ފިލްމު “ނީނާ“ގެ ޕްރިމިއާ ޝޯގައި ފިލްމު ބެލުމަށްފަހު “ނީނާ” އަކީ ކޮލިޓީ މާސްޓަރ ޕީސް ފިލްމެއް ކަމަށް މުނިއަވަސް އިން ރިޕޯޓްކުރީ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަށް ވާތީއެއް ނޫނެވެ. މުނިއަވަސް އިން ފިލްމެއްގެ ވާހަކަވިޔަސް، އެކްޓަރެއް، ޑައިރެކްޓަރެއް އަދި ޑައިރެކްޝަންއެއްގެ މޮޅު ވާހަކަވިޔަސް ރިޕޯޓްކުރަނީ ވަރަށް ޒިންމާދާރުކަމާއެކު ކަން އޮތްގޮތް ބަޔާންކުރުމަށެވެ.

ކުރިން މި އިޝާރާތްކުރެވުނު ޚަބަރުގެ ކުޑަ ތަންކޮޅެއް އަނެއްކާވެސް ހިއްސާކޮށްލާނަމެވެ.

“ޙަޤީޤަތަކީ މި ފިލްމުގެ ސަޅި ވާހަކަދެއްކުން ނޫން އެހެންކަމެއް، އެހެން ވާހަކަތަކެއް ދެއްކެން ހަމަ ނެތެވެ. އެކަން މި ފިލްމު ބެލި ފަރާތްތަކުން މީޑިއާތަކަށް ދިން އިންޓަވިއުތަކުގެ އިތުރުން، ކުރިއަށް މިއޮތް ވަގުތުތަކުގައި މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށް ދޭ ކޮމެންޓްތަކުން އެނގިގެންދާނެ އެވެ.

“ނީނާ” އަކީ ކޮލިޓީ މާސްޓަރ ޕީސް ފިލްމެއް ޚަބަރުން

ޚަބަރުގައި އިޝާރާތްކުރެވުނު ފަދައިން ފިލްމު “ނީނާ” ބެލި އެތަކެއް ބައެއްގެ ކޮމެންޓްތައް މީސްމީޑިއާގެ މަންސަތަކާއި ފިލްމުގެ ޕްރޮޑިއުސަރުން، ޑައިރެކްޓަރު އަދި ކާސްޓުންނަށް ލިބެމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. ހުރިހައި ކޮމެންޓެއްގައި ވެސް ހުރީ ފިލްމުގެ މޮޅު ވާހަކައެވެ. ރީތި ވާހަކައެވެ. އެ ހުރިހާ ކޮމެންޓްތަކުން ހަމަ ކޮންމެ ކޮމެެންޓެއްވެސް ވަރަށް މުހިންމެވެ. ނަމަވެސް ރާއްޖޭގެ މަޝްހޫރު ބްރޭންޑް ނަމެއް ކަމަށްވާ ‘އާނީ އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް‘ގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޢަލީ ދެއްވާފައިވާ ކޮމެންޓަކީ މާބޮޑަށްވެސް ފާހަގަކޮށްލެވޭ ކޮމެންޓެކެވެ.

“ދިވެހިރާއްޖޭގެ މުޖުތަމަޢު މިހާރު އޮތް ޙާލަތު “ނީނާ” ފިލްމުން ދައްކުވައިދޭ.

“ރޫޅިފައިވާ ޢާއިލާ، މަސްތުވާތަކެއްޗާއި، އަނިޔާއާއި، ގޭންގް ރޭޕާއި، މަރުގެ މައްސަލައާއި، ޝިކާރައަކަށްވާ މީހުންނާއި ޝިކާރައަކަށްވާ މީހުންނަށް ދުވަހަކުވެސް އެކަށީންވާ އިންސާފު ނުލިބި މަދު ވޯޓްކޮޅެއް ހޯދުމުގެ ދަހިވެތިކަމުގައި ކުށްވެރިންނަށް މިނިވަންކަން ލިބޭ ފަސާދަވެފައިވާ މުޖުތަމަޢުއެއް (މި ފިލްމުން ވަރަށް ރަނގަޅަށް ދައްކުވައިދޭ).

