ދިވެހިބަހުގެ އެކެޑަމީން އިސްކޫލު ދަރިވަރުންނަށް އަމާޒުކޮށް ބާއްވާ ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ 20 ގަޑިއިރުގެ މަސައްކަތުބައްދަލުވުމެއް މިއަދު (02 ސެޕްޓެމްބަރު 2023، ހޮނިހިރު ދުވަހު) ފަށައިފިއެވެ. މި މަސައްކަތުބައްދަލުވުން ކުރިއަށްދާނީ މި ހިނގާ ސެޕްޓެންބަރު މަހުގެ 2ން 16އަށެވެ.
އިސްކޫލުތަކަށް ހުޅުވައިލައިގެން ބާއްވާ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 90 އަށް ވުރެ ގިނަ އިސްކޫލުން ގާތްގަނޑަކަށް ދެހާހެއްހާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ މި ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވައިފައިވާ ދެ ބޭފުޅުން ކަމުގައިވާ އަލްފާޟިލް މުޙައްމަދު ނަޞީރާއި އަލްއުސްތާޛު ޢަލީ އަމީރެވެ.

އަލްއުސްތާޛު ޢަލީ އަމީރު އަދި އަލްފާޟިލް މުޙައްމަދު ނަޞީރު – ފޮޓޯ: ދިވެހިބަހުގެ އެކެޑަމީ
މި މަސައްކަތުބައްދަލުވުން ފެށުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފު ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރައްވައިފައި ވަނީ ވާހަކަދެއްކުމުގެ މުބާރާތަކީ ވީހާ ވެސް ގިނަ ދަރިވަރުންނަށް ބައިވެރިވެވޭނެ މުބާރާތަކަށް ހެދުމުގެ ގޮތުން 2024ގައި ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގައި މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ ތިން ސަރަހެއްދެއްގައި އެއް ވަގުތެއްގައި މި މުބާރާތް ބޭއްވުމުގެ ވިސްނުން ހުރިކަމަށެވެ. އެ ގޮތުން ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީގައި ވެސް އޮންލައިންކޮށް މި މުބާރާތުގައި އެ ސަރަހައްދުގެ ދަރިވަރުންނަށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މި ގޮތަށްކުރިޔަށް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ އަތޮޅުތަކުގެ ދަރިވަރުންނަށް ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުން ކަމަށް ވެސް ޑރ. އަޝްރަފުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ވާހަކަދެއްކުމުގެ ހުނަރުދަސްކޮށްދޭ ކިލާސް – ފޮޓޯ: ދިވެހިބަހުގެ އެކެޑަމީ
މިއަދު މި ފެށުނު ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމަކީ މި ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށާއި ދަރިވަރުން ތަމްރީންކޮށްދެއްވާ މުދައްރިސުންނަށް ވެސް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބޭނެ ކާމިޔާބު ކުލާސްތަކެއް ކަމުގައި ދިވެހިބަހުގެ އެކެޑަމީން ދެކިލައްވާކަަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ވާހަކަދެއްކުމުގެ ހުނަރުދަސްކޮށްދޭ ކިލާސް – ފޮޓޯ: ދިވެހިބަހުގެ އެކެޑަމީ
ލިޔުންތެރިޔާގެ ފުރަމަލަ

ޢަމީޒު ސަރ އަކީ މި ފަންނު ކިޔަވައިދޭން އެންމެ ރަނގަޅު އެދުރު. ވަރަށް އުފާވެރިކަމެއް މިއީ މި ފަންނު ދަސްކޮށްދޭން ދިވެހިބަހުގެ އެކެޑަމީން މަސައްކަތްކުރެއްވުމަކީ. ސްކޫލުކުދިން ނޫން އާއްމުންގެ ތެރެއިން މިކަމަށް ޝއުޤުހުންނަ ފަރާތްތަކަށް ވެސް މިފަދަ ކިލާހެއް ބޭއްވުން ރަނގަޅު
ދިވެހިން ސްޕީޗްދޭ ގޮތް އެބަޖެހޭ ބަދަލުކުރަން. އަބަދު ހަމަ އެއް ތަންގަޑަކަށް ހުންނަނީ ހުރިހާ ސްޕީޗެއް