ދިވެހި ނަން: މުރާކި

ސައިންޓިފިކް ނަން: ފައިސަލިސް ޕެރޫވިއާނާ Physalis peruviana

އިނގިރޭސި ބަހުން: ކޭޕް ގޫސްބެރީ Cape gooseberry

ގަހުގެ ބާވަތް: މޭވާ ގަހެއް

މުރާކި ގަހަކީ ތިރިތިރިކޮށް ހެދޭ ގަހެކެވެ. މި ގަހުގައި އަޅާ ހުތް ފޮނި ރަހައެއްލާ މޭވާއަށް ކިޔަނީ ‘މުރާކި’ އެވެ. މުރާކި ދޮންނުވާއިރު ހުންނަނީ ފެހި ކުލައިގައެވެ. ދޮންވުމުން ހުންނަނީ މަޑު އޮރެންޖު ކުލައަކަށެވެ. ދިވެހިން މުރާކި ކައިއުޅެނީ ހުހަށެވެ. ނަމަވެސް ބައެއް ފަހަރު ބޭރު ގައުމުތަކުގައި ސަލެޑް ހަދާއިރު މުރާކި ބޭނުންކުރާ ކަމަށް ވެއެވެ. ދިވެހި ބޭސްވެރިކަމުގައި މުރާކި ފަތް ބޭނުންކުރެއެވެ. މުރާކި އޮންނަނީ ފަތްހެން ހުންނަ މަޑު ތޮށިގަނޑެއްގެ ތެރޭގައެވެ. މުރާކި ފަތުގައި ކޮންމެވެސް ވަރަކަށް ކެހެރި ފާޑުގެ ގޮތެއް ހުރެއެވެ.

ރަށެއްގެ ވަލުތެރޭގައި ފަޅާފައިހުރި މުރާކި ގަހެއް – ފޮޓޯ: އަހްމަދު (މުނިއަވަސް)

މުރާކީގެ ވެސް ވަރަށް ގިނަ ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ރާއްޖެއިން ދެތިން ވައްތަރެއްގެ މުރާކި ފެނެއެވެ. ރަށްފުށުގައި މިއަށް ކިޔައި އުޅެނީ ‘ހޭ މުރާކި’ (ދިވެހީންގެ ތެރޭގައި އާއްމުކޮށް ކައިއުޅޭ މުރާކި) އަދި ވަލު މުރާކި (އާއްމުކޮށް ކައި އުޅޭ މުރާތްކަށް ވުރެން ބޮޑެތިކޮށް ހުންނަ މުރާކި) އެވެ. މިވައްތަރުގެ މުރާތްކަށް އަހަރުމެން ރަށު (ލ. ފޮނަދޫ) މީހުން އަމަލު މުރާކި’ ވެސް ކިޔައި އުޅެއެވެ.

މުރާކިން ލިބޭ ސިއްހީ ފައިދާތައް
މުރާކި ނުވަތަ ކެޕް ގޫސްބެރީއަކީ ޕެރޫ އިން އައިސްފައިވާ މޭވާއެކެވެ. ދެކުނު އެފްރިކާ، އިނގިރޭސިވީލަތް، އެމެރިކާ، ހަވާއީ، ކެރީބިއަން، މިސްރު، ދެކުނު އެމެރިކާ، އިންޑިއާ، އޭޝިޔާ، ޗައިނާ އަދި ނިއުޒިލެންޑުގައި ވެސް ހެދޭ މި މޭވާއަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް އުފެދޭ މޭވާއެކެވެ. ބޭސްވެރިކަމުގެ ތާފަތު ބަލިތަކުގެ ޝިފާއަކަށް ވެސް މުރާކި ވާކަމަށް ކަމުގެ މާހިރުން ބުނެއެވެ. ކްރޭންބެރީ ފަދަ މޭވާގައި ލާ ފަދަ ހުތްފޮނި ރަހައެއްލާ މި މޭވާއަކީ ސިއްހީ ގޮަތުން ގިނަ ބަލިތަކެއްގެ ފަރުވާއެކެވެ.

މުރާތްކަކީ ހުތްފޮނި މޭވާއެއް – ފޮޓޯ: އަހްމަދު (މުނިއަވަސް)

ބާރުގަދަ ވިހަ މާއްދާތައް ނައްތާލުން (އެންޓިއޮކްސިޑެންޓެއް)
މުރާތްކަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލާ މޭވާ އެކެވެ. އަންނާރާއި ބެރީ އާއި ބޮރޮކޮލީ އަދި އާފަލަށް ވުރެ ރަނގަޅު ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެއެވެ. ކާޑިއޯވަސްކިއުލާ ބަލިތަކާއި، ސްޓްރޯކް އަދި ކެންސަރު ފަދަ ބަލިތަކުން ދުރުވުމަށް މުރާކި މުހިއްމު ކަމަށް ދިވެހި ބޭސް ތައްޔާރު ކުރާ ފަރާތްތަކުން ވެސް ބުނެއެވެ.

ވިޓަމިންސް
ވިޓަމިން އޭ އަދި ވިޓަމިން ބީ މުރާކިން ލިބޭއިރު އޭގެ ސަބަބުން ތިމާގެ މޫޑު ރަނގަޅުވެ ލޮލުގެ ފެނުމާއި ދިފާއީ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމަށް އެހީވެދެއެވެ. އޭގެ އިތުރުން ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ޑީއެންއޭގެ ބައިތައް ވެސް ރަނގަޅުކޮށްދެއެވެ.

