2023ވަނަ އަހަރުގެ ލިޔުންތެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ، އޮގަސްޓް މަހުގެ 24ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ދިވެހިބަހުގެ އެކެޑަމީން ނިންމައިފި އެވެ.

ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 8ވަނަ ދުވަހަކީ ލިޔުންތެރީންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ފާހަގަކުރަމުން އަންނަ ދުވަހެވެ. މި އަހަރުގެ ލިޔުންތެރީންގެ ދުވަސް ފާހަގަކުރަނީ ލިޔުންތެރީންގެ ގުޅުމާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެންނެވެ.

މިއަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން ކަނޑައަޅާފައި ވަނީ “މުޖުތަމަޢުގެ މަސްލަޙަތު، ލިޔުންތެރިންގެ މަސްޢޫލިއްޔަތު” އެވެ. ހަމަ އެއާއިއެކު، ދިވެހި ލިޔުންތެރިންގެ ދުވަސް މި އަހަރު ޚާއްސަކުރައްވައިފައި ވަނީ ދިވެހި އަދަބުގެ އުޖާލާވި ރަންތަރި، އުސްތާޛުލްޖީލް ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލް ދީދީއަށެވެ.

މި ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 24ވާ ބުރާސްފަތި ދުވަހުގެ ރޭ މަޖީދިއްޔާ ސްކޫލު ހޯލުގައެވެ.

ލިޔުންތެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ މި ތާރީޚުގައި ބާއްވަން ނިންމީ ލިޔުންތެރިންގެ ދުވަސް ކަމުގައިވާ ޖުލައިމަހުގެ 8ވަނަ ދުވަސް އިސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާ މި އަހަރު ދިމާވެފައި، މި ފަދަ ހަރަކާތްތަކަކީ އިސްކޫލުތަކުގެ ދަރިވަރުންނާ މުދައްރިސުން ޝާމިލުވާ ގޮތަށް ބާއްވާ ހަރަކާތްތަކެއްކަމަށް ވާތީއެވެ. މި ޖަލްސާގައި މި އަހަރުގެ ލިޔުންތެރީންގެ ދުވަސް އެ ފަރާތަކަށް ޚާއްސަކޮށްފައިވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާންތައް އައުކުރުމުގެ ގޮތުން އެ މަނިކުފާނުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޚާއްސަ ވީޑިއޯ ރިޕޯޓަކާއި އެ މަނިކުފާނުގެ ޚާއްސަ ފަންނެއްކަމުގައިވާ އެ މަނިކުފާނުގެ ޑްރާމާތަކުން ފާހަގަކޮށްލެވޭ ޑްރާމާއެއް އިސްކޫލު ދަރިވަރުންކޮޅެއް އިސްޓޭޖުގައި ހުށަހަޅައިދޭތަން ފެނިގެންދާނެއެވެ. އަދި ލިޔުންތެރީން ލިޔުއްވައިފައިވާ ތަފާތު ފޮތްތައް ވެސް ނެރުމަށް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން މި އަހަރުގެ ދިވެހިބަހުގެ ދުވަހާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީން ދައުލަތުގެ އޮފީސްތަކަށް އަމާޒުކޮށް ބޭއްވި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން ވެސް އޮންނާނެއެވެ.

މި ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ގިނަ އަދަދެއްގެ އިސްކޫލު ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން އާންމު ފަރާތްތައް ވެސް ޝާމިލުވާ ގޮތަށެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ލިޔުންތެރީންނާއި މި ފަންނުގައި މަސައްކަތްކުރައްވާ އެކި ޖަމުއިއްޔާތަކުން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސިލަރ ޑރ. ސައުދުﷲ ޢަލީއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.