ފިލްމު “ނޮވެމްބަރ” އަކީ މިހާތަނަށް ރާއްޖޭގައި އުފެއްދި ދިވެހި ފިލްމުތަކުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ފިލްމު ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެފި އެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދައި މި އަހަރު ޑިސެމްބަރު ހަތަރެއްގައި ރިލީޒްކުރުމަށް ތާވަލްކޮށްފައިވާ މި ފިލްމު އުފެއްދުމުގެ މަސައްކަތަށް އެކަނިވެސް 1.6 މިލިއަން ރުފިޔާ ޚަރަދުކުރެވިފައި ވާކަމަށް ބުނެއެވެ.

މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުވާދު ތައުފީޤް ޕްރޮޑިއުސްކޮށްފައިވާ ފިލްމު “ނޮވެމްބަރ” އަކީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ‘ޑްރީމް ޕްރޮޖެކްޓެއް’ ކަމަށް ވުމާއެކު މި ފިލްމު ޝޫޓްކޮށްފައިވަނީ ސިންގަޕޫރުގެ އިތުރުން ރާއްޖޭގެ ހިތްގައިމު ބައެއް ސަރަހައްދުތަކުގައެވެ. އެގޮތުން ލ. އަތޮޅު، އައްޑޫ ސިޓީ، ތުލުސްދޫ އަދި މާލޭގައި މި ފިލްމުގެ މަންޒަރުތައް ނަގާފައިވެއެވެ.

ފިލްމު “ނޮވެމްބަރ“ގެ ހުރިހާ މަސައްކަތްތަކެއް 2020ގެ ކުރީކޮޅު ނިންމާލެވުނަސް މި ފިލްމު ރިލީޒްކުރަން ކަނޑައެޅި ތާރީޚްގައި ފިލްމު ރިލީޒްކުރެވޭ ގޮތެއް ނުވިއެވެ. ފިލްމު ޝޫޓްކޮށް ނިމުނުތާ ދުވަސްކޮޅެއް ފަހުން ފިލްމުގެ ފިރިހެން ލީޑް ޖުމައްޔިލް ނިމާލްގެ މައްޗަށް ‘ސީރިއަސް ތުހުމަތުތަކެއް’ ކުރެވިގެން ދިޔައެވެ. އަދި އެ ތުހުމަތުތައް އިތުރަށް ހޫނުކުރުމަށްޓަކައި ބަޔަކު މީހުން އަޑީގައި ތިބެ، މީސްމީޑިއާ ތެރޭގައިވެސް ކަންތައްތަކެއް ހިނގައިގެން ދިޔައެވެ. ކުރެވުނު ތުހުމަތުތައް ކިތަންމެ ސީރިއަސް ނަމަވެސް، އެ މައްސަލަ ކޯޓު މަރުހަލާގައި އޮންނަތާވެސް އޭރުން ފެށިގެން މިއަދާ ހަމައަށް މި ވީހައި ދުވަހެއް ވެއްޖެއެވެ. އޭނާގެ މައްޗަށް ކުރެވުނީ ތުހުމަތުތަކެކެވެ. މިނިވަނެއްގެ ގޮތުގައި ޖުމައްޔިލް ހޭދަކުރަމުން މިހާރުވެސް އެ ގެންދަނީ އޭނާގެ ކެރިއަރު ފުނޑި، ތުހުމަތެއް ބޮލުގައި އެޅިފައިވާ ދުވަސްތަކެކެވެ.

“ޖުމައްޔިލް ނިމާލްގެ މައްޗަށް ކުރެވިފައިވާ ‘ސީރިއަސް ތުހުމަތުތައް‘ ދިފާޢުކުރުމުގެ އެއްވެސް ވިސްނުމެއް، ނިޔަތެއް މުނިއަވަސް އޮންލައިން އިން ނުގެންގުޅޭކަން ރެކޯޑަށްޓަކައި ފާހަގަކޮށްލަމެވެ. ނަމަވެސް މައްސަލައެއްގެ ތުހުމަތުކުރެވުމާއި އެ މައްސަލަ ސާބިތުވުމާއި މިއީ މުޅިން ދެ ކަމެކެވެ. ‘މައްސަލަ ސާބިތު ނުވާހާ ހިނދަކު، ތުހުމަތު ކުރެވިފައިވާ މީހާ އަކީ ކުށްވެރިއެއް ނޫންކަމަށް’ ހަމަ ގައިމުވެސް ޤާނޫނުތައް ބުނެއެވެ.

– މުނިއަވަސް އެޑިޓޯރިއަލް

މައްސަލަ ފެންމަތިވި ހިސާބުން ޖުމައްޔިލް އާއެކު މަސައްކަތް ކުރަމުން އައި ފިލްމު ޕްރޮޑަކްޝަންތަކުން ގުޅުން ކަނޑާލި އެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓްވެސް އޭގެ ތެރޭގައި ހިމެނެއެވެ. ޖުމައްޔިލް ހިމަނައިގެން އެ ޕްރޮޑަކްޝަނުން އެންމެ ފަހުން އުފެއްދި ފިލްމު “ނޮވެމްބަރ“ގެ ފަހުން އެހެން ޕްރޮޖެކްޓެއްގައި މަސައްކަތް ނުކުރަން ނިންމާ އެކަމާ ގުޅޭ ނޫސްބަޔާނެއްވެސް ނެރުނެވެ.

މި އަހަރު ޑިސެމްބަރު މަހު ފިލްމު “ނޮވެމްބަރ” ރިލީޒްކުރަން ނިންމި ހިސާބުން، ‘ހިޔަންޏެއްގެ ނިވައިފަށުގައި ފޮރުވި ތިބެ’ މީސްމީޑިއާގައި ދިވެހި ފިލްމީ ބައެއް އާޓިސްޓުންނާއި ޕްރޮޑަކްޝަން ހައުސްތަކާ ވިއްދާލައިގެން އުޅޭ މަންސައަކުން ‘ޖުމައްޔިލް’ގެ ވާހަކަތައް ދައްކަން ފެށިއެވެ.

ފިލްމު “ނޮވެމްބަރ” މިއީ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. ފިލްމުގެ ކާސްޓުންނާއި ކްރޫއިންގެ އެތަކެއް ވަގުތަކާއި އެތަކެއް ދާއޮހުރުވުމެއް މި ޕްރޮޖެކްޓްގައި ހިމެނެއެވެ. އެހާމެ ބޮޑު ޚަރަދެއް ކުރެވުނެވެ. އެހެންކަމުން މި ފިލްމު ރިލީޒްކުރަން ނިންމުން ނޫން އެހެން ގޮތެއް ނެތެވެ. އަނެއްކޮޅުން މި މަހު 06 އިން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު “ނީނާ”ގެ މައިގަނޑު ރޯލެއްގައިވެސް ޖުމައްޔިލް ހަރަކާތްތެރިވެއެވެ. ފިލްމު “ނޮވެމްބަރ” ރިލީޒްކުރުމަށް ނިންމީވެސް އެހިސާބުންނެވެ.

ފިލްމު “ނޮވެމްބަރ”ގެ ޝޫޓިންއެއްގައި އައިޝާ، ޔާދާ، ޖުމަލް އަދި ފޮނަދޫ ކަނބަލެއްކަމަށްވާ ރަޝީދާ މޫސާ – ފޮޓޯ: އަޙްމަދު (މުނިއަވަސް)

ފިލްމު “ނޮވެމްބަރ” މިއީ އަންހެނުން ބާރުވެރިކުރުވުމުގެ ހަރަކާތްތަކެއް ފެނިގެންދާނެ ވަރުގަދަ ލޯބީގެ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ ޖުމައްޔިލް (ޔަމާން) އާއި އޭނާއާ އެކު ލީޑް ކާސްޓްގައި އުޅޭ މަރިޔަމް މަޖުދާ (އަމީރާ)ގެ ދެމެދުގައި ހިނގާ ލޯބީގެ ކަންތަކެއްގެ މައްޗަށެވެ. ފިލްމު ބިނާވެފައިވަނީ މައިގަނޑުގޮތެއްގައި މަޖޫގެ ކެރެކްޓަރ އަށެވެ.

ފިލްމު ”ނޮވެމްބަރ”ގެ ސްކްރީންޕްލޭ ލިޔުނީ އަޙްމަދު ޠަލާލް އާއި އާއިޝަތު ފުއާދު އެވެ. ޑައިރެކްޓްކުރީ ޢަލީ ޗިފާޢު (ޗިއްޕެ)އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި އާއިޝަތު ފުއާދު ހަރަކާތްތެރިވިއެވެ. ކެމެރާ ކުރީ ޗިއްޕެ އާއި ޝިނާންއެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މުޙައްމަދު ޢަލީ (މޮގާ) އަދި ޢާއިޝަތު ފުއާދު އެވެ. އެހެންކަމުން މި ފިލްމުގެ މައިގަނޑު މޭސްތިރިއަކީ ޢާއިޝަތު ފުއާދު އެވެ.

ފިލްމު “ނޮވެމްބަރ” ރިލީޒްކުރަން ހަމަޖެހިފައިވަނީ 04 ޑިސެމްބަރު 2023 ގައެވެ.

🎦 ފިލްމު ”ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.