ކައްޓަލަ (އިނގިރޭސި ބަހުން: Sweet potato) އަކީ ފަލަމަޑީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ކައްޓަލައަކީ ބިންމަތީގައި ފެތުރިފައިވާ ވެލަކުން ބިމުގެ އަޑިއަށް ފައިބައިގެން ހެދޭ އެއްޗެކެވެ. ކައްޓަލައިގެ ތަފާތު ވައްތަރުތައް ހުރެއެވެ. ކައްޓަލައިގައި ސްޓާރޗްގެ އިތުރުން ވިޓަމިން އޭ، ވިޓަމިން ސީ، އަދި ވިޓަމިން ބީ6 އެކުލެވިގެން ވެއެވެ. އަދި ފައިބަރު ވެސް ގިނަ އަދަދަކަށް ހުރެއެވެ. ކައްޓަލައަކީ ހަކުރު ބަލީގެ މީހުންނަށް ރަގަޅު އެއްޗެއް ކަމަށް ދިރާސާތަކުން ދައްކާފައިވެއެވެ.

ތިރީގައި މި ހިމަނާލަނީ ކައްޓަލަ ކެއުމުން ލިބޭ ސިއްހީ ފައިދާތަކަކީ ކޮބައިތޯ އަހައިލުމުން ސިއްހީ މާހިރުން ދީފައި ހުރި ބައެއް ޖަވާބުތަކެކެވެ.

“ކައްޓަލައަކީ އޭގައި ގިނަ އަދަދަކަށް މާމިން އޮއްޓަރު (ނިއުޓްރިއެންޓް) އެކުލެވޭ އެއްޗެއް. އެންޓިއޮކްސިޑެންޓެއް ކަމަށްވާ ވިޓަމިން އޭ ވަރަށް މަތީ އަދަދަކަށް ހުންނާނެ. އެއީ ރަނގަޅު މިންވަރަކަށް ވިޓަމިން ބީ6 ލިއްބައިދޭ ކާނާއެއް. މި ވިޓަމިނަކީ މެޓަބޮލިޒަމް (ދިރޭ ތަކެތީގެ ދިރުން ދެމެހެއްޓުމަށްޓަކައި ހިނގާ ކީމި ކަންތައްތައް) ރަނގަޅުކޮށްދޭ އެއްޗެއް. ލޭގައި ހުންނަ ހަކުރުގެ ނިސްބަތް މިންހެޔޮކުރުމަށްޓަކައި ކައްޓަލައިގައި ހުންނަ ފައިބަރުން މުހިންމު ދައުރެއް އަދާކުރޭ.

– ޖެނިފާ ކަޓްސް (ބެޗްލާސް ޑިގްރީ) – ޑައިބެޓިކްސް އެންޑް ކްލިނިކަލް ނިއުޓްރިޝަން ސާރވިސަސް

 

“އޮރެންޖް ތޮށި ހުންނަ ކައްޓަލައަކީ ބީޓާ-ކެރޮޓީން ގިނަ އެއްޗެއް. ބީޓާ-ކެރޮޓީންއަކީ ހަށިގަނޑަށް ބޭނުންޖެހޭ ހިނދު ވިޓަމިން އޭ އަށް ބަދަލުކޮށްލާ އެއްޗެއް. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދިނުމަށާ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ މަސައްކަތަށް މުހިންމު އެއްޗެއް. ކައްޓަލައަކީ ވިޓަމިން ބީ (ވަކީން ޚާއްޞަކޮށް ބީ5 އަދި ބީ6) މުއްސަނދި އެއްޗެއް. ވިޓަމިން ސީ، ޕޮޓޭސިއަމް އަދި ފައިބަރު އެކުލެވޭ. ހެޔޮވަރު ވަރެއްގެ ކައްޓަލައަކުން 135 ކެލޮރީސް ލިއްބައިދޭނެ. ފެނު ކައްކައިގެން ކައްޓަލަ ކެއުމަކީ ހަކުރުބަލީގެ މީހުންނަށް ރަނގަޅު ކަމެއް. ތޮށްޓާއެކު ކައްޓަލަ ކެއްކުމަކީ އޭގައި ހުންނަ މާމިން އޮއްޓަރު ގެއްލިގެން ދިއުން ނުވަތަ މަދުވުމުން ދުރުކޮށްދޭނެ ކަމެއް.

– މައިކަލް ކޮލެންގީލޯ – މާސްޓަރ އޮފް ސައިންސް އިން ނިއުޓްރިޝަން

 

“ކައްޓަލައަކީ އެކި ކުލަކުލައިގައި ހުންނަ ފަލަމަޑީގެ ބާވަތެއް. އެއީ ކާބޯހައިޑްރޭޓްސް އަދި މާމިން އޮއްޓަރުތަކެއް ކަަމަށްވާ ފައިބަރު، ވިޓަމިން އަދި މިނަރަލްސް ހުންނަ ކާނާއެއް. އޮރެންޖް އަދި ދަނބުކުލައިގައި ހުންނަ ކައްޓަލައަކީ އެންޓިއޮކްސިޑެންޓްސް މުއްސަނދި އެއްޗެއް. އެ ތަކެތީގެ ސަބަބުން ކެންސަރު އަދި ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭނެ. ކައްޓަލައިގައި ހުންނަ މާމިން އޮއްޓަރަކީ ގޮހޮރުގެ ސިއްހަތު ރަނގަޅުކޮށްދީ، ލޮލުގެ ފެނުން ރަނގަޅުކޮށްދީ އަދި ސިކުނޑީގެ މަސައްކަތަށް އެހީތެރިވެދޭ އެއްޗެއް. މީގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމަށްވެސް މަދަދު ލިއްބައިދޭ އެއްޗެއް.

– ކެލްސޭ މައްސޯ – މާސްޓަރ އޮފް ސައިންސް އިން ހެލްތު އެންޑް ވެލްނެސް މެނޭޖްމެންޓް / ބެޗްލަރ އޮފް ސައިންސް އިން ފުޑް އެންޑް ނިއުޓްރިޝަން

﹌﹌﹌﹌﹌﹌

ލަފުޒު ކާޑު: އާއްމު ނޫން ނުވަތަ އައު ލަފުޒުތައް ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމާއި ހަނދާނުގައި ބެހެއްޓުމަށް ފަސޭހަވާނެ ގޮތަކަށް ބައެއް ލިޔުންތަކުގައި ހިމަނާލާނަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.