🎦 ޑާކްރެއިން އެންޓަޓެއިންމެންޓުގެ ފިލްމު “މާމުއި” ގެ ޝޫޓިން ނިމުމާއެކު، “ނޮވެމްބަރ“ގެ ނަމުގައި ފިލްމެއް ހަދާނެކަން އެ ޕްރޮޑަކްޝަން ހައުސްގެ ވެރިޔާ، ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) އިޢުލާނުކުރީ 23 ޖޫން 2018ގައެވެ.

މޮގާ ގެ އަންހެނުން އައިޝަތު ފުއާދު ތަޢުފީޤް އަދި އަޙްމަދު ޠަލާލްގެ އޮރިޖިނަލް ސްކްރީންޕްލޭއަކަށް ކުޅެފައިވާ “ނޮވެމްބަރ” އަކީ ވަރަށް ވެސް ރީތި އަދި ފުރިހަމަ ލޯބީގެ ފިލްމަކަށް ވާނެކަމަށް ޑާކްރެއިން އިން ބުނެއެވެ.

މުޙައްމަދު ޢަލީ (މޮގާ) އަދި ފިލްމު “ނޮވެމްބަރ”ގެ ސްކްރީން ރައިޓަރ ޢާއިޝަތު ފުއާދު – ފޮޓޯ: މޮގާ އެފްބީ

🎦 “ނޮވެމްބަރ“ގެ ޝޫޓިން ފެށީ 2019 ވަނަ އަހަރު ނޮވެމްބަރު މަހު 21 ވަނަ ދުވަހުއެވެ. ޝޫޓިން ފެށީ މާލޭގައި ނަގަން ހުރި މަންޒަރުތަކުންނެވެ. “ނޮވެމްބަރ“ގެ ލީޑުން ފެނިގެންދާނީ ޖުމައްޔިލް ނިމާލު އަދި މަރިޔަމް މަޖުދާ އެވެ. ފިލްމުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި އާއިޝަތު ޔާދާ އާއި އިސްމާޢީލް ވަޖީހް ހިމެނެއެވެ.

“ނޮވެމްބަރު”ގެ ޝޫޓިން ތެރެއިން – ފޮޓޯ: ޑާކްރެއިން އެންޓަޓެއިންމެންޓް

🎦 ފިލްމު ”ނޮވެމްބަރ“ގެ ގިނަ މަންޒަރުތަކެއް ލ. މާންދޫ، ކައްދޫ، ފޮނަދޫ އަދި ގަމުގައި ނަގާފައިވެއެވެ. މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމެއްގެ މަންޒަރުތަކެއް ލ. އަތޮޅުގައި ނަގާފައިވާ ފުރަތަމަ ފިލްމެވެ. ފިލްމު ކްރޫ ލ. އަތޮޅަށް ޝޫޓިން އަށް ދިޔައީ 22 އޮކްޓޫބަރު 2019 ގައެވެ. ލ. މާންދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒްގައި މުހިންމު އަދި ގިނަ މަންޒަރުތަކެއް ޝޫޓްކުރި އެވެ.

ފިލްމު “ނޮވެމްބަރ”ގެ ޓީމު، ލ. މާންދޫގައި – ފޮޓޯ: އަޙްމަދު (މުނިއަވަސް)

🎦 ”ނޮވެމްބަރ“ގެ ޝޫޓިންއަށް ލާމުގައި ފިލްމުގެ ލީޑް ތަރި ޖުމައްޔިލް އާއި މަޖޫގެ އިތުރުން އައިޝާ އަދި ޔާދާ ހަރަކާތްތެރިވިއިރު ފިލްމުގެ ޕްރޮޑިއުސަރ މޮގާ، ޑައިރެކްޓަރ ޗިއްޕެ އާއި ސިނަމޮޓޮގްރާފަރ ޝިނާން ގެ އިތުރުން ފިލްމުގެ މޭކަޕް އަދި ކޮސްޓިއުމް ހަދާ ސޭންޑީ ހަރަކާތްތެރިވެއެވެ.

