މެންދަމުންއަލިވެ ތިނެއްޖަހާކަން ހާއިރެވެ. ސިއްސައިގެން ގޮސް ޒުބޭދާއަށް ހޭލެވުނީ ކުޑަކުއްޖެއްގެ ރުއިމުގެ އަޑަށެވެ. އަވަސް އަވަހަށް ތެދުވަމުން ކޮޓަރިތެރެއަށް ނަޒަރުހިންގާލިއިރު އޭނާ އާއި އޭނާގެފިރިމީހާ ސާގިބު ނޫން މީހަކު ކޮޓަރީގައި ނެތެވެ. ސާގިބު އޮތީ ވެސް ގަދަ ނިދީގައެވެ. ކަމެއް ވާހެންވެސް އޭނާއަކަށް ހިއެއްނުވެއެވެ. ގޮވާލުމުން ވެސް ހަބަރެއް ނުވިއެވެ.

ކުޑަކުއްޖަކު ދިރިނޫޅޭއެގެއިން މިފަދަވަގުތެއްގައި އެފަދަގޮތަކަށް ތުއްތުކުއްޖަކު ރޯއަޑުއިވުމުން ޒުބޭދާ ވަރަށް ހައިރާންވިއެވެ. އަޑުއިވެމުންދިޔައީ ފެންޑާތެރެއިން ކަމަށްވުމީ ޒުބޭދާގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވިކަމަކަށެވެ. އުފެދެމުންދިޔަ ސުވާލުތަކަށް ޖަވާބެއް ލިބޭނީ ޖަވާބުހޯދަން މަސައްކަތްކޮށްގެން ކަމަށްވާތީ ހިތްވަރުކޮށްލާފައި ޒުބޭދާ ކޮޓަރިން ނުކުތެވެ.

ގެއިން ބޭރަށް ނުކުންނަން ހުންނަދޮރު ހުޅުވާލާފައިހުރިއިރު ރުއިމުގެއަޑު އަންނަނީ ގެއިން ބޭރުންކަން އަޑުއަންނަދިމާއަށް ވިސްނާ ލުމުން އެނގެއެވެ. ސުވާލުތައް ގިނަވިއިރު ފިޔަވަޅުތައް ވެސް ހަލުވިވެއްޖެއެވެ. ނޭންގޭބާރަކުން ދަމާފައި ގެންދިޔަކަހަލައެވެ.

ފެތުރިފައިވާ ނަލަނަލަ ހަނދުވަރުގެ އަލިން މުޅިބިން އަލިކޮށްފައިވާއިރު ގޯތިތެރެ ވަރަށް ސާފުކޮށް ފެންނަން އޮތެވެ. ދުވާލުގެ އަލިކަން ފަދައެވެ. މުޅިތަނަށް ފެތުރިފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އިވެމުންދިޔަ ރުއިމުގެއަޑު ފިޔަވާ އެހެން އެއްވެސް އަޑެއް ނީވެއެވެ.

ބަނބުކެޔޮގަސްދަށު ބިންމަތީ އިށީންދެލައިގެން އެކަނި މާއެކަނި ރޯލަރޯލާއިން ކުޑަކުއްޖާ ފެނުމާއެކު ޒުބޭދާ ދިޔައީ ސިއްސައިގެން ނެވެ.

ހަމައެކަނި ސޯޓެއްލައިގެންއިން އެކުއްޖާއަކީ ކަޅުކުއްޖެކެވެ. މިފަދަ ވަގުތެއްގައި އެފަދަގޮތަކަށް އެފަދަކުއްޖަކު ފެނުމުން ކޮންމެވެސް ވަރަކަށް ބިރުގަނެ ޖެހިލުންވި ނަމަވެސް ޒުބޭދާހިތް ބުނަމުންދިޔައީ އެކުޑަކުއްޖާއަށް އެހީތެރިވުމަށެވެ. އެގޮތަށް އެކަނިމާއެކަނި އެފަދަތަނަކަށް ކުޑަކުއްޖަކު ދޫކޮށްލާފައިދާން ހެޔޮނުވާނެކަމަށެވެ. އަޅާލައި އޯގާތެރިވާންޖެހޭނެ ކަމަށެވެ.

