06 އޯގަސްޓްގައި ރިލީޒްކުރި ދިވެހި ފިލްމު “ނީނާ” އަތޮޅުތަކުގައި ދައްކަން ފަށަން ތައްޔާރުވެއްޖެ އެވެ. އެގޮތުން އަންނަ ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ ރޭ ތުލުސްދޫގައި މި ފިލްމު ދެއްކުމަށް ތައްޔާރުވެ ޓިކެޓް ވިއްކަންވެސް ވަނީ ފަށާފައެވެ.

ކ. ތުލުސްދޫ ސްކޫލު ހޯލުގައި ފިލްމު ދައްކަން ހަމަޖެހިފައިވަނީ ރޭގަނޑު 09:00ގައެވެ. ޓިކެޓް ލިބެން ހުންނާނީ އެ ރަށު އެފްބީސީ ސަޕްލައި އަދި ބްލެކް ޝޮޕުންނެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 9833385 ނުވަތަ 7432688 އަށް ގުޅުމަށް ފިލްމު ދެއްކުމުގެ މަސައްކަތުގައި އެރަށުން ހަރަކާތްތެރިވާ ޓީމުން ބުނެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ފިލްމު ދައްކަން ބޭނުން ފަރާތްތަކުން 7242555 އަށް ގުޅައިގެން ކުރިއަށްދެވޭނެ ކަމަށް އައި ފިލްމްސް އިން ބުނެއެވެ.

އައި ފިލްމްސްގެ ފުރަތަމަ ފިލްމެކޭ އެއްފަދައިން މި ފިލްމަކީވެސް ބެލުންތެރިންނަށް ތަފާތު ރަހަތަކެއް ގެނެސްދިން ވަރުގަދަ ސަސްޕެންސް ތްރިލާ އެކެވެ.

ފިލްމު “ނީނާ“ގެ ވާހަކަ ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަޙީދު (އިއްލެ) އެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ހިތްވަރުގަދަ އަންހެނަކު އޭނާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާގޮތުގެ މައްޗަށެވެ.

އެ ކެރެކްޓަރއެއްގެ މައްޗަށް ފިލްމުގެ ނަމާއި ވާހަކަ ނިސްބަތްވާ “ނީނާ“ގެ ރޯލުން ފެނިގެންދާނީ އައި ފިލްމްސްގެ ފުރަތަމަ ފީޗަރ ފިލްމް “ބަވަތި”ގެ ލީޑްރޯލުން ފެނުނު ބަތަލާ ނުޒުޙަތު ޝުޢައިބެވެ. ހަމަ އެހެންމެ ފިރިހެން ލީޑް ރޯލުން ފެނިގެންދާނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޝަރަފުއްދީން ޢަބްދުﷲ އެވެ.

މީގެ އިތުރުން ފިލްމު “ނީނާ“ގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ބައެއް ތަރިންގެ ތެރޭގައި ކުރީގެ މަޝްޙޫރު ބަޠަލާ މަރިޔަމް ރަޝީދާ، މަރިޔަމް ޝަކީލާ، އާދަމް ރިޒްވީ، ނަތާޝާ ޖަލީލް އަދި ޢަލީ އިނާޒް ހިމެނެއެވެ. ހަމައެހެންމެ ފީޗަރ ފިލްމަކުން އަލަށް ތަޢާރަފުވާ ބައެއް މޫނުތައްވެސް މި ފިލްމުގެ އެކި ރޯލުތަކުން ފެނިގެންދާނެއެވެ.

🎦 ފިލްމު “ނީނާ” ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.