މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ އަލީ ސީޒަން ބޮޑު ފިލްމެއް ހަދަން ތައްޔާރުވާން ފަށައިފި އެވެ. ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި ‘ފިނިފެންމާާ’ ލޯންޗް ގޮއްވާލި ހާދިސާއަށް ސީޒަން ހަދާ ފިލްމުގެ ނަމަކީ “ފިނިފެންމާ: ގައްދާރުވީ ކާކު؟” އެވެ.

ސީޒަން ބުނީ މި ފިލްމުގެ ސްކްރިޕްޓް ލިއުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. ސީޒަންގެ އަމިއްލަ ޕްރޮޑަކްޝަަން ހައުސް ‘އެސް ޕްރޮޑަކްޝަނުން’ ހަދާ މި ފިލްމުގައި ‘ފިނިފެންމާ’ ހާދިސާއާ އެކު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެދުވަސްވަރު ހިނގައިދިޔަ ގިނަ ކަންތައްތަކެއް ބެލުންތެރިން ބަލާހިތްވާފަދަ ގޮތަކަށް ދައްކުވައި ދޭނެކަމަށް ސީޒަން ބުނެ އެވެ.

ސީޒަން ބުނީ މި ފިލްމަކީ ރިއަލް އިންސިޑެންޓަކަށް ހަދާ ފިލްމަކަށް ވިޔަސް، މި ޕްރޮޖެކްޓް ވަރަށް ސްމޫތުކޮށް ކުރިއަށް ދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ގިނަ އަދަދަކަށް ސްޕެޝެލް އިފެކްޓްސް އާއި ސެޓްތައް ވެސް ހަދައިގެން ޝޫޓް ކުރަން ޖެހޭ ފިލްމަކަށް ވާތީ މި ފިލްމަށް ބޮޑު ބަޖެޓެއް ބޭނުންވާނެ ކަމަށްވެސް ސީޒަން ވަނީ ބުނެފައެވެ. ސީޒަން ގެ މި ފިލްމަށް މިވަގުތު އަންދާޒާކޮށްފައި ވަނީ 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

“ޕްރީޕްރޮޑަކްޝަނަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ފިލްމް ޝޫޓް ކުރުމުގެ މަސައްކަތް ފަށާނީ. މީގެ ސްޕެޝަލް އިފެކްޓްސް މަސައްކަތް ކުރާނީ ލަންކާގެ ކުންފުންޏަކުން.” ސީޒަން ބުންޏެވެ.

ސީޒަން ގެ އުއްމީދަކީ އަންނަ ރަމަޟާާން މަހުގެ ކުރިން “ފިނިފެންމާ” އަށް ހަދާ ފިލްމު ރަސްމީކޮށް ލޯންޗް ކުރުމެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ރާވާފައިވަނީ އަހަރުގެ މެދު ތެރޭގައި ކަމަށް ވެސް ބުނެ އެވެ. އަދި މި އަހަރުގެ ފަހުކޮޅު ފިލްމު ރިލީޒް ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ސީޒަން ބުންޏެވެ.

“ފިލްމުން ބޮޑަށް ފެންނާނީ އާ ތަރިންތަކެއް. އެކަމަކު ފަހަރެއްގައި ފިލްމުގެ ކުޑަ ރޯލަކުން އަހަރެންވެސް ފެނިދާނެ. އެކަމަކު މި ފަހަރު ބޮޑަށް ބޭނުން ވަނީ ކެމެރާގެ ފަހަތަށް އެއްކޮށް ހުސްވާން.”

ސިޔާސީ މައްސަލަތަކެއް ހިމެނޭ މި ފިލްމު ހެދުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ވިސްނާފައިވޭތޯ ސުވާލުކުރުން ސީޒަން ބުނީ މި ފިލްމަކީ ވަޠަން ގެ ކޮންސެޕްޓާއި މުޅިން ތަފާތު ކޮންސެޕްޓަކަށް ވާއިރު މީގައި މާގިނަ ހަތިޔާރުތަކެއް ބޭނުންކުރުން ނޯންނާނެތީ ‘ވަޠަން’ އަށް ކުރިމަތިވިފަދަ މައްސަލަތަކެއް އައިސްދާނެކަމަށް ޤަބޫލު ނުކުުރާކަމަށެވެ.

ސީޒަން އިތުރަށް ބުނީ މި ފިލްމަކީ ވަކި މީހެއް ޕްރޮމޯޓް ކުރަން ނުވަތަ ޑިމޯޓް ކުރަން ތައްޔާރުކުރާ ފިލްމެއް ނޫންކަމަށާއި މީގެ ސްކްރިޕްޓް ލިޔަމުންދަނީ ‘ފިނިފެންމާ’ ހާދިސާ އާއިމެދު މިހައިތަނަށް ލިބިފައިވާ މަޢުލޫމާތު ތަކާއި ފެކްޓް ތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ސީޒަން ގެ ކާމިޔާބު ފިލްމެއް ކަމަށްވާ ‘އަހްޝަމް’ އަޅުވަން އުޅުނު ދުވަސްވަރު ވެސް މައްސަލަތަކެއް ކުރިމަތިވި ކަމަށާއި ފިލްމު ކްލެސިފައި ކުރަމުންދިޔައިރު އެތަނަށް ފުލުހުން ވަދެވެސް ކަންތައްތަކެއް ހިނގައިދިޔަ ކަމަށެވެ. އަދި އެ ފިލްމަކީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޚަރަދުކޮށްގެން ފުލުހުންގެ އަގުވައްޓައިލުމަށް ތައްޔާރުކުރި ފިލްމެއްކަމުގެ ތުހުމަތު ތަކެއްވެސް އޭރު ކުރެވިގެންދިޔަ ކަމަށާއި ނަމަވެސް ފަހުން އެ އޮޅުންތައް ފިލައިގެން ދިޔަކަމަށްވެސް ސީޒަން ބުންޏެވެ.

ސީޒަން ބުނީ “ފިނިފެންމާ” ހާދިސާ އަށް ބިނާކޮށް ފިލްމެއް ހަދަނީ ތަފާތު ވައްތަރެއްގެ ފިލްމެއް ބެލުންތެރިންނަށް ގެނެސް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

“އަހަރެން އަބަދުވެސް ބަލަން ސީދާ ލޯބީގެ ފިލްމެއް ހެދުމުގެ ބަދަލުގައި ތަފާތު ކޮންސެޕްޓަކަށް ފިލްމް ހެދޭތޯ، ވަރަށް ބޮޑަށް އުންމީދުކުރަން މި ފަހަރު މި ހަދާ ފިލްމު ވެސް ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް.” އަބަދުވެސް ތަފާތު ކޮންސެޕްޓްތަކަށް ފިލްމު ހަދަމުން އަންނަ ސީޒަން ބުންޏެވެ.

ސީޒަން ބުނި ގޮތުގައި “ފިނިފެންމާ” އަކީ ހަމައެކަނި ދިވެހި އޯޑިއަންސަށް ހަދާ ފިލްމެއް ނޫނެވެ. “ފިނިފެންމާ” ލޯންޗް ގޮއްވައިލި ހާދިސާ ބޭރުގެ މީޑިއާތަކަށް ވެސް އަރާފައި ވާތީ، އިންޓަނޭޝަނަލް މާކެޓަށް ވެސް ފިލްމު ވިއްކޭނެ ކަމަށް އޭނާ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.