ބިރުގަނެ ޖެހިލުންވި ނަމަވެސް ޒުބޭދާ މަޑުމަޑުން އެކުއްޖާއާދިމާއަށް ދިޔައެވެ. އޯގާތެރިވެ އަޅާލުމުގެ ބޭނުމުގައެވެ.

ޒުބޭދާ ގޮސް އެތަނުގައި މަޑުކުރި ނަމަވެސް އެކުއްޖާއަކަށް ތަނެއްދޮރެއް އެނގޭހެނެއް ހިޔެއްނުވެއެވެ. ރޮމުންދިޔަ ރުއިމަކަށް ބަދަލެއް ނައެވެ. ޒުބޭދާއަކަށް ބަލައެއްނުލިއެވެ.

ހަނދުގެމައްޗަށް ވެރިވެގަތް ބޮޑުކަޅުބޯވިލާގަނޑާއިއެކު މުޅިބިން އަނދިރިވެގެންދިޔައެވެ. ތަނެއްދޮރެއް އެނގޭވަރެއް ނޫނެވެ. ކުއްލިއަކަށް ބާރުއަޑަކުން ފައިބުޑުން ގޮވާލި ބުޅަލުގެ ބާރުއަޑަށް ޒުބޭދާ ދިޔައީ ސިއްސައިގެންނެވެ. އަރައިގަތްރުޅިން ހަޅޭލަވައިގަންނަމުން ހޫރާލިފައިން ވަރަށްބާރަށް ކޮންމެވެސް އެއްޗެއްގައި ޖެހުނުކަން ޔަގީނެވެ.

މޫނުމަތީގައި އަތްއަޅައިގެން ރޯލަރޯލާއޮތް ކުޑަކުއްޖާ މަސައްކަތްކުރަމުންދިޔައީ އޭނާގެ ލޮލަށް ކޮންމެވެސް ގޮތެއް ވެގެންއުޅޭހެނެވެ. ޒުބޭދާއަށް އެމަންޒަރު ފެނުނީ ހަނދުވަރުގެއަލިކަން ލިބުނުވަގުތުއެވެ. އެކުއްޖާގެލޮލުން ލޭ އޮހޮރެމުންދިޔައެވެ. ފެނުނު މަންޒަރުން ޒުބޭދާގެ ހާސްކަމާއި ކަންބޮޑުވެގެން އިތުރުވެގެންދިޔައިރު އަވަސް އަވަހަށް އެކުއްޖާކައިރިއަށް ޖެހިލެވުނެވެ.

ޒުބޭދާއަށް އެކުއްޖާ ރަނގަޅަށް ފެނުނީ އޭނާއަށް އެހީތެރިވުމަށް ތިރިވި ވަގުތުއެވެ. މުޅިގައިން އެއްކޮށް ކަހަލަގޮތަކަށް އިސްތަށި ފަޅާފައިވާ އެކުއްޖާއަކީ އެންމެކަޅު ބަބުރުކުއްޖެކެވެ. ދެލޮލެކޭ އަނގުރުއަލިފާނެކޭ އެއްގޮތެވެ. ޒުބޭދާއާދިމާއަށް ބަލާލިވަގުތު ދެލޮލުން އަލިފާންބުރައިގެން ދިޔަހެންހީވިއެވެ. ގަތްބިރުން އަޑުގެކޮޅަށް ޒުބޭދާއަށް ރޮއިގަނެވުނެވެ.