މިއީ ބާރުވެރި އަންހެނަކު، އެއްވެސް ޖެހިލުންވުމެއް ނެތި އަނިޔާއާ ދެކޮޅަށް ތެދުވެ މަސައްކަތްކުރާތަން ފެނިގެންދާ ‘މާސްޓަރޕީސް’އެއް.

އަންހެނެއް އަދި މަންމައަކަށް ވާތީ އަހަންނަށް ވަރަށް އަސަރުކުރި. އަހަރެން ގިނަ ވަގުތު ނޭވާ ހިފަހައްޓައިގެން އިންއިރު، ފެންނަމުން ދިޔަ މަންޒަރުތައް މުޖުތަމަޢުއާ ގުޅުންހުރިލެއް ބޮޑުކަމުން އަހަންނަށް ހަޅޭއްލަވައިގެނެވި ރޮވުނު.

އިލްޔާސް ވަހީދުގެ މާސްޓަރޕީސް ސްޓޯރީލައިނަށް އަހަރެން ސާބަސްދެން.

ފެށިގެންގޮސް ނިމެންދެންވެސް އެއީ ބިރުވެރި-ޝައުޤުވެރިކަމެއް ފެންނަ ފިލްމެއް.

ފިލްމުގައި ބައިވެރިވި ހުރިހާ ތަރިން، ވަކީން ޚާއްޞަކޮށް އިސް ބަޠަލާ ނުޒުހަތު ވަރަށް މޮޅަށް މަސައްކަތްކޮށްފައިވޭ.

އެންމެފަހުން އަހަރެންގެ ޢަލީ އިނާޒް (ދަރިވަރު) އެކްޓްކުރަނިކޮށްވެސް ފެނިއްޖެ. އިއްލެއާ މެދު އަހަރެން ވަރަށް ބޮޑަށް ފަޚުރުވެރިވަން. 👏👏

އެހެން ގޮތަކުން އެ އިހުސާސްތަކާއި، ވަރުގަދަކަމާއި، ހަގީގަތާއި ގުޅުވާލާފައިވާ މިންވަރު އަލުން ކިޔައިދެވޭކަށް ނެތް.

“ނީނާ” އަކީ ކޮންމެހެން ބަލަންޖެހޭ ފިލްމެއް، ވަކީން ޚާއްޞަކޮށް ކަނބަލުން.

އާނ، އަހަރުމެން އަނިޔާވެރިކަމަށް ބޮލެއް ނުލަނބާނަން އަދި ކިއެއްތަ އިންސާފުހޯދުމަށް މަސައްކަތްކުރާނަން. “މިކަމަށް ސަމާލުވެ ތިބޭތި”

– އައިންތު ޢަލީ (އާނީ އެސޯސިއޭޓްސް)

އައިންތު ޢަލީ ފަދަ ފަންނުވެރި، ހުނަރުވެރި މުދައްރިސެއް، މުދައްރިބެއް އިނގިރޭސި ބަހުން ލިޔުއްވާފައިވާ ޢިބާރާތްތަކެއް ދިވެހިބަހުން މި ލިޔެލީ ޖެހިލުންވެ އިނދެއެވެ. ނަމަވެސް، އައިންތު ޢަލީގެ މެސެޖް ރަނގަޅަށް ތަރުޖަމާކުރެވުނު ކަމަށް އުއްމީދު މި ކުރަނީ އެ މެސެޖްގެ ހަމަ ކޮންމެ އަކުރަކީވެސް މި ފިލްމާމެދު ހަސަދައެއް ނުލައި ޚިޔާލެއް ހިއްސާކުރާ ކޮންމެ މީހަކުވެސް އެއްބަސްވާނެ ކަންތައްތަކެއް ކަން ފާހަގަކޮށްލަމުންނެވެ.

ފިލްމު “ނީނާ” އަކީ ހަމަ ޙަޤީޤަތުގައިވެސް ކޮންމެ އަންހެނަކުމެ ބަލަންޖެހޭ ފިލްމެކެވެ. ވަކީން ޚާއްޞަކޮށް އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުން މި ފިލްމު ނުބަލައި ދޫކޮށްނުލުމަށް ފިލްމު ބެލި މީހެއްގެ ހައިސިއްޔަތުން ޚިޔާލުދެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.