“….. ދެން އަޅުގަނޑުގެ އުއްމީދަކީ މީ “ނީނާ” ފިލްމަކީ ދިވެހިރާއްޖޭގަ އެންމެ ސަޅި ފައިޓް ސީން އިންނަ ފިލްމަށް ވުން.” ނީނާއަށް މާޝަލް އާޓްސް ދަސްކޮށްދިން ޝިން އެޓެމީ މޯލްޑިވްސްގެ ޗީފް އިންސްޓްރަކްޓަރު ޙަސައިން ސުހައިލް މީގެ ތިން އަހަރު ކުރިން ބުނެފައިވާ އޭނާގެ އުއްމީދު ހަމަ ގައިމުވެސް ފުރިހަމަވެއްޖެ އެވެ. އެކަން މި ފިލްމު ބަލައިލުމުން ކިތަންމެހާވެސް ރަނގަޅަށް ފެނިގެންދެއެވެ. ސުހައިލްގެ އިރުޝާދުގެ ދަށުން ފިލްމުގެ ވަރުގަދަ ލީޑް ނުޒުހަތު ޝުޢައިބް އަދި ވަރުގަދަ ވިލަން ހަމްދޫން ފާރޫޤް (އައްކި) އާއި އޭނާގެ ގޭންގް މެންބަރުންގެ އިތުރުން ޔޫޝަޢު ވަނީ ސާބިތުކޮށްދީފައެވެ.

ފިލްމު “ނީނާ” ބެލުމަށްފަހު ސުހައިލްގެ ފޭސްބްކް ސްޓޯރީއަށް ދޫކޮށްލި ނީނާ ޕްރިމިއާ އިވެންޓްގެ ފޮޓޯތަކާއެކު ގިނަ ވާހަކަތަކެއް އޭނާ ހިއްސާކޮށްފައިވެއެވެ.

“ނީނާއާއެކު ތިޔައީ އަހަންނާ ދިމާވި އެންމެ ޑިސިޕްލިންޑް އެކްޓްރެސް. އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން އަހަރެން ދެއްކި މޫވްސްތައް ދަމައިގަނެވޭނެ ކަމަކަށް. އެކަމަކު ތިބާ ހުރީ ކެތްތެރިކަމެއް ނެތި، އަހަރެންނަށް ދައްކާލީ ތިބާއަށް ކުރެވޭނެކަން. އަންހެނަކަށްވެސް ކިހާވަރެއް ކުރެވިދާނެކަން ސާބިތުކޮށްދީފި. އަދި ތިޔަ އަދާކުރި ކެރެކްޓަރ ދަމައިގަނެވޭނެ އިތުރު މީހަކު ނުހުންނާނެ ކަންވެސް ސާބިތުކޮށްދީފީމު. ތިބާގެ ސެންސޭ އަދި ސްޓަންޓް ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން އަހަރެންނަށް އިޙްސާސް ކުރެވެމުންދާ އިޙްސާސްތައް ބަޔާންކޮށްދޭނެ ބަހެއް ނެތް. ހަމަ ވަރަށް ފުރިހަމަ.”

ފިލްމު “ނީނާ” ރިލީޒްކުރި އިވެންޓްގައި ނުޒޫއާއެކު ސުހައިލް ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ސުހައިލް ބުނެފައިވެއެވެ. ސުހައިލް އެ ބުނީ ވަރަށްވެސް ބޮޑު ތެދެކެވެ. ނުޒޫއަށް މިކަން ކުރެވިދާނެކަން ކިތަންމެހާވެސް ރަނގަޅަށް ސާބިތުކޮށްދީފި އެވެ. އަނެއްކާވެސް ބުނެވެން އޮތީ، ސުހައިލް އެ ބުނީ ކިހާވަރެއްގެ ތެދެއްކަން އެނގޭނީ މި ފިލްމު ބަލައިލުމުން ކަމަށެވެ. ހަމަ ހަޤީޤަތުގައިވެސް ނުޒޫ މި ފިލްމުގައި ދެއްކި ކުޅަދާނަ އެކްޓިން އަދި އަސްލު ފައިޓްތައް މިހެން ލިޔެލާ އިބާރާތްކޮޅަކުން ސިފަކޮށްދިނުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ފިލްމު “ނީނާ” އަކީ ހުނަރުވެރި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ)ގެ ކޮލިޓީ މަސައްކަތެކެވެ. ޕްރޮޑިއުސަރު އާސިމް ޢަލީ އަދި އަޙްމަދު ވަހީދު އިއްލެއަށް ކުރާ އިތުބާރުގެ މައްޗަށް އިތުބާރު ފަށްފަށްކޮށްލާހާ މޮޅު ފިލްމެއް ދިވެހި ފިލްމީ ދާއިރާގެ ތާރީޚްގައި ލިޔެލީ މި ފިލްމުންނެވެ.