ފިލްމު “ނޮވެމްބަރު”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ހަވާލުކުރުމުގެ ތެރެއިން މުޙައްމަދު ޢަލީ (މޮގާ) އާއި މުނިއަވަސްގެ އެޑިޓަރ އަޙްމަދު ރަޝީދު – ފޮޓޯ: އަޙަމްދު ޝިނާން (ޑާކްރެއިން)

🎦 “ނޮވެމްބަރ“ގެ މީޑިއާ ޕާޓްނަރުކަން މުނިއަވަސް އަށް ހަވާލުކޮށް، އެއްބަސްވުން ބަދަލުކުރުން އޮތީ މިމަހުގެ 26 އޮކްޓޫބަރު 2019ވަނަ ދުވަހު ހެނދުނު ލ. ކައްދޫގައި ހުންނަ ސިންފަނިކް ރެސްޓޯރެންޓްގައެވެ. އޮންލައިން މީޑިއާ ޕާޓްނަރަކަށް މުނިއަވަސް ހަމަޖެއްސި އެއްބަސްވުމާ ޑާކް ރެއިން އެންޓަޓެއިންމެންޓުން ހަވާލުވީ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) އާއި ފިލްމު “ނޮވެމްބަރު”ގެ ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މުނިއަވަސް އިން އެއްބަސްވުމާ ހަވާލުވީ މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ އަޙްމަދު ރަޝީދުއެވެ.

ފިލްމު “ނޮވެމްބަރު”ގެ ބައެއް ތަރިން ކައްދޫގައި – ފޮޓޯ: މުނިއަވަސް

🎦 ފިލްމު “ނޮވެމްބަރު” ގެ ޝޫޓިން ލ. އަތޮޅުގައި ކުރިއަށްގެންދިޔައީ 22 އޮކްޓޫބަރު 2019 އިން 25 އޮކްޓޫބަރު 2019 އަށެވެ. ލ. އަތޮޅު މަންޒަރުތަކުގެ ތެރެއިން ލ. ފޮނަދޫގައި ނަގާފައިވާ ބައެއް މަންޒަރުތައް އެއީ ފޮނަދޫގައި ނަގާފައިވާ މަންޒަރުތަކެއްކަން ދެނެގަންނަން ތަފާތުވާނޭ ގޮތަކަށް މަންޒަރުތައް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފިލްމު ގެ މަންޒަރެއްގައި ޖުމަލް. ޔާދާ އަދި އައިޝާ ފޮނަދޫ ކަނބަލެއްކަމަށްވާ ރަޝީދާ މޫސާއާ އެކު – ފޮޓޯ: އަޙްމަދު (މުނިއަވަސް)

🎦 ފިލްމު “ނޮވެމްބަރ“ގެ ޕްރީޕްރޮޑަކްޝަންގެ މަސައްކަތް ފެށުމަށް ސިންގަޕޫރަށް ދިޔައީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ އިސް ތަނބު، ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ)، އެ ސްޓޫޑިއޯގެ އުފެއްދުންތަކުގެ އެންމެ ވަރުގަދަ ދެ ސިކުނޑި، ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އާއި ޑައިރެކްޓަރ އަޙްމަދު ޝިނާން އެވެ.

ފިލްމު “ނޮވެމްބަރ”ގެ ޕްރީޕްރޮޑަކްޝަނަށް ޑާކްރެއިން ޓީމު ސިންގަޕޫރަށް – ފޮޓޯ: ޑާކް ރެއިން އެންޓަޓެއިންމެންޓް

🎦 ފިލްމު “ނޮވެމްބަރ“ގެ އެންމެ ހިތްގައިމު މަންޒަރުތައް ނަގާފައިވަނީ ސިންގަޕޫރުގައެވެ. ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ ލިޖެންޑަރީ އެކްޓަރ އިސްމާޢީލް ވަޖީހްގެ އިތުރުން ވަޖީހްގެ ދަރިފުޅު ތަރީޝް ވެސް މި ފިލްމުގެ މުހިންމު ރޯލެއްގައި ހަރަކާތްތެރިވެފައިވެއެވެ. ތަރީޝް ގެ އިތުރުން މި ފިލްމުގައި ސިންގަޕޫރު އަންހެން ކުއްޖެއް ކަމަށްވާ ޝެރޮން ވެސް ބައިވެރިވެއެވެ.

