވަހަށް ދެގަނޑު ބިލެއް ހިފައިގެން ސިޓީ ފަތްޖަހާލާފައި ބެލްސް ޖީބަށް ލައިގެން އެނބުރި ހިނގައްޖެއެވެ.

އޭގެ އަނެއްރޭ އަތުވެއްޖެއެވެ. ވާހަކައެއްގެ މެދުން، ކޮބާ އީސަޔަށް ޖަވާބު ދީފިންހޭ އަލައިލީމާ ހޭންފަށައިފިއެވެ.

“އެރޭ އަހަރެން އެ ސިޓީ ހިފައިގެން ދިޔަގޮތަށް ކާން އިން ބައްޕައަތަށް ދެގަނޑުބިލެތްދީފައި ފުޅިބައްތި ހިފައިގެން ވަނީ ގިފިއްޔަށެވެ. ވަޅު ތުންފަތް މަތީ ވަރަށް ހަމަޖެހިލައިގެން އިށީނދެ ސިޓީ ކަޑާލާފައި ކިޔަންހަމަ ފެށިތަނާ، ….. މަންމަ ނެތީމޭ، ބައްޕަ ކައިނިމުނީމާ ތަށިތައް ދޮވެލައްޗޭ ފުޅަށްބުޑުން ގޯވާލިއަޑު އިވިއްޖެއެވެ. ސިއްސައިގެންގޮސް ސިޓީ އަތުން ދޫވެއްޖެއްޖެއެވެ. ސިޓީ ވެއްޓުނީ ވަޅަށެވެ. މަންމައަށް ޖަވާބު ދީފައި އަވަސްއަވަހަށް ދާނި ބާނާފައި ސިޓީ ނެގި އިރު އޮތީ ކުޑަކޮށް ފޯވެ އަކުރުތައް ފޭދިފައެވެ.

ބައްޕަ ކޭ ތަށިތައް ހަމަޔަކަށް އަޅުވާލާފައި، އެރޭ ހަމަ އެވަގުތު އިސްތިރިޔަށް އަލިފާން އަޅައި ހެދުންތައް އިސްތިރި ކުރަން ފަށައިފީމެވެ. ދެކޮޅު ހޯދަމުން ސިޓީ އިސްތިރިކޮށް ހިއްކާލާފައި ކިޔަން ގެންގުޅުނު ވާހަކަފޮތުގެ ތެރެއަށް ސިޓީ ލައިފީމެވެ. މަންމަ އައިސް ހާދަ ނުވަގުތެއްގައި ތިޔަ އިސްތިރިކުރަންފެށީ ކީއްވެތޯ އަހައިފިއެވެ. އުޒުރެއް ދައްކާފައި ކޮޓަރިއަށް ވަދެ ހެދުންތައް ބަހައްޓާފައި އެނދުގައި އިށީދެލައިފީމެވެ.

އަހަރެން ނިދާ ކޮޓަރީގައި ދޮރުފަތެއް ނުހުރެއެވެ. އެލުވާލާފައި އޮންނަނީ މާޖެހި ފޮތިގަނޑެކެވެ. މަންމަ ދޭތެރެއަކުން އެއްޗެއްބަލާ ވަދެއެވެ. ފޮތާ ސިޓީ ބާލީސްދަށަށް ލައިގެން އޮށޯވެ އޮއްވައި ނިދިއްޖެއެވެ. ފަތިހު ހޭލިގޮތަށް ރޮށިފިހުމާ ހެދުނު ސައިގެ ކަންކަން ކުރަނީ އަހަރެންކަމުން، ސިޓީ ކިޔާހިތް ކިތަންމެ އޮތަސް އެކަންކަން ނުކޮށްފިއްޔާ މައްސަލަ މާ ގޯސްވާނެތީ، ގޯތިތެރެއާ މަގުމަތި ކުނިކަހާލާފައި ވަދެ ރޮށިފިހަން ފަށައިފީމެވެ. މަންމަ އުޅެނީ މަސްހުނި މޮޑެން ހުނިގާނާށެވެ. ދުވާލުވެސް އެއްވެސް ވަގުތެއް ސިޓީކިޔާލަން މިނިވަންކޮށް ނުލިބުނެވެ.” މިވާހަކަތައް ޞާބިރާ ކިޔައި ދިނީ އެ ސިޓީހިފައިގެން ރޭގައި މިގެއަށް އައިސްފައެވެ. އަސްލު އޭނާ އެ އައީ ސިޓީ ކިޔަންކަން ވިސްނިގެން އަހަރެން ބުނެފީމެވެ. އަހަރެން މިވަންނަނީ ފެންވަރާލާށެވެ. ސޯބި ތިތާ މަޑުކޮށްލައްޗެވެ. އުދުންމަތީގައި ގަރުދިޔައެތި ހޫނުކުރަން އުދާފައި ހުންނާނެއެވެ.

މާގިނައިރުތަކެއް ނުވެ ސޯބިގެ މަންމަގެ އަޑު އިވިއްޖެއެވެ. ސޮފީ ގޭގައި ނެތީތޯ ދެފަހަރަކު އަހައިފިއެވެ. ފެންވަރަނީއޭ ސޯބި ބުނާއަޑުއިވެއެވެ. އެފަކީރަށް ސިޓީ ކިޔަންދިން ފުރުސަތުވެސް ފަނިވީއެވެ. އަވަސްއަރުވާލައިގެން ނުކުތްއިރު ދެމައިންވެސް ނެތެވެ. ބަދިގެއަށް ވަން އިރު އުދުން ނިވާފައި ގަރުދިޔައެތި ހުރީ ދުން އަރައަރައެވެ.

މިކިޔައިދެވުނީ ލޯބީގެ ސިޓީއެއް އެފަކީރު ކިޔަން އުޅުނު ޙާލެވެ. އަދި ސިޓީގެ ޖަވާބު ލިޔަން އުޅޭނޭ ޙާލު ހިތަށް ގެނެސްބަލާށެވެ. ކޮންމެއަކަސް ހަފުތާއެއްހައި ދުވަސް ފަހުން ސޮފީމެންގެއަށް ދިޔަ ރެޔަކު ބައިސްކަލު ފާރުގައި ލައްގާލާފައި ދޮރުން އެތެރެއަށް ހަމަ ވަން ތަނުން މީހަކު ވަރަށް ބާރަށް ކުރިމައްޗަށް އަރައި ސިއްސާލައިފިއެވެ. ގޯތިތެރެ އެހައި އަނދިރިއެވެ. އެއީ ސޮފީއެވެ. ނޭވާކުރުވެ ހާސްވެފައި ހުއްޓައި އަންނާށޭ ސިޓީގެ ޖަވާބު ލިބިއްޖެއޭ ބުފައި ހިނގައިގަތީ އެތެރެއަށެވެ. އަހަރެންނަށް އުފަލުން ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. ފޮތް ހަރުގަނޑުގައި ހުރި ފޮތްތަކުތެރޭން ހާވާލާފައި ސިޓީ ހިފައިގެން އައިސް ދިއްކޮށްލިއެވެ. އޮތީ އުރައަކަށްވެސް ނުލައެވެ. ހުޅުވާލާފައި ބަލައިލީމެވެ. އޭނާވެސް ސިޓީލިޔާފޮތް ގެންގުޅެނީތާއޭ ހިތަށް އެރިއެވެ. ވަރަށް ލޯބި ކަރުދާހެކެވެ. އަހަރެން ވަގުތުން ބޭރަށް ދާން ދުއްވައިގަތްތަނާ، ދުފާވެސް ނުލާ ދަނީހޭ ސޮފީ ގޮވާ އަޑު އިވެއެވެ. ދުފުން ސައިބުއިން ކެއުމަށްވުރެ ސިޓީ މާމުހިންމުވީމާ ޖަވާބެއްނުދީ ބައިސްކަލަށް އަރާ ނައްޓާލައިފީމެވެ. އޭރު ގަނޑިން ނުވައެއް ޖަހައި ބޮޑުވެއްޖެއެވެ. މިސްރާބުޖެހީ އެންމެ މިނިވަން މަންޒިލަށެވެ. ދުއްވަމުން ދިޔައިރުވެސް ހިތަށް އަރަނީ ސޮފީ ސިޓީ ނުކިޔާނެބާއެވެ؟ އޮންނާނީ ކީކޭބާއެވެ؟ ދިޔަގޮތަށް ބާރަށްގޮސް ހެންވޭރު ޕާކު ތަނބެއްގައި ޖައްސާލައިފީމެވެ. އަހަރެންގެ ރަސްމީ މާލަމެވެ. ސިޓީ ކިޔަންފަށައިފީމެވެ.

“އީސާއެވެ. މިއީ އަހަރެން ދުވަހަކުވެސް ހިތަށްއެރި ކަމެއް ނޫނެވެ. ވަރަށް ގިނަ ކުދިން އުނދަގޫ ކުރެއެވެ. އެކަހަލަ ކަމަކާ އުޅޭވަރަށްވުރެ އަދި އަހަރެން މާ ޅައެވެ. އެންމެ އަށާރަ އަހަރެވެ. އެކަމަކު ޙައްޤު ތެދެއް ބުނަންހެއްޔެވެ؟ މިފަހަރު އަހަރެންގެ ހިތް އަހަރެންގެ ޟަމީރަށް ކުރީ ހީވެސް ނުކުރާފަދަ ތަފާތު އަމުރެކެވެ. އީސައަކީ މީގެކުރިން އަހަރެންނާ ގާތުން ބައްދަލުވެ ވާހަކަ ދައްކާފައި ނުވާ މީހަކަސް، އެއްކަލަ ރޭ ޝުހޭގެ ޕާޓީން ފެނުނީއްސުރެވެސް، ތިޔަ ސަކަ މިޒާޖާ ވާހަކަ ދައްކާ ސްޓައިލާ ތިޔަ ޖާޒުބީ ފިރިހެން އަޑާ، އަމުދުން އެ ބަލައިލާ ކަތި ނަޒަރުން އެރޭ އެމީހުން އެތާ ކީ ފަދައިން މިރޭ އަހަރެންގެ ހިތްވެސް ފަތަހަކޮށްފިއެވެ.

އަހަރެން އެދެނީ މިކަންކަމެކެވެ. އަހަރެން ބޭޒާރު ނުކުރަށްޗެވެ. އަހަރެން ދެރަނުކުރަށްޗެވެ. އަހަރެންނަށް މަލާމާތް ނުކުރައްޗެވެ. ދުވަހަކުވެސް އަހަރެން ދޫކޮށްނުލައްޗެވެ. އަހަރެން އަދި މިކަމަށް ވަރަށް އަލެވެ. ލޯތްބަކީ އަހަރެންނަށް މުޅިން އައު ފަންނެކެވެ. އައު އިޙުސާސެކެވެ. އައު ޖަޒުބާތެކެވެ.

އަހަރެންނަށް އީސަ އަބަދުވެސް ކަމުދެއެވެ. އެކަމަކު މީ ދުވަހަކުވެސް ކުލަޖެހިދާނެ ހުވަފެނެއްކަމަކަށް ހިއެއް ނުކުރަމެވެ. އަހަރެންނަށް އީސަދެކެ ވަރަށް ލޯބިވެވިއްޖެއެވެ. މި ސިޓީ ކިޔާފައި ނުހެއްޗެވެ. އަހަރެންގެ ލިޔުންވެސް ވަރަށް ހަޑި ދޯއެވެ. މާދަންރޭ ސޮފީމެންގެއަށް އަންނައްޗެވެ. އެކަމަކު އަހަރެން ވަރަށް ލަދުގަނެއެވެ. ފެންނާނެކަމުގެ އުއްމީދުގައި ވަކިވެލަމެވެ. ……ލޯބިވާ ޞާބިރާ!”

ސިޓީ ކިޔާފައި އުފަލުން ރޮވިއްޖެއެވެ. އެ ކަރުދާހުގައި ބޮސްދެވުނީ ކިތައް ފަހަރުކަމެއް ނޭނގެއެވެ. ކޮންމެ ލަފުޒަކުން ހީވަނީ ހިތުގައި ވިކާލާހެންނެވެ. ކޮންމެ ޖުމުލައެއް އަހަރެންގެ ހިތްގޮވައިގެން އުދުއްސައިގަނެއެވެ. ސޯބިއަކީ އަހަރެންނަށް ވަރަށް ރީތި ކުއްޖެކެވެ.

ލޯތްބަކީ ހާދަ ތަފާތު އިޙުސާސެކެވެ. އެރޭ އަހަރެންގެ ހިތަށް އެލިބިނު އުފާ މިހާރުވެސް ހަނދާނުގައި އެބަހުއްޓެވެ. އެއީ ސާޅިހަކަށް އަހަރު ކުރިއެވެ. އެރޭ ފަތިސްވީއިރުވެސް ލޮލަށް ނިދިވެސް ނައެވެ. އަނެއްރޭ ސޮފީމެންގެއަށް ދާހިތުންނެވެ. އަނެއްދުވަހުވެސް ހުރީ ކެތްމަދުވެފައެވެ. ރައްޓެހި ކުދިންވެސް އަހަރެން އުޅޭގޮތުން ޙައިރާންވެ ސުވާލުކޮށް އުޅުނެވެ. ހާދަ ހިލިގެން ތިއުޅެނީ ކޮންމެވެސް ކަމެއް ވެގެނޭ ކިޔާ ވަރަށް ދިމާވެސް ކުރިއެވެ. އެއީ ހަމަ ތެދެކެވެ. ކޮންމެސް ކަމެއް ނޫނެވެ. ހެސްކިޔާފައި ލޯބީގައި ދީވާނާވީއެވެ. ވިސްނާލީމާ މިހާރުވެސް އެދުވަހު އަހަރެންގެ މިޒާޖަށް އައިސްފައިވާ ބަދަލު ހިތަށް އަރާފައި ހިނިވެސް އާދެއެވެ. މުޅި މީހާ މަސްތެއްވެފައި ވާކަހަލައެވެ. އެއީ ޖަވާބަށް އެދި ކުރި ދިގު ފޮނި އިންތިޒާރާ، އެ އިންތިޒާރުގެ ފޮނި ނިމުން އަހަރެންގެ ޠަބީއަތަށް ގެނައި ކުއްލި ބަދަލަކަށްވެސް ވެދާނެއެވެ.

ލޯބީގެ އަލަތު ބައްދަލުވުން
ރެއަށް އޮއްސުނު އިރާއެކު ފެންވަރާ އަތަރުލާ ޕަރުމަރައިގެން ނަމާދުން އަވަދިވިތަނާ ޞަލަވާތްކިޔަވާ ބޭބެ އައިސް ވަދެއްޖެއެވެ. ހަމަ ވަދެފައި ނޭފަތް ދަމާލަމުން އަހަރެން ފެނިފައި ބުނެފިއެވެ. މިރޭ މިގޭގައި ދުންދަނޑި ނުޖަހާވެސް ކިޔަވާލެވޭވަރުވެއެވެ. އެވަރަށް އަތަރުލައިފިއެވެ. އަހަރެން ކުޑަކޮށް ރުޅިވެސް އައެވެ. އެއްޗެއްނުބުނެ ނުކުމެއްޖައީމެވެ.

ޢިޝާނަމާދުން ފޭބިގޮތަށް ނުވެސްކައި ދިޔައީ ސޮފީމެންގެއަށެވެ. ހަމަ ފެނިފައި އާދައިގެމަތިން ސޮފީގެ ސުވާލުތަކާ ކުރިމަތިވިއެވެ. ކޮބާ ހިތްހަމަޖެހޭ ޖަވާވެއް ލިބުނުހެއްޔެވެ؟ އަހަރެންގެ މޫނަށް އެރި އުފާވެރި ކުލަވަރު އޭނާގެ ތޫނު ސިކުނޑިން މިރޭވެސް ތަރުޖަމާ ކޮށްލައިފިއެވެ. އަހަރެންގެ އަގައިން ބަހެއް ނުކުތުމުގެ ކުރިން ދެން ސައިދޭނީ ކޮންއިރަކުހެއްޔޭ އަހައިފިއެވެ. ސައި ހަމަ ބޭނުންވަރަކަށް ބޯންވީއޭ ބުނެފައި އަހަރެން ވަރަށް ސީރިއަސްކޮށް ވާހަކެއް ބުނަން ބޭނުމޭ ބުނެފީމެއެވެ. ސޮފީ އޭނާގެ ސަމާސާ ސްޓައިލްގައި، މަށަކީ މީހެއްގެ އަންބެކޭ ލާނެތް ގޮތަކަށް ބުނެލައިފިއެވެ. ދެން ސަމާސާނުކޮށް މިއަޑުއަހާބަލާށޭ ބުނެ އަހަރެން ވާހަކަ ފަށައިފީމެވެ.

“އަހަރެންނަށް ތިކޮށްދިނީ ވަރަށް ބޮޑު ކަމެއް. މީ އަހަރެންގެ ހިތަށްވެސް ނާރާވަރުގެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމެއް. ސޯބި ވަރަށް ރަނގަޅު ޖަވާބެއް ދިނީ. މިރޭމި އައީ އަލަތު ބަދަލުވުމަށް ގަނޑިކިޔާފައި އޮތީމަ…. ހެއްހެއް… މާކުރިން ދޯ މިއާދެވުނީ؟”

އަހަރެންގެ އަނގައަށް ބަލަންއިން ސޮފީ ހިނިފަޅައިގެން ދިޔައެވެ. ކައިފިންތޯ އަހައިލިއެވެ. އަހަރެން ކާހިތެއްނެތޭ ބުނީމާ ޖޫސްތައްޓެއް ހަދައިދެންތޯ އަހައިފިއެވެ. ދެކޮޅުހެދުމުން ވަރަށް ކައިރިއަށް އައިސް އިށީދެފައި ވާހަކަ ކުރިއަށް ގެންދިއައެވެ.

“ސޯބިއަށް މިރޭ ނާދެވޭ ވާހަކަ އީސަގާތު ބުނެދޭށޭ ކިޔާފައި އިރުއޮއްސުނުތަނާ އައިސް ބުނެފައި އެދިޔައީ. އޭނަގެ މަންމައާއެކު ކުއްލިއަކަށް ކޮންމެސް ޙައްޖު ގްރޫޕެއްގެ ބައްދަލުވުމަކަށް ދާން ޖެހިގެން މާދަންރެއަށް ހަދައިދޭށޯ!… ކެތްވާނެތަ؟”

އަހަރެންގެ މާޔޫސްކަން މުޅިމޫނަށް ވެރިވެ އިސްޖަހައިލެވިއްޖެއެވެ. އެއްޗެއް ނުބުނެ އެތައް އިރަކު އިނދެވުނެވެ. ސޮފީ އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވާލާފައި، ދެން މާދަންރޭ ހާދަ ފޯރިއެއް ހުންނާނޭ…. އަހަރެންވެސް ކޮންމެސް އުޒުރެއް ދައްކާފައި އެގަޑިއަށް ގެ ހުސްކޮށްލައި ދޭނަމޭ ބުނެފައި ހޭންފަށައިފިއެވެ. އަހަރެން ވަރަށް ކަންބޮޑު ވިއެވެ. އޭރުން ސޯބި އެކަނި މިތާގައި ނީންނާނޭ، އެހެން ނުހަދާށޭ އަހަރެން ބުނެފީމެވެ.

ކަންތައްގަނޑު އަދި ކުރިއަށް އޮތީ……..

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com