ހިތްގައިމު، ރީތި ލޯބީގެ ލަވަތަކެއް ގެނެސްދެމުން އަންނަ ’ރިޓްޒް ލިރިކްސް‘ އިން ކޮންމެ މަހެއްގެ 20ވަނަ ދުވަހު މުޅިން އައު ލަވައެއް ނެރެމުން އަންނަ ބީދައިން މިމަހު 20ވަނަ ދުވަހުވެސް ހިތްގައިމު ލަވައެއް ގެނެސްދޭން ނިންމައިފި އެވެ. މިފަހަރު ގެނެސްދެނީ “މިތުރާ” އެވެ.
’ރިޓްޒް ލިރިކްސް’ގެ ފައުންޑަރ އަދި ލަވައިގެ ޅެން ލިޔުމުގައި ފިޔަޖަހަމުން އަންނަ އާމިނަތު ރިޒްނީ (ރިޒް) މުނިއަވަސްއަށް ބުނީ “މިތުރާ” އަކީ މިފަހަރު މުނިއަވަސްއަށް ދޭ ހަދިޔާއެއް ކަމަށެވެ.
’ރިޓްޒް ލިރިކްސް’ގެ “މިތުރާ” ލަވަ ކިޔާފައިވަނީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ފަތުއަޑުކިޔާފައި ވިދާލި މަޝްހޫރު ލަވަ “ރޭގަ ތިބާ ހުވަފެނުގަ ދުށީމޭ” ކިޔައިގެން ބޮޑު މަޝްހޫރުކަމެއް ހޯދި މުޙައްމަދު ފަޒީލް އެވެ.
މުނިއަވަސްއަށް ރިޒް ބުނީ މިފަހަރު ފަޒީލް ގެނެސްދޭ ލަވައަކީ “ރޭގަ ތިބާ ހުވަފެނުގަ ދުށީމޭ” ސްޓައިލްގެ ލަވައެއް ކަމަށެވެ. “މިތުރާ” ލަވަ ހަދާފައިވަނީ ފިލްމު “ދާގް”ގެ ‘މެރެ ދިލް މެއިނ އާޖް ކިޔާ ހޭ’ގެ ރާގަށް ހަދާފައިވާ ލަވައެއް ކަމަށްވެސް ރިޒް ބުންޏެވެ.
“މިތުރާ” ލަވައިގެ ޅެން މުނިއަވަސްއާ ރިޒް ހިއްސާކޮށްފައިވެއެވެ. މިފަހަރުގެ ލަވައިގެ ލިރިކްސްވެސް ރިޒްގެ އެހެން ލިރިކްސްތަކެކޭ އެއްފަދައިން ވަރަށް ފުރިހަމަކަން ފާހަގަކޮށްލެވެއެވެ. މި ހިތްގައިމު ލަވައިގެ މިއުޒިކް ހެދީ އަޙްމަދު ޠަލާލް އެވެ.
ހިންދީ ލަވައިގެ ލަފުޒުތަކާ ވީހާވެސް އެއްގޮތަށް ލޯބީގެ ލަފުޒުތަކަކުން ފައްކާކޮށްފައިވާ “މިތުރާ” ލަވަ ފުރަތަމަ ފަހަރަށް އެހުންތެރިންނަށް އިވިގެންދާނީ މުުނިއަވަސް ކްލަބްހައުސް އިން ގެނެސްދެމުން އަންނަ ‘މުނިއަވަސް ރިކްއެސްޓް’ ޝޯގެ ތެރެއިން މި ހަފުތާގެ ބުރާސްފަތި ދުވަހު އޮންނަ ޝޯގައެވެ. މި ޝޯ އޮންނާނީ ބުރާސްފަތި ދުވަހު މެންދުރުފަހު 13:15ގައެވެ.
މި ޝޯގައި އާމިނަތު ރިޒްނީ (ރިޒް) އަދި ’ރިޓްޒް ލިރިކްސް’ގެ މެންބަރުންގެ އިތުރުން ލަވަކިޔުންތެރިޔާ މުޙައްމަދު ފަޒީލް ވެސް ބައިވެރިވާނެ އެވެ.
’ރިޓްޒް ލިރިކްސް’ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!