ފިލްމު “ނޮވެމްބަރ”ގައި ވަޖީހް ފެނިގެންދަނީ މުހިންމު ރޯލަކުން – ފޮޓޯ: ޑާކް ރެއިން އެންޓަޓެއިންމެންޓް

🎦 ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އާ އެކު ފިލްމުގެ ކްރޫ ސިންގަޕޫރަށް ދިޔައީ 21 ނޮވްމެބަރު 2019 ވަނަ ދުވަހުއެވެ. ފިލްމުގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއި ދެ ޕްރޮޑިއުސަރުން ކަމަށްވާ މޮގާ އާއި މޮގާގެ އަންހެނުން އަދި ސްކްރީން ރައިޓަރ އައިޝަތު ފުއާދު ތައުފީގްގެ އިތުރުން މޭކަޕް އާޓިސްޓް ސޭންޑީ އާއި ކެމެރާމަން އަހުމަދު ޝިނާން ބައިވެރިވިއެވެ.

“ނޮވެމްބަރ”ގެ ކްރޫއާއެކު އިސްމާޢީލް ވަޖީހް – ފޮޓޯ: ޑާކްރެއިން

🎦 ސިންގަޕޫރުގެ ހިތްގައިމު މަންޒަރުތަކުން ފިލްމުގެ މަންޒަރުތައް މުއްސަނދިކުރުމަށްފަހު އައްޑޫ ސިޓީގެ ހިތްގައިމު މަންޒަރުތަކުން ފިލްމަށް އިތުރު މުއްސަނދިކަމެއް ގެނައުމަށް ފިލްމުގެ ތަރިންނާއި ކްރޫ އައްޑުއަށް ދިޔައީ މިމަހު 11 ޑިސެމްބަރު 2019 ގައެވެ. އެގޮތުން އައްޑޫ ސިޓީގައި އޮންނަ ރަނިން ހަނާ ފެންގަނޑުގައި ނަގާފައިވާ މަންޒަރުތައް މިއީ ފިލްމު ބަލައިލުމުން އެތަނުގެ މަތިން ހަނދާން ނައްތައިނުލެވޭނެ މަންޒަރުތަކަކަށް ވާނެ އެވެ.

އައްޑޫ ސިޓީ ރަނިން ހަނާ ފެންގަނޑު ކައިރީގައި “ނޮވެމްބަރ”ގެ ކްރޫ – ފޮޓޯ: ނޮވެމްބަރ ފޭސްބްކް ޕޭޖް

🎦 ފިލްމު ”ނޮވެމްބަރ”ގެ ޝޫޓިން އަށް ޑާކް ރެއިންގެ ޓީމު ތުލުސްދުއަށް ދިޔައީ 2019 ނޮވެމްބަރު މަހު ފަސް ވަނަ ދުވަހުއެވެ. ތުލުސްދޫގައި ވެސް މި ފިލްމުގެ މުހިންމު މަންޒަރުތަކެއް ނެގިއެވެ.

ފިލްމު “ނޮވެމްބަރ”ގެ ތުލުސްދޫ ޝޫޓިންތެރެއިން – ފޮޓޯ: ޑާކް ރެއިން އެންޓަޓެއިންމެންޓް

🎦 ފިލްމު ”ނޮވެމްބަރ” މިއީ ރާއްޖޭގެ އެކި ދާއިރާތަކަށް ނިސްބަތްވާ މުހިންމު މޫނުތަކެއް ފިލްމުން ފެނިގެންދާނެ ފިލްމެކެވެ. އެގޮތުން ރާއްޖޭގެ އެންމެ މަޤްބޫލު އެއް ޕްރެސެންޓަރ މޫސާ ވަސީމް، ދިވެހި އަމިއްލަވަންތަ ލަވަ އުފައްދައި ކިޔުމުގައި ދެވަނައެއްނެތް މޭނާ ހައްސާން އާއި މޯލްޑިވިއަން އައިޑަލް އިން ވިދާލާފަވާ ހުނަރުވެރި، ޒުވާން ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ފެނިގެންދާނެ އެވެ.

