އިވެންޓް ކަވަރޭޖްހެދީ: އަޙްމަދު ރަޝީދު (އަންނާރޭ)

ދިވެހި ފަންނުވެރިންގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ)އިން އާޓިސްޓްސް އެޕްރިސިއޭޝަން ނައިޓް 2023ގެ ނަމުގައި ހަފުލާއެއް ބާއްވައިފި އެވެ. މި ހަފުލާ ބޭއްވީ މިމަހު 10ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގެ ބެކް ސްޓޭޖްގައެވެ.

އާޓްސް އެޕްރިސިއޭޝަން ނައިޓް 2023 ހަފުލާގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫންގެ އިތުރުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެކިއެކި އިހާތަކުގެ އިސްބޭފުޅުންވެސް ބައިވެރިވެލެއްވިއެވެ. ހަފުލާ ފެށުމުގެ ގޮތުން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ މިއީ ފަންނުވެރިންގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެންސީއޭ އިން ފަށާ ފެށުމެއް ކަމަށެވެ.

އާޓިސްޓްސް އެޕްރިސިއޭޝަން ނައިޓް 2023ގައި ފާހަގަކޮށްލެވޭ ފަންނީ ޖަމިއްޔާތަކާއި ބައެއް ފަރުދުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކުރެވުނެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އާޓްސް މިނިސްޓަރ ޔުމްނާ މަޢުމޫނެވެ.

“މިއުޒިކްގެ ދާއިރާއިން ‘ފަންނުގެ ދަރިން’، ވިޒުއަލްސް ދާއިރާއިން ‘ޢަލީ އިޝާން (ކުރަހާ ރާއްޕެ)’، ‘މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީ’، އަދި ‘އަޙްމަދު ޝައްފާން’، ޕާފޯމިން އާޓްސް ދާއިރާއިން ‘މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގ އާޓްސް (އެމްއެސްޕިއޭ)’، ފިލްމީ ދާާއިރާއިން ‘މޯލްޑިވްސް ފިލްމު އެސޯސިއޭޝަން’، މިއުޒިކްގެ ދާއިރާއިން ‘މިއުޒިކް ހައުސް’، މިއުޒިކްގެ ދާއިރާއިން ‘އަޙްމަދު އާޠިފް (އެކްސްރޭ އާތިފް)’، ވިޒުއަލްސް ދާއިރާއިން ‘ފައިން އާޓް މޯލްޑިވްސް’، އަދި ‘އާރޓް ގެލެރީ މާލެ’، މުނިފޫހިފިލުވުމުގެ ދާއިރާއިން ‘ބައިސްކޯފް’، އަދި ‘ވީޑިއޯ ކްލަބް’

– ހަނދާނީ ފިލާ ހަވާލުކުރެވުނު ފަރާތްތައް

އާޓިސްޓްސް އެޕްރިސިއޭޝަން ނައިޓް 2023ގައި އެމްއެސްޕީއޭއަށް މިނިސްޓަރ ޔުމްނާ ހަނދާނީފިލާ ހަވާލުކުރައްވަނީ – ފޮޓޯ: އަންނާރޭ (މުނިއަވަސް)

ހަނދާނީ ފިލާ ހަވާލުކޮށްދެއްވުމަށްފަހު މިނިސްޓަރ ޔުމްނާ ދެއްކެވި ވާހަކަފުޅުގައި ފަންނުވެރިކަމަށް އެކި ގޮތްގޮތުން ޚިދުމަތްކުރާ ހުރިހައި ފަރާތްތަކާ ހަނދާނީ ފިލާ ހާސިލް ކުރި ފަރާތްތަކަށް ޝުކުރުދެންނެވިއެވެ. މީގެ އިތުރުން އެފަދަ ފަރާތްތަކުން ކުރައްވާ ޚިދުމަތްތަކަށް މިނިސްޓްރީ އޮފް އާޓްސް އަދި އެންސީއޭއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްވެސް އަލިއަޅުވައިލެއްވި އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.