“ދިވެހި ފިލްމު އެވޯޑްސް 10” 05 އޯގަސްޓް 2023ގައި ބާއްވަން ނިންމާ އެކަން އިޢުލާނުކޮށްފައި ވިޔަސް، މި ތާރީޚްގައި ފިލްމު އެވޯޑް ބާއްވާކަން ނުވަތަ ނޫންކަން މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.

“ދިވެހި ފިލްމު އެވޯޑްސް 10″އަށް ފިލްމު ހުށައެޅުމަށް ހުޅުވައިލި މުއްދަތުގައި އެކަށީގެންވާ މިންވަރާ ގާތަށްވެސް ފިލްމު ހުށައަޅާފައި ނުވުމުން ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރި އެވެ. މުއްދަތު އިތުރުކުރި ފަހުންވެސް އެހާ ގިނަ ފިލްމުތަކެއް ހުށައަޅާފައި ނުވާކަމަށް މުނިއަވަސް އަށް އެނގިފައިވެއެވެ.

“ދިވެހި ފިލްމު އެވޯޑްސް 10” ބޭއްވުމަށް ނިންމާފައިވާ ތާރީޚްގައި ފިލްމު އެވޯޑް ބޭއްވިދާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު، އެވޯޑް ބާއްވަން ހަމަޖައްސާފައިވާ ތާރީޚްގައި އެވޯޑް ހަފުލާ ބޭއްވިދާނެކަމާމެދު ގިނަބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ.

“ދިވެހި ފިލްމު އެވޯޑްސް 10″ގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކޮށްފައިވާ ފިލްމުތައް ކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗަރގެ މިނިސްޓަރުކަމަށް ޔުމްނާ މަޢުމޫން ހަމަޖެއްސުމަށްފަހު ދިވެހި ފަންނާނުންނާއެކު ގިނަ ބައްދަލުވުންތަކެއް ބާއްވައި ހުވަފެންތަކެއް ދެއްކި ނަމަވެސް، ފަންނުވެރިންގެ ކަންކަމުގައި ފަންނާނުންގެ އުއްމީދުތައް ހާސިލުކޮށްދިނުމަށް އެކަށޭނަ މަސައްކަތްތަކެއް އެ މިނިސްޓްރީން ކުރަމުން ނުދާކަމަށް ގިނަ ފަންނާނުން ތުހުމަތުކުރެއެވެ.

“ދިވެހި ފިލްމު އެވޯޑްސް” ފެށިގެން އައި ގޮތުގެ ތާރީޚަށް ބަލައިލާއިރު ކުރިން މި އެވޯޑް ދިނީ “ޤައުމީ ފިލްމު އެވޯޑް”ގެ ނަމުގައެވެ. އެގޮތުން ސަރުކާރުން ރާއްޖޭގައި ބޭއްވި ފުރަތަމަ ފިލްމު އެވޯޑްގައި 31 ފީޗަރ ފިލްމާއި، 11 ޑޮކިއުމެންޓްރީ ފިލްމް ބައިވެރިކޮށްފައި ވެއެވެ. ފީޗަރ ފިލްމްގައި ހިމެނޭ 12 ފިލްމެއް ކޮޕީ ފިލްމްތައް ކަމަށްވާތީ ލިސްޓުން އުނިކުރިއެވެ. އަދި އެއް ފިލްމް ބާވެ، ހަލާކުވެފައިވާ ވާތީ ވަކިކުރިއެވެ. މިފެސްޓިވަލްގައި ޓެކްނިކަލް ކަންތައްތައް ޖަޖުކުރުމަށް ސްރީލަންކާ އިން ދެޖަޖުން ގެނައެވެ.

އެންމެ ފަހުން ބޭއްވި “ދިވެހި ފިލްމު އެވޯޑްސް 09” ބާއްވައިފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހުގެ ރޭގައެވެ. 09ވަނަ ދިވެހި ފިލްމީ އެވޯޑަށް ވާދަ ކުރާ ފީޗާ ފިލްމްތަކަކީ 2017-2018 އަށް ރިލީޒް ކުރި ފިލްމްތަކެވެ. އެގޮތުން 9 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ފީޗަރ ފިލްމް ކެޓަގަރީން ޖުމުލަ 12 ފިލްމް ބައިވެރިކޮށްފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.