ފިލްމުގެ މަންޒަރެއް ނެގުމަށްޓަކައި ވެލާނާ އެަރޕޯޓްގައި މޫސާ ވަސީމް، ޝަލަބީ އަދި ހައްސާން – ފޮޓޯ: ޑާކް ރެއިން އެންޓަޓެއިންމެންޓް

🎦 ފިލްމު ”ނޮވެމްބަރ” މިއީ ވަރުގަދަ ލޯބީގެ ފިލްމަކަށް ވާއިރު، ފިލްމުގައި ލޯބި ސިފަކޮށްދެއްވީ ދިވެހިބަހުގެ އުސްތާޒު ޢަބްދުﷲ ޞާދިޤް އެވެ. ލޯތްބަކީ ކޮބައިކަން ފިލްމުގެ ޓްރެއިލާއިން އިވިގެން، ފެނިގެން ދަނީ ސޯދުބެގެ ހިތްގައިމު ހިނިތުންވުމާއެކުގައެވެ.

ފިލްމު “ނޮވެމްބަރ”ގެ ޝޫޓިންއެއްގައި ސޯދުބެ، މޫސާ ވަސީމް އަދި ފިލްމުގެ ކޯޑައިރެކްޓަރ ޢާއިޗަތު ފުއާދު – ފޮޓޯ: ޑާކް ރެއިން އެންޓަޓެއިންމެންޓް

🎦 މި ފިލްމުގެ މުހިންމު މަންޒަރުތަކެއް 24 ޖެނުއަރީ 2020ގައި ނެގިއެވެ. ދ. ކުޑަހުވަދޫ އެއަރޕޯޓްގައި އޮތް މަންތާ އެއަރ މަތިންދާ ބޯޓުތެރޭގައި ނެގި މަންޒަރުތަކުގައި ފަސިންޖަރުންގެ ގޮތުގައި ޑާކް ރެއިން ފިލްމުތަކުން ފެންނަ ގިނަ މޫނުތަކެއް ހިމެނެއެވެ. އެގޮތުން އެ މަންޒަރު ނެގުމަށްޓަކައި އެ ފަންނާނުންވެސް ދާލަށް ދިޔައެވެ.

ފިލްމު “ނޮވެމްބަރު”ގެ ޝޫޓަށް ދާލަށް ދިޔަ ޓީމު – ފޮޓޯ: ޑާކްރެއިން

🎦 ފިލްމު ”ނޮވެމްބަރ”ގެ ސްކްރީންޕްލޭ ލިޔުނީ އަޙްމަދު ޠަލާލް އާއި އާއިޝަތު ފުއާދު އެވެ. ޑައިރެކްޓްކުރީ ޢަލީ ޗިފާޢު (ޗިއްޕެ)އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި އާއިޝަތު ފުއާދު ހަރަކާތްތެރިވިއެވެ. ކެމެރާ ކުރީ ޗިއްޕެ އާއި ޝިނާންއެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މުޙައްމަދު ޢަލީ (މޮގާ) އަދި ޢާއިޝަތު ފުއާދު އެވެ. އެހެންކަމުން މި ފިލްމުގެ މައިގަނޑު މޭސްތިރިއަކީ ޢާއިޝަތު ފުއާދު އެވެ.

🎦 ފިލްމު “ނޮވެމްބަރ” ރިލީޒްކުރުން 04 ޑިސެމްބަރު 2023 ގައެވެ.

ފިލްމު ”ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.