ރާއްޖޭގެ ފަންނުވެރިންގެ ދާއިރާތަކުގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ހަމަ އެކަނި އޮންލައިން ނޫސް “މުނިއަވަސް” އިން ރައިީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ޚާއްޞަ ސިޓީއެއް އަރުވައިފި އެވެ.

މުނިއަވަސް އިން މި ސިޓީ، ރައީސްގެ އަތްޕުޅަށް އެރުވީ ނިމިދިޔަ އޯގަސްޓް މަހު 29 ވަނަ ދުވަހު ލ. ފޮނަދުއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ބަނދަރުމަތިންނެވެ.

މި ސިޓީއަކީ މުނިއަވަސް ހިންގުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކޮށް އެއްވެސް އަލިމަގެއް ފެނިފައި ނުވާތީ، މުނިއަވަސް އޮންލައިންގައި ހިލޭ ސާބަހަށް މަސައްކަތްކުރަމުން އަންނަ 23 ވަރަކަށް މެންބަރުންގެ ފަރާތުން އެރުވި ސިޓީއެކެވެ.

މުނިއަވަސް އިން ހުށައެޅި ސިޓީގައި ހިމަނާފައިވާ މައިގަނޑު ކަންބޮޑުވުން ތަކަކީ:-

– ރާއްޖޭގެ އެއްވެސް އިދާރާ، ކުންފުންޏަކުން މުނިއަވަސްއަށް ސްޕޮންސަރޝިޕް ދިނުމާމެދު ދެކޮޅުހަދަމުން އައުން. މައިގަނޑު ސަބަބަކީ ސިޔާސީ ޚަބަރު ނުގެނެސްދިނުން.

– އަމިއްލަ ވިޔަފާރިތަކުންވެސް ކުރިން މިދެންނެވި ސަބަބާހުރެ ސްޕޮންސާ ނުދިނުން

– ހުރި ގޮންޖެހުންތައް ހިއްސާކުރުމަށް މިނިސްޓްރީ އޮފް އާޓްސްގެ ހުރިހާ އިސްވެރިން، މިނިސްޓަރ ވެސް ހިމެނޭ ގޮތަށް އަޅުގަނޑުމެންނަށް ދެއްވެވި ފުރުޞަތެއްގައި ގަޑިއެއްހައި އިރުގެ ބައްދަލުވުމެއް ބޭއްވުނު ނަމަވެސް، މިނިސްޓްރީ ތެރެއިން އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް އެއްވެސް ކަމެއް ކުރެއްވިކަން އެނގިފައި ނެތްކަން ފާހަގަކޮށްފައިވެއެވެ.

މިކަންކަމުގެ އިތުރުން، މުނިއަވަސް އިން ފިލްމީ އަދި މިއުޒިކީ ދާއިރާއަށް ކޮށްދެމުން އަންނަ ޚިދުމަތްތައް ޚުލާޞާކޮށް ބަޔާންކޮށް، މުނިއަވަސްއާ ގުޅޭ މަޢުލޫމާތުވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް 17 ޑިސެމްބަރު 2018 ގައި ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އޮންލައިން ނޫހެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.