ދިވެހި ފިލްމީ ފަންނާނުންގެ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށްޓަކައި ބާއްވަމުން އަންނަ އެންމެ ވަރުގަދަ އެވޯޑް، “ދިވެހި ފިލްމު އެވޯޑްސް” 05 އޯގަސްޓް 2023ގައި ބޭއްވުމަށް ނިންމައިފިއެވެ.
“ދިވެހި ފިލްމް އެވޯޑްސް 10″ގައި މިފަހަރު ބައިވެރިކުރުމަށް ނިންމާފައިވަނީ 2019 އިން 2022 އަހަރުގެ ނިޔަލަށް ނެރެފައިވާ ފިލްމުތައް ކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނެއެވެ.
އެންސީއޭ އިން މިމަހު 06ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު އެވޯޑްސް 10 ގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ 16 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 13:30 ކަމަށެވެ.
ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ “ދިވެހި ފިލްމު އެވޯޑްސް”ގެ މިފަހަރުގެ އެވޯޑް ދިނުމަށް ކަނޑައަޅާފައިވާ ބައިތަކާއި އިތުރު ތަފްސީލްތައް ވެސް މި އިޢުލާނާއެކު އާއްމުކޮށްފައިވެއެވެ. އެގޮތުން:-
📽️ އެވޯޑް އުސޫލް
📽️ ބައިވެރިވުމަށް އެދޭ ފޯމު އާއްމުކޮށްފައިވެ އެވެ.
މިއަހަރުގެ އެވޯޑުތަކުގެ ތެރޭގައި ހިމޭނޭނީ ފީޗާ ފިލްމާއި، ކުރު ފިލްމުގެ އިތުރުން ޑޮކިއުމެންޓްރީއެވެ. މި ދާއިރާތަކަށް ބަލާނަމަ 2019 އިން 2022 އާ ހަމައަށް ނެރެފައިވާ ފީޗާ ފިލްމުތަކުގެ އަދަދަކީ 14 ފިލްމެކެވެ. އޭގެތެރެއިން 10 ފިލްމަކީ ހަމައެކަނި 2019ގައި ނެރުނު ފިލްމުތަކެވެ. މި މުއްދަތުގައި ހަތް ކުރު ފިލްމެއް ވަނީ ނެރެފައެވެ.
“ދިވެހި ފިލްމް އެވޯޑްސް 10″ގައި ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv ގައި އާއްމުކޮށްފައިވެ އެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 7906246 ނަންބަރު ފޯނާއި ގުޅުއްވުމަށްވެސް އެންސީއޭ އިން އެދެއެވެ.
“ދިވެހި ފިލްމް އެވޯޑްސް 09″ގައި ބައިވެރިކޮށްފައިވަނީ 13 ފިލްމެކެވެ. 2019 ވަނަ އަހަރުގައި ބޭއްވި “ދިވެހި ފިލްމް އެވޯޑްސް 09” ހަފުލާގައި އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫޤް ލީޑުން ފެނުނު “ވިޝްކާ” އަށެވެ. ފިލްމު “ވިޝްކާ”ގައި ރިޝްމީ ކުޅެފައިވާ ރޯލަށް ރިޝްމީ އަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފައެވެ. “ދިވެހި ފިލްމް އެވޯޑްސް 09″ގައި އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!