ތިރީގައި އެވަނީ އިބްނު ރުޝްދަށް ނިސްބަތް ކުރެެވޭ ވާހަކަކޮޅެކެވެ. އިބްނު ރުޝްދަކީ މީލާދީ ސަނަތުން ބާރަވަނަ ގަރުނު ހިސާބު އުޅުއްވި، އަންދަލުސްގެ, މުސްލިމު އިސްޕޭނުގެ, މުސްލިމު އިލްމުވެރިޔެކެވެ. އިސްލާމީ ދުނިޔޭގައި އޭނާ މަޝްހޫރުވެފައިވަނީ ފިގުހު އިލްމުވެރިޔެއްގެ ގޮތުގައެވެ. ހުޅަނގުގައި އޭނާ މަޝްހޫރުވެފައި ވަނީ ފަލްސަފާވެރިއެއްގެ ގޮތުގައި އެވްރޯސްގެ ނަމުންނެވެ. އެރިސްޓޯޓިލްގެ ލިޔުންތަކުގެ މައްޗަށް އެތައް ލިޔުންތަކެއް އޭނާ ލިޔުއްވިއެވެ. އަދި އެލިޔުންތައް އިބްރީ ބަހަށާއި ލެޓިން ބަހަށް ތަރުޖަމާކުރެވި، ހުޅަނގުގައި ޔޫނާނީ އިހުގެ ފަލްސަފާވެރިންގެ ލިޔުންތައް ކިޔައި ދިރާސާކުރުމުގެ ހަރަކާތެއް އުފައްދާލިއެވެ.

އިބްނު ރުޝްދަށް ނިސްބަތް ކުރެވޭ މި ބުނުމުގައި އޮވެއެވެ: أكبر عدو للإسلام جاهل يكفر الناس. ‘އިސްލާން ދީނުގެ އެންމެ ބޮޑު އަދުއްވަކީ މީސްތަކުން ކާފިރު ކުރަމުންދާ އިސްލާމީ އިލްމު އުނގެނިފައި ނެތް ޖާހިލު މީހާއެވެ.’

މީގެ އިތުރުން ވެސް ތިރީގައި އެވާ ބުނުންތައް އޭނާގެ މަޝްހޫރު ބުނުންތަކުގެ ތެރޭގައި ހިމެނެއެވެ.

1. އަހަރެން ނިދުމުން، އެކަމާ މެދު އަހަރެން ވިސްނާ ފިކުރުކުރާ މައްސަލަތައް، ހުވަފެނުގައި ވެސް ފެނެއެވެ. ދެން، ނިދީގައިވާ ހާލު އެ މައްސަލަތައް އަހަންނަށް ސާފުވާ ގޮތް ވެއެވެ.
2. ޖާހިލުކަމުގެ ކަސްތޮޅުން އިންސާނާ ސަލާމަތްވަނީ އޭނާއަށް ނޭނގޭ މiންވަރު އޭނާއަށް އެނގުމުންނެވެ.
3. އިންސާނާގެ އަޚުލާގު ނެތިދިޔުމުން، އެކަން އިސްލާހުކޮށް، ރަނގަޅުކޮށްދެވޭނީ ހަމަ އޭނާގެ އަމިއްލަ އަތުންނެވެ.
4. މާތްﷲ އިންސަނާއަށް ސިކުނޑިއެއް ދެއްވާފައި ވަނީ، ކޮންމެ ދުވަހަކު ވެސް، ދުނިޔެ އާކޮށް އަލުން ބިނާކުރުމަށްޓަކައެވެ.
5. އިލްމަކީ އަހަރުމެންގެ ވަށައިގެންވާ އަނދިރިކަން އަލިކޮށްދޭ ބައްތިއެކެވެ.
6. މާތްﷲ އަހަރުމެންނަށް ސިކުނޑިިއާއި ބުއްދި ދެއްވުމަށް ފަހު، އެއާ ފުށުއަރާނޭ ގާނޫނެއް ބާވާނުލައްވާނެއެވެ.
7. ކަލޭގެ ލިޔުމާއި ފިކުރު އެހެން މީހުންނަށް އެނގެން ބޭނުންކަމަށް ވަންޏާ ކަލޭގެ ލިޔުންތައް އެހެން މިހުނަށް ދައްކާށެވެ.
8. ބުއްދި ނުވާ މޮޔަ މީހާ، އޭނާގެ ހިތާހިތާ މާތްﷲ ވޮޑިގެން ނުވެއޭ ބުނެއެވެ.
9. ކަލޭގެ ދުޝްމަނާ ބެހޭ ގޮތުން މައުލޫމާތު ލިބި، އޭނާ އެނގުނުއެނގުނު ހެން، އޭނާއަށް ކުރެވޭ އިހުތިރާމު އިތުރުވަމުން ދެއެވެ.
10. އުނގެނުމުގައި އެންމެ މުހިއްމީ ދަސްކުރަނީ ކޮން އެއްޗެއްތޯ ބެލުމެއް ނޫނެވެ. ނަމަވެސް، ދަސްކުރާ އެއްޗެއް ދަސްކުރަނީ ކިހިނެއްތޯ އެނގުމެވެ.
11. މާތްﷲ އިންސާނުން އުފެއްދެވީ، އެކަލާނގެއަށް އަޅުކަންކޮށް، އުފާވެރިކަން ލިބިގަތުމަށްޓަކައެވެ.
12. މުޖުތަމައެއްގެ ރަނގަޅުކަމާއި ނުރަނގަޅުކަން ކަނޑައަޅާލެވެނީ މުޖުތަމައުގެ އެންމެ ނިކަމެތި އެއްވެސް އާރެއް ބާރެއް ނެތް އަފުރާދުންނާ މެދު މުޖުތަމައު ކަންތައް ކުރާ ގޮތުގެ މައްޗަށް ބަލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.