“މި ޕްރޮޖެކްޓްގެ މާސްޓަރމައިންޑް އިލްޔާސް ވަހީދު އަހަންނަށް އިތުބާރުކޮށް ހަމަ އެންމެ ދެމަސް ދުވަހުގެ މަސައްކަތުން މި ޖާދޫ ދެއްކުމުގެ ފުރުޞަތު ދިނީތީ ޝުކްރިއްޔާ. ފިލްމަކީ ހުރިހާ ގޮތަކުންވެސް ހަމަ ވަރަށް ފުރިހަމަ ފިލްމެއް. އަހަރުމެންގެ މަސައްކަތުގެ ނަތީޖާއާ މެދު އަދިވެސް އަހަރެން މިހުރީ ހައިރާންވެފަ.” އިލްޔާސް ވަހީދު އަދި އާސިމް ޢަލީއާ އެކު ސުހައިލް ނަގާފައިވާ ފޮޓޯ ހިއްސާކުރީ ކުރެވުނު މަސައްކަތާމެދު ނުހަނު ހިތްހަމަޖެހި ހުރެގެންނެވެ.

މި ފިލްމަށްޓަކައި ނުޒޫ އަދި އައްކިއަށް މިކްސްޑް މާޝަލް އާޓްސް ދަސްކޮށްދިނީ ސުހައިލްގެ އިރުޝާދުގެ ދަށުން ޚުދު ސުހައިލްއެވެ. ތަމްރީނުތަކުގެ ދަށުން ސެލްފް ޑިފެންސް ވެސް ދަސްކޮށްދިނެވެ.

“ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ތިބާ (އައްކި)އަށް އަންނަމުންދިޔަ ބަދަލުތައް އަހަރެން ދުށިން. ތިޔަ ހޯދި ނަތީޖާއާމެދު އަހަރެން ފަޚުރުވެރިވަން. އަލްބޯގެ ރޯލުން ތިޔަ ދައްކައިދިނީ އަޖައިބުކުރުވަނިވި މަސައްކަތެއް. އަހަރެން އަދިވެސް މިހުރީ ބިރުގެންފަ. (އައްކި ދެއްކި އެކްޓިންގެ ފުރިހަމަކަމުން އެކަމާ ހައިރާންވެ އަންތަރީސްވެފަ)” ތުއްތުކުއްޖެއްގެ ރިޕޯޓް ފޮތުގެ ރިމާކްސްގައި ޓީޗަރަކު ލިޔެލާފަދަ އިބާރާތްކޮޅަކާއެކު އައްކިއަށް ސުހައިލް އެކުރި ތަޢުރީފާއި ދިން ހިތްވަރުގެ ބަސްތައް ޙައްޤެވެ. އަލްބޯގެ ކެރެކްޓަރއާއެކު އައްކި މިވަނީ ދިވެހި ފިލްމީ އުދަރެހަށް ވަރުގަދަ ވިލަންއެއް އުފަންކޮށްދީފަ އެވެ.

ނުޒޫ، އައްކި އަދި ޔޫޝަޢުގެ އިތުރުން މި ފިލްމުން ވަރުގަދަ އެކްޓިންއެއް ދެއްކި އަނެއް ފަންނާނަކީ ޝަރަފުއްދީން ޢަބްދުﷲ (ޝަރަފް) އެވެ. މިއީ ޝަރަފްގެ އަލަތު ފިލްމު ނަމަވެސް އޭނާގެ އެކްޓިންއަށް ހަމަ ސަތޭކައިން ސަތޭކަ ދޭން ޖެހެއެވެ. ޝަރަފްގެ ރިޕޯޓް ފޮތުގެ ރިމާކްސްގައި ސުހައިލް ލިޔެލާފައިވާ އިބާރާތްކޮޅަށް ބަލައިލުމުންވެސް މިކަން އެނގެއެވެ.

