ޕެޕަރ ސްޕްރޭ އަކީ އަމިއްލަ ދިފާޢުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އެންމެން ދަންނަ ހަތިޔާރެކެވެ. ހަމަ ގައިމުވެސް ސިޔާސީ މައިދާނުގައި ހަރަކާާތްތެރިވާ ގިނަ ދިވެހީންނަށް މިއީ ފަރިތަ އެއްޗެކެވެ. ޕެޕަރ ސްޕްރޭގެ އަސަރު ކޮށްފިނަމަ ސިއްހީ ފަރުވާ ހޯދަން ޖެހެއެވެ. ޚާއްޞަކޮށް ލޮލަށް އޭގެ އަސަރުކޮށްފިނަމަ އަވަހަށް ފަރުވާހޯދުން މުހިންމެވެ.

ގައިގެ ހަންގަނޑުގައި ޕެޕަރ ސްޕޭ ޖެހުމުން ނަގާ ދިލަ ފިލުވުމަށް އަހަރުމެން އަމިއްލައަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.

 

ފިޔަވަޅު 1

ޕެޕަރ ސްޕްރޭގެ އަސަރުކޮށްފައިވާ ތަނެއްގައި އަތް ނޫނގުޅާ ބަހައްޓާށެވެ. ސްޕްރޭގެ އަސަރު އިތުރަށް ނުކުރާނޭ ހިސާބަކަށް ދުރަށް ދާށެވެ.

 

ފިޔަވަޅު 2

ޕެޕަރ ސްޕްރޭގެ އަސަރު ގައިގެ ހަންގަނޑަށް ކޮށްފައިވާނަމަ ލައިގެން ހުރި ފޭރާން ބާލާށެވެ. ލައިގެން ހުރީ ޓީޝާޓެއްފަދަ އެއްޗަކަށް ވެފައި، އެ ބާލާއިރު ބޮލުން ބާލަން ޖެހޭނަމަ ޓީޝާޓް ކަފާލާާށެވެ. މިހެން ހަދަނީ މޫނުގައި އިތުރަށް ޕެޕަރ ސްޕްރޭ ހޭކުނަ ނުދިނުމަށެވެ.

 

ފިޔަވަޅު 3

ތުވާއްޔެއް ފަދަ އެއްޗަކުން ގައިގައި ހޭކިފައިވާ ޕެޕަރ ސްޕްރޭ ހުރިނަމަ ހިއްކާލާށެވެ. މިހެން ހިއްކުމުގައި ގައިގައި ތުވާލި ނޫނގުޅާށެވެ. ނުހާކާށެވެ. މިހެން ހަދައިފިނަމަ ޕެޕަރ ސްޕްރޭގެ އަސަރު ބޮޑަށް ކުރާނެ އެވެ. ނުވަތަ ހަންގަނޑު ތެރެއަށް ބޮޑަށް ސްޕްރޭ ވަންނާނެ އެވެ.

 

ފިޔަވަޅު 4

ތެޔޮކަން ނުހުންނަ ސައިބޯންޏާއި ފެން އެއްކުރާށެވެ. މިސާލަކަށް ތިން ތަށި ފެނަށް އެއް ތަށީގެ ސައިބޯނި އެއްކުރާށެވެ. ފުން ތަށްޓެއް ނުވަތަ ބިލިގާއެއް ފަދަ އެއްޗެއްގެ ތެރެއަށް ތައްޔާރުކޮށްފައިވާ ސައިބޯނިފެން އަޅައި ޕެޕަރ ސްޕްރޭގެ އަސަރުކޮށްފައިވާ ތަން ލައިގެން އިންނާށެވެ.

 

ފިޔަވަޅު 5

ޕެޕަރ ސްޕްރޭގެ އަސަރުކޮށްފައިވާ ތަނުން ދިލަ ކެނޑެންދެން މަޑުކޮށްލާށެވެ. ހަނދާންކުރާށެވެ. ފުރަތަމަ މަދު މިނެޓް ކޮޅެއް ވާންދެން ދިލަނަގާ މިންވަރު ގަދަވާނެ އެވެ. މިކަމާ ކަންބޮޑު ނުވާށެވެ.

 

ފިޔަވަޅު 6

ޕެޕަރ ސްޕްރޭގެ އަސަރުކޮށްފައިވާ ތަނުގައި އަތްލުމުން ތަދު އިހްސާސްވުން ކެނޑެންދެން ކުރިން ބުނިގޮތަށް މަޑުކޮށްލާށެވެ. ޕެޕަރ ސްޕްރޭގެ އަސަރު ހުރި ތަން މަޑުމަޑުން ދޮވެލާށެވެ.

 

ފިޔަވަޅު 7

ސައިބޯނި ފެނުން ރަނގަޅަށް އަތްދޮވެލާށެވެ. އަތް ރަނގަޅަށް ސާފު ނުވަންދެން ގައިގެ ހަންގަނޑާއި ލޮލުގެ އެތެރޭގައި އަތްލުމުން ދުރުހެލިވާށެވެ.

 

ބޭނުންވާނެ ތަކެތި

ތުވާލި

ތެޔޮކަން ނުހުންނަ ދިޔާ ސައިބޯނި

އެއްޗެހި ދޮންނަ ކަހަލަ ތަށްޓެއް ނުވަތަ ސިންކެއް ނުވަތަ ބިލިގާއެއް

ކަތުރެއް

 

ސަމާލުކަމަށް

އެއްވެސް ކަހަލަ އެލަރޖިކް ރިއެކްޝަނެއްގެ އަސަރު ނުވަތަ އަލާމާތެއް ފެނޭތޯ ބަލަމުން ގެންދާށެވެ. މިސާލަކަށް ލޯ ދުޅަވުން، ނޭވާލާން އުނދަގޫވުން ނުވަތަ ފިތް ނަގާތޯ ބަލާށެވެ. ވަރަށް މަދުން ނަމަވެސް ޕެޕަ ސްޕްރޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ‘އެނަފައިލެކްޓިކް ޝޮކް’ ޖެހުންވެސް ކުރިމަތިވެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް ސިއްޙީ ފަރުވާ ހޯދާށެވެ.

 

މަސްދަރު: ލިވްސްޓްރޯންގް.ކޮމް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.