އިވެންޓް ކަވަރޭޖްހެދީ: އަޙްމަދު ރަޝީދު (އަންނާރޭ)

“ބައިވެރިޔާ”، “ނޯޓީ ފޯޓީ”، “ފޯޓީ ޕްލަސް” އަދި “ލޯބިވެވިއްޖެ”ގެ ކާމިޔާބީއަށްފަހު، ހެއްވާ މަޖާ ފިލްމު އުފެއްދުމުގެ ރަސް ޕްރޮޑަކްޝަން ހައުސް ޝައި ޕްރޮޑަކްޝަން އަދި ސެޓަރން ސްޓޫޑިއޯއިން އުފައްދާ ކޮމެޑީ ފިލްމު “ޖޯކަރު“ގެ ޕޯސްޓަރު އަދި ޓްރެއިލާ މިރޭ (11 އޯގަސްޓް 2023) ރިލީޒްކޮށްފިއެވެ. މި ހަފުލާ ބޭއްވީ އޮލިމްޕަހުގެ ބެކް ސްޓޭޖްގައި މީޑިއާތަކާއި ފިލްމުގެ ތަރިންނާއި ކްރޫގެ ހާޒިރުގައެވެ.

ޔޫއްޕެ ޕްރޮޑަކްޝަނުން ޕްރޮޑަކްޝަންގެ ހުރިހައި ކަމެއް ކުރަމުން އަންނަ ފިލްމު “ޖޯކަރުު” ގެނެސްދެނީ ޔޫސުފް ސަފީޢު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށް އެޑިޓްކޮށްގެންނެވެ. މި ފިލްމު އޮލިމްޕަހުގައި އަޅުވަން ނިންމާފައިވަނީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގެ އެންމެ ފޯރިގަދަ ދުވަސްވަރާ ދިމާކޮށް 05 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ ރޭގައެވެ.

ފިލްމު “ޖޯކަރު” ފެށިގެން ނިމެންދެންވެސް ހުއްޓާނުލާ ހެވޭނެކަމަށް މި އިވެންޓްގައި ފިލްމުގެ އިތުރު މަޢުލޫމާތު ހިއްސާކުރަމުން ހާމަކޮށްފައިވެއެވެ. ނަމަވެސް މި ފިލްމަކީ ޓެކްނިކަލް ގޮތުން ބަލާއިރު މޮޅު ފިލްމަކަށް ވާނެކަމުގެ ޔަޤީންކަން ޔޫއްޕެ ދީފައިވެއެވެ.

ފިލްމު “ޖޯކަރު“ގެ އެހެނިހެން މަސައްކަތްތަކަށް ބަލައިލާއިރު، ފިލްމުގެ މަންޒަރުތައް ކެމެރާކޮށްފައިވަނީ މާސްކޭ އެވެ. ބެކްމިއުޒިކް ހެދީ އައްޔުމަން ޝަރީފުއެވެ. ޕޯސްޓަރ ޑިޒައިން ގްރެފިކްސް ހެދީ ފައިސަލް އެވެ.

ފިލްމުގެ އިތުރު މަޢުލޫމާތުތައް ހިއްސާކުރަމުން ފިލްމުގެ އެއް ޕްރޮޑިއުސަރު އިސްމާޢީލް ޝަފީޤް ބުނީ މިއީ ކޮވިޑާ ގުޅިގެން ބޮޑު ބްރޭކަކަށްފަހު މަޖާ ފިލްމެއް ގެނެސްދިނުމުގެ ބޭނުމުގައި ގެނެސްދޭ ފިލްމެއް ކަމަށެވެ.

“ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނާނީ ފިލްމުގެ މަސައްކަތް ހަމަ ވަރަށް ފުރިހަމައޭ. އަޅުގަނޑު ހަމަ ބޭނުންވި ފެންވަރަށް، އެއަށްވުރެވެސް ރަނގަޅަށް އެބަހުރި މަސައްކަތްކޮށްފަ. ވާހަކައަކީ ފިލްމު އޭގެ ޒާތުގަ ހަމަ އެންމެ ރަނގަޅަށް ގެނެސްދޭން ޔޫއްޕެ ހަމަ މެކްސިމަމްކޮށް އެބަހުރި ޔޫއްޕެ ސައިޑުން މަސައްކަތްކޮށްފަ.

– ޕްރޮޑިއުސަރ ޝަފީޤް

ފިލްމުގެ މަސައްކަތާމެދު ހިތްހަމެޖެހިފައިހުރި މިންވަރު ހާމަކުރަމުން ޝަފީޤް ފާހަގަކުރިއެވެ.

“ފިލްމުގެ އެކިއެކި ކާސްޓުންގެ ޕާރފޮމަންސްވެސް ހަމަ ވަރަށް ރަނގަޅު. މާސްކޭގެ މަސައްކަތްވެސް ހަމަ ވަރަށް ޚާއްޞަކޮށް ފާހަގަކޮށްލަން.

– ޕްރޮޑިއުސަރ ޝަފީޤް

ފިލްމުގެ އެއް ޕްރޮޑިއުސަރުގެ ހައިސިއްޔަތުން ޔޫއްޕެއަށް އަދި ކާސްޓުންނަށްވެސް ޝަފީޤް ޝުކުރުއަދާކުރިއެވެ.

ފިލްމު “ޖޯކަރު“ގައި ހިމެނޭ ވަރަށް ހިތްގައިމު ލަވައެއްވެސް މި އިވެންޓްގައި އިއްވާލާފައިވެއެވެ. ޠަލާޤް އަދި އަޝްފާ ކިޔާފައިވާ މި ފޯރިގަދަ ލަވަ ނެރެދިނީ ފިލްމުގެ އަނެއް ޕްރޮޑިއުސަރު ޝާނީޒެވެ.

ފިލްމު “ޖޯކަރު“ގެ ޓްރެއިލާ އަދި ޕޯސްޓަރު ރިލީޒްކުމުގެ ހަފުލާ ޝަރަފުވެރިކޮށްދީ ރިލީޒްކޮށްދިނީ މި ދާއިރާގެ ވެޓަރަން އެކްޓަރު އަދި މި ފިލްމުންވެސް މަޖާ ކެރެކްޓަރ އަކުން ފެނިގެންދާ އަޙްމަދު ނިމާލް އެވެ. ޕޯސްޓަރު އަދި ޓްރެއިލާ ރިލީޒްކުރުމުގެ ކުރިން ނިމާލް ވަނީ މި ފިލްމާބެހޭ ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ.

“”ޖޯކަރު” މި ފިލްމަކީ ޔޫއްޕެގެ ވަރަށް ހަރުދަނާ ވަަރަށް މޮޅު މަސައްކަތެއް. މޮޅު މަސައްކަތެކޭ އަޅުގަނޑު މި ދަންނަވަން ޖެހެނީ ވަރަށް ކެތްތެރިކަމާއެކީ ގާތްގަނޑަކަށް 12 ވަރަކަށް ސްޓާރުން ގޮވައިގެން މި ފިލްމު އުފެއްދީ.” ފިލްމު ޝޫޓްކުރުމުގައި ބައެއް ދަތިތަކާ ދިމާވިޔަސް ކޮންމެ މަންޒަރެއްވެސް އެ ނަގަންޖެހޭ ފެންވަރުގައި ނަގާފައިވާކަންވެސް ނިމާލް ފާހަގަކުރިއެވެ.

“މި ފިލްމުގަ އަޅުގަނޑު… އަޅުގަނޑު ބައެއް ކުޅެންވެގެން އަޅުގަނޑާ ބައްދަލުކުރީ ޔޫއްޕެ. ބައްދަލުކޮށްފަ ބުނީ ނިމާލަށް ކުޅެވިދާނެހޭ ވަރަށް ތަފާތު ރޯލެކޭ. ދެން ކުޑަކޮށް ސްޓޯރީ ކިޔާލަދިން. ދެން އަޅުގަނޑުގެ އައިޑިއާވެސް ބޭނުންކުރި.

– ވެޓަރަން އެކްޓަރ އަޙްމަދު ނިމާލް

ނިމާލް އެ އިޝާރާތްކުރީ 1991 ގައި ނެރުނު ސަޅިބައިސާއަށްފަހު ސީރިއަސް ކޮމެޑީއެއް ކުޅެފައި ނެތްއިރު، މި ފިލްމުން ފެނިގެންދާނީ ސަޅިބައިސާ ސީރީޒްގައި ފެނިގެންދިޔަ ‘އަލީ’ތަކުގެ ތެރެއިން ސަރުދާރުގެ ނަމުގައި ގެނެސްދޭ ކެރެކްޓަރ އެކެވެ. މި ފިލްމުގައި ނިމާލް ވާހަކަދައްކާފައި ވާނީ ސަޅިބައިސާގައި އަލީ ވާހަކަދައްކާ އަޑުން ކަމަށްވެސް ނިމާލް ހާމަކުރިއެވެ.

މި ހަފުލާގައި ޔޫއްޕެ ބުނީ ސީނިއާ ތަރިންނާއި އައު ތަރިން އެއްކޮށްގެން މަސައްކަތްކުރުމަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށާ ތަރިން ހުށައަޅާ ބަޔަކީ ރަނގަޅު ބަޔަކަށް ހެދުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށްވެސް ޔޫއްޕެ ބުންޏެވެ.

ފިލްމު “ޖޯކަރު“ގެ މައިގަނޑު ކާސްޓުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ހުނަރުވެރި ފަންނާނުންތަކެއް ހިމެނެއެވެ. އެގޮތުން ވެޓަރަން އެކްޓަރ އަޙްމަދު ނިމާލް، ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު، ޢަލީ އާޒިމް (ދޮން އައްޔަ)، ޝީލާ ނަޖީބް، ނާޝިދާ މުޙައްމަދު (ނާއްކޮ)، އިބްރާހީމް ރަޝީދު މޫސާ (ބްރޯ)، މުޙައްމަދު ރިފްޝާން (ރިއްޕެ)، ހަމްދާން ފާރޫޤް، ޝަހީދާ އަޙްމަދު، އީމާއު، މޫސާ އަލީފް އަދި ނަދުވީ ފަދަ ފަންނާނުން ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.