“އަހަންނަށް ހަމްދުގެ ކެރެކްޓަރ ކަމުދިޔަ. އެއީ ނީނާގެ އިދިކީލި ކެރެކްޓަރއެއް. މިއީ ތިބާ (ޝަރަފް)ގެ އަލަތު ފިލްމުކަމެއް މީގެ ކުރިން އަހަންނަށް އެނގިފައެއް ނެތް. މިކަންކުރުމުގެ (އެކްޓްކުރުމުގެ) ހުނަރު ތިބާގެ ކިބައިގައި އެބަހުރި. ތިޔަ ހޯދަމުންދާ ކާމިޔާބީތަކާމެދު އުފާކުރަން.”

ޔޫޝައު އަދި ނަތާޝާ ޖަލީލް އަކީވެސް މި ފިލްމުގެ ވާހަކަ އެނބުރޭގޮތުން މުހިންމު ދެ ކެރެކްޓަރއެކެވެ. ވަކީން ޚާއްޞަކޮށް ޔޫޝަޢު މި ފިލްމުގައި ދައްކާފައިވާ މޮޅު އަދި އެހާމެ ހިޔަޅު އެކްޓިންއަށް ވެސް ތަޢުރީފު ޙައްޤެވެ. މިކަމާމެދު ސުހައިލްގެ ބަސް ހިއްސާކުރަމުން ބުނެފައިވަނީ ޔޫޝަޢުގެ އިންސްޓަގްރާމް ހެންޑްލް ސުހައިލްގެ އަތުގައި ނެތް ނަމަވެސް، ކޮންމެވެސް މީހަކު ސުހައިލްގެ މި ޕޯސްޓް ޔޫޝަޢުއަށް ދެއްކުމަށް އެދެމުން ފާހަކަކުރީ ވަރަށްވެސް މުހިންމު ކަމެކެވެ.

“ޔޫޝައު އެވެ. މި ޕްރޮޖެކްޓްގެ ފުރަތަ ދުވަސްކޮޅު ތިބާގެ ކިބައިގައި ހުރި އަމިއްލަ ނަފުސަށް އިތުބާރުކުރާ މިންވަރު ދަށްކަމުން އަހަރެން ބުނި ވާހަކަ ހަނދާންއެބަހުރި ހެއްޔެވެ؟ އޭރު އެޅި ވޭނާއި ރިހުމުގެ ފޮނި މޭވާ މިއަދު ލިބިއްޖެނޫންހެއްޔެވެ.” ތެދެކެވެ. ހީނާފަތުން ރަތްކުލަ ނެރުމަށްޓަކައިވެސް ކިހާ ބޮޑަކަށް ދައިން ފުނޑަން ޖެހޭދޯ އެވެ. އެހެންކަމުން ސުހައިލްގެ ގޭނުންތަކަށް އެޅި ވޭނުގެ ފޮނިރަހަ މި ފިލްމުން ހަމަގައިމުވެސް ފެނެއެވެ. ނަތާގެ އެކްޓިންއަށްވެސް ސުހައިލް ތަޢުރީފްކުރިއެވެ.

“ސީދާ ހަމަލޮލުން ނަތާގެ އެކްޓިން މަށަށް ފެނުނު. ކޮންމެ ރޯލެއް ދިނަސް ތިބާއަށް އެކްޓްކުރެވޭނެ. ނީނާގައި ދެއްކި ކެރެކްޓަރ އަހަންނަށް ކަމުދިޔަ. ތައުރީފު ޙައްޤު.”