ފުންމައިގެން ތެދުވި އެކުއްޖާ ބެއްދީ ޒުބޭދާގެ ކަރުގައެވެ. ބައްދައިގަތްގޮތުން އޭނާގެ އަނގަ ޖެހުނީ ޒުބޭދާގެ ކަރުގައެވެ. ތޫނު ތަދެއް އިހުސާސްވެގެންދިއުމާއެކު ކައްޓެއްކަހަލައެއްޗެއް ކަރަށް ވަދެގެންދިޔަހެން ވެސް ހީވިއެވެ. ޖައްވުގެތެރެއަށް އޮބިގެންދިޔަ ޒުބޭދާގެ އަޑާއެކު ހަބަރުހުސްވެގެން ވެއްޓިއްޖެއެވެ.

ސާގިބަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާއަޑަށެވެ. އަވަސް އަވަހަށް ތެދުވަމުން ފޯނުބަލާލިއިރު ސާގިބު މަހަށްދާ ދޯނީގެ ކެޔޮޅު ގުޅަނީ އެވެ. ގަޑިބަލާލިއިރު ފަސްގަޑިބައި ވަނީއެވެ.

މަހަށްދާން ތައްޔާރުވެގެން ކޮޓަރިން ނުކުންނަމުން ޒުބޭދާއަށް ސާގިބު ގޮވިނަމަވެސް އެއްވެސް ހަބަރެއް ނުވިއެވެ. ގޭތެރެއިން ފެންނަން ނެތުމުން ބަދިގެފަރާތް ބަލާލިއިރު އެތާކު ވެސް ނެތެވެ.

ފުރަން ތައްޔާރުވެގެން ގެއިން ނުކުތް ސާގިބުގެ ފިޔަވަޅުތަކަށް ހުއްޓުންއައީ ބަނބުކެޔޮގަސްދަށު ބިންމަތީގައިއޮތް ޒުބޭދާ ފެނުނު ހިސާބުންނެވެ. ލިބުނު ހައިރާންކަމާއިއެކު އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. ޒުބޭދާއަށް ގޮވާލަމުން އެދިމާއަށް ދުއްވައިގަނެވުނެވެ.
ސާގިބު ގޮސް ބެލިއިރު ޒުބޭދާއޮތީ މަރުވެފައެވެ.

ކޮޓަރިން ނުކުންނަން ހިނގައިގަތް ސުނޭނާ ސިއްސައިގެން ދިޔައީ ސާގިބު ރޮއިގަތް އަޑަށެވެ. ކަންފަތުގައި އަޑުޖެހުމާއެކުވެސް ކަމެއް ގޯސްވެއްޖެކަން ސުނޭނާއަށް ޔަގީންވިއެވެ. ދުވެފައި ބޭރަށް ނުކުތްއިރު ޒުބޭދާ އޮތީ ބިންމަތީގައެވެ. ޒުބޭދާ ކައިރީ އިށީންދެލައިގެންއިނދެ ސާގިބު އަޑުގެކޮޅަށް ރޮމުންދިޔައެވެ.

ސުނޭނާ ގޮސް ބެލިއިރު ޒުބޭދާއޮތީ މަރުވެފައެވެ.

ސާގިބުގެ ހަބަރެއްނުވެގެން ދޯނީގެކެޔޮޅު މިހާދު އެގެއަށް އައިއިރު ކަންތައްވަނީ ވަރަށް ގޯސްވެފައެވެ. ޒުބޭދާ މަރުވެގެން ސުނޭނާ އާއި ސާގިބުތިބީ ރޯށެވެ. ދޯނީމީހުނަށް ފޯނުކޮށް ވެގެންއުޅޭގޮތް ކިޔައިދިނުމަށްފަހު ، ޒުބޭދާ ހިނެވުމުގެ ކަންތައް އަވަސް ކުރުމަށް މިހާދު އުޅެގަތެވެ. ދޯނީމީހުންގެ ތެރެއިން ދެމީހަކު އައިސް ސާގިބުއާ ހަވާލުވިއިރު ކައިރީހުރި ގެއަކުންއައި ދެއަންހެނަކު ސުނޭނާ އާއި އޭނާގެ ކޮއްކޮ ރަމްލާ ގެންގޮސްފި އެވެ. ޒުބޭދާގެ މަރުގެ ސަބަބުން ތިންމީހުނަށް ވެސް ލިބިފައިވަނީ ވަރަށްބޮޑު ހިތާމައެކެވެ.

