މީގެ ކުރިން ނުހަނު ފޯރިއާއެކު ގެނެސްދެމުން އައި ސްކޫލުކުދިންގެ ލަވަ މުބާރާތް 08 އަހަރު ދުވަހު މެދުކަނޑާލައިފައި އޮތުމަށްފަހު މިމަހު 16ގައި މުބާރާތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މުބާރާތުގެ ފަނޑިޔާރުން މިވަނީ ތަޢާރަފުކޮށްފައެވެ. މިފަހަރުގެ މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލްގައި މިއުޒިކް، ލަވަކިޔުން އަދި ޅެންވެރިކަމާއި ދިވެހި އަދަބީ ދާއިރާގައި ފާހަގަކޮށްލެވޭ 07 ބޭފުޅުން ހިމަނާފައިވެއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ނެޝެނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) ގުޅިގެން ގެނެސްދޭ މި މުބާރާތުގެ ފަނޑިޔާރުންނަކީ:-

🎤 ކާނަލް ޢަލީ މަނިކު (ދާރީ)
🎤 އާދަމް ނަޞީރު އިބްރާހީމް
🎤 ޝިފާ ތަޢުފީޤު
🎤 މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް)
🎤 މަރްޔަމް އުނޫޝާ
🎤 މުޙައްމަދު ޝުހައިލް
🎤 ފާޠިމަތު ފެޒްލީން

މިފަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތާއި ގުޅޭގޮތުން މި މުބާރާތް ޓީވީން ދެއްކުމަށް ހަމަޖަހިފައިވާ ޕީ.އެސް.އެމް އާއި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަޞީރު ވިދާޅުވީ، މިފަހަރުގެ މުބާރާތުންވެސް ކުދިންގެ ލަވަކިޔުމުގެ ހުނަރާއި މިއުޒިކްގެ ފަންނުވެރިކަން ފެނިގެންދިއުމަކީ ކުރައްވާ އުއްމީދެއްކަމަށެވެ. އަދި މިއީ ދިވެހި ޅެންވެރިކަމާއި، އަމިއްލަ ރާގުތައްވެސް އިތުރަށް ތަރައްޤީކުރުމަށް ހުޅުވައިދެވޭ މުހިއްމު ޕްލެޓްފޯމެއްކަމަށާއި، މިފަހަރުގެ މުބާރާތައްވެސް ވަރަށް އިންތިޒާރުކުރެވޭކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ޖުމްލަ 273 ދަރިވަރަކު ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އަދި ކުދިންގެ ހުށަހެޅުންތައް ގެނެސްދޭން ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 20 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަކަށް، އަދި ރޭގަނޑު 8 އިން 11 އަށް ޕީ.އެސް.އެމްގެ “ޔެސް ޓީވީ” މެދުވެރިކޮށެވެ. އަދި މުބާރާތުގެ ފައިނަލް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގައެވެ.

“އިންޓަރ ސްކޫލް ލަވަ މުބާރާތަކީ” ސްކޫލް ކުދިންގެ މެދުގައި ޒަމާނުއްސުރެ ވަރަށް ވާދަވެރިކަމާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ. 1988 ވަނަ އަހަރު ފެށި މި މުބާރާތަކީ ލަވަކިޔުމުގެ ހުނަރު އާލާކުރުމާއެކު، މި ފަންނުގައި ހަރަކާތްތެރިވާނެ ކުދިން އުފެއްދުމުގެ މަޤްޞަދުގައި ރާއްޖޭގައި ބާއްވަމުން އަންނަ މިފަދަ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 2015 ވަނަ އަހަރުގައެވެ.

މަސްދަރު: ޕީއެސްއެމް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.