ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފީޗަރ ފިލްމު “ފްރީ ޑެލިވަރީ”ގެ ޓީޒާ މިމަހު 25 ވަނަ ދުވަހު ރިލީޒްކޮށްފި އެވެ. މިއަދު އާއްމުކުރި ޓީޒާއިން ހެއްވާ މަޖާ މަންޒަރުތަކެއް ފެނިގެންދަނީ ވަރުގަދަ ކާސްޓަކާވެސް އެކުގައެވެ.
މިއަހަރު އޭޕްރީލް މަހު ޝޫޓިން ފެށި “ފްރީ ޑެލިވަރީ” ޑައިރެކްޓްކުރަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ. މި ކޮމެޑީގެ ފިލްމުގެ ހުރިހައި މަސައްކަތެއްހެން ނިމިފައިވާކަމަށް އިއްލެ އަދި ފިލްމުގެ ޕްރޮޑިއުސަރެއްކަމަށްވާ ކަޒްމިކްގެ އާސިމް ޢަލީ ބުނެއެވެ.
ފިލްމުގެ ކާސްޓްގައި ގިނަ އާ ތަރިންތަކެއް ހިމެނޭއިރު ލީޑުން ފެނިގެންދާނީވެސް އާ ތަރިންތަކެއް ކަމަށްވެސް އިއްލެ ބުންޏެވެ. މީގެ އިތުރުން މިއަދު ރިލީޒްކޮށްފައިވާ ޓީޒާއިން ފެނިގެންދާ ގިނަ ތަރިންތަކުގެ ތެރޭގައި ކޮމެޑީއަކުން ފިލްމީ ދާއިރާގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ރަޢުފަތު ޢަބްދުﷲ ޞާދިޤްގެ އިތުރުން ފިލްމު “ލޭކަރުނަ” އަދި “އިތުބާރު” ފަދަ ފިލްމުތަކުން ކޮމެޑީ ރޯލުން ފެނުނު އަފްރާޙް އަދި ކަޒްމިކް އާއި އައިފިލްމްސްގެ އުފެއްދުންތަކުން ފެންނަ ތާތި އާދަމްވެސް ފެނިގެންދާނެ އެވެ.
އިތުރަށް ފެނިގެންދާ ތަރިންގެ ތެރޭގައި ވާޝިޔާ މުޙައްމަދު (ޝިޔާ)، ޝާރިފް، ޢާއިޝާ ޢަލީ، އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، ވިކީ، އިފްނާޒްގެ އިތުރުންވެސް ގިނަ ތަރިންތަކެއް ހަރަކާތްތެރިވެ އެވެ.
ކަޒްމިކްގެ ފުރަތަމަ ފީޗަރ ފިލްމު ސިނަމާއަށް ގެންނަން ތައްޔާރުވަމުން އަންނައިރު، ކަޒްމިކުން ވަނީ އިއްލެ އާއި ގުޅިގެން ”މަޒްލޫމް“ގެ ނަމުގައި އެންތޮލޮޖީ ފިލްމެއްވެސް ގެނެސްދީފައެވެ. މީގެ އިތުރުން ”ދަރަކަ“ ނަމުގައި ކާމިޔާބު ކްރައިމް ތުރިލާއެއްވެސް އުފައްދައި ގެނެސްދީފައިވެއެވެ.
ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!