އެންޓި އިންފުލެމޭޓަރީ
ތަންތަނުގައި ރިއްސުމާއި ދުޅުވުމާއި ތަންތަން ރަތްވުން ފަދަ ކަންކަމުން ދުރުވުމަށް މުރާކި އެހީވެއެވެ.

މުރާކި ގަހެއް – ފޮޓޯ: އަހްމަދު (މުނިއަވަސް)

އެކުލެވޭ ބައިތައް
މުރާކީގައި ޕޮޓޭސިއަމް އެކުލެވޭއިރު، ޕޮޓޭސިއަމްއަކީ ހަށިގަނޑުގައި ފެން ދައުރުކޮށްދިނުމަށް އެހީވާ މޭވާއެކެވެ. މުރާކީގައި ހިމެނޭ ޒިންކަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އެއްޗެއް ވެސް މެއެވެ. އޭގެ އިތުރުން ފޮސްފަރަސް އާއި ކެލްސިއަމުގެ ސަބަބުން ކަށިތަކަށް ކެލްސިއަމް ލިއްބައިދެއެވެ. އަދި ދަގަނޑުގެ ސަބަބުން އެނިމިއާއިން ދުރުކޮށް މެގްނީޒިއަމްގެ ސަބަބުން އެންޒައިމްސް އުފައްދައިދިނުމަށް ވެސް މުރާކި މުހިއްމު ދައުރެއް އަދާ ކުރެއެވެ.

ކެންސަރު
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މޭގެ ކެންސަރުން ދުރުކޮށްދިނުމަށް ވެސް މުރާކި އެހީވެދެއެވެ. ބެރީ ބޭނުން ކުރުމުން ކެންސަރުގެ އަސްލު ކަމުގައި ބައެއް ފަހަރު ފެންނަ ލަމްޕްސް ނުވަތަ ގޮށް ހެދުން ދަށްކޮށްދެއެވެ.

ވަލު މުރާކި ނުވަތަ ރާ މުރާކި – ފޮޓޯ: އަޙްމަދު (މުނިއަވަސް)

ފުއްޕާމޭގެ ބަލިތަކަށް
ޚާއްސަކޮށް ނޭވާ ހިއްލުން ފަދަ ކަން ކަމަށް އެހީވެއެވެ. އަދި ހިއްކާފައި ހުންނަ މުރާކި ހޫނު ފެނަށް އަޅައިގެން ހަދާ ސަޔަކީ ވެސް ރަނގަޅު ފަރުވާއެއް ކަމަށް ވެއެވެ. ދުވާލަކު ތިން ފަހަރު އެސައި ބުއިމުން މެޔަށް ޖެހޭ ބަލިތަކުންނާއި އަރިދަފުސް ރޯގާ އަދި ހުމުން ވެސް ދުރުވުމަށް އެހީވެދޭ ކަމަށް، ކަމުގެ މާހިރުން ބުނެއެވެ.

ސަރުބީ އަދި ހަކުރުބަލި
މުރާތްކަކީ ސޮލިއުބަލް ޕެކްޓިން ފައިބަރު އެކުލެވޭ މާއްދާއެއް ހުންނަ އެއްޗަކަށް ވުމުން ކޮލެސްޓްރޯލު ނުވަތަ ސަރުބީ ދަށްކުރުމަށް އެހީވެދެއެވެ. އަދި ހަކުރު ބަލި ހުންނަ މީހުންނަށް ވެސް އެމާއްދާގެ ސަބަބުން ލޭގައި ހަކުރުގެ ލެވެލް ދަށްކޮށްދިނުމަށް އެހީވެދެއެވެ.

ވަލު މުރާކި ގަހެއް – ފޮޓޯ: އަހްމަދު (މުނިއަވަސް)

ބަރުދަން ލުއިކުރުން
މުރާތްކަކީ ސަރުބީއާއި ކެލޮރީޒް މަދުން ހުންނަ މޭވާއަކަށް ވުމުން ބަރުދަން ލުއިކުރުމަށް އެހީވެއެވެ. 11 ގްރާމްގެ މުރާކީގައި ހުންނަނީ އެއްމެ 50 ކެލޮރީޒްއެވެ. އޭގެ އިތުރުން މުރާތްކަކީ މީހާ ހާސްވުމުން ދުރުކޮށްދޭ އެއްޗެކެވެ. ތަންތަން ދުޅަވުމާއި ރިހުމާއި ހަންފާރު ރަނގަޅު ކުރުމަށް މުރާކި ފަތް ބޭނުން ކުރެއެވެ. މީގެ އިތުރުން ހަށިގަނޑުގެ ހަކަތައާއި ބުންވަރު އިތުރު ކޮށްދެއެވެ.

މުރާކި ބޭނުން ކުރާއިރު ވިސްނާލަންވީ އެއްމެ މުހިއްމު ނުކުތާއަކީ ދޮންނުވާ މުރާކި ނުކެއުމެވެ. ނުވަތަ ބޭނުން ނުކުރުމަށެވެ. އެއީ ދޮންނުވާ މުރާކީގައި ބާރުގަދަ ވިހަ މާއްދާއެއް ހުންނާތީއެވެ. ހަމަ އެހެންމެ މާގިނައިން މުރާކި ކެއުމުން ޒާތަކަށް އަމަލުވާގޮތް ވުމަކީވެސް އެކަށީގެންވާ ކަމެއްކަން ހަނދާނުގައި ބަހައްޓަންވާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.