މިއީ ސުހައިލްގެ ފުރަތަމަ ފިލްމީ މަސައްކަތެވެ. ފިލްމުގެ ސަޕޯޓިން އެކްޓަރުންގެ ލިސްޓްގައިވެސް ސުހައިލްގެ ނަން ހިމެނެއެވެ. މި ފިލްމުން ދައްކާގޮތުން ނުޒޫއަކީ ކަރާޓީތަޅަން ދަސްކޮށްދޭ މުދައްރިބެކެވެ. ނުޒޫގެ ކުލާހެއްގައި ދަރިވަރެއްގެ ގޮތުގައި ސުހައިލް ހުންނަތަންވެސް ފިލްމުން ފެނިގެންދެއެވެ. ނަމަވެސް އަސްލު މުދައްރިބަކީ ސުހައިލްއެވެ. ފިލްމުގައި ފެނިގެންދާ ހުރިހާ ފައިޓްތަކެއްގެ ފައިޓް ކޮރިއޮގްރަފީ ހެދީ ސުހައިލްއެވެ.

އަހަރެންގެ ފުރަތަމަ ފައިޓް ކޮރިއޮގްރަފީ ޕްރޮޖެކްޓަކީ އައިފިލްމްސްގެ “ނީނާ“. އެންމެންނަށް ފިލްމު ކަމުދާއިރު އަހަންނަށް ވަރަށް ގިނަ ޕޮޒިޓިވް ފީޑްބެކްތައް ލިބެމުން އެބަދޭ. ދެ މަސް ދުވަހުގެ ބުރަ މަސައްކަތުން ރަނގަޅު ނަތީޖާއެއް ލިބިއްޖެ.” ސުއައިލްގެ މީސްމީޑިއާއަށް ދޫކޮށްލި ސްޓޯރީގައި ބުނެލާފައިވެ އެވެ.

“އަހަރެންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ދެއްވި އިލްޔާސް ވަޙީދަށް އަނެއްކާވެސް ޝުކުރުދަންނަވަން. އިއްލެގެ އިތުރު މަސައްކަތްތަކަށް އަހަރެން އިންތިޒާރުކުރާނަން. އަދި މިހުރިހާ ކަމެއް ދެ މަސްދުވަހުގެ ތެރޭގައި ކުރެވުނުކަން ޤަބޫލުކޮށްލަން އަދިވެސް ދަތި. ފިލްމުން ފެނިގެންދިޔަ ކޮންމެ ހަރަކާތަކަށް ވެސް ވަރަށް ގިނަ ޖިސްމާނީ ދިރާސާތަކެއް ކުރެވުނު.” ސުހައިލް އެ ފާހަގަކުރި ގޮތަށް، އިއްލެގެ ކުރިއަށް ހުރި ޕްރޮޖެކްޓަކަށް އިންތިޒާރުކުރަން އަނެއްކާވެސް މަޖުބޫރުވެފައި މިވަނީ އައި ފިލްމްސްގެ “ނީނާ“ގެ ސަބަބުންނެވެ.

ފިލްމު “ނީނާ” ބަލައިލުމުން ޔަޤީންވާ އެތައް ކަމެއް އެބަ ހުއްޓެވެ. އެކި ފަންނުގެ ގިނަ ބަޔަކު ގުޅިގެން ކުރާ މަސައްކަތަކުން ފުރިހަމަ ފޮނި މޭވާއެއް ނެރެވޭނެކަމެވެ. އެކި ދާއިރާތަކުގެ ޒުވާނުން ތިބީ ފުރުޞަތުތަކަށް ފެންބޮވައިގެންފާ ކަމެވެ. ފިލްމެއް ހެދުމުގެ ނަމުގައި ހަމަ ކަމެއްކޮށްލުމުގެ ބަދަލުގައި ރޭވުންތެރިކަމާއެކު ބުރަ މަސައްކަތްތަކެއް ކޮށްފިނަމަ ބޮލީވުޑާއި ހޮލީވުޑް އަދި އެހެން ވުޑްވުޑާ ވާދަކޮށްލެވޭނެ ފަދަ ކޮލިޓީ އުފެއްދުންތައް ދިވެހީންނަށްވެސް އުފެއްދިދާނެ ކަމެވެ. އައިވެސް އެތައް އެތައް ކަމެއް މި ލިސްޓަށް އިތުރުކުރެވިދާނެއެވެ.

ނީނާ” އަށް ތަޅަން ދަސްކޮށްދިންު ސުހައިލްގެ އުއްމީދުތައް ފުރިހަމަވެއްޖެ އެވެ. ވަރަށް ބޮޑަށް މަރުޙަބާ ކިޔަމެވެ.

🎦 ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.