ޒުބޭދާގެ މަރުގެ ހަބަރުލިބުނުއިރު ނާޖިދާމެން ރަށަށް އަންނަނީއެވެ. ލިބުނު ހިތާމައެއްގެ ބޮޑުކަމުން ހިތަށް ކެތްނުވެގެން ނާޖިދާގެ ހަބަރު ހުސްވިއެވެ. އެތައްއިރެއްގެ މަސައްކަތުން ނާޖިދާ ހޭއެރި ނަމަވެސް އޭނާ ހަމައަކަށް އެޅުވުމަށް ނާއިމް އެތައް މަސައްކަތެއްކުރަން ޖެހުނެވެ. ރޮއިރޮއިފައި ނާޖިދާ ބުނަމުންދިޔައީ ޒުބޭދާ މަރުނުވާކަމަށެވެ. ސަމްޢާން ލަފަންވާއިރަށް އަތިރިއަށް އަންނާނެކަމަށް ރޭވެސް ބުނި ވާހަކައެވެ. ރަށު މީހުން ދޮގުހަދަނީ ކަމަށެވެ.

ފުރަތަމަ ފެނިލުމާއެކު ވެސް ނާޖިދާގެ ޚިޔާލު ތަފާތުވިއެވެ. ސިއްހީމާހިރުން ގެނެސް ޒުބޭދާގެ ހަށިގަނޑު ޓެސްޓްކުރަން އެދުނެވެ. ގުދުރަތީމަރަކުން ޒުބޭދާ މަރުވެފައިވާކަމަށް އެންމެން ބުނަމުންދިޔަ ނަމަވެސް ޒުބޭދާގެ ހަށިގަނޑުގެ ކުލައަށް އައިސްފައިވާ ބަދަލު ނާޖިދާއަކަށް ގަބޫލެއް ނުކުރެވުނެވެ. ޒުބޭދާ މަރުވުމުގައި ލޭމަދުވުމުގެ މައްސަލައެއް އުޅޭކަމަށް ނާޖިދާއަށް ގަބޫލުކުރެވުނު ގަބޫލުކުރުން ޔަގީންކުރަން އޭނާ ބޭނުންވި އެވެ. ސަމްޢާންގެ ހަށިގަނޑަށް ވެސް ވަނީ އެކަހަލަގޮތެކެވެ. މިއަދު ވެސް އޭނާ މާލެއިން އެއައީ ސަމްޢާންގެގަޔަށް ލޭ އަޅައިގެންނެވެ.

ތަކުރާރުކޮށް ނާޖިދާ އެދެމުންދިޔަ އެދުމުގެމަތިން ނާއިމް ޑޮކްޓަރު ގެނައެވެ.

ޒުބޭދާގެ ހަށިގަނޑުބަލައި ޓެސްޓްކުރުމަށްފަހު ޑޮކްޓަރުދިން ޖަވާބުން އެންމެން ސިއްސައިގެންދިޔައެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. ގަބޫލުކުރަން ދަތިވެގެން ކަހަލަގޮތަކަށް ބޯހޫރާލެވުނު މީހުން ވެސް މަދެއްނޫނެވެ.

ޒުބޭދާ މަރުވީ ލޭހުސްވެގެންކަމަށް ޑޮކްޓަރު ބުނުމާއިއެކު ނާޖިދާގެ ހަނދާނަށް އައީ ކަމާލިޔާއެވެ. ކަމާލިޔާ ކައިރީ އޭނާ ނިދި ރޭރޭ ދިމާވި ހާދިސާތަކެވެ.

ނާޖިދާ ދެއްކި ވާހަކަތައް ނާއިމަކަށް ގަބޫލެއް ނުކުރެވުނެވެ. ހިތްހަމަ ނުޖެހުމާއެކު ނާއިމް ބުނެލި ޖުމްލައިން ނާޖިދާގެ އަނގަ ބަންދުވި އެވެ. ކަމާލިޔާއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ނުދައްކާށެވެ. އެއްވެސް އިންސާނަކު އަނެއް އިންސާނެއްގެގައިން ލެއެއް ނުބޯނެއެވެ. ތިމާއަށް ޔަގީންނުވާކަމެއް މީހެއްގެ ބޮލުގައި އަޅުވައި ބަދުނާމު ކުރުމަށް މަސައްކަތްކުރުމަށްވުރެ އަނގައިން ނުބުނުން ރަނގަޅެވެ. އެވާހަކައިން އެއްވެސް ކަމެއް ސާބިތުކޮށް ނުދެވިއްޖެނަމަ ބަދުނާމުވާނީ ތިމާއެވެ. އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާނީ އެމީހެކެވެ.

ޑޮކްޓަރުން ގޮވައިގެން މާލެއިން އައި ޕޮލިހުންގެޓީމް ރަށަށްލެފީ ދިހައެއްޖަހާކަން ހާއިރުއެވެ. ވަގުތު ބޭކާރުކޮށްލުމެއްނެތި ވަގުތުން މަސައްކަތްފެށިއެވެ.

ރަށުތެރެއިން ފެންނަމުންދަނީ ހާސްކަމާއި ކަންބޮޑުވުމުގެ ކުލަވަރެވެ. އުމުރުން ދުވަސްވީ ބައެއްމީހުންގެ ކިބައިން ކަންބޮޑުވުމާއި ބިރުގަތުން ފެންނަމުންދިޔައެވެ. ޝައްކުކުރެވޭފަދަ ގޮތަކަށް ގާތްގާތުގައި ހިނގައިދިޔަ ދެމަރުގެ މައްސަލަ ވެސް ބަލަން ރައްޔިތުން އެދެމުންދިޔައެވެ. ރާއިދުގެ މަރުގެ މައްސަލަ ފަދައިން ދެތިންދުވަހު މަސައްކަތްކޮށްލުމަށްފަހު ހަނދާން ނައްތާނުލުމަށް ޒުވާނުން ބުނަމުންދިޔައެވެ. ކޮންމެމީހެއްގެ ހިތުގައި ވެސް އުފެދޭ ސުވާލަކީ މިކަންކުރީ ކޮންބައެއްތޯ އުފެދޭ ސުވާލެވެ.

ސައްކުކުރެވޭ ފަރާތްތައް ގެނެސް ސުވާލުކުރުމުގެ މަސައްކަތް ޕޮލިހުން ކުރަމުންދިޔައިރު ޒުބޭދާގެ ހަށިގަނޑުބަލައި ހަދަންޖެހޭ ޓެސްޓްތައް ހެދުމުގެ މަސައްކަތް ޑޮކްޓަރުންގެޓީމުން ކުރަމުންދިޔައެވެ.

އަސްރުނަމާދަށްފަހު ޒުބޭދާ ވަޅުލައި ނިމުނު ނަމަވެސް ނާޖިދާ އާއި އޭނާގެ ޢާއިލާއަށް ލިބިފައިވާ ހިތާމަތަކާއި ހިތްދަތިކަމަށް ބަދަލެއް ނާދެއެވެ. އެންމެކުޑައަށްހުރެ ރަމްލާގެ ދެލޮލުން ކަރުނަ ނުހިކެއެވެ.

އިރުއޮއްސި އަނދިރިވާންފެށުމާއެކު ރަށުތެރެއިން ފެންނަމުންދިޔަ ހަމަހިމޭންކަމާއި ފަޅުކަން އިތުރަށް ބޮޑުވެގެންދިޔައެވެ. ދިމާވި ހާދިސާގެ ސަބަބުން ހިތާމަނުކުރާ ކަންބޮޑުނުވާ އެކަކުވެސް ނެތޭ ބުނެވިދާނެއެވެ.

ނާޖިދާ އާއި ނާއިމް ތިބީ ފެންޑާތެރޭގައި ވާހަކަދައްކާށެވެ. ފިލާވަޅެއްގެ މަސައްކަތްކުރަން ކަމާލިޔާ ތަންކޮޅެއްދުރުގައި އިނެވެ. ޒުބޭދާގެ މަރުގެ ސަބަބުން ލިބިފައިވާ ހިތާމައާއި ހިތްދަތިކަމުން އަރައި ނުގަނެވިކަން ނާޖިދާ އުޅެމުންދިޔައިރު އޭނާއަށް ނަސޭހަތްދީ ހަމައަކަށް އެޅުވޭތޯ ނާއިމް މަސައްކަތްކުރަމުންދިޔައެވެ. މިވަގުތު ނާއިމަށް އެންމެމުހިންމީ އެކަންތައްކަމުގައި އޭނާއަށް ގަބޫލުކުރެވެއެވެ.

މީހަކު ސަލާންގޮވާލިއަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ސަލާންބަލައިގަންނަމުން ނާއިމް ނުކުމެ ބަލާލިއިރު ބޭރުގައި ހުރީ ކުރީގެމުދިމް ޖާވިޒްއެވެ. ރަށުމީހުންކިޔާ ޖާވިޒްބެއެވެ.

ރަށުމީހުން ބުނާގޮތުންނަމަ ޖާވިޒްބެއަކީ ވަރަށްމޮޅު ފަންޑިތަވެރިއެކެވެ. ސިހުރުހާހޫރަ ހަދައިގެން ޖިންނިސައިތާނުންގެ ނުރައްކާ ތަކުން މީހުން ސަލާމަތްކުރާ މީހެކެވެ. މީގެކުރިން ވެސް އޭނާވަނީ އެކަމުގައި އެތައް ކާމިޔާބެއް ހޯދާފައެވެ. ބައިވަރުމީހުން ރަނގަޅުކޮށްފައެވެ. އޭނާ އެކަން ކުރާނީ ކޮންމެހެން ކުރަންޖެހިއްޖެ ހާލަތެއްގައި އެކަނި ކަމަށް ވެސް މީހުން ވާހަކަދައްކައެވެ.

ނާޖިދާ ދިޔައީ ކޮޓަރިއަށެވެ. ނާއިމް އާއި ޖާވިޒް ވާހަކަދައްކަންތިބީ ފެންޑާތެރޭގައެވެ.

” ނާއިމް! ….. ސަމްޢާންއަށް ކިހިނެކޯވީ ؟ ” ވާހަކަދައްކަމުން ދައްކަމުން ޖާވިޒް އަހާލިއެވެ.

” ވަރަށް ހެއްވާވާހަކައެއް ބުނީ. ” ނާއިމްގެ ކިބައިން ފާޅުވީ މާޔޫސްކަމެވެ. ސަމްޢާންއަށް ދިމާވެގެންއުޅޭ ކަންތަކުގެ ސަބަބުން ނާއިމަށް ލިބިފައިވަނީ މާޔޫސްކަން ފިލާނުދެއެވެ.

” ކީއްވެ ތިހެން ތިބުނީ ؟ ” ޖާވިޒަށް ލިބުނީ ހައިރާންކަމެވެ. އެމީހުންގެ ވާހަކަތަކަށް ކަމާލިޔާ ސަމާލުކަންދިނެވެ.

” ސަމްޢާންގެ އެއްވެސް ބައްޔެއްނެތް …. އެއްވެސް މައްސަލައެއްނެތް …. ލޭމަދުވާކަން އެނގޭ. ލޭމަދުވާ ސަބަބެއް ނުހޯދޭ. ސަމްޢާންގެ ހަށިގަނޑުން ކުދިކުދި ލޯވަޅުތަކެށް ފާހަގަވޭ …. އެތަންތަނުން ލޭ ބޭރުވަނީކަމަށް ލަފާކުރެވެޔޭބުނީ. ވަރަށްބޮޑަށް ލޭ މަދުވެފަހުރީ. ލޭ އަޅައިގެން މިއައީ ވެސް. ” ނާއިމްގެ ވާހަކަތަކަށް ސަމާލުކަންދީގެން އިން ކަމާލިޔާ މަޑުމަޑުން ދަތްތަކުގައި އަތްކާތާލީ ހިނިތުންވުމާއެކުއެވެ.

” ދިމާވެގެން މިއުޅޭ ނުރައްކަލާމެދު ޖާވިޒްބެ އެއްވެސް ވަރަކަށް ވިސްނައެއްނުލަންތަ ؟ ” ކޮޓަރިން ނުކުމެގެން އައި ނާޖިދާ އެތަނަށް ހުއްޓެމުން އަހާލިއެވެ.

” ވިސްނަން ….. އެކަމަކު އަމިއްލައަށް ކަންކަމުގެތެރެއަށް ބޯމަހާލަން މިހާރު ބޭނުމެއްނޫން. ވެރިން އެދެފިނަމަ ބޭބެއަށްވާވަރުގެ ކަމެއްވިއްޔަ ކޮށްދޭނަން. ނާއިމް ތިދެއްކި ވާހަކައިން ބޭބެ ބޭނުން ސަމްޢާންގެ ހަށިގަނޑު ބަލާލަން. ” ނާޖިދާގެ ސުވާލަށް ޖަވާބުދެމުން ޖާވިޒް ވާހަކަދެއްކިއެވެ.

” ސަމްޢާން އޮތީ ނިދާފަ. މާދަމާ ކޮންމެވެސްއިރަކު އައިސްދޭންވީނު. ” ނާއިމަށް ބަލާލުމަށްފަހު ޖާވިޒަށް ބަލާލަމުން ނާޖިދާ ބުންޏެވެ.

” އާން. ބޭބެ އަންނާނަން މާދަމާ ހެނދުނު …. ދެން ގޮސްލަނީ. ” ގޮނޑިން ތެދުވަމުން ޖާވިޒް ވާހަކަދެއްކިއެވެ.

ނާއިމްއާ ސަލާންކޮށްލަމުން ގެއިން ނުކުންނަން ޖާވިޒް ހިނގައިގަންއިރު ކަމާލިޔާ ގޮސް ކޮޓަރިއަށް ވަންނަނީ އެވެ.

ރަށުތެރޭގައި ރަސްކަން ކުރަމުންދިޔަ ހަމަހިމޭންކަމާއި ފަޅުކަމަށް މާބޮޑުސަމާލުކަމެއްނުދީ ޖާވިޒް އޭނާގެ ގެއާދިމާއަށް ހިނގަމުން ދިޔައެވެ. މަގެއްމަތިން މީހަކު ފެނިނުލާތާންގައި ހުޅުވާފައިވާ ހޮޓަލެއް ނުވަތަ ފިހާރައެއް ވެސް ނެތެވެ.

ދުންނިކަގޯޅިއަށް ޖާވިޒް ވަތްވަގުތާއި ގޯޅިތެރޭހުރި މަގުބައްތި ތަޅައިގެންދިޔަ ވަގުތުވީ އެއްވަގުތަކަށެވެ. މީހަކު އެއްޗަކުންޖަހައި މަގުބައްތި ތަޅާލިކަހަލަގޮތަކަށް ކަންތައް ވެގެންދިޔައިރު މުޅިސަރަހައްދު އަނދިރިވެގެންދިޔައެވެ. ކައިރީހުރި ގެއަކުން ބޭރައްލާފައިވާ ހޮޅިބުރިއެއްގެ ފަނޑުއަލިކަން މަގަށް ފެތުރިފައިވެއެވެ.

ވަށައިގެން ހޯދާލަމުން ޖާވިޒް މަޑުމަޑުން ކުރިޔަށް ހިނގައިގަތެވެ. ކަންތައް ދިމާވިގޮތުން ކޮންމެވެސްވަރަކަށް ހާސްވެ ކަންބޮޑުވި ނަމަވެސް ޖާވިޒް ޖެހިލުމެއްނުވެއެވެ. ރުޅިވެރިކަމާއެކު ބާރުއަޑަކުން ގޮވާލަމުން މަގުހުރަސްކުރި ބުޅަލުގެ ހަރަކާތަށް ޖާވިޒް ސަމާލުކަން ދިނެވެ.

ކުއްލިއަކަށް ހުއްޓެމުން ހަނދާދިމާއަށް ބަލާލިއެވެ. ހަނދުން ފޯރުކޮށްދީފައިވާ ފަނޑުހަނދުވަރުގެ އަލިކަމުގެމައްޗަށް ކަޅުވިލާގަނޑެއް ވެރިވި ވަގުތާއި ބަކަރިތަކެއް ހޭރިގަތްއަޑުވީ އެއްވަގުތަކަށެވެ. އެރަށަކީ ބަކަރި ގެންގުޅޭ ރަށެއް ނޫނެވެ.

ދިމާވެގެންއުޅޭ ކަންތައް ދެނެގަންނާކަށް ޖާވިޒަށް މާގިނަވަގުތެއް ބޭނުމެއްނުވިއެވެ.

މުޅިތަނަށް ވެރިވެގެންދިޔަ ފަރުހަކިވަހާއެކު ގޯޅިތެރެއަށް ވަދެގެން އައި އިސްކޮޅުންދިގު ހަށިގަނޑުން ވަރަށްބޮޑު މީހަކު ފެނުނެވެ. ފުރަތަމަ ފެނިލުމާއެކު ވެސް އޭނާގެ ފައިތިލަ ބިމުގައި ނުޖެހޭކަމާއި ކުރިޔަށް އަންނަނީ ހިނގާފައި ނޫންކަން ޖާވިޒަށް ފާހަގަވިއެވެ.

” ޖާވިޒް …. މަރުތަކުގެ ޙަޤީޤަތާއި ސަމްޢާންގެ ހަށިގަނޑުން ލޭމަދުވާ ސަބަބު ހޯދަން ނޫޅޭ …. ކުށެއްނެތި އެއްވެސް ކަމެއް ނުހިންގާ. އެހެންނޫނީ …. ކަލެއަށް ވެސް އެހެންހަދަން ….. ” ކަންފަތްބުޑުން ބަޑިއެއްޖެހިކަހަލައެވެ. އެއްފަހަރާ އެތައްބަޔަކު ވާހަކަ ދެއްކިހެން ވެސް ހީވިއެވެ. އެމީހާ މަސައްކަތްކުރީ ޖާވިޒް ކައިރިއަށް އަންނާށެވެ.

ވަގުތަށް ވިސްނައި ސަމާލުވެގެންހުރި ޖާވިޒްގެ އަނގައިން ބޭރުވި ބަންގީގެއަޑާއެކު ނުހަނުބާރަށް ގުގުރައިގަތެވެ. ވިދާލިވިދުވަރުގެ އަލިން މުޅިބިން އަލިވެގެންދިޔައެވެ. ޖެހެލިބާރު ވައިރޯޅިއާއެކު ފަރުހަކިވަސް ގަދަވިއިރު ޖާވިޒްގެ އަޑު ވެސް ބާރުވިއެވެ. އެންމެތަންކޮޅެއް ވެސް ދޫދޭން ޖާވިޒް ބޭނުންނުވާ ކަހަލައެވެ.
ނުނިމޭ

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.