ލޯބީގެ ފިލްމުތަކަކީ އަބަދުވެސް ބެލުންތެރިންގެ ތެރޭގައި މަޤުބޫލު ފިލްމުތަކެކެވެ. އޭގެ ތެރެއިންވެސް ތިނެސްކަން ލޯބީގެ ފިލްމުތައް ގިނަވެފައި މަޝްހޫރެވެ. މިފަހަރު މި ހިއްސާކޮށްލަނީވެސް އެފަދަ ފިލްމަކާއި ގުޅޭ މަޢުލޫމާތުކޮޅެކެވެ.
2000 ވަނަ އަހަރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ބޮލީވުޑް ފިލްމު “ދަޅްކަން” ރިލީޒްކުރިތާ އިއްޔެ (އޯގަސްޓް 11) އަށް 23 އަހަރު ވީއެވެ. ދިވެހީންގެ ތެރޭގައިވެސް ވަރަށް ބޮޑަށް މަޝްހޫރުވި މި ފިލްމުގެ އިސް ރޯލުތައް ކުޅުނީ އަކްޝޭ ކުމާރް، ޝިލްޕާ ޝެޓީ، ސުނީލް ޝެޓީ އަދި މަހީމާ ޗޯދަރީއެވެ.
“ދަޅްކަން” ގެ މަޤުބޫލުކަން ދިވެހީންގެ ތެރޭގައި ބޮޑުވެ، މީގެ ދިވެހި ފިލްމެއްވެސް ވަނީ އުފައްދާފައެވެ. ޢައިޝަތު ޢަލިމަނިކު ނުވަތަ ފީރޯޒު އައިސްތުގެ މޭސްތިރިކަމުގެ ދަށުން 2001 ވަނަ އަހަރު “ހިތް އެދެނީ” ގެ ނަމުގައި ގެނެސްދިން ދިވެހި ފިލްމުގެ އިސް ރޯލުތައް ކުޅުނީ ޢަލީ ސީޒަން، ޝީލާ ނަޖީބް، އައްސަދު ޝަރީފް އަދި ނިޢުމާ މުޙައްމަދެވެ.

* ފިލްމުގެ މައިގަނޑު ތަރިން
ޝިލްޕާ ފިޔަވައި ފިލްމުގެ މައިގަނޑު 3 ރޯލު ކުޅުނީ ފުރަތަމަ ރޯލުތައް ހުށަހެޅި ތަރިންނެއް ނޫނެވެ.
އަކްޝޭއަށް ރާމްގެ ރޯލު ލިބުނީ އަނީލް ކަޕޫރް އަދި އަޖޭ ދޭވްގަން އެރޯލު ޤަބޫލުނުކޮށް ދޫކޮށްލުމުންނެވެ.
ސުނީލް ކުޅުނު ދޭވްގެ ރޯލަކީ ގިނަ ތަރިންނަށް ހުށަހެޅުނު ރޯލެކެވެ. އޭގެ ތެރޭގައި ރާހުލް ރޯއީ، ބޮބީ ޑިއޯލް އަދި އަޖޭ ދޭވްގަން ހިމެނެއެވެ. ނަމަވެސް ފިލްމަށް ފުރަތަމަ ސޮއިކުރީ ސަންޖޭ ދަތެވެ. ނަމަވެސް އޭނާ ޖަލަށް ލުމުން އެ ރޯލަށް އަރްބާޒް ޚާން ސޮއިކޮށްފައި ވަނިކޮށް އަރްބާޒް އަތުން އެރޯލު އަތުލުމަށްފަހު ސުނީލްއަށް އެރޯލު ދިނީއެވެ.
މަހީމާއަށް ޝީތަލްގެ ރޯލު ލިބުނީ އެރޯލު ފުރަތަމަ ހުށަހެޅި ސުޝްމީތާ ސެން، ރަވީނާ ޓަންޑަން އަދި ރާނީ މުކަރްޖީވެސް އެރޯލު ޤަބޫލުނުކޮށް ދޫކޮށްލުމުންނެވެ.

* ފިލްމު އުފެއްދުނީ 4 އަހަރު ފަހުން
“ދަޅްކަން” ފިލްމު އިޢުލާން ކުރުމުގެ ހަފުލާ ބާއްވާފައިވަނީ 1996 ވަނަ އަހަރުގެ ޖޫން މަހުއެވެ. މި ހަފުލާގައި ނުސްރަތު ފަތޭހް ޢަލީ ޚާންގެ އަޑުން ކިޔާފައިވާ “ދުލްހޭ ކާ ސެހެރާ” މި ލަވަވެސް އިއްވާލާފައިވެއެވެ.

* ޑައިރެކްޓަރު ބަދަލުވި
“ދަޅްކަން” ގެ މަސައްކަތް ނުފެށި ދިގުލައިގެން ދާން ފެށުމުން ޑައިރެކްޓަރު ދަރްމޭޝް ދަރްޝަން “މޭލާ” ފިލްމު އުފެއްދުމަށްޓަކައި މި ފިލްމުން ވަކިވިއެވެ. ދެން ޑައިރެކްޓަރަކަށް ހަމަޖެއްސީ ރަޖަތު ރަވައިލްއެވެ. ނަމަވެސް އެންމެ ފަހުން ފިލްމު ގެނެސްދިނީ ދަރްމޭޝްގެ މޭސްތިރިކަމުގެ ދަށުންނެވެ.

* ފިލްމުގެ ނިމުން
“ދަޅްކަން” ގައި ފެނިގެން އެދަނީ ފުރަތަމަ ފިލްމުގެ ނިމުން އޮތް ގޮތަކަށް ނޫނެވެ. ފިލްމުގެ ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި ފުރަތަމަ ނިމުން އޮތް ގޮތްވެސް ވަރަށް ހިތްގައިމެވެ. ނަމަވެސް އޭނާ ފިލްމުގެ ނިމުން ބަދަލުކުރީ ވަރަށް ވިސްނާފައި ޒުވާނުންނަށް ރަނގަޅު މެސެޖެއްވެސް ދޭންވެގެންނެވެ.
ފުރަތަމަ ނިމުން އޮތް ގޮތުން އަންޖަލީ ދޭވް ގާތަށް ދެން އެނބުރި ނާންނާނެކަން އެނގުމުން އޭނަ ހިތްދަތިވެ ސްޓްރޯކެއް ޖެހިގެން މަރުވަނީއެވެ. އެ ސީންގައި ރާމް ދޭވްގެ އަތުގައި ހިފަހައްޓައިގެން އިންދާ އަންޖަލީ ކިހިނެއްވީތޯ އަހައެވެ. ދެން ރާމް ބުނެއެވެ. އޭނަގެ ހިތުވިންދު ހުއްޓުނީއެވެ.
އަކްޝޭވެސް އެހާ ރީތި ނިމުމެއް ބަދަލުކުރާތީ ސުވާލުކުރި ކަމަށް ދަރްމޭޝް ބުނެފައިވެއެވެ. އޭނާ ފިލްމުގެ ނިމުން ބަދަލު ކުރާކަން އެނގުމުން އެކަމާ ޝިލްޕާ ރުއި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އޭނާ ފިލްމުގެ ނިމުން ބަދަލުކުރި ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ ދިރިއުޅުމުގައި ފަސްއެނބުރި ނުބަލައި ކުރިއަށް ދާން ޖެހޭއިރު، ފުރަތަމަ ލޯބި ނާކާމިޔާބު ވުމުން ފުރާނައިން އަތް ދޮވެލުމަކީ ޙައްލެއް ނޫންކަމަށާއި އެފަދަ ފަރާތްތަކަށް އުންމީދެއް ދިނުން ކަމަށެވެ.

* ފިލްމުގެ އެންމެ މަޝްހޫރު އެއް ލަވަ ކަމަށްވާ “ދުލްހޭ ކާ ސެހެރާ” އަކީ ފިލްމު ލޯންޗުކުރިއިރު އެ ލަވަ ކިޔާފައިވާ ނުސްރަތު ފަތޭހް ޢަލީ ޚާން ހަރަކާތްތެރިވާ ގޮތަށް އޮތް ލަވައެކެވެ. ނަމަވެސް 1997 ވަނަ އަހަރު ނުސްރަތު މަރުވުމާއި ގުޅިގެން އެލަވަ ކާދަރް ޚާން ލައްވާ ކުޅުވީއެވެ.

* “ދަޅްކަން” ރިލީޒްކުރީ ސުނީލް ޝެޓީގެ 39 ވަނަ އުފަންދުވަހުއެވެ.

* ސުނީލް ޝެޓީއަށް ލިބުނު ހަމައެކަނި ފިލްމްފެއާ އެވޯޑްވެސް ލިބުނީ “ދަޅްކަން” ފިލްމުންނެވެ. އޭނާއަށް ލިބުނީ އެންމެ މޮޅު ވިލަންގެ އެވޯޑެވެ.

* އަކްޝޭ އާއި ސުނީލް އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައިވާއިރު “ދަޅްކަން” އަކީ އެދެމީހުން އެކުގައި ކުޅުނު ހަމައެކަނި ތިނެސްކަން ލޯބީގެ ފިލްމެވެ. ދެން ހުރީ މުޅިންވެސް އެކްޝަން އަދި ކޮމެޑީ ފިލްމުތަކެވެ.

* “ދަޅްކަން” ކުޅުނުއިރު އަކްޝޭ އާއި ޝިލްޕާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ނަމަވެސް ފިލްމުގެ ޝޫޓިން އެއްކޮށް ނުނިމެނީސް ދެމީހުން ވަނީ ރުޅިވެފައެވެ. އޭގެ ފަހުން ދެމީހުން އެކުގައި ފިލްމީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

* ފިލްމުގެ ލަވަތައް
“ދަޅްކަން” ފިލްމުގެ ލަވަތަކަކީ ލަވައާއި މިއުޒިކަށް ލޯބިކުރާ މީހުންގެ ހިތްތަކުގައި އަދިވެސް ބިންވަޅު ނެގިފައިވާ ރީތި ލަވަތަކެކެވެ. ސަމީރް ލަވަތަކުގެ ޅެން ތައްޔާރުކޮށްދީފައިވާއިރު ލަވަތަކުގެ މިއުޒިކް ތައްޔާރުކޮށްދިނީ ނަދީމް-ޝްރަވަންއެވެ. ލަވަތައް ކިޔާދީފައިވަނީ ކުމާރް ސާނޫ، އަލްކާ ޔަގްނިކް، އުދިތު ނާރަޔަން، އަބީޖީތު ބަޓަޗާރިޔާ، ސޯނޫ ނިގަމް، ނުސްރަތު ފަތޭހް ޢަލީ ޚާން އަދި ޖޭސްޕިންދަރް ނަރޫލާއެވެ.
ފިލްމުގެ ލަވަ އަލްބަމަކީ އެ އަހަރު ދެވަނައަށް އެންމެ ގިނައިން ވިކުނު ފިލްމީ ލަވަ އަލްބަމެވެ. އެއަހަރު “ދަޅްކަން” ލަވަ އަލްބަމްގެ 4.5 މިލިއަން ކޮޕީ ވިކިފައިވާކަމަށް ބޮކްސް އޮފީސް އިންޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

* ފިލްމުގެ ކާމިޔާބީ
މިފިލްމުގެ ލަވަތަކާއި ކާމިޔާބީ ވަރަށް ބޮޑަށް ގުޅިފައިވާކަމަށް ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ބުނެއެވެ. މިއީ އުފެއްދުމުގައި އެހާ ދިގުދެމިގެން ގޮސްފައިވާ ފިލްމަކަށް ވާތީ މި ފިލްމު ބޮކްސް އޮފީހުގައި ކާމިޔާބު ނުވެދާނެކަމަށް އޮތީ ބެލެވިފައެވެ. ސަބަބަކީ އޭރު އުފެއްދުމުގައި ދިގުދެމިގެންދާ ބޮޑެތި ފިލްމުތައް ބޮކްސް އޮފީހުގައި ނާކާމިޔާބުވެފައި ވާތީއެވެ.
ފިލްމުގެ ލަވަތައް ރީތިވެފައި ފިލްމުގެ ވާހަކަވެސް ބެލުންތެރިންނަށް ކަމުދިޔުމަކީ ފިލްމު ގެނެސްދިނުމުގައި ގިނަ ދުވަސްތަކެއް ވީނަމަވެސް ފިލްމު ކާމިޔާބުވި އެންމެ ބޮޑު ސަބަބު ކަމަށް ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ބުނެއެވެ.
ޖުމްލަ 26 ކްރޯޑްގެ އާމްދަނީއަކާއެކު “ދަޅްކަން” އަކީ 2000 ވަނަ އަހަރު ބޮކްސް އޮފީހުގައި 12 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

މި ލިޔުމުން “ދަޅްކަން” އާއި ގުޅޭގޮތުން ނޭނގޭ ނުވަތަ މާ އާންމު މަޢުލޫމާތުކޮޅެއް ގެނެސްދެވިއްޖެކަމަށް އުންމީދު ކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.