ދިވެހި ފަންނުވެރިންނަށް ޚާއްސަ ލޯނު ސްކީމެއް ތައާރަފުކުރަން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ބޭންކް (އެސްޑީއެފްސީ)އިން ނިންމައިފި އެވެ.

ކްރިއޭޓިވް އާޓިސްޓުންނަށް ޚާއްޞަ ލޯނު ސްކީމެއް ތައާރަފުކުރުމުގެ މަސައްކަތް އެ ބޭންކުން ފެށީ މީގެ ދެ އަހަރު ކުރިން ކަމަށް އެސްޑީއެފްސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކް ޗީފް އޮޕަރޭޓިން އޮފިސަރު ނާޒިމް ހަބީބު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކްރިއޭޓިވް އާޓިސްޓުންނަށް ހާއްސަ ލޯނެއް ތައާފުކުރަން ނިންމީ، އެފަދަ ފަންނުވެރިންނާއި އެކި ފަހަރުމަތިން ބައްދަލުކޮށް، ވާހަކަދެއްކުމަށްފަހު އެ ފަންނުވެރިންގެ ބޭނުންތައް އަޑުއެއްސެވުމަށްފަހުގައި ކަމަށެވެ.

“މި ލޯނުގެ ބޭނުމަކީ އެ ބޭފުޅުން މިހާރުވެސް ކުރިއަށްގެންދާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިކުރުން. ކްރިއޭޓިވް އާޓްސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ އެކީ ވަރަށް ގިނަ ބައްދަލުވުންތައް އެކި މަންޒިލްތަކުގައި ބޭއްވިން. ބައްދަލުވުންތަކުން އަޅުގަނޑުމެންނަށް އެނގުނު އެ މީހުންނަށް ދިމާވާ ދަތިތައް. އެ ދަތިތަކަށް ހައްލެއް ހޯދައިދޭން ތައާރަފްކުރާ ލޯނެއް މި ލޯނަކީ،” ނާޒިމް ފާހަގަކުރެއްވި އެވެ.

ފަންނާނުންނަށް ދޭ ލޯނަކީ ކޮބާ؟

މިއީ މިއުޒިކް އިންސްޓްރަކް އިންޓްސްޓްރަކްޓަރުންނާއި މިއުޒީޝަނުން އަދި ފޮތް ލިޔުންތެރިންނާއި އެނިމޭޓަރުންގެ އިތުރުން ޑިޒައިނަރުން އަދި ލަވާ ކިޔާ މީހުން ފަދަ ފަންނުވެރި އެކި މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ލޯނެކެވެ.

ފަންނުވެރިންނަށް ލޯނު ދޭން ނިންމާފައިވަނީ އަށް ޕަސެންޓް ނުވަތަ ހަ ފަސަންޓުގެ އިންޓްރެސްޓް ރޭޓެއްގަ އެވެ. އެގޮތުން 50،000 އާއި 250،000ރ. ލޯނު މި ސްކީމުގެ ދަށުން ލިބޭނެ އެވެ.

އެސްޑީއެފްސީން ބުނީ ލޯނުގެ ގޮތުގައި ނެގޭ އަދަދު ކަނޑައަޅާނީ ހުށަހަޅާ މީހާގެ އާމްދަނީއަށް ބެލުމަށް ފަހުގައި ކަމަށެވެ. އަދި ކޯ-ބޮރޮވާއެއް ހުށަހެޅުމުން ކަނޑައެޅިފައިވާ ލިމިޓަށް ވުރެ ބޮޑު އަދަދެއް ލޯނުގެ ގޮތުގައި ނެގޭނެކަމަށް ބޭންކުން މައުލޫމާދު ދިނެވެ.

މީގެ އިތުރުން ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް އަދި ލޯނު އަނބުރާ ދައްކަން ފަސް އަހަރު ދުވަހުގެ މުއްދަތެއް ފަންނުވެރިޔާއަށް ލިބޭނެ އެވެ.

މި ލޯނަށް އެދި ހުށަހެޅޭނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުގައި އާޓިސްޓެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ އަދި ފަންނުވެރިކަމުގެ ދާއިރާގައި މަދުވެގެން އެއް އަހަރު މަސައްކަތް ކޮށްފައިވާ އާޓިސްޓުންނަށެވެ.

ކްރިއޭޓިވް އާޓްސް ލޯނު ދިނުމުގައި މަސައްކަތް ކުރާކަން ކަށަވަރު ކުރުމުގެ ގޮތުން ތަޖުރިބާ، ސޯޝަލް މީޑިއާ ޕްރެސެންސް އަދި ޕްރޮޖެކްޓްތަކުގެ ލިޔެކިޔުންތަކަށް ބަލާނެކަމަށް ވެސް އެސްޑީއެފްސީން ބުނެ އެވެ.

މި ލޯނު ސްކީމާއެކު ޓެކްސީ ޑްރައިވަރުންނަށް ޚާއްޞަ ލޯނު ސްކީމެއްވެސް ތަޢާރަފުކޮށް މަޢުލޫމާތު ހިއްސާކޮށްފައިވެއއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.