“އަސްތާ، މިއީ…..”

ލެއިން ކަޅިވެފައި އޮތް އެ ތުއްތު ކުއްޖާ އަށް ބަލައިލަމުން ޑޮކްޓަރަށް ބުނެވުނީ އެހިސާބަށެވެ. ތުއްތު ކުއްޖާ ގެ ބޯ ވަރަށް ކުއްލި ހަރަކާތަކާއިއެކު ޑޮކްޓަރާއި ދިމާއަށް އަނބުރާލިއެވެ. އަނގައިން ވައި އަޑެއް ލައްވައިލަމުން، އަނގައިގައި ފަޅާފައިހުރި ތޫނު ފޭރާދަތް ދައްކައިލި އެވެ.

“ޔާރައްބީ!” ތެޅިގަންނަމުން ޑޮކްޓަރަށް ހަޅޭއްލަވައިގަނެވުނެވެ. އަތުގައި އޮތް ތުއްތު ކުއްޖާ ޔަރަސް ގެ އަތަށް އެއްލުނީވެސް ބޭއިޚްތިޔާރުގަ އެވެ.

ޔަރަސް ގެ އަތުގައި ދަރިފުޅު ޖެހުމާއިއެކު ދަރިފުޅުގެ ގައިގައި ދޫލަމުން، ހޭކިފައިވަ ލޭތައް ސާފުކުރަން ފެށިއެވެ.

“ތިހެންތަ ސާފުކުރަނީ؟” ބިރުން ވިރިވިރި ހުރި ޑޮކްޓަރަށް އަހައިލެވުނެވެ. ނަމަވެސް ޔަރަސް އަށް އަޑު ނުވެސް އިވޭކަހަލަ އެވެ. ޔަރަސް އަށް ހަމައެކަނި އިވެމުންދިޔައީ ތުއްތު ކުއްޖާގެ އަނގައިން ނިކުންނަމުންދިޔަ ވައި އަޑެވެ. ހަރުފައެއްގެ އަނގައިން ނުކުންނަފަދަ އަޑެކެވެ. ޔަރަސް އުއްމީދުކުރިގޮތަށް ދަރިފުޅުވީ ވޭމްޕަޔަރަކަށެވެ. އަސްލު ހަޤީޤީ ވޭމްޕަޔަރަކަށެވެ. އިންސާނުން އުފަންވާ ވަގުތު ރުޔަސް، ވޭމްޕަޔަރުން އުފަންވާ ވަގުތު ނުރޯނެއެވެ. ހަމައެކަނި އަނގައިން ލައްވާނީ އެފަދަ ވައިއަޑެކެވެ.

“ބިޝް، ނިކަން ބަލާބަލަ ލޯބިކަން. މިއޮތީ އަހަރުމެންގެ ފުށްގަނޑޭ!” ޔަރަސް މިހެން ބުނީ ޅަވެލަމުން ނެވެ. ހީވާކަހަލަ އެވެ. ޔަރަސް ވެސް ބޭބީ އަކަށް ބަދަލުވީ އެވެ. ނަމަވެސް ޔަރަސް ގެ ދެމިޔަކުން ވިހަ އަދި ފަޚުރުވެރިކަމުގެ ހިނިތުންވުމެއްވެސް ފެންނަމުން ދިޔައެވެ. އުފަލާއި ފަޚްރުވެރިކަމާއި އެކުގައި ޔަރަސް ގެ ޖަޒުބާތުތައް ކެކި އަރަނީ އެވެ. އެހެން އެކަން ނުވާންވީ ވެސް ވަކިން ކީއްވެގެން ހެއްޔެވެ؟ ޔަރަސް އަށް ޖެހިފައިފާ ދިގު އެއްހާސް އަހަރުގެ ސުންޕާ އެސްފީނާގެ ބަލާވެރިކަމުން މިންޖުވުމުގެ ތަޅުދަނޑިއަކީ ޔަރަސް އަށް ލިބުނު ބޭބީ އެވެ.

ވަރަށް ލޯބިން، މަޑުމަޑުން ބިޝާރާ ގެ އުނގުގައި ބޭބީ ބޭއްވި އެވެ. ހަމަ އެވަގުތު ބޭބީ ވޭމްޕަޔާ ގެ އަނގައިން ލައްވަމުންދިޔަ ވައި އަޑު މެދުކެނޑިއްޖެއެވެ. ކުޑަކުޑަ ބޭބީ އެއްކޮށް މައިތިރި ވެއްޖެ އެވެ. މައިވަންތަކަމުން ފުރިފައިވާ މޫނަށް ބޭބީ ބަލައިލީ މަންމަކަން އެނގޭތީ އެވެ. ބޭބީ ގެ ލޮލުން ތޫނު ވިދުވަރެއް ފެންނަން ހުއްޓެވެ. ބިޝާރާ ގެ އުރުގައި އޮވެގެން ބޭބީ މަޑުމަޑުން ކުކުރަންފެށި އެވެ. ވަރަށް ލޯބިން ދަރިފުޅާއި ދިމާއަށް ބިޝާރާ ގުދުވެލަމުން ބަލަންފެށި އެވެ.

“ޔަރަސް، ބޭބީގެ ލޮލަކީ ހަމަ ސީދާ ޔަރަސް ގެ ލޯ. އަޅެ ހާދަ ވައްތަރޭ ދޯ!” އެވަގުތު ބޭބީ އަމިއްލައަށް ބޭބީގެ ގައިގައި ހޭކިފައިވާ ލޭތަކުގައި ދޫ ހާކައި ސާފުކުރަން ފެށިއެވެ.

“ބަލާބަލަ! އަމިއްލައަށް އެ ފެއްޓީ ސާފުކުރަން!” ބިޝާރާ އަށް ހައިރާންކަން ލިބުނަސް ޔަރަސް އަށް އެކަން އެހާ ބޮޑުކަމަކަށް ނުވިއެވެ. ހެވިފައި ތުއްތު ދަރިފުޅަށް ބަލަން ޔަރަސް ހުރީ އެވެ.

ކޮޓަރިތެރޭގައި ތިބި އެންމެން ތިބީ ތަންމިނަށް އަނގަ ހުޅުވިފައެވެ. އެހާ ތުއްތު ކުއްޖެއް އަމިއްލައަށް ކަންތައްތަކެއް ކުރަންފެށުމުންނެވެ. އެވަރުގެ ތުއްތު ކުއްޖެއް ކަނދުރާ ހަރުލައްވާލައިގެން އަމިއްލަ ގައިގައި ހޭކިފައިވާ ލޭތައް އެ ސޮރުގެ ދުލުން ސާފުކުރުން އެއީ އާދައިގެ ކަމެއް ނޫނެވެ.

“ބޭބީ ރަނގަޅަށް ދޮއްވާލަން ޖެހޭނެ.” ކުއްޖާ ނެގުމަށް ޑޮކްޓަރު ކުރިއަށް ޖެހިލި އެވެ. ކުއްޖާ އާއި ކައިރިއަށް ޖެހިލި ވަގުތު އަނގައިން ވައިއަޑު ލައްވައިލި އެވެ. އެވަގުތު ދަތް ނުފަޅާހުރި ހިރުގަނޑު ތެރެއިން ދެ ފޭރާ ދަތް ކުއްލިއަކަށް ނިކުމެއްޖެ އެވެ. ގަތް ބިރާއިއެކު ޑޮކްޓަރަށް ފަހަތަށް ޖެހިލެވުނެވެ.

“މިއީ ހަމަ ޔަރަސް،” ލޮލުން ކަރުނަތިއްކެއް ވައްޓާލަމުން މަޑުމަޑުން ބިޝާރާ އަށް ބުނެލެވުނެވެ.

“އެހެންތަ؟ ތިބުނީ ކިހިނެތް؟” ބިޝާރާ އަށް ބަލައިލަމުން ޔަރަސް އެހިއެވެ. ބިޝާރާ ދަރިފުޅަށް ބަލައިލަމުން އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

“ޔަރަސް ގޮތަށް ބޭބީ ވެސް އިންސާނުންދެކެ ރުޅިއަންނަހެން ހީވާތީ-“

“ބިޝް ފިޔަވައި'” ބިޝާރާ ބުނަންފެށި ޖުމްލަ މެދުކަނޑާލަމުން ޔަރަސް ވާހަކަދައްކަން ފެށިއެވެ. “މިސޮރު ބިޝް ދެކެ ރުޅިއެއް ނާންނާނޭ ދޯ ބައްޕި ދޫނީ.”

ކޮޓަރީގެ އެއްކަނެއްގައި ބިޝާރާ ގެ ޚިދުމަތުގައި ހުރި މަޔޫރިކާ ގެ ގަޔަށް ހީރޯޅި އަރައިގެން ދިޔައެވެ. ބިޝާރާ ގެ ބޭބީ އަކީ އިންސާނުންދެކެ ރުޅިއަންނަ ކުއްޖަކަށްވާއިރު، އެކުއްޖާއަށް ރަނގަޅު އާޔާ (ނޭނީ) އަކަށް އޭނާ އަށް ވެވޭނީ ކިހިނެތްހެއްޔެވެ؟ އެ ބޭބީ ގެ ޚިދުމަތުގައި އުޅެނިކޮށް މަޔޫރިކާއަށް ހަމަލާއެއް ނުދޭނެހެއްޔެވެ؟ އެފަދަ ދަނޑިވަޅެއްގައި މަޔޫރިކާގެ އަމިއްލަ ސަލާމަތަށްޓަކައި ކޮށްލެވޭ ކަމަކުން ބިޝާރާ ވެސް ހިތްހަމައެއް ނުޖެހޭނެ އެވެ. ޔަރަސް އަންނާނީ ސިނގު ރުޅި އެވެ. އަންނަ ރުޅީގައި މަޔޫރިކާ އަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ އެވެ.

ފުން ވިސްނުމެއްގައި ހުރި މަޔޫރިކާ އާއި ދިމާއަށް ޔަރަސް އެނބުރުނެވެ. ހީވާކަހަލަ އެވެ. މަޔޫރިކާގެ ސިކުނޑިތެރޭގައި ފުނިޖެހިފައިވާ ވާހަކަތައް ޔަރަސް އަށް އެނގުނީއެވެ.

“ހޫމް… ތިހެން ދުރުގަ ނުހުރެ މިކޮޅަށް އާދެބަލަ!” ޔަރަސް ގެ އަޑުގައި ހުރީ ހަރުކަށިކަމެވެ. މަޑުމަޑުން މަޔޫރިކާ ކުރިއަށް ޖެހިލި އެވެ. ޔަރަސް ގެ އުނގުގައި އޮތް ބޭބީ އަށް ބަލައިލި އެވެ. އެ ތުއްތު ކުއްޖާގެ ކުޑަކުޑަ ދެލޮލަށް މަޔޫރިކާ ގެ ސިފަ ވަރަށް ފަސޭހައިން ފޯކަސްވި ކަހަލަ އެވެ. ކަޅި ޖަހައިނުލާ މަޔޫރިކާ އަށް ބަލަން ފެށި އެވެ.

ބިޝާރާ ކަރުކެހިލައި ކަރުތެރެ ސާފުކޮށްލަމުން ޔަރަސް ގެ މޫނަށް ބަލައިލި އެވެ. “ޔަރަސް ކީއްވެތަ އެހާ ހަރުކަށިކޮށް ތިއުޅެނީ؟”

ބިޝާރާ ގެ ސުވާލަށް ޔަރަސް ޖަވާބެއް ނުދެއެވެ. އިރުކޮޅެއް ވާންދެން ބިޝާރާ ގެ މޫނަށް ބަލަން ހުރުމަށްފަހު  ކަރު އެލުވައިލި އެވެ. ބިޝާރާ ގެ އެ ހިތްގައިމު ރީތި ސިފަ، އޭނާގެ ދަރިފުޅުގެ ލޯބިލޯބި މަންމަގެ ނިޔަނެތިކަން ފެނިފައި ޔަރަސް ގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ބޭއިޚްތިޔާރުގައި ބިޝާރާ ގެ މޫނާއި ކައިރިއަށް އޭނާގެ މޫނު ގެންދިޔައީ އެތަނުގައި މަޔޫރިކާ ހުރި ހަނދާންވެސް ނެތުމުންނެވެ. އެވަގުތު ޔަރަސް ގެ މަންމަ ޔާސްމީން ކުރިއަށް ޖެހިލައި ޔަރަސް ގެ އުނގުގައި އޮތް ދަރިފުޅު ނެގިއެވެ.

“މާމަގެ ފުށްގަނޑު ސާފުކޮށްލަން މިއުޅެނީ.” މާމަ ދަރިފުޅުގެ ކުޑަކުޑަ ވަށްވަށް މޫނުގައި ޔާސްމީންގެ ނޭފަތް ޖައްސާލަމުން ބުންޏެވެ.

 

ޔަރަސް ފިޔަވައި ކޮޓަރި ތެރެއިން އެންމެން ދިއުމުން އެނދުގެ ކޮޅުގައި ލެނގިލަމުން ބިޝާރާ އިށީންނި އެވެ. ބިޝާރާ ނުއިށިންނުމަށް ޔަރަސް ބުނެބުނެ ހުއްޓައެވެ.

“އަހަރެން އެބަޖެހޭދޯ ވަރުގަދަ ވާން. އަހަރެން މަސަލަސްކުރަން ޖެހޭ ކުޑަކުޑަ ވޭމްޕަޔާ ބޭބީއެއް އެބައޮތެއްނު މިހާރު.”

“ބިޝް ރެސްޓް ކޮށްލަންދެން ބޭބީ އޮންނާނޭ އަހަރެންގެ މަންމަ ކައިރީގަ.”

“ކިހިނެތް އަހަރުމެން އެސޮރަށް ކާންދޭނީ؟ މިބުނީ، މިކަހަލަ ބޭބީއެއް އަދި މިވީތަނަށް އުފަންވެފައެއް ނެތެއްނު.”

“ބިޝް ގެ އަގުހުރި ލޭ ބޯންދޭން ޖެހޭނީ.” ވަރަށް އާދައިގެ ގޮތަކަށް ޔަރަސް ބުންޏެވެ. ބިޝާރާ ވެސް އެކަމާ ހައިރާނެއް ނުވެއެވެ.

 “ގާތުން ދޭ ގޮތަށް ބޭބީ އަހަރެންގެ ގައިގަ ދަތް އަޅައިގެން ލޭބޯއިރު ތަދުނުވާނެނަމަ އޭ ހިތަށް މިއަރަނީ. ބޭބީގެ ނުހުންނާނެތަ ވިހަ ވެނަމް އެއް؟”

“ބިޝް.” ބިޝާރާ އާއި ދިމާއަށް ގުދުވެލަމުން ނިތްކުރިއަށް ދޮނެއް ދިނެވެ. “ހުރިހައި ބޭބީންގެ ވެސް ހުންނާނެ އިންސްޓިންކްޓްސް. އެސޮރަށް ވެސް އެސޮރުގެ މަންމަ ވަކިކުރަން އެނގޭނެޔޭ. އެސޮރުގެ ފަރާތުން ބިޝް އަށް އެއްވެސް ގެއްލުމެއް ނުލިބޭނެ. މީގަ މުހިންމު ކަމަކީ ރަނގަޅުހާ ކާނާއެއް އަހަރެން ބިޝް އަށް ހޯދައިދީގެން ރަނގަޅަށް ކާންދީފަ ބެހެއްޓުން. އޭރުން ބިޝް ގެ ލެޔަކީ އަހަރުމެންގެ ދަރިފުޅަށް އެންމެ އެކަށީގެންވާ ކާނާ ކަމަށް ވާނެ. އަދި ބިޝް އަށްވެސް އެއީ މުހިންމު ކަމެއް. އޭރުންދޯ ބިޝް ގެ ގައިގަ ވަރުޖެހި އަވަހަށް ރަނގަޅު ވާނީވެސް.”

“ކޮން ނަމެއް އަހަރުމެން ބޭބީ އަށް ކިޔާނީ؟” އަނެއްކާވެސް އެނދުން ތެދުވަން މަސައްކަތް ކުރަމުން ބިޝާރާ އެހިއެވެ. ނަމަވެސް ބިޝާރާގެ ކޮނޑުގައި ވަރަށް ލޯބިން ޔަރަސް ހިފަހައްޓާލަމުން އެނދުމަތީގައި ބިޝާރާ ބޭއްވި އެވެ. ބިޝާރާ އާއި ޖެހި ފިތިގެން ޔަރަސް ވެސް އޮށޯތެވެ.

“ޕްލީޒް ޔަރަސް، އަހަރެން ތެދުވިޔަކަސް މަރެއް ނުވާނޭ.”

“އެންމެ ރަނގަޅު. ތެދުވެ އިށީންދެބަލަ.” ޔަރަސް ގެ ހުއްދައާއިއެކު ވަރަށް މަސައްކަތުން ބިޝާރާ ތެދުވެ އިށީންދެއްޖެ އެވެ.

“ކިހިނެތްވާނެ ޖައީޝް؟”

“ޖައީޝް….” މަޑުމަޑުން ބިޝާރާގެ ދުލުގެ ކުރިން އެ ނަން ކިޔައިލި އެވެ. “ސަޅި ނަމެއް.”

ކުއްލިއަކަށް އެމީހުންތިބި ކޮޓަރީގެ ބޭރުން، ހޯލުތެރެއިން ބާރު ހަޅޭކެއްގެ އަޑު އިވެން ފެށިއެވެ. ތެޅިގެންފައި ބިޝާރާ އެނދުން ފޭބި އެވެ. ޔަރަސް ވެސް އަވަސް އަވަހަށް ތެދުވެއްޖެ